ޖޭއެސްސީ އިން ތިން ފަނޑިޔާރުންނަށް ނަސޭހަތްތެރިވުން، އިއާދަކޮށްދިނީ ޤާނޫނުއަސާސީގެ މުހިންމު އުޞޫލެއްގެ ގެއްލިފައިވާ ސިފައެއް – މަޖިލީހުގެ ރައީސް

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ސްޕްރީމް ކޯޓްގެ ތިން ފަނޑިޔާރުންނަށް ނަސޭހަތްތެރިވުން، އިއާދަކޮށްދިނީ ޤާނޫނުއަސާސީގެ މުހިންމު އުޞޫލެއްގެ، ގެއްލިފައިވާ ސިފައެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ޖޭއެސްސީ އިން އިއްޔެ ނިންމަވައިވައިފައި ވަނީ އުއްތަމަ ފަނޑިޔާރު އަޙްމަދު ޢަބްދުﷲ ދީދި އާއި ސްޕްރީމް ކޯރޓްގެ ދެފަނޑިޔާރުން ކަމުގައިވާ ޢަބްދުﷲ ޢަރީފާއި އާދަމް މުޙައްމަދު ޢަބްދުﷲ އަށް ނަސޭޙަތް ތެރި ވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޙައިޞިއްޔަތުން ޖޭއިސްސީގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީސް މިއަދު ފަށްޓަވައިދެއްވަމުން މިމައްސަލަ މަޖިލީހަށް ހާމަކުރައްވަމުން، ވިދާޅުވީ، ޖޭއެސްސީގެ އެނިންމުން ރައްޔިތުންގެ މަޖިލީހާ އެމަނިކުފާނު ޙިއްސާ ކުރެއްވީ ޖޭއެސްސީއަކީ އެމަޖިލީސްގެ ބައިވެރިވުން ބޮޑު އަދި ޤާނޫނުއަސާސީގައިވާ ގޮތުންވެސް މަޖީލީހުގެ ބެލުމުގެ ދަށުގައި އޮންނަ ތަނަކަށް ވުމުން ކަމުގައެވެ.

ޤާނޫނުއަސާސީ ފާސްކުރިއިރު އެޤާނޫނުއަސާސީގައި ކަނޑައަޅައިފައިވާ އުޞޫލުތައް ގެއްލިގެން ދިއުމަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކަންބޮޑުވުމެއްކަން ފާހަގަކުރައްވާ، އެގޮތަށް ގެއްލިފައިވާ އެންމެހާ އުޞޫލުތައް އިއާދަކުރުމަށް ރައްޔިތުންގެ މަޖިލީހުން އެދޭކަމަށް ވިދާޅުވިއެވެ. ޖޭއެސްސީން ކުރައްވަމުން އެގެންދަވަނީ އެމަސައްކަތްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި އިއްޔެ، ޖޭއެސްސީ އިން އިއާދަކޮށްދިނީ ޤާނޫނުއަސާސީގައި އޮތް މުހިންމު އުޞޫލެއް، ގެއްލިފައިވާ ސިފައެއް" ރައީސް ނަޝީދު ވިދާޅުވިއެވެ

ރައީސް ނަޝީދު މަޖިލީހަށް ހާމަކޮށްދެއްވި ގޮތުގައި ތިން ފަނޑިޔާރުންނަށް ނަޞޭހަތް ތެރިވެ ވަޑައިގެންފައިވަނީ ދަށު ކޯޓްގެ މަރުޙަލާގައި ހިނގަމުންދިޔަ މައްސަލައެއް އަމިއްލައަށް ސްޕްރީމް ކޯޓުން ބެލުމުންނެވެ. ޤާނޫނު އަސާސީގެ ދަށުން ކޮންމެ ރައްޔިތަކަށްވެސް ކުށުގެ ތުޙުމަތުން ބަރިއަ ވުމަށް ތިން ފުރުޞަތެއް އޮންނަކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެއީ ދަށު ކޯޓާއި ހައިކޯޓާއި ސްޕްރީމް ކޯރޓްކަން ފާހަގަ ކުރެއްވިއެވެ. އެހެން އެކަން އޮއްވާ ދަށުކޯޓްގައި އޮތް މައްސަލައެއް ސްޕްރީމް ކޮޓަށް ގެންދެވުމުން ޤާނުނު އަސާސީގައި ބަޔާންކޮށްފައިވާ އާއްމު އުޞޫލާ ޚިލާފުވާކަން ޖޭއެސްސީ ފާހަގަ ކުރައްވާ ކަމަށް ވިދާޅުވިއެވެ. ހަމަ އެއާއެކު ފަޑިޔާރުންނަކީ އެއްވެސް ފަރާތަކުން، އެފަނޑިޔާރުންގެ މައްޗަށް ނުފޫޒު ފޯރުވެވޭނެ ބަޔަކަށް ވެގެންނުވާނެކަމަށް ވެސް ޖޭއެސްސީން ފާހަގަ ކުރެއްވިކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި އެހެން ފަނޑިޔާރުންގެ ނުފޫޒުވެސް ހިމެނޭކަން ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.