(8 ޖޫން 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަޅުންނާއި ތިމާގެ އަމުރުގެ ދަށުގައިވާ މީހުންނަށް ހެޔޮކޮށްހިތުމާއި އެމީހުންގެ ޙައްޤުތައް
ޤަދީމީ ޒަމާނުއްސުރެ ދުނިޔޭގައި ވަނީ އަޅުން ގެންގުޅުން އާދަވެފައެވެ. އަޅުން ގެންގުޅެވެން ފެށީއްސުރެ އަޅުންނަށް އަންނަނީ އަނިޔާކުރެވެމުންނެވެ. އެބައިމީހުންގެ ޙައްޤުތައް އަންނަނީ ފައިދަށުލެވެމުންނެވެ. އަޅުންނަކަށް އެބައިމީހުންގެ އަމިއްލަ މަސައްކަތެއް ކުރާކަށެއް ފުރުޞަތެއް ނޯވެއެވެ. އެއްވެސް އެއްޗަކާމެދު އެބައިމީހުންގެ މިލްކުވެރިކަމުގެ ޙައްޤެއް ބަލައެއް ނުގަނެވެއެވެ. އަޅުންގެ ހަށިތަކާއި ފުރާނަތަކާއި މުދަލާއި އެބައިމީހުންނަށް ލިބިފައިވާ ކޮންމެ ހުނަރަކާއި ޤާބިލިއްޔަތަކީ އެބައިމީހުންގެ ސާހިބުންގެ ފުރިހަމަ އިޚްތިޔާރުގެ ދަށުގައި ހުންނަ ކަންކަމެވެ. ސާހިބުން ބޭނުން ކޮންމެ ގޮތަކަށް އެކަންކަމާމެދު އައީ މުޢާމަލާކުރަމުންނެވެ. އަޅުންނާމެދު ބައެއް ފަހަރަށް ކަންތައް ކުރެވެމުން ދިޔައީ ޖަނަވާރުންނާމެދުވެސް އެފަދަ ގޮތަކަށް މުޢާމަލާކުރުމަށް އިންސާނާގެ ހެޔޮކަމުގެ ޒަމީރު އިންކާރުކުރާނެފަދަ ގޮތަކަށެވެ. އަޅުންނަށް ކުރެވޭ އަނިޔާއާއި އެބައިމީހުންނާމެދު ކުރެވޭ ބޭއިންސާފު މުޢާމަލާތަކާމެދު ޝަކުވާގެ އަޑުއުފުލުމުގެވެސް ހުއްދައެއް ނޯވެއެވެ.
ހަމައެފަދައިން ރަސްކަލުން ރައްޔިތުންނާމެދު، ޙާކިމުން މަޙްކޫމުންނާމެދު، އަމީރުންނާއި ބޮޑުން ޚާދިމުންނާއި ނޯކަރުންނާމެދުވެސް ޢަމަލުކުރަމުން އައީ ހިތަށްއެރި ކޮންމެ ގޮތަކަށެވެ. ގަދަފަދަ މީހުން ނިކަމެތީންނަށް އަނިޔާވެރިވުމަކީ އެބައިމީހުންގެ ޙައްޤެއް ކަމުގައި ދެކެއެވެ. ނިކަމެއްޗެއްގެ އެއްވެސް ޙައްޤެއް އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
އިސްލާމްދީން މިބާވަތުގެ ހުރިހާ އަނިޔާތަކާއި ބޭއިންސާފަކާ ދެކޮޅަށް އަޑުއުފުލިއެވެ. ވެރީންނާއި ރައްޔިތުންގެ ޙައްޤުތައް އެކަށައެޅިއެވެ. ސާހިބުންނާއި އަޅުންގެ އިންތައް ކަނޑައަޅައި ހަމަޖެއްސިއެވެ. ޚާދިމުންނާއި މަސައްކަތްތެރީންގެ ޙައްޤުތައް ބަޔާންކުރިއެވެ. އެއްބަޔަކު އަނެއްބަޔަކަށް ހެޔޮކޮށްހިތައި އިޙްސާންތެރިވުމަށް އަމުރުކުރިއެވެ. ހަމައެކަނި އަޅުންނާ ބެހޭގޮތުން އިސްލާމްދީން ދީފައިވާ އިރުޝާދުތަކަށް ވިސްނައިލިޔަސް އެކަން ވަރަށްރަނގަޅަށް ބަޔާންވެ އެނގެއެވެ.
أبو ذرّ رضى اللّه عنه ގެ އަރިހުން އައިސްފައިވާ ރިވާޔަތެއްގައިވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ޙަދީޘްކުރެއްވިއެވެ.
"إِخْوَانُكُمْ خَوَلُكُمْ جَعَلَهُمْ اللَّهُ تَحْتَ أَيْدِيكُمْ فَمَنْ كَانَ أَخُوهُ تَحْتَ يَدِهِ فَلْيُطْعِمْهُ مِمَّا يَأْكُلُ وَلْيَكْسُهُ مِمَّا يَلْبَسُ وَلَا تُكَلِّفُوهُمْ مَا يَغْلِبُهُمْ فَإِنْ كَلَّفْتُمُوهُمْ فَأَعِينُوهُمْ عَلَيْهِ" (بخارى، كتاب العتق، مسلم كتاب الأيمان)
"ޝައްކެއްނެތެވެ. އަޅުންނަކީ ތިޔަބައިމީހުންގެ އަޚުންނެވެ. އަރަހުށި މާތް اللّه އެއުރެން ތިޔަބައިމީހުންގެ ބާރުގެ ދަށުގައި ލައްވައިފައިވަނީއެވެ. އެހެންކަމުން ތިމާގެ ބާރުގެ ދަށުގައި ލައްވައިފައިވާ އަޚާއަށްވެސް ޚުދު ތިމާ ކާއެއްޗެއް ކާންދޭށެވެ! ޚުދު ތިމާ ލައިއުޅޭ (ފެންވަރުގެ) ފޭރާން ދޭށެވެ. އެއުރެންނަށް ނުއުފުލޭވަރަށް މަސައްކަތުގެ ބުރަ ނުޖައްސާށެވެ. އެއުރެންނަށް ނުކުރެވޭވަރަށް މަސައްކަތް ޙަވާލުކޮށްފިނަމަ، އެ މަސައްކަތެއް ކުރުމުގައި އެއުރެންނަށް އެހީތެރިވެދޭށެވެ."
أبو هريرة رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. އިތުރު ސާހިބާ صلّى اللّه عليه وسلّم ޙަދީޘްކުރައްވައިފައިވެއެވެ.
"لِلْمَمْلُوكِ طَعَامُهُ وَكِسْوَتُه؛ وَلَا يُكَلِّفُ الاَّ مَا يُطِيْقُ" (مسلم كتاب الإيمان)
"އަޅުންނަށް ކާބޯތަކެއްޗާއި އުނުފޭރާން ލިބުމާއި، އެބައިމީހުންގެ ހަކަތައަށްވުރެ ބުރަމަސައްކަތް ޙަވާލުނުކުރެވުމަކީ އެބައިމީހުންނަށް ލިބިގެންވާ ޙައްޤެކެވެ."
އިސްވެ ބަޔާންކުރެވިފައިވާ أبو ذرّ رضى اللّه عنه ގެ ރިވާޔަތުގެ އަލީގައި الإمام النووى رحمه اللّه ވިދާޅުވެފައިވެއެވެ.
ސާހިބުން ކައިއުޅޭ ފެންވަރުގެ ކާބޯތަކެއްޗާއި، ލައިއުޅޭ ފެންވަރުގެ އުނުފޭރާން އަޅުންނަށްވެސް ދިނުމަކީ ފަރުޟެއް ކަމުގައި ނުވިޔަސް އެއީ މުސްތަޙައްބު ކަމެއްކަމަށް ދަންނަބޭކަލުން ވަނީ ޢިޖުމާޢުވެވަޑައިގެންފައެވެ. އެ ޤައުމެއްގެ ނުވަތަ އެ ރަށެއްގެ އެހެނިހެން މީހުން އާދަވެގެން ބޭނުންކޮށްއުޅޭ ފެންވަރެއްގެ ކާބޯތަކެއްޗާއި އަންނައުނު އަޅުންނަށް ދޭންޖެހޭނެއެވެ. އެ ކާބޯތަކެއްޗާއި އުނުފޭރާމަކީ ސާހިބުމީހާ ބޭނުންކުރާ ފެންވަރަށްވުރެ މޮޅު ނުވަތަ ދެރަ ތަކެތި ކަމުގައި ވިޔަސް ވެހެވެ. އެބައިމީހުންގެ އެހެނިހެން ބޭނުންތައްވެސް ފުއްދައިދޭން ޖެހޭނެއެވެ. ސާހިބުމީހާ އޭނާގެ ޒާހިދުކަމުގެ ސަބަބުން ނުވަތަ ދަހިވެތިކަމުގެ ސަބަބުން އޭނާއާ އެއްފެންވަރެއްގެ މީހުނަށްވުރެ ދަށް ފެންވަރެއްގައި އޭނާގެ ކެއިންބުއިމާއި އުނުފޭރާން ގެންގުޅުނު ކަމުގައި ވިޔަސް އަޅުންގެ ރުހުމާ ނުލައި އެ ފެންވަރަށް އަޅުންގެ އުނުފޭރާމާއި ކެއިންބުއިން ބަހައްޓާކަށް މަޖުބޫރެއް ނުކުރެވޭނެއެވެ. ދަންނަބޭކަލުން އިޖުމާޢުވެވަޑައިގެންފައިވާ ގޮތުގައި އަޅެއްގެ ހަކަތައާއި ބުންވަރަށްވުރެ ބުރަމަސައްކަތެއް ކުރަން އަޅަކާ ޙަވާލުކޮށްފިނަމަ ޚުދު ސާހިބުމީހާ ނުވަތަ އެހެންމީހަކު މެދުވެރިކޮށް އެކަމުގައި އެހީތެރިވެދޭން ޖެހޭނެއެވެ. (نووى - شرح مسلم)
އިސްލާމްދީނުގެ ނަބިއްޔާ އިރުޝާދު ދެއްވައިފައިވަނީ އަޅަކާމެދު އަނިޔާވެރިވެވިއްޖެނަމަ، އެ އަޅަކު މިނިވަންކުރުމަށެވެ.
عبداللّه بن عمر رضى اللّه عنهما އެއްފަހަރަކު އެކަލޭގެފާނުގެ އަޅެއްގެ ގައިގައި ތެޅުއްވިއެވެ. އޭގެ ސަބަބުން އޭނާގެ ބުރަކަށީގައި އެކަމުގެ ނިޝާން ފައުޅުވާން ހުއްޓެވެ. عبداللّه އަށް އެތަން ފެނިވަޑައިގަތުމުން ވިދާޅުވިއެވެ. "އަހަންނަށް ކަލެޔަށް ތަކުލީފެއް ޖެއްސިއްޖެ ކަމުގައި ދެކެމެވެ." އޭނާ ދެންނެވިއެވެ. "ނޫނެކެވެ." عبداللّه ވިދާޅުވިއެވެ. "ދާށެވެ! ކަލޭގެ މިނިވަންކޮށްފީމެވެ." އެއަށްފަހު ބިންމަތީން ކުނިކޮޅެއް ނަންގަވައި ދައްކަވައިލައްވަމުން ވިދާޅުވިއެވެ. ކަލޭގެ މިނިވަންކުރުމަކުން އަހަންނަށް މިހައިކަށްހައިވަރުގެވެސް ދަރުމައެއް ނުލިބޭނެއެވެ. އެހެނީ رسول اللّه صلّى اللّه عليه وسلّم ޙަދީޘްކުރެއްވިއެވެ.
"مَن لَطَم مَمْلُوْكا أَو ضَرَبَه فَكَفَّارَتُه عِتْقِه" (مسلم كتاب الإيمان، مسند أحمد: 2/61)
"އެމީހެއްގެ އަޅެއްގެ މޫނުމަތީގައި ނުވަތަ އެހެންވެސް ތަނެއްގައި ތަފާލެއް ޖަހައިފި މީހެއްގެ ކައްފާރާއަކީ އެ އަޅަކު މިނިވަންކުރުމެވެ."
سويد بن مقرن رضى اللّه عنه ވިދާޅުވެފައިވެއެވެ. އަހަރެމެންގެ ޢާއިލާގެ އަޅުއަންހެނަކު ހުއްޓެވެ. ޢާއިލާގެ މެމްބަރަކު ރުޅިއައިސްގެން އެކަނބުލޭގެ ގައިގައި ތަފާލެއް ޖެހިއެވެ. رسول اللّه صلّى اللّه عليه وسلّم އަށް އެ ޚަބަރު ލިބިވަޑައިގަތުމުން ޙަދީޘްކުރެއްވިއެވެ. "އޭނާ މިނިވަންކުރާށެވެ." ޢާއިލާގެ މީހުން ދެންނެވިއެވެ. "އަޅުގަނޑުމެންގެ އަތުގައި އެހެން އަޅަކު ނުވަތަ ޚިދުމަތްތެރިއަކު ނުވެއެވެ." އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. "އެހެން އިންތިޒާމެއް ހަމަޖެއްސުނުހައި އަވަހަކަށް އޭނާ މިނިވަންކުރާށެވެ." (مسلم، كتاب الإيمان)
أبو مسعود الأنصارى رضى اللّه عنه ވިދާޅުވެފައިވެއެވެ. އެއްދުވަހަކު އަހަރެންގެ އަޅެއްގެ ގައިގައި ހަންމުށީން ތަޅަނިކޮށް ފަހަތުން ކޮންމެވެސް މީހެއްގެ އަޑުއިވުނެވެ. "أبو مسعود އެވެ. ރަނގަޅަށް ހަނދާންކުރާށެވެ. ކަލެއަށް ތިޔަ އަޅުކަލޭގެ މައްޗަށް ލިބިފައިވާ އިޚްތިޔާރަށްވުރެ މާބޮޑު އިޚްތިޔާރު ކަލެއާމެދު اللّه سبحانه وتعالى އަށް ލިބިވޮޑިގެންވެއެވެ." އަހަރެން އެނބުރި ބަލައިލިއިރު ހުންނެވީ رسول اللّه صلّى اللّه عليه وسلّم އެވެ. އަހަރެން އަވަސްއަވަހަށް ހަންމުށި ބިންމައްޗަށް ވައްޓައިލައިފީމެވެ. އަހަރެން ދެންނެވީއެވެ.
މީގެފަހުން ދުވަހަކުވެސް އަޅެއްގެ ގަޔަކު ނުޖަހާނަމެވެ. މި އަޅުކަލޭގެއަކީ މިއަދުން ފެށިގެން މިނިވަނެކެވެ. އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ." އޭނާ މިނިވަން ނުކުރިނަމަ ނަރަކައިގެ އަލިފާން ކަލޭގެ ގައިގައި ބީހިއްޖައީހެވެ." (مسلم كتاب الإيمان، أبو داؤد، كتاب الايمان)
އަޅުން ބަދުނާމުކުރުމާއި، އެމީހުންގެ ބޮލުގައި ދޮގުއިލްޒާމު އެޅުވުމަކީވެސް އިތުރު ސާހިބާ އެކަންކަމާމެދު ވަރަށް ވަރުގަދަޔަށް އިންޒާރުކުރައްވައިފައިވާ ކަންކަމެވެ. أبو هريرة رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ޙަދީޘްކުރެއްވިއެވެ.
"مَنْ قَذَفَ مَمْلُوكَهُ وَهُوَ بَرِيءٌ مِمَّا قَالَ جُلِدَ يَوْمَ الْقِيَامَةِ ، إِلَّا أَنْ يَكُونَ كَمَا قَالَ" (بخارى، كتاب الحدود، مسلم، كتاب الإيمان)
"މީހަކު ތިމާގެ އަޅެއްގެ ބޮލުގައި (ޒިނޭގެ) ތުހުމަތު އަޅުވައިފިނަމަ އަދި އެ އަޅަކު އެކަމުން ބަރީއަވެގެންވާނަމަ، ޤިޔާމަތް ދުވަހުން އެމީހެއްގެ ގައިގައި ތެޅުއްވޭނެއެވެ. އެމީހަކު އެބުނި ބުނުމަކީ ތެދެއް ކަމުގައި ނުވާނަމައެވެ."
الإمام النووى رحمه اللّه ވިދާޅުވާ ގޮތުގައި މި ޙަދީޘުން ދަލީލު ލިބޭ ގޮތުގައި އެމީހެއްގެ އަޅެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމުން ޤަޒުފުގެ ޙައްދު ޖަހަން ނުޖެހުނު ކަމުގައި ވިޔަސް ސަރުކާރުން ކަނޑައަޅާ ޢަދަދަކުން އެމީހަކު ތަޢުޒީރުކުރެވޭނެއެވެ. (نووى - شرح مسلم)
އަޅުވެތިކަމުގެ މައްސަލަ ފެށިގެން އަންނަނީ ހަނގުރާމައިގެ އަސީރުންގެ މައްސަލައިގެ ތެރެއިންނެވެ. މިޒަމާނުގައި އެ މައްސަލަ ކުރިމަތިނުވުމަކީ އެކަށީގެންވާ ކަމެކެވެ. އިސްލާމްދީން އަޅުވެތިކަން މުޅީން ނައްތައިލިތޯ ނުވަތަ އެކަން އޮތީ އެއިރެއްގެ ސިޔާސީ ޙާލަތުގެ މައްޗަށް ދޫކޮށްލައިފައިތޯ ކުރެވޭ ބަޙްޘު އެއްފަރާތެއްގައި ބޭއްވުމަށްފަހު އަޅުގަނޑުމެން ބަލައިލާއިރުވެސް އިސްލާމްދީން ވަނީ އަޅުން މިނިވަންކުރުމަށް އިންތިހާއަށް ބާރުއަޅައިފައެވެ. އިސްލާމްދީން ވަނީ އަޅުން މިނިވަންކުރުމަށްޓަކައި މުކާތިބުއަޅުންނަށްވުމުގެ މަގު ފަހިކޮށްދީފައެވެ. (އައްނޫރު 33) މުކާތިބުއަޅަކަށްވުމަކީ އަޅަކު އޭނާގެ ސާހިބުމީހާއަށް ކަނޑައެޅޭ ޢަދަދެއްގެ ފައިސާ ނުވަތަ މުދާ ހޯދައިދީގެން މިނިވަންކަން ހޯދުމަށް އެ ދެފަރާތުގެ ދެމެދުގައި މުޢާހަދާއެއް ކުރުމެވެ. މީހަކަށް އޭނާ ދުނިޔެ ދޫކުރުމަށްފަހު އޭނާގެ އަޅުން މިނިވަންވީކަމަށްވެސް ކަނޑައެޅިދާނެއެވެ. ބައެއް ފާފަތަކާއި އެކިއެކި ކުށްކުށުގެ ކައްފާރާއެއްގެ ގޮތުންވެސް އަޅުން މިނިވަންކުރުމަށް ވަނީ ކަނޑައެޅިފައެވެ. މިސާލަކަށް އޮޅިގެން ކުށަކުން މުސްލިމަކު ޤަތުލުކުރެވުމެވެ. (އައްނިސާއު: 92) ހުވަޔަކާ ޚިލާފުވުމެވެ. (އަލްމާއިދާ: 89) އަނބިމީހާ މަޔަކާ އެއްވަރުކުރުމަށްފަހު އެ ބަހުން ރުޖޫޢަވުމަށެވެ. (އަލްމުޖާދަލާ: 3) މިހުރިހާ ތަދުބީރަކާއެކުވެސް އަޅަކު މިނިވަންނުވެ ހުރެއްޖެނަމަ، އެމީހަކާމެދު ހެޔޮކޮށް ހިތައި އިޙްސާންތެރިވުމަށް އަމުރުކުރެއްވިއެވެ. އަޅުންނަށް ނުއުފުލޭފަދަ ބުރަޖެއްސުން މަނާކުރެއްވިއެވެ. އެބައިމީހުންގެ ޙައްޤުތައް އެކަށައަޅައި ޒިންމާތައް ބަޔާންކުރިއެވެ.
އިސްވެ ބަޔާންކުރެވިފައިވާ ޙަދީޘްތަކަކީ އަޅުންނާ ގުޅުން ހުރި ޙަދީޘްތަކެއް ކަމުގައި ވިޔަސް އެ ޙަދީޘްތަކުގެ އަލީގައި ނޯކަރުންނާއި މަސައްކަތުމީހުންނާއި ތިމާގެ އަމުރުގެ ދަށުގައި ތިބޭ މިނޫންވެސް މިފަދަ މީހުންނާ ބެހޭގޮތުންވެސް އުޞޫލުތަކެއް އެކަށައެޅިދާނެއެވެ. ތިރީގައި މިވަނީ އެގޮތުން ދީނުގެ ޢާލިމުން އެކަށައަޅުއްވައިފައިވާ ބައެއް އުޞޫލެވެ.
- އެބައިމީހުންގެ މުސާރަތަކަކީ އެބައިމީހުންގެ އަސާސީ ބޭނުންތައް ފުއްދޭވަރެއްގެ އެއްޗަކަށް ވާން ޖެހޭނެއެވެ.
- އެއްވެސް ނޯކަރަކަށް ނުވަތަ ތިމާގެ ދަށުގައިވާ މަސައްކަތުމީހަކަށް ބަވައި އެއްޗެތި ގޮވައި ހެދުމަކީ ސާހިބުންނާއި މައްޗަށްތިބޭ މީހުންގެ ޙައްޤެއް ނޫނެވެ.
- އެއްވެސް ނޯކަރެއްގެ ނުވަތަ މަސައްކަތުމީހެއްގެ ބޮލުގައި ދޮގު އިލްޒާމު އަޅުވައި އޭނާ ބަދުނާމުކޮށް ވަޒީފާއިން ވަކިކޮށް ހެދުމަކީ ސާހިބުންނަށް ނުވަތަ މައްޗަށްތިބޭ މީހުންނަށް ލިބިގެންވާ ޙައްޤެއް ނޫނެވެ.
(ނުނިމޭ)