ފަހަތަށް ޖެހުމެއްނެތް، އޮތްހާވެސް ކަމަކީ ރައީސް ޔާމީން ހުއްޓުވުން: ޖޭޕީ

އިދިކޮޅު އިއްތިހާދުން މިހާރު ކުރަމުންދާ މުޒާހަރާގައި ފަހަތަށް ޖެހުމުގެ އެއްވެސް ފުރުސަތެއްނެތް ކަމަށާއި އޮތްހާވެސް ފުރުސަތަކީ ރައީސް ޔާމީން ހުއްޓުވުމަށް ކުރިއަށް ގެންދާ އިހުތިޖާޖު ކުރިއަށް ގެންދިޔުން ކަމަށް ޖޭޕީން ވިދާޅުވެއްޖެއެވެ.

އިދިކޮޅު އިއްތިހާދުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ޑެޕިޔުޓީ ލީޑަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ދެން ފަހަތަށް ޖެހުމަކީނެތް ކަމެއް ކަމަށެވެ.

ފަހަތަށް ޖެހެވޭނީ ސަރުކާރުން މިހާރު ހިންގަމުންދާ ގާނޫނާ ޚިލާފު ހުރިހާކަމެއް ހުއްޓާލައި ގާނޫނީ މަގަށް ރޫޖުއަވެގެން ކަމަށެވެ. އެގޮތުން ފެބުރުއަރީ އެކެއްގައި ސްޕްރީމްކޯޓުގެ ފަސް ފަނޑިޔާރުން ނެރުނު އަމުރު ތަންފީޒު ކުރުމާއި، ބަންދުގައި ތިބި ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ދޫކޮށްލުމާއި، ގޮނޑި ގެއްލިފައިވާ ކަމަށް ބުނަމުންދާ މަޖިލީހުގެ 12 މެންބަރުންނަށް މަޖިލިހަށް ވަދެ މަސައްކަތް ކުރުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ހުސައިން ވިދާޅުވީ ރެއެކޭ އެއްފަދައިން މިރޭވެސް ހުއްޓުވާ މުޒާހަރާ އޮންނާނެ ކަމަށެވެ. ރޭ ބޭއްވި މުޒާހަރާވެސް ނިމުނީ ވަރަށް ކާމިޔާބު ކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ. ރޭގެ މުޒާހަރާއިން 141 މީހުން ބަންދުކުރި ކަމަށާއި، އޭގެ ތެރެއިން 139 މީހުން އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.