ދިވެހި ސަރުކާރު ވައްޓާލުމުގެ ފުރުސަތު ފުލުހުން ނުދޭނަން: ޝިފާން

ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ސަރުކާރު ވައްޓާލުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ފުލުހުން ނުދެއްވާނެ ކަމަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝިފާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މާދަމާ ބާއްވާ މުޒާހަރާއަކީ ސީދާ ސަރުކާރު ވައްޓާލުމަށް ބާއްވާ އެއްވުމެއް ކަމަށެވެ. އެހެންވީމާ އެއްފަދަ ފުރުސަތެއް އެއްވެސް ބަޔަކަށް ދިވެހި ފުލުހުން ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހި ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ހުޓުމަކަށް ގެނެސް ވައްޓާލުމުގެ ފުރުސަތެއް ނުވަތަ ދިވެހި ރާއްޖޭގެ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ނިމުމަކަށް ގެންނަން މިކުރާ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތެއް ދިވެހި ފުލުހުން ނުދޭނަން،" ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ މިހާރު މާލޭގެ މަގުތަކަށް ނުކުމެ އިދިކޮޅު ފަރާތްތަކުން ކުރާ މުޒާހަރާއަކީ ޣައިރުގާނޫނީ ކަމަކަށް ހިތްވަރުދީ އެފަދަ އަމަލެއް ކުރަން ގޮވާލައި ބާއްވާ މުޒާހަރާތަކަށްވާތީ އެފަދަ ކަންކަމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ރޭ ބޭއްވި މުޒާހަރާގައިވެސް ފުލުހުންނަށް ހަމަލާދިނުމަށް ރާވާފައިވާ ކަމަށާއި، ފުލުހުންގެ ގަޔަށް ޖަހަން ހަދައިފައިވާ 105 މިރުސް ފެން ޕެކެޓްވެސް ހޯދައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުލުހަކަށް ހަމަލާދިން މީހާކުވެސް ބަންދުކޮށްފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.