(16 މާރިޗު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޢަދުލުއިންޞާފު ޤާއިމުކުރެވުމުގެ ޙައްޤު
އިންސާނުންގެ މެދުގައި މުސާވާތާއި ހަމަހަމަކަން އޮތުން ލާޒިމުކުރަނީ އެންމެންނާމެދުވެސް ޢަދުލުއިންޞާފުން ކަންތައްކުރެވުމެވެ. އެއްވެސް މީހަކު އަނިޔާއާއި ބޭއިންޞާފުގެ އަމާޒުފަތްގަނޑަކަށް ނުވުމެވެ. އިސްލާމްދީނުގެ އުނގަންނައިދިނުންތައް އެ އަސާސުތަކެއްގެ މަތީގައި ބިނާވެފައިވާ އެއް އަސާސަކީ ޢަދުލުއިންޞާފެވެ. އިސްލާމްދީން ޢަދުލުއިންޞާފުގެ ތަޞައްވުރު ޢާންމުކުރިއެވެ. އެ ތަޞައްވުރަކީ ދިރުންހުރި ޙަރަކާތްތެރި ތަޞައްވުރަކަށް ހެދިއެވެ. އިސްލާމްދީން އަންގާ ގޮތުގައި މިދުނިޔެ ޤާއިމުވެފައިވަނީ ޢަދުލުގެ މަތީގައެވެ. އިންސާނީ ޙަޔާތުވެސް ޞުލްޙަވެ ފުރިހަމަވަނީ ޢަދުލުގެ ބިންގަލުގެ މަތީގައެވެ. އެހެންކަމުން އިންސާނާ ޢަދުލުވެރިވާން ޖެހޭނެއެވެ. އިންސާނުން އަނިޔާވެރިކަމުގެ މަގުގައި ކުރިޔަށްދާނަމަ އޭގެ ނަތީޖާއަކަށް ވާނީ މުޖުތަމަޢުގައި ހަމަނުޖެހުން އުފެދުމެވެ. ދެކޮޅުވެރިކަން ފެތުރުމެވެ. ހިތްހަމަޖެހުމުން މަޙްރޫމުވުމެވެ. ރަމަތަވެލައިގެން ތިބެވޭގޮތްނުވުމެވެ. އުޅުމާއި ގުޅުން ޢަދުލުވެރިކަމުގެ ދާއިރާއަށް ފައްތައިފައިވާނަމަ އޭނާގެ ވެށީންވެސް ފެންނާނީ ކާއިނާތުގެ މުޅި ނިޒާމުންވެސް ފެންނަމުންމިދާ އަމަންއަމާންކަމާއި ހަމަޖެހުމެވެ.
އަރަހުށި މާތް اللّه ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.
الشَّمْسُ وَالْقَمَرُ بِحُسْبَانٍ * وَالنَّجْمُ وَالشَّجَرُ يَسْجُدَانِ * وَالسَّمَاءَ رَفَعَهَا وَوَضَعَ الْمِيزَانَ * أَلَّا تَطْغَوْا فِي الْمِيزَانِ (الرّحمن: ٥ - ٨)
މާނައީ: "އިރާއި ހަނދު ބަރާބަރު ހިސާބެއްގެ މަތީން ހިނގައެވެ. އަދި ފަތްޕިލާވެއްޔާއި ގަސްގަހާގެހި، އެކަލާނގެއަށް ކިޔަމަންވެ ސަޖިދަކުރެއެވެ. އަދި އެކަލާނގެ އުޑު އުފުއްލެވިއެވެ. އަދި މީޒާން (އިންޞާފުގެ ތިލަފަތް) ލެއްވިއެވެ. މިނެކިރުމުގައި އަނިޔާވެރި ނުވުމަށްޓަކައެވެ. ޢަދުލުއިންޞާފުގެ މަތީން ތިޔަބައިމީހުން މިނެކިރުން ހަމަކުރާށެވެ! އަދި މިނެކިރުމުގައި ތިޔަބައިމީހުން ގެއްލުންނުކުރާށެވެ."
އަރަހުށި މާތް اللّه ގެ ފުރިހަމަ ދީން ޤާއިމުވެގެންވަނީ ތެދުވެރިކަމާއި ޢަދުލުވެރިކަމުގެ މައްޗަށެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.
وَتَمَّتْ كَلِمَةُ رَبِّكَ صِدْقًا وَعَدْلًا (الأنعام: ١١٥)
މާނައީ: "އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލިމަފުޅު ތެދުވެރިކަމާއި ޢަދުލުވެރިކަމުގައި ފުރިހަމަވެއްޖެއެވެ."
މާނައަކީ މާތް اللّه ގެ އުނގަންނަވައިދެއްވުންތަކާއި ޣައިބުގެ ޙަޤީޤަތްތައް ބަޔާންކޮށްދެއްވި ދެއްވުންތަކަކީ މުޅީންވެސް ތެދު ޙަޤީޤަތެކެވެ. އެކަންކަމަކީ ޙަޤީޤަތެއް ނޫން ކަމުގައި ކަނޑައަޅާނެ އެއްވެސް ދަލީލެއް ނެތެވެ. ބުއްދި ޤަބޫލުކުރާފަދަ އެއްވެސް ބިންގަލެއް ނެތެވެ. އެކަލާނގެ ކުރެއްވި ކޮންމެ އަމުރުފުޅަކީ ފުރިހަމަ އިންސާފާއި ޢަދުލުގެ މައްޗަށް ބިނާވެގެންވާ އަމުރުފުޅެކެވެ. ހުރިހާ ބާވަތެއްގެ އަނިޔާތަކަކާއި ބޭއިންސާފުން އެއްކިބާވެގެންވާ އަމުރުފުޅެކެވެ.
ނަބީބޭކަލުން ފޮނުއްވުމުގެ އެއްމަޤުޞަދަކީ ޢަދުލުއިންޞާފު ޤާއިމުކުރެއްވުމެވެ. އެކަމަށްޓަކައި ބާރުގެ ބޭނުންކުރުންވެސް އިސްލާމްދީން ވަނީ ހުއްދަކަމެއް ކަމުގައި ކަނޑައަޅައިފައެވެ.
لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنْزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ وَأَنْزَلْنَا الْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ وَلِيَعْلَمَ اللَّهُ مَنْ يَنْصُرُهُ وَرُسُلَهُ بِالْغَيْبِ إِنَّ اللَّهَ قَوِيٌّ عَزِيزٌ (الحديد: ٢٥)
މާނައީ: "ހަމަކަށަވަރުން، ފާޅުވެގެންވާ ހެކިތަކާއެކު ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެ ރަސޫލުންނާއެކު، ފޮތާއި ޢަދުލުއިންޞާފުގެ ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން ޢަދުލުއިންޞާފު ޤާއިމުކުރުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ ދަގަނޑު ބާވައިލެއްވީމެވެ. އޭގައި ނުހަނު ގަދަފަދަކަމާއި، މީސްތަކުންނަށް މަންފާތަކެއްވެއެވެ. އަދި އެއީ ނުފެންނަ ތާނގައި اللّه އާއި އެކަލާނގެ ރަސޫލުންނަށް ނަޞްރުދެނީ ކާކުކަން اللّه ދެނެވޮޑިގެންވެ، އެކަން އެންގެވުމަށްޓަކައެވެ. ހަމަކަށަވަރުން اللّه އީ ބާރުވެރިވަންތަ ޢަޒީޒުވަންތަ ރަސްކަލާނގެއެވެ."
ޢަދުލުއިންޞާފާ ނުލައެއް، އިސްލާމްދީން އެ މުޖުތަމަޢެއް ބިނާކުރާން އެދޭ މުޖުތަމަޢު ޚިޔާލަކަށްވެސް ނުގެނެވޭނެއެވެ. އިސްލާމްދީން އިރުޝާދުދެނީ ބޭއިންޞާފާއި އަނިޔާވެރިކަމުގެ ބާވަތްތަކުން ފުރިހަމަޔަށް އެއްކިބާވުމަށެވެ. މުޅީން ދުރުހެލިވުމަށެވެ. އެއްވެސް މުޢާމަލާއެއްގައި އެއްވެސް ޙާލެއްގައި ޢަދުލުވެރިކަމުގެ މަގުން ފައިތިލަ ކަސިޔާރުވިޔަ ނުދިނުމަށެވެ. އެކަލާނގެ ޢަދުލުއިންޞާފަށް ދެއްވި އިރުޝާދާއި، ބަޣާވަތާއި ޢުދުވާން މަނާކުރެއްވުމުގެ ފަތްތޫރަ ހިންގެވީ އެކުއެކީގައެވެ. އެހެނީ އެއީ އެއްތަސްވީރެއްގެ ދެފުށެވެ. އެކަލާނގެ އިރުޝާދު ދެއްވައިފައިވެއެވެ.
إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ (النحل: ٩٠)
މާނައީ: "ހަމަކަށަވަރުން ޢަދުލުވެރިވުމަށާއި އިޙްސާންތެރިވުމަށާއި ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް اللّه އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި މުންކަރާތްތަކާއި އަނިޔާވެރިވެއުޅުން އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ ތިޔަބައިމީހުންނަށް، ވަޢުޡު އިއްވަވަނީ، ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ."
އަރަހުށި މާތް اللّه އަމުރުކުރައްވަނީ ދުޝްމިނުންނާމެދުވެސް ޢަދުލުވެރިވުމަށެވެ. އިންޞާފުގެ މަގު ޚިޔާރުކުރުމަށެވެ. މާތް اللّه އަށް ބިރުވެތިވާ އޯގާވެރި އިންސާނުންގެ މަގަކީ އެއީއެވެ. މާތް اللّه ވަޙީކުރައްވައިފައިވެއެވެ.
يَا أَيُّهَا الَّذِينَ آَمَنُوا كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِ وَلَا يَجْرِمَنَّكُمْ شَنَآَنُ قَوْمٍ عَلَى أَلَّا تَعْدِلُوا اعْدِلُوا هُوَ أَقْرَبُ لِلتَّقْوَى وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ (المائدة: ٨)
މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللّه އަށްޓަކައި އެކަލާނގެ ޙައްޤުތައް ފުރިހަމަޔަށް ޤާއިމުކުރާ އަދި ޢަދުލަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ. އަދި ބަޔަކުމީހުން ދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދުލުވެރިނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! އެގޮތް ތަޤުވާވެރިކަމާ ގާތްކަންބޮޑެވެ. އަދި ތިޔަބައިމީހުން اللّه އަށް ތަޤުވާވެރިވާށެވެ. ހަމަކަށަވަރުން اللّه އީ، ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
އިސްލާމްދީނުގެ ނަޒަރުގައި ވެރިކަން ޤާއިމުކުރުމާއި ސަރުކާރު އުފެއްދުމަކީ ޢަދުލުވެރިވުމުގެ ޒަރީޢާއެކެވެ. އެމީހެއްގެ އަތުގައި ސަރުކާރުގެ އާރާއި ބާރާއި ލަގަން އޮތް މީހެއްގެ މަސްއޫލިއްޔަތު ވަކީންބޮޑެވެ. އެހެން މީހުންނަށްވުރެ ޒިންމާ އިތުރެވެ. އެމީހަކު ކޮންމެ ޙާލެއްގައިވެސް އިންސާފު ޤާއިމުކުރަން ޖެހެއެވެ. އެމީހެއްގެ ފަސްބައި ބޭއިންސާފުން ޠާހިރުކުރާން ޖެހެއެވެ. އިސްލާމީ ސަރުކާރުތަކުން އެ ސަރުކާރުތަކުގެ ވަސީލަތްތައްވެސް ޢަދުލުވެރިކަން ޤާއިމުކުރުމަށްޓަކައި ހޭދަކުރާން ޖެހޭނެއެވެ. އަރަހުށި މާތް اللّه، داود عليه السّلام އާ މުޚާޠަބުކުރައްވައި ވަޙީކުރައްވައިފައިވެއެވެ.
يَا دَاوُودُ إِنَّا جَعَلْنَاكَ خَلِيفَةً فِي الْأَرْضِ فَاحْكُمْ بَيْنَ النَّاسِ بِالْحَقِّ وَلَا تَتَّبِعِ الْهَوَى فَيُضِلَّكَ عَنْ سَبِيلِ اللَّهِ إِنَّ الَّذِينَ يَضِلُّونَ عَنْ سَبِيلِ اللَّهِ لَهُمْ عَذَابٌ شَدِيدٌ بِمَا نَسُوا يَوْمَ الْحِسَابِ (ص: ٢٦)
މާނައީ: "އޭ داودގެފާނެވެ! ހަމަކަށަވަރުން، ބިމުގައި خليفةއެއް ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި حقّގޮތުގައި حكم ކުރައްވާށެވެ! އަދި އަމިއްލަ އެދުމަށް ކަލޭގެފާނު تبعވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު اللّه ގެ މަގުން އެއްކިބާކޮށްފާނެތެވެ. ހަމަކަށަވަރުން، اللّه ގެ މަގުން އެއްކިބާވާ މީހުން (ދަންނާށެވެ!) حساب ބައްލަވާ ދުވަސް ހަނދާންނައްތައިލުމުގެ ސަބަބުން އެއުރެންނަށް ގަދަވެގެންވާ عذاب ހުށްޓެވެ."
މާތް اللّه އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم އަށް އަމުރުކުރައްވައިފައިވެއެވެ.
وَإِنْ حَكَمْتَ فَاحْكُمْ بَيْنَهُمْ بِالْقِسْطِ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ (المائدة: ٤٢)
މާނައީ: "އަދި ކަލޭގެފާނު ޙުކުމްކުރައްވާނަމަ އެއުރެންގެ މެދުގައި ޢަދުލަށް ޙުކުމްކުރައްވާށެވެ! ހަމަކަށަވަރުން ޢަދުލަށް ޙުކުމްކުރާ މީހުން ދެކެ اللّه ލޯބިވެވޮޑިގެންވެތެވެ."
ކައުސާހިބާ صلّى اللّه عليه وسلّم އިރުޝާދު ދެއްވައިފައިވެއެވެ. ޤިޔާމަތްދުވަހުން ޢަދުލުވެރި އިމާމާ ވާހުށީ ޢަރްޝީގެ ހިޔަލުން ޖާގަލިބޭ މީހުންގެ ތެރެއިންނެވެ. ހަމައެކަނި އެ ހިޔާ ފިޔަވައި އެދުވަހުން އެހެން އެއްވެސް ހިޔަލެއް ނޯންނާނެއެވެ. (بخارى، كتاب الآذان، باب من جلس فى المسجد ينتظر الصّلاة الخ، مسلم كتاب الزّكاة، باب فضل اخفاء الصّدقة)
عبداللّه بن عمرو بن العاص رضى اللّه عنهما ރިވާކުރައްވައިފައިވެއެވެ. އިތުރު ސާހިބާ صلّى اللّه عليه وسلّم ޙަދީޘްކުރެއްވިއެވެ.
" إِنَّ الْمُقْسِطِينَ عِنْدَ اللهِ عَلَى مَنَابِرَ مِنْ نُورٍ، عَنْ يَمِينِ الرَّحْمَنِ عَزَّ وَجَلَّ، وَكِلْتَا يَدَيْهِ يَمِينٌ، الَّذِينَ يَعْدِلُونَ فِي حُكْمِهِمْ وَأَهْلِيهِمْ وَمَا وَلُوا" (مسلم. كتاب الإمارة، باب فضيلة الامام العادل)
"ހަމަކަށަވަރުން ޢަދުލުއިންޞާފަށް ނިޔާކަނޑައަޅާ މީހުން ޤިޔާމަތްދުވަހުން މާތް اللّه ގެ ޙަޟްރަތުގައި ވާހުށީ ނޫރުންވާ މިންބަރުތަކެއްގެ މަތީގައެވެ. އެބައިމީހުން ވާހުށީ ރަޙްމާނުވަންތަ ގަދަކީރިތިވަންތަ މާތް اللّه ގެ ކަނާތްޕުޅު ފަރާތުގައެވެ. އެކަލާނގެ ކޮންމެ އަތްޕުޅަކީވެސް ކަނާތްޕުޅެއްފަދައެވެ. އިންސާފުން ނިޔާކަނޑައަޅާ މީހުންނަކީ އެއުރެން ވެރީން ކަމުގައްޔާއި ބެލެނިވެރީން ކަމުގައިވާ އަހުލުޢިޔާލުންގެ މައްސަލަތަކުގައި އެއުރެން ޙުކުމްކުރާއިރުވެސް އެހުރިހާ އެންމެންނާމެދުވެސް އިންޞާފުން ނިޔާކަނޑައަޅާ މީހުންނެވެ."
އާދެ، ބަޔާންވެދިޔައީ ޢަދުލުއިންޞާފާ ބެހޭގޮތުން އިސްލާމްދީނުގައި އައިސްފައިވާ ޞަރީޙު އިރުޝާދުތަކެވެ. އެ އިރުޝާދުތަކާ އެއްގޮތަށް ޙަޤީޤީ މާނައިގައި ޢަމަލުކުރެވެމުންދާނަމަ، މީހުންގެ ޙައްޤުތައް ގެއްލުމާއި އަނިޔާއާއި ބޭއިންސާފު މުލުން ލުހިގެންދާނެކަމީ ކަށަވަރު ކަމެކެވެ. ހުރިހާ ބާވަތެއްގެ ނުޙައްޤު ފައިދާތަކެއް ލިބިގަތުމުން ސަލާމަތްވެފައިވާ މުޖުތަމަޢެއް ވުޖޫދަށް އަންނާނެކަމީ ކަށަވަރު ކަމެކެވެ. (ނުނިމޭ)