ބަލަނީ ފުލުހުން ވިދާޅުވާ އެއްޗަކަށްނޫން, ގާނޫނު އަސާސީއަށް:އެމްޑީޕީ

އެމްޑީޕީއިން ބަލަނީ ފުލުހުން ވިދާޅުވާ އެއްޗަކަށް ނޫންކަމަށާއި އެޕާޓީން ބަލަނީ ރާއްޖޭގެ ގާނޫނުތަކަށް އަސާސީއާއި ގާނޫނަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

އާފަތިހަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފު ވިދާޅުވީ ފުލުހުންވެސް އަމަލު ކުރަންޖެހޭނީ ގާނޫނުއަސާސީއާއި، ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އެ ހުދޫދުން ބޭރުން ފުލުހުން އަންގާއެންގުތަކާމެދު ނުވިސްނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފު އެހެން ވިދާޅުވީ އަންނަ ހުކުރުދުވަހު ބާއްވާ ބޮޑު އެއްވުމަކީ ސަރުކާރު ވައްޓައިލައި ސަރުކާރު ނިމުމަކަށް ގެނައުމަށް އެއްވާ އެއްވުމެއް ކަމަށް ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވުމުން އެކަމާބެހޭ ގޮތުން އާފަތިހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝިފާން ވިދާޅުވީ ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ސަރުކާރު ވައްޓާލަން ބަޔަކު އެއްވެ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށެވެ. އަދި މަސްވެރިކަން ކުރުމަށް ހުއްދަ ދީފައިވާ އުޅަނދުފަހަރުގައި މީހުން ގޮވައިގެން މާލެ އަތުވެއްޖެނަމަ އެފަދަ އުޅަނދުފަހަރާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އޭނާ އެހެން ވިދާޅުވިއިރު ފިޝަރީޒް މިނިސްޓްރީންވަނީ ރަށްރަށުން މީހުން ގޮވައިގެން މާލެ އަންނަ މަސްވެރި އުޅަނދުފަހަރުގެ ހުއްދަ ބާތިލް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިކަންކަމަށް ރައްދު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ އެ އުސޫލުން ކަންތައް ދާކަމަށްވާނަމަ މުޒާހަރާއަށް އަންނަ މީހުން ތިބޭގޭގެ ރަޖިސްޓްރީ ބާތިލް ކުރާނެ ކަމުގެ އިންޒާރު ހައުސިން މިނިސްޓްރީން ވެސް ދެއްވައިފާނެ ކަމަށެވެ. އަދި މުޒާހަރާގައި މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔުމުން މުޒާހަރާގައި ބައިވެރިވެގެންވި ހާނިކައަކަށްވާތީ ފަރުވާދެވެންނެތް ކަމަށް އެތަނުން ވިދާޅުވެފާނެ ކަމަށްވެސް ހަސަން ވދާޅުވިއެވެ.

އެމްޑީޕީން ބޭނުންވަނީ މިފަދަ ބިރު ދެއްކުންތައް ނައްތާލައި ގާނޫނީ ހުކޫމަތު ރާއްޖޭގައި ހިންގުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.