ރަށްރަށުން ދަނީ އަނިޔާވެރިކަމަށް ނޫނެކޭ ބުނަމުން: އިބޫ

ރަށްރަށުން މިހާރު ގެންދަނީ "މިއަނިޔާވެރި ވެރިކަމަށް ނޫނެކޭ" ބުނަމުން ކަމަށް ދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ބ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި، ކަމަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ފަހަތަށްނުޖެހި ރައްޔިތުން މަސައްކަތް ކުރުމަށެވެ. އޭން މިއަހަރު ސެޕްޓެންބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ކަމަދުއާއި އެހެނިހެން ރަށްރަށް ވެސް ގުޅިގެން ކެމްޕޭނުގެ ކަންކަން ކުރިއަށް ގެންދިޔުމަކީ މުހިންމު ކަމެއް ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވެފައިވަނީ ގެސްޓް ހައުސްއާއި، އެހެނިހެން ވިޔަފާރިތަކުގެ މައިބަދައަކީ ދަތުރުފަތުރުގެ ނިޒާމަކުން ގުޅައިލުން ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި ފެށި އެމަސައްކަތް އަލުން އިޔާދަކޮށް، ހަލުވިކަމާއި، އިތުބާރާއެކު އެއްރަށުން އަނެއްރަށަށް ދަތުރުކުރެވޭނެ ނިޒާމެއް ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ގާއިމު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކަމަދޫގައި ހަލާކުވެފައި އޮތް ބޭރުތޮއްޓާއި، ބަނދަރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި މަރާމާތު ކޮށްދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. އޭގެއިތުރަށް ރަށުގައި ނަރުދަމާއާއި، ބޯފެނުގެ ނިޒާމު އަވަސްގޮތެއްގައި ގާއިމުކުރުމަކީ އެބޭފުޅުން ވަރަށް އިސްކަމެއް ދެއްވާނެ ކަމެއް ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.