ފުލުހުންގެ ބަންދުގައި މިވަގުތު ތިބީ 20 މީހުން

އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ "ހުއްޓުވާ" މުޒާހަރާގެ ތެރެއިން ފާއިތުވި ދެ ދެދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން ބަންދުގައި މިހާރު ތިބީ އެންމެ 20 މީހުންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ހާމަކުރައްވައިފައިވާ ގޮތުގައި 16 ވަނަ ދުވަހުގެރޭ ބޭއްވި މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 141 މީހުންގެ ތެރެއިން ބަންދުގައި މިހާރު ތިބީ ފަސް މީހުންނެވެ.

ސަތާރަ ވަނަދުވަހުގެރޭގެ އެއްވުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ 15 މީހުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެއީ 14 ފިރިހެނުންނާއި އަންހެނެކެވެ.

ރައީސް ޔާމީން ހުއްޓުވުމުގެ ނަމުގައި މާލޭގައި ބާއްވަމުން ގެންދާ މުޒާހަރާތަކުގައި އާންމުކޮށް ގޮވާލަމުން ގެންދަނީ ސްޕްރީމް ކޯޓުގެ ފަސްފަނޑިޔާރުންގެ ބެންޗުން ފެބުރުއަރީ އެކެއްގައި ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށާއި، ސިޔާސީ ގައިދީން މިނިވަން ކުރުމަށާއި، ގާނޫނާ ޚިލާފަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރުމަށެވެ.

މި އެއްވުންތައް އިދިކޮޅުން ބާއްވަމުން ގެންދަނީ އެއީ ޣައިރުގާނޫނީ އެއްވުންތަކެއް ކަމަށް ފުލުހުން ކަނޑައަޅައިފައި ވަނިކޮށްނެވެ. ފުލުހުން އެގޮތަށް ކަނޑައެޅުމުން އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޒު ހަސަން ލަތީފް ވިދާޅުވީ އެބޭފުޅުން އަމަލު ކުރައްވަނީ ފުލުހުންގެ ބަހަށް ނޫންކަމަށެވެ. "އަޅުގަނޑުމެން އަމަލުކުރާނީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނަށް،" ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.