(23 މާރިޗު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ދަތުރުފަތުރުކުރުމުގެ ޙައްޤު
އިސްލާމްދީން ވަނީ އިންސާނާގެ ދީނީ ބޭނުންތަކާއި ދުނިޔަވީ މުހުތާދުތައް ފުއްދުމަށްޓަކައި އެއްތަނުން އަނެއްތަނަށް ދަތުރުފަތުރުކޮށް އުޅުމަކީ އޭނާގެ ޙައްޤެއް ކަމުގައި ކަނޑައަޅައިފައެވެ. އިސްލާމްދީން ވަނީ ދުނިޔޭގެ އެތަންމިތަނަށް ދަތުރުކޮށް ޤުދުރަތުގެ އަޖައިބުތައް ބެލުމަށާއި، އެކަންކަން މުޠާލިޢާކުރުމަށް ހިތްވަރުދީފައެވެ. ތާރީޚީ އާސާރުތައް ބަލައި އެއިން ޢިބުރަތް ޙާޞިލުކުރުމުގެ ބޭނުންތެރިކަން އިންސާނާގެ ސަމާލުކަމަށް ގެނެސްފައެވެ. އިންސާނީ ބޭނުންތައް ޙާޞިލުކުރުމަށްޓަކައިވެސް ދަތުރުފަތުރުކުރުމުގެ ހުއްދަ ދީފައިވެއެވެ.
އިންސާނާއަށް އޭނާގެ ބޭނުންތައް ފުއްދުމަށްޓަކައި ފަސޭހައިން ދަތުރުފަތުރުކުރެވޭފަދަ ގޮތަކަށް ބިންގަނޑު ބައްޓަންކުރައްވައިފައިވާކަމީ މާތް اللّه ގެ އިޙްސާންވަންތަކަމުގެ ތެރެއިން ހިމެނޭ ކަމެއްކަން ވަނީ ތަކުރާރުކޮށް ހަނދާންކޮށްދެއްވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ.
الَّذِي جَعَلَ لَكُمُ الْأَرْضَ مَهْدًا وَجَعَلَ لَكُمْ فِيهَا سُبُلًا لَعَلَّكُمْ تَهْتَدُونَ (الزّخرف: ١٠)
މާނައީ: "އެކަނލާގެއީ ތިޔަބައިމީހުންނަށް ތަންމައްޗެއް ކަމުގައި ބިން ލައްވައި، އަދި އެތާނގައި، ތިޔަބައިމީހުންނަށް މަގުތައް ލެއްވި ރަސްކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން (ގަސްތުކުރާ ތަންތަނަށް) ދިޔުމަށް މަގު އެނގުމަށްޓަކައެވެ."
އަދިވެސް ވަޙީކުރައްވައިފައިވެއެވެ.
وَاللَّهُ جَعَلَ لَكُمُ الْأَرْضَ بِسَاطًا * لِتَسْلُكُوا مِنْهَا سُبُلًا فِجَاجًا (نوح: ١٩ - ٢٠)
މާނައީ: "އަދި اللّه ތިޔަބައިމީހުންނަށްޓަކައި، ފެތުރިގެންވާ ދޫލައެއްގެ ގޮތުގައި ބިންގަނޑު ލެއްވިއެވެ. (އެއީ) އެބިމުން ތިޔަބައިމީހުން ތަނަވަސް މަގުތައް ހޯދައިގަތުމަށްޓަކައެވެ."
ދަތުރުފަތުރުކުރުމުގައި ފަސޭހަވާނެގޮތުން އިސްލާމްދީން ވަނީ ބައެއް ފަރުޟުތަކާއި ވާޖިބުތައް އަދާކުރުމުގައިވެސް ރިޢާޔަތްތަކެއް ދީފައެވެ. ދަތުރުވެރީންނަށް އެހީވުމާއި އެބައިމީހުންނަށް ކަންތައްތައް ފަސޭހަކޮށްދިނުމަކީ މުޖުތަމަޢުގެ ޒިންމާއެއް ކަމުގައި ކަނޑައަޅައިފައެވެ. މަޢީޝަތުގެ ވަސީލަތްތައް ހޯދައިގަތުމަށްޓަކައި އަމިއްލައަށް ދަތުރުފަތުރުކޮށް ނުއުޅެވޭފަދަ މީހުންނަށްޓަކައި ބައިތުލްމާލުގައި ޙައްޤުތަކެއް ލައްވައިފައިވެއެވެ. އެބައިމީހުންނަށް ހަމްދަރުދީވާން އަމުރުކުރައްވައިފައިވެއެވެ. މިއީވެސް އިންސާނާ ބޭނުންވާ ގޮތެއްގެމަތިން އޭނާގެ ދީނީ އަދި ދުނިޔަވީ މަޤުޞަދުތަކަށްޓަކައި ދަތުރުފަތުރުކުރެވިދާނެކަމުގެ ދަލީލެކެވެ. އިސްލާމްދީން އެކަން ހުއްދަކުރިއެވެ. އެކަމަށް އެހީވިއެވެ. ބައެއް ޙާލަތުގައި ދަތުރުފަތުރުކުރުމަކީ އެ ދީން ރުހި ބާރުއަޅާ ކަމެކެވެ. ދަތުރުފަތުރުކުރުމުގެ މަގަށް ބޭނުމެއްނެތް ހުރަސްތައް އެޅުމަކީ އެ ދީން ޤަބޫލުކުރާ ކަމެއް ނޫނެވެ."
އަނިޔާ ލިބޭ މީހުންގެ ޙައްޤު
ބިރުވެރިކަމާއި ނުރައްކަލުން ސަލާމަތްވެގެން ޞުލްޙަވެރިކަމާއި އަމާންކަމާއެކު ދިރިއުޅުމަކީ އިންސާނާއަށް ލިބޭންޖެހޭ ޙައްޤެއްކަން އިސްލާމްދީން ވަނީ ޤަބޫލުކޮށްފައެވެ. އޭނާގެ ޖާނާއި މާލާއި ޢިއްޒަތާއި އަބުރަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެގެން ނުވާނެކަންވެސް ވަނީ ޤަބޫލުކޮށްފައެވެ. އެއިން ކަމަކަށް މީހަކު އަރައިގެންފިނަމަ އެކަމާ ދެކޮޅަށް އަޑުއުފުލުމުގެ ޙައްޤު ވަނީ ދީފައެވެ. އޭނާއަށް އެ މައްސަލަ ކޯޓަށް ހުށަހެޅިދާނެއެވެ. ހަމައެއާއެކު ޢާންމުންގެ ކުރިމައްޗަށްވެސް އޭނާއަށް އެ މައްސަލަ ގެންދެވިދާނެއެވެ. ކީރިތި ޤުރްއާނުގައި އިރުޝާދު ދެއްވައިފައިވެއެވެ.
لَا يُحِبُّ اللَّهُ الْجَهْرَ بِالسُّوءِ مِنَ الْقَوْلِ إِلَّا مَنْ ظُلِمَ وَكَانَ اللَّهُ سَمِيعًا عَلِيمًا (النّساء: ١٤٨)
މާނައީ: "އަނިޔާއެއް ލިބިގެންވާ މީހާ މެނުވީ، ބުނާބުނުމުން ނުބައިކަން ފާޅުކުރުމަށް މާތް اللّه ލޯބިވެވޮޑިގެނެއް ނުވެތެވެ. (އެބަހީ، އެކި ގޮތްގޮތުން އެކި ތަންތާނގައި ހިނގާ ނުބައި ކަންތަކުގެ ވާހަކަ ދައްކައި ފާޅުކޮށް އުޅުމަކީ، މީސްތަކުންގެ ތެރޭގައި ނުބައިކަން ފެތުރުމަށް ލެވޭ ބާރަކަށްވާތީ، މާތް اللّه ރުހިވޮޑިގެންނުވާ ކަމެކެވެ. ނަމަވެސް އަނިޔާއެއް ލިބިއްޖެމީހާ އެ އަނިޔާގެ ވާހަކައިން ޝަކުވާކުރަންވީ ފަރާތްފަރާތުގައި ޝަކުވާކޮށް އުޅުމަކީ އެންމެރަނގަޅު ކަމެކެވެ.) އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللّه ވޮޑިގެންވެއެވެ."
އިސްލާމްދީން ވަނީ އަނިޔާ ލިބޭ މީހާ އެކަމާ ދެކޮޅަށް އަޑުއުފުލުމާއި އިންސާފު ހޯދަން އެދުމުގެ ޤާނޫނީ އަދި އަޚްލާޤީ ޙައްޤު ޤަބޫލުކޮށްފައެވެ. ހަމައެއާއެކު އަނިޔާ ލިބޭ މީހުންގެ މައްސަލަތަކުގައި ކުރިޔަށް ނިކުމެ އެމީހާއަށް އެހީވުމަކީ މުޖުތަމަޢުގެ ޒިންމާއެއް ކަމުގައިވެސް ވަނީ ކަނޑައަޅައިފައެވެ. ކައުސާހިބާ صلّى اللّه عليه وسلّم ޙަދީޘްކުރައްވައިފައިވެއެވެ. އަނިޔާ ލިބޭ މީހާއަށް މުޖުތަމަޢުގެ އެހީއާއި އެއްބާރުލުން ލިބުމަކީ އޭނާއަށް ލިބުން ލާޒިމު ޙައްޤެކެވެ. އަނިޔާވެރިޔާއަށް އެއްވެސް ޙައިޘިއްޔަތަކުން އެއްވެސް ގޮތަކަށް އެހީތެރިނުވުމަށް ވަނީ އިރުޝާދު ދެއްވައިފައެވެ. އަނިޔާވެރިކަން ޙިމާޔަތްކުރުމަކީ އިސްލާމްދީނުގެ ރޫޙާ ޚިލާފު ކަމެކެވެ. އިތުރު ސާހިބާ އިރުޝާދު ދެއްވައިފައިވެއެވެ.
"مَنْ مَشَى مَعَ ظالِمٍ ليُقَوِّيَهُ وَهوَ يَعْلمُ أنَّهُ ظالِمٌ ، فَقَدُ خَرَجَ مِنَ الإسْلَامِ" (مشكوة المصابيح، كتاب الآذان، باب الظلم بحواله بيهقى شعب الايمان)
"އަނިޔާވެރިޔަކާއެކު އޭނާއަކީ އަނިޔާވެރިއެއްކަން އެނގިހުރެ އޭނާއަށް ބާރުހޯދައިދިނުމަށްޓަކައި (އަތްބާރުއަޅައިދިނުމަށްޓަކައި) ހިނގައްޖެ މީހާ އިސްލާމްދީނުން ބޭރުވެއްޖެއެވެ."
ޢަދުލުއިންޞާފު ޤާއިމްކުރުމަށްޓައި މުޖުތަމަޢުގައި އަނިޔާ ލިބޭ މީހުންނަށް އެހީތެރިވުމުގެ ވެއްޓެއް އުފެދިފައި އޮންނަން ޖެހެއެވެ. އަނިޔާއާ ދެކޮޅުހެދުމާއި އަނިޔާވެރިކަމާ ބައިވެރިނުވުމުގެ ރޫޙު ފުރިހަމަޔަށް އުފެދިފައި އޮންނަން ޖެހެއެވެ. ހަމައެއާއެކު މި މައްސަލައިގައި ސަރުކާރުގެ ދައުރު ވަރަށްވެސް މުހިންމެވެ.
އަނިޔާ ލިބޭ މީހުންނަށް އެބައިމީހުންގެ ޙައްޤުތައް ލިބިދިނުމަކީ އިސްލާމީ ދައުލަތުގެ މައްޗަށް ލާޒިމު ކަމެކެވެ. رسول اللّه صلّى اللّه عليه وسلّم ގެ ޚަލީފާ أمير المؤمنين أبوبكر الصّدّيق رضى اللّه عنه ޚަލީފާކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ދެއްވި ދައުލަތުގެ ޕޮލިސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
"وَالضَّعِيْفُ فِيْكُمْ قويٌّ عِنْدِي حَتّىَ أَرْجِعَ إِلَيْهِ حَقَّهُ إِنْ شَاءَ اللّهُ، وَالقَوِيّ فِيْكُمْ ضَعِيْفٌ عِنْدِي حَتَّى آخذَ الحقَّ مِنْهُ إِنْ شَاءَ اللّهُ" (ابن اثير، الكامل فى التاريخ: 2/193-195)
"ތިޔަބައިމީހުންގެ ތެރެއިން އެންމެ ބަލިކަށި މީހާ އަހަރެންގެ ގާތުގައި ވާނީ ގަދަފަދަ މީހަކަށެވެ. އަހަރެން އޭނާއަށް ލިބެންވާ ޙައްޤު ހޯދައި އޭނާއަށް ރައްދުކޮށްދީފުމަށް ދާންދެނެވެ. ތިޔަބައިމީހުންގެ ތެރެއިން އެންމެ ގަދަފަދަ މީހާ އަހަރެންގެ ގާތުގައި ވާނީ ބަލިކަށި މީހަކަށެވެ. އެމީހެއްގެ އަތުގައިވާ އެހެން މީހުންގެ ޙައްޤު އޭނާގެ އަތުން އަތުލައިފުމަށް ދާންދެނެވެ. إنشاء اللّه تعالى"
ޝައްކެއްނެތެވެ. އަނިޔާ ލިބޭ މީހުންގެ ޙިމާޔަތުގައި ސަރުކާރު ދެމިއޮންނަހައި ހިނދަކު އަނިޔާ ލިބޭ މީހުންގެ ޙައްޤުތައް ފުރިހަމައަށް ލިބެމުންދާނެއެވެ. ޚާއްޞަކޮށް ޢަދުލުއިންޞާފު ޤާއިމްކުރުމަކީ ސަރުކާރެއްގެ އެންމެ އަސާސީ ބޭނުންކަން ސަރުކާރުން ޤަބޫލުކުރާހައި ހިނދަކުއެވެ. އޭރުން އެންމެ ނިކަމެތި މީހާގެ ޙައްޤުތައްވެސް އޭނާއަށް ފުރިހަމަޔަށް ލިބެމުންދާނެއެވެ.
(މިއީ މި މަޒުމޫނުގެ އެންމެ ފަހު ބައެވެ. އަންނަ ހުކުރު ދުވަހު އިރާާދަކުރެއްވިއްޔާ ފަށާނީ އިންސާނީ ޙައްޤުތަކުގެ ފާރަވެރިޔާގެ މައިގަނޑު ނަމުގެ ދަށުން ލިޔާ އެހެން މަޒުމޫނެކެވެ.)