ތެޔޮބޯޓެއްގައި ރޯވެ ހަ މީހަކަށް ފަރުވާންދޭން ހޮސްޕިޓަލަށް ގެންގޮސްފި

ވިލިމާލޭ ފަޅުގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ 6 މީހަކަށް އަނިޔާވެއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް  ޢާޒިމް ވިދާޅުވީ އެ ބޯޓުގައި ރޯވި އަލިފާން ފެތުރި އެސަރަހައްދުގައި އޮތް އެހެން އުޅަނދެއްގައިވެސް ރޯވިކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގުމާއެކު އެމްއެންޑީއެފްގެ ފަޔަރުން ވަނީ އެސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައެވެ. ސިފައިންގެ މަސައްކަތުން އަލިފާން ނިވިފައިވަނީ ގަޑިއެއްހާއިރު ފަހުންނެވެ.

ޢާޒިމް ވިދާޅުވީ އަލިފާން ރޯވި ކަމުގެ މަޢުލޫމާތު ލިބިފައިވަނީ 10:40 ގައި ކަމަށެވެ. މިޙާދިސާގައި ފިހުނު 6 މީހުންނަށް ފަރުވާދިނުމަށް ފުރަތަމަ ގެންދިޔައީ ވިލިމާލެ ހޮސްޕިޓަލަށެވެ. އެތަނުން ފަރުވާދިނުމަށްފަހު އިތުރުފަރުވާ ދިނުމަށް 3 މީހަކު އައިޖީއެމް ހޮސްޕިޓަލަށް ޓްރާންސްފަރ ކުރިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިޙާދިސާގައި އެމްއެންޑީއެފްގެ ފަޔަރފައިޓަރެއްގެ ބޯ ފަޅައިގެންދިޔަ ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ.

ބޯޓުގެ އަލިފާން ނިވުނުއިރު ބޯޓުން އެކަކު މަދުކަމަށް ފުރަތަމަ މަޢުލޫމާތު ލިބުނެވެ. ފަހުން އެންމެންވަނީ ހަމަވެފައި ކަމަށް ޢާޒިމް ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުރަތަމަ އަލިފާން ރޯވީ "ރިޔާ 11" ނަމަކަށް ކިޔާ ތެޔޮ ބޯޓުގައެވެ. އޭގެ އަލިފާން ފެތުރި ރޯވީ ބަ. އަތޮޅު ފެރީގައި ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. މިހާދިސާގައި މި އުޅަނދުފަހަރަށް ލިބުނު ގެއްލުމުގެ މަޢުލޫމާތެއްވެސް ނޭނގެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.