ދީނާއި ހައްގުގެ ވާހަކަ ދައްކަނީ ހައްގުތައް ހިފަހައްޓައިގެންތިބެ: ލޯޔަރު ވަހީދު

ރައްޔިތުންނަށް ލިބެންވާ ހައްގުތަކާއި ދީނުގެ ވާހަކަތައް ސަރުކާރަށް ނިސްބަތްވާ އިސްބޭފުޅުން ދައްކަވަނީ އެހައްގުތައް ހިފަހައްޓައިގެން ތިއްބައިގެން ކަމަށް ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިފައިވާ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ކުނޫޒުގައި ބޭއްވި ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތައް ނިގުޅައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަށެވެ.

އިސްލާމްދީނާ ޚިލާފުނުވާ ގޮތަށް ދުލާއި ގަލަމުން ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިފައިވާ ކަމަށާއި މަގުތަކަށް ނުކުމެ ރައްޔިތުން މިހާރު ކުރަމުންދާ އިހުތިޖާޖަކީ ލިބިދީފައިވާ ހައްގެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ފުލުހުންވެސް ހުރަސް ނޭޅުމަށް އޭނާ ގޮވައިލެއްވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު މަޖިލީހަށް ވަނަނުދީ ހިފަހައްޓައިފައިވުމަކީވެސް އެތައް ރައްޔިތުންނެއްގެ ހައްގުތަކެއް ހިފެހެއްޓުން ކަމަށެވެ. އެހެންކަމުން އެ މެންބަރުންނަށް މަޖިލީހަށް ވަދެ މަސައްކަތް ކުރުމުގެ ފުރުސަތު ފުރިހަމައަށް ލިބިދިނުމަށް އޭނާވަނީ ސަރުކާރަށް ގޮވައިލައްވައިފައެވެ.

ވައްޑެ ވިދާޅުވީ މިފަދަ އެތައް ސަބަބުތަކާ ހެދި މިހާރު ފަށައިފައިވާ އިސްލާހީ މަސައްކަތަށް ހުއްޓުމެއް ނުގެނެސް ބާރަށް ކުރިއަށްގެންދަން ޖެހޭ ކަމަށެވެ. އޭރުން އެމަސައްކަތުގެ "މޭވާގެ ރަހަ" އަބަދަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.