އަޅުގަނޑު ބަންދުކޮށްފައި މިހުރީ ގާނޫނާ ޚިލާފަށް:މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ބަހައްޓަވާފައި ހުންނެވީ ގާނޫނާ ޚިލާފަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގެ ހިންގެވުމާ ހަވާލުވެ ހުންނެ ގާޒީ އާދަމް އާރިފަށް ރައީސް މައުމޫން ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ފެބުރުއަރީ 5 ވަނަ ދުވަހުގެ ރެއިން ފެށިގެން އެމަނިކުފާނުވަނީ ކުއްލި ނުރައްކަލުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވާފައި ކަމަށެވެ. އެމަނުކުފާނު ބަންދުކުރައްވައިފައިވަނީ ކޯޓުއަމުރަކާ ނުލައި ކަމަށާއި، ބަންދު ކުރުމަށްފަހު 24 ގަޑިހަމަވިއިރުވެސް ބަންދާ މެދު ގޮތެއް ނިންމަވަން ފަނޑިޔާރެއްގެ ކުރިފުޅުމައްޗަށް ގެންގޮސްފައި ނުވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

"އެހެންކަމުން އަޅުގަނޑު މިހާރު ބަންދުކޮށްފައި ހުރިހުރުންވާނީ ގާނޫނާ ޚިލާފް ބަންދަކަށް" ކަމަށެވެ.  އެމަނިކުފާނުގެ ބަންދާމެދު ގޮތެއް ނިންމެވުމަށް މިމަހު 20 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަންޖެހޭ ކަމަށާއި އެހެންނަމަވެސް އެމަނިކުފާނުގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ރާއްޖެއިން ބޭރުގައި ހުންނެވުމުން އޭނާ އެނބުރި މާލެއައިމަ އެ އަޑުއެހުން އޭނާއާއެކު ބާއްވައި ދެއްވުމަށް މައުމޫން އަބްދުލްގައްޔޫންވަނީ ގާޒީ އަރިހުން އެދިވަޑައިގެންފައެވެ. ވަކީލު މާލެ ވަޑައިގަންވާނީ މާރިޗު 21 ވަނަ ދުވަހު ކަމަށާއި އަޑުއެހުން 22 ވަނަދުވަހަށް ބަދަލު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް އެސިޓީގައި ވިދާޅުވެފައިވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.