އިދިކޮޅު ފަރާތްތަކުން ކުއްލި މުޒާހަރާއަކަށް މިރޭ ނުކުންނަނީ

ހުކުރުދުވަހު ބޮޑު މުޒާހަރާއެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށް މިއަދު ފުލުހުން ދެއްވި ޕްރެސް ސްޓޭޓްމެންޓަށްފަހު އިދިކޮޅުން ކުއްލި މުޒާހަރާއެއް މިރޭ ބާއްވަން ނިންމައިފިއެވެ.

މިއަދުގެ ޕްރެސް ސްޓޭޓުމެންޓުގައި ފުލުހުން ވިދާޅުވެފައިވަނީ ހުކުރު ދުވަހުގެ އެއްވުމަކީ ސަރުކާރު ވައްޓާލަން ބާއްވާ އެއްވުމެއް ކަމަށާއި އެފަދަ ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ކުނޫޒުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ހުކުރު ދުވަހަށް ބަލައިގެން ތިބޭވޭކަށްނެތް ކަމަށެވެ. އެހެންވީމާ މިރޭ އެންމެންވެސް މުޒާހަރާއަށް ނުކުތުމަށް އޭނާ ގޮވައިލެއްވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އާފަތިހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިރޭގެ އެއްވުމަކީ ޚާއްސަ އެއްވުމެއް ކަމަށެވެ. މިރޭގެ އެއްވުން ޚާއްސަކުރީ ފުލުހުން އެއްޗެއް ވިދާޅުވެގެންނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ސޯޅަވަނަ ދުވަހު މުޒާހަރާއެއް އޮތަސް މިހާރުވެސް ކޮންމެ ރެއަކު ނުކުމު އިހުތިޖާޖު ކުރުމުގެ މަސައްކަތް ކުރަމުންތާ މިދަނީ. މިރޭވެސް އޮންނާނީ އޭގެ ތެރެއިން ބާއްވާ ހަރަކާތެއް. ތަފާތަކީ މިރޭގެ ހަރަކާތް ޚާއްސަވުން. ހަރަކާތް ފަށާނީ މިރޭ އަށްގަޑި ބައިގައި،" ހަސަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިރޭ ހަރަކާތްއޮންނާނީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ސަރަހައްދުގައި ކަމަށެވެ. ޓީވީބަލަން ގޭގައި ނުތިބެ އެންމެވެސް އިސްލާހަށް ގޮވާލުމަށް އެތަނަށް އައުމަށް ހަސަން ލަތީފް އެދިވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.