އިސްލާމްދީނުގައި މުޖުތަމަޢާއި އިޖުތިމާޢީ ދިރިއުޅުމާ ގުޅޭ ޙައްޤުތައް (2)

(27 އޭޕްރީލް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިންސާނާގެ އަސާސީ ޙައްޤެކެވެ. މިޒަމާނުގެ ޖުމްހޫރީ ދުނިޔެ ވަނީ އެކަން ޤަބޫލުކޮށްފައެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ ޚިޔާލުތަކާއި އެމީހެއްގެ ޝުޢޫރު ފާޅުކުރާނެ ފުރުޞަތު ލިބުމުގެ މައްޗަށް ދަނީ ބާރުއަޅަމުން ވަކާލާތުކުރެވެމުންނެވެ. އެ ޚިޔާލުތަކާއި ޝުޢޫރުތައް ޤަބޫލުކުރުން ނުވަތަ ޤަބޫލުނުކޮށް ރައްދުކުރުމަކީ އެހެން މީހުންގެވެސް ޙައްޤެކެވެ. ނަމަވެސް ޚިޔާލާއި ޝުޢޫރު ފާޅުކުރުމުގައި އެއްވެސް އިމެއް ނުވަތަ ހިފެހެއްޓުމެއް ނެތުމަކީ މުޖުތަމަޢަކަށް ވަރަށް ނުރައްކާތެރި ނަތީޖާއަކާ ކުރިމަތިލާން ޖެހިދާނެ ކަމެއްކަމީވެސް ޤަބޫލުކުރެވިފައިވާ ޙަޤީޤަތެކެވެ. އެހެންކަމުން ޚިޔާލު ފާޅުކުރުމުގައި ތަބަޢަވާންޖެހޭ ބައެއް މިންގަނޑުތަކާއި ގިރާކުރެވިގެންނުވާނެ ބައެއް އިންތައްވެސް ވަނީ ކަނޑައެޅިފައެވެ.

އިސްލާމްދީނުގެ ނަޒަރުގައި، އިންސާނާގެ ދޫ ބަންދު ނުކުރެވުމަކީ އޭނާއަށް ލިބިގެންވާ ފިޠުރީ ޙައްޤެކެވެ. އޭނާގެ ޚިޔާލު ފާޅުކުރަން އަމުރު އޮތުމަކީ އޭނާގެ ޙައްޤެކެވެ. އޭނާއަށް ފެންނަ ގޮތް އެހެން މީހުންގެ ކުރިމައްޗަށް ހުށަހެޅޭން ޖެހޭނެއެވެ. ނަމަވެސް އިސްލާމްދީން ވަނީ މިކަމުގައި އިންސާނާ ބައެއް ހަމަތަކަށް ތަބާވުން ލާޒިމުކުރުވައިފައެވެ. އިސްލާމްދީން މިރޮނގުން އެކަށައަޅައިފައިވާ އިންތަކަކީ ފަރުދުންނާއި މުޖުތަމަޢުގެ ފައިދާއާއި ލާބައަށްޓަކައި އެ އިންތަކެއްގެ ބޭނުންތެރިކަމާއި ބުއްދިވެރިކަމާމެދު އިންކާރު ނުކުރެވޭފަދަ އިންތަކެކެވެ. ތިރީގައި މިވަނީ އިސްލާމްދީން މިރޮނގުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ މައްޗަށް ބަލައިލެވިފައިވާ އަވަސް ބަލައިލުމެކެވެ.

  1. އިންސާނާ އޭނާގެ ޚިޔާލު ފާޅުކުރުމުގައި އަޚްލާޤީ އިންތަކަކަށް ތަބަޢަވެ އެހެން މީހުންގެ ނަފުސުގެ ޢިއްޒަތާއި ކަރާމަތަށް އިޙްތިރާމްކުރަން ޖެހޭނެއެވެ. އެހެން މީހުންގެ އަގުވައްޓައިލައި ބަދުނާމުކުރަން މަސައްކަތްކޮށްގެން ނުވާނެއެވެ. އެހެން މީހުންގެ ޢިއްޒަތާ އަބުރާ ކުޅޭކަށެއް ނުވާނެއެވެ. ދޮގުބަޔާންތައް ދީ، ހަދަހަދައިގެން ވާހަކަތައް ފަތުރައިގެން ނުވާނެއެވެ. މީހުންނަށް މަލާމާތްކޮށް ފުރައްސާރަކޮށް އާޑަކިޔައި ހަޑިހުތުރު އެއްޗެހި ގޮވައިގެން ނުވާނެއެވެ. ދޫނުބައިކޮށް ބަދުބަހުން މޮށުމާއި، މިފަދަ އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ ކޮންމެ ކަމަކުން އެއްކިބާވާން ޖެހޭނެއެވެ. އަރަހުށި މާތް اللّه އިރުޝާދު ދެއްވައިފައިވެއެވެ.

يَا أَيُّهَا الَّذِينَ آَمَنُوا لَا يَسْخَرْ قَومٌ مِنْ قَوْمٍ عَسَى أَنْ يَكُونُوا خَيْرًا مِنْهُمْ وَلَا نِسَاءٌ مِنْ نِسَاءٍ عَسَى أَنْ يَكُنَّ خَيْرًا مِنْهُنَّ وَلَا تَلْمِزُوا أَنْفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ وَمَنْ لَمْ يَتُبْ فَأُولَئِكَ هُمُ الظَّالِمُونَ * يَا أَيُّهَا الَّذِينَ آَمَنُوا اجْتَنِبُوا كَثِيرًا مِنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ وَلَا تَجَسَّسُوا وَلَا يَغْتَبْ بَعْضُكُمْ بَعْضًا أَيُحِبُّ أَحَدُكُمْ أَنْ يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ وَاتَّقُوا اللَّهَ إِنَّ اللَّهَ تَوَّابٌ رَحِيمٌ (الحجرات: ١١ – ١٢)

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقب ތަކުން ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހައި ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރީންނެވެ. އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެ ތެރެއިން ގިނަ ކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސު ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ."

އާދެ، މިއީ އިސްލާމްދީނުގެ އަޚްލާޤީ ތަޢުލީމުގެ ނަމޫނާއެކެވެ. މި ސިލްސިލާއާ ގުޅޭ އަދިވެސް ވަރަށް ގިނަ އިރްޝާދުތައް ކީރިތި ޤުރްއާނާއި ކައުސާހިބާ صلّى اللّه عليه وسلّم ގެ ޙަދީޘްފުޅުތަކުގައި ވެއެވެ. އިސްލާމީ މުޖުތަމަޢުގެ ބޭނުންތަކާ ގުޅުވައިގެން އެ އިރުޝާދުތަކަށް ޤާނޫނީ ސިފަވެސް ދެވިދާނެއެވެ. އެ އިރުޝާދުތަކުގެ އަލީގައި ޚިޔާލު ފާޅުކުރުމުގެ އެކިއެކި ދާއިރާތަކާ ގުޅޭ އިންތައް ފާހަގަކުރެވިދާނެއެވެ.

  1. ޚިޔާލު ފާޅުކުރުމުގެ ނަމުގައި ލަދުޙަޔާތްކުޑަކަމާއި އޮރިޔާންކަން ފެތުރުމާއި، ބެރެކި ވާހަކަތައް ޢާންމުކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ. ރީތި އަޚްލާޤާއި ތަހުޒީބާއި އަބުރުވެރިކަމުގެ ސިފަ ލިބިގެންވާ އެއްވެސް މުޖުތަމަޢަކުން ބަދުއަޚްލާޤީ ކަންކަމަށް އިރުޝާދުދީ އެކަންކަން ފަތުރައި ޢާންމުކުރުވާކަށެއް ހުއްދައެއް ނުދޭނެއެވެ. އެފަދަ ސޮސައިޓީތަކުން މިބާވަތުގެ ކޮންމެކަމެއް ނުހަނު ވަރުގަދަޔަށް މަނާކޮށް ހުއްޓުވާނެކަމީ ކަށަވަރުވެގެންވާ ކަމަކެވެ. އަރަހުށި މާތް اللّه ކީރިތި ޤުރްއާނުގައި އިރުޝާދު ދެއްވައިފައިވެއެވެ.

إِنَّ الَّذِينَ يُحِبُّونَ أَنْ تَشِيعَ الْفَاحِشَةُ فِي الَّذِينَ آَمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآَخِرَةِ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ (النّور: ١٩)

މާނައީ: "ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި عمل، ފެތުރިގެންދިޔުމަށް ލޯބިކުރާ މީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ."

  1. ދައުލަތުގެ ސަރަޙައްދުގައި، ހާސްކަމާއި ނުތަނަވަސްކަމާއި ކަންބޮޑުވުން އުފެއްދުމާއި، އަމްނުއަމާންކަން ނަގައިލުމާއި، ޤައުމީ މަޞްލަޙަތު ނުރައްކަލަށް ހުށަހެޅުމަކީ އިސްލާމްދީން ރުހުމުގެ ލޮލަކުން ބަލާ ކަންކަމެއް ނޫނެވެ. އެހެންކަމުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އެފަދަ ކަމެއް ކުރާކަށެއް އިސްލާމްދީން ހުއްދައެއް ނުދެއެވެ.

މަދީނާގެ މުނާފިޤުންނާއި ޔަހޫދީން އިސްލާމީ ދައުލަތް އަނަރޫފަކޮށް، އިސްލާމީ ދައުލަތާ ދެކޮޅަށް ފިތުނަ އުފައްދަން ރެއެއް ދުވާލެއްނެތި މަސައްކަތްކުރަމުން ގެންދިޔައެވެ. އެމީހުންގެ އެންމެ ޚާއްޞަ އެއް މަސައްކަތަކީ މުސްލިމުންގެ ތެރޭގައި ދޮގުވާހަކަތަކާއި ޙަޤީޤަތާ ޚިލާފު ޚަބަރުތައް ފަތުރަމުން ގެންދިޔުމެވެ. ހަނގުރާމައިގެ ދުވަސްވަރު އެ ހަނގުރާމަތަކުން ނާކާމިޔާބުވާނެކަމުގެ ނިމުތު ދިނުމާއި މުސްލިމުންނަށް އެއްވެސް ކަހަލަ ނާކާމިޔާބީއެއް ކުރިމަތިވެއްޖެނަމަ އެކަމަކީ ދުވަހަކުވެސް ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމުގައި މީހުންނަށް ވިސްނައިދިނުމެވެ. މުސްލިމުންގެ ހިތްވަރު ދެރަކޮށްލުމަށެވެ. އުންމީދު ނަގައިލައި މާޔޫސްކުރުވުމަށެވެ. ޢަޒުމް ބަލިކަށިކޮށް ޔަޤީންކަން ކުޑަކޮށްލުމަށެވެ. ޝައްކެއްނެތް ގޮތުގައި މިއީ ދައުލަތުގެ ސަލާމަތާ ގުޅޭ މައްސަލައެކެވެ. އެހެންކަމުން އެފަދަ ވާހަކަތައް ފަތުރާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ކީރިތި ޤުރްއާނުގައި އިރުޝާދު ދެއްވައިފައިވެއެވެ.

لَئِنْ لَمْ يَنْتَهِ الْمُنَافِقُونَ وَالَّذِينَ فِي قُلُوبِهِمْ مَرَضٌ وَالْمُرْجِفُونَ فِي الْمَدِينَةِ لَنُغْرِيَنَّكَ بِهِمْ ثُمَّ لَا يُجَاوِرُونَكَ فِيهَا إِلَّا قَلِيلًا * مَلْعُونِينَ أَيْنَمَا ثُقِفُوا أُخِذُوا وَقُتِّلُوا تَقْتِيلًا * سُنَّةَ اللَّهِ فِي الَّذِينَ خَلَوْا مِنْ قَبْلُ وَلَنْ تَجِدَ لِسُنَّةِ اللَّهِ تَبْدِيلًا (الأحزاب: ٦٠ – ٦٢)

މާނައީ: "ހަމަކަށަވަރުން، منافق ންނާއި އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއް އުފެދިފައިވާ މީހުންނާއި، مؤمن ން ބިރުގެންނެވުމަށް المدينة ގައި ދޮގުވާހަކަތައް ފަތުރައި ފިތުނައުފައްދާ މީހުން އެކަން ހުއްޓައިނުލިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ކަލޭގެފާނު ބާރުވެރިކުރައްވައި ފޮނުއްވައިފާހުށީމެވެ. ދެންފަހެ ކަލޭގެފާނުގެ އަވަށްޓެރީންގެ ގޮތުގައި ވަރަށްކުރު މުއްދަތަކަށް މެނުވީ އެއުރެން އެރަށުގައި ނުތިބޭނެތެވެ. އެއުރެންނަށް لعنة ލައްވައިފައިވާ حالގައެވެ. (އަދި) އެއުރެން ފެނުނު ކޮންމެ ތަނަކުން ހިފެވި، ބިރުވެރި قتل ކުރުމަކުން، އެއުރެން قتل ކުރެވޭހުށްޓެވެ. (އެއީ) އިސްވެދިޔަ މީހުންނާމެދު، اللّه، ކަންހިންގެވި ގޮތެވެ. އަދި اللّه ކަންހިންގަވާ ގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ."

މި އިންޒާރާ ވިދިގެން މުނާފިޤުންގެ ހިތްވަރު އެލިއްޖެއެވެ. އިސްލާމީ ދައުލަތަށް ގެއްލުމެއް ދިނުމަކީ އެއުރެންނަށް ފަސޭހަ ކަމަކަށެއް ނުވިއެވެ. ނަމަވެސް އޭގެ ފަހުންވެސް ޔަހޫދީންގެ ނުބައި ރޭވުންތަކާއި ފިތުނަވެރި މަސައްކަތް ދެމިއޮތެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އެޅުއްވިއެވެ. އެންމެފަހުގެ ނަތީޖާއަކީ އެބައިމީހުން އަރުވާލެއްވުމެވެ. ރަށުން ބޭރުކޮށްލެއްވުމެވެ.

ޢާއިލާ ބިނާކުރުމުގެ ޙައްޤު

ޢާއިލީ ދިރިއުޅުމަކީ އިންސާނާއަށް ލިބިފައިވާ ޙައްޤެކެވެ. އެހެނީ ޢާއިލާއަކީ އޭނާގެ ފިޠުރީ އަދި އިޖުތިމާޢީ ބޭނުމެކެވެ. ތަހުޒީބީ ދުނިޔެ އިންސާނާގެ މި ޙައްޤު ޤަބޫލުކުރެއެވެ. ޢާއިލާ ބިނާކުރެވެނީ ޒަވާޖީ ޙަޔާތުގެ ބިންގަލުގެ މަތީގައެވެ. އިސްލާމްދީން ކަނޑައަޅައިފައިވަނީ އެ ގުޅުމަކީ އިންސާނާ ހިތްހަމަޖެހުން ލިބިގަތުމުގެ ވަސީލަތެއް ކަމުގައެވެ. އޭނާގެ ނަސްލު ދެމެހެއްޓުމުގެ ހުއްދަ މަގު ކަމުގައެވެ. ކާވެނީގެ ޒަރީޢާއިން އުފެދޭ ތިމާގެކަމާއި ގާތްކަމުގެ ގުޅުމަށް އިޙްތިރާމްކުރުމަށް އިސްލާމްދީން ގޮވައިލައިފައިވެއެވެ. އަރަހުށި މާތް اللّه ވަޙީކުރައްވައިފައިވެއެވެ.

يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا (النّساء: ١)            

މާނައީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ نفس ގެ ކިބައިން އޭގެ އަނެއް جنس ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި، ތިޔަބައިމީހުން اللّه އަށް تقوى ވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ سؤال ކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެއެވެ. އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވައިވޮޑިގެންވާ ކަލަކު ކަމުގައި، اللّه ވޮޑިގެންވެއެވެ."

ޢާއިލާއަކީ އިންސާނާ އެކަމެއް އުފުލާއިރު ނުރުހުންތެރިކަން އިޙްސާސްކުރާ އަދި އޭނާ ހިތްހަމަނުޖެހޭ ބުރައެއްކަމަށް އިސްލާމްދީން ކަނޑައެއް ނާޅައެވެ. އަދި ކީއްތޯއެވެ؟ އިސްލާމްދީނުގެ ނަޒަރުގައި ޢާއިލާއަކީ މާތް اللّه ގެ ނިޢުމަތްތަކުގެ ތެރެއިން ވަރަށް ބޮޑު ނިޢުމަތެކެވެ. އަންނަނިވި އާޔަތުގައި އަރަހުށި މާތް اللّه ވަނީ އެކަން ބަޔާންކޮށްދެއްވައިފައެވެ.

وَاللَّهُ جَعَلَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا وَجَعَلَ لَكُمْ مِنْ أَزْوَاجِكُمْ بَنِينَ وَحَفَدَةً وَرَزَقَكُمْ مِنَ الطَّيِّبَاتِ أَفَبِالْبَاطِلِ يُؤْمِنُونَ وَبِنِعْمَةِ اللَّهِ هُمْ يَكْفُرُونَ (النّحل: ٧٢)

މާނައީ: "އަދި اللّه، ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންނަށްޓަކައި، އަނބީން ލައްވައި، އަދި ތިޔަބައިމީހުންގެ އަނބީންގެ ކިބައިން، ދަރީންނާއި، ދަރީންގެދަރީން ލައްވައި، އަދި ރަނގަޅު حلال ތަކެތިން، ތިޔަބައިމީހުންނަށް رزق ދެއްވިއެވެ. ފަހެ، އެއުރެން إيمان ވަނީ، باطل އަށް ހެއްޔެވެ؟ އަދި އެއުރެން كافرވަނީ، اللّه ގެ نعمة އަށް ހެއްޔެވެ؟"

އިސްލާމްދީން ވަނީ ޢާއިލާގެ ފުރިހަމަ ނިޒާމެއް ދެއްވައިފައެވެ. އޭގެ ތެރޭގައި ދެމަފިރީންނާއި މައިންބަފައިންނާއި ދަރީންނާއި އެހެނިހެން ގާތްތިމާގެ މީހުންގެ ޙައްޤުތަކާއި މަސްއޫލިއްޔަތުތައް ކަނޑައަޅައިފައެވެ. ހަމައެއާއެކު އޭގެ ތެރެއިން ކުޑަކުދީންނަށް އޯގާތެރިވުމަށާއި ލޯބިކުރުމަށާއި، ބޮޑެތި މީހުންނަށް ކަމޭހިތައި އިޙްތިރާމްކުރުމަށް އިރުޝާދު ދީފައެވެ. އިސްލާމްދީން މުޖުތަމަޢުގެ ހުރިހާ އަފުރާދުންނަށް ބާރުއަޅަނީ އެ ނިޒާމު ދަމަހައްޓަން ފުރިހަމައަށް މަސައްކަތްކުރުމަށެވެ. އެއްވެސް ޙާލެއްގައި އެ ނިޒާމަށް ގެއްލުމެއް ނުދިނުމަށެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.