އިދިކޮޅު އިއްތިހާދުގެ ޖަލްސާއަށްފަހު މާލެތެރެ ހަލަބޮލިކޮށްފި

MMM

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި ސިޔާސީ އެހެނިހެން ބައެއް ޕާޓީތައް ގުޅިގެން ރޭ މާލޭގައި ބޭއްވި ޖަލްސާއަށްފަހު ޖަލްސާގައި ބައިވެރިވި ބައެއް މީހުން މާލެތެރެއަށް ނުކުމެ ރަށުތެރެ ހަލަބޮލިކޮށް ރައްޔިތުންނަށް ދަތިވާގޮތަށް ޙަރަކާތްތައް ހިންގަން މަސައްކަތް ކޮށްފިއެވެ.

ސިޔާސީ ބައެއް ޕާޓީތަކުން އިންތިޒާމުކޮށްގެން ޚިޔާލު ފާޅުކުރުމަށް ރޭ މާލޭގައި ބޭއްވި ޖަލްސާގައި، ޚިޔާލުފާޅު ކުރުމަށް ފުރުޞަތުދީ އެސަރަޙައްދުގެ ސަލާމަތީ ކަންކަން ފުލުހުން ވަނީ ބަލަހައްޓާފައެވެ.

ސިޔާސީ ބައެއް ފަރާތްތަކުން ރޭ ބޭއްވި ޖަލްސާ ނިމިގެން ގޮސްފައިވަނީ އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިނގައި ޞުލްޙަވެރި ކަމާއެކުގައެވެ. މި ޖަލްސާ ބާއްވާފައިވަނީ އާޓިފިޝަލް ބީޗް ހިމެނޭ ސައްޙައްދާއި އެސަރަޙައްދު މަގުމަތީ ދުވާރު މަތީގައެވެ.

މިޖަލްސާ ނިމިގެން ޖަލްސާގެ ބައިވެރިން މާލޭގެ މަގުތަކަށް ނުކުމެ ރައްޔިތުންނަށް ދަތިކޮށް އުނދަގޫވާގޮތަށް އަޑުގަދަކޮށް މަގުމަތި ހަލަބޮލިކޮށް ސައިކަލްތަކުގައި ބަރުގޮނުއަޅަން ފެށުމުން ފުލުހުން ވަނީ އެކަން ހުއްޓުވައި މަގުތަކުގެ އަމާންކަން ދަމަހައްޓާފައެވެ.

ރޭގެ ޖަލްސާގައި އަދި ޖަލްސާ ނިމިގެން މާލޭގެ މަގުތަކަށް ނުކުމެ ޖަލްސާގެ ބައިވެރިން މަގުތައް ހަލަބޮލިކުރަން ކުރި މަސައްކަތް ހުއްޓުވުމުގައި އެއްވެސް މިންވަރަކަށް ފުލުހުން ބާރުގެ ބޭނުން ކޮށްފައެއް ނުވެއެވެ. އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ރޭގެ ޖަލްސާ އާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަން ކުރިޔަށް ދިޔައިރު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބިގެންދިޔަ އެއްބާރު ލެއްވުމަށް މިފުރުޞަތުގައިވެސް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ޝުކުރު އަދާކުރަމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.