ރީޙާން-ނަތާޝާ: 3

(10 މާރިޗު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރީޙާން އިށީނދެ އިނދެ ރަނގަޅަށް މޯޅިއަކަށް ދެމިލިއެވެ. ރީޙާން އާ އޭނަގެ ކޮއްކޮ އީމަންގެ އޮޑިޓް ފަރމްއާ ޙަވާލުކުރެވިފައިވާ ސާކިނާ ރިސޯޓްގެ އޮޑިޓް ކުރުމުގެ ބޮޑު މަސައްކަތުގެ ތެރެއިން މިއަދު ނިންމަން ބޭނުންވި ހުރިހައި މަސައްކަތްތަކެއް ނިމުނީ އެވެ. ހުޅުވާފައި ހުރި ހުރިހާ ފައިލްތައް ސޭވްކޮށްލާފައި ރީޙާން ލެޕްޓޮޕް ލައްޕާލިއެވެ. އެވަގުތު ފޯނަށް މެސެޖެއް އައެވެ. "ދަރިފުޅާ. މާ ލަސްނުކޮށް ނިދައްޗޭ. މަންމަ." މެސެޖް ކިޔާފައި ރީޙާންއަށް ހިނިތުންވެލެވުނެވެ. އޭނަގެ މަންމަ ފަހްމާ އަށް އޭނަގެ މިޒާޖާ ކަންތައްތައް ހުންނަ ގޮތް ކިތަންމެހާ ވެސް ރަނގަޅަށް ދަންނާނެ އެވެ. އޭނަ ފަތިސް ނަމާދަށް ހޭލަން ނިދާނެކަން އެއީ މަންމައަށް ދުވާލުގެ އިރު ޔަޤީންވާހެން ޔަޤީންވާނެ ކަމެކެވެ. އެކަމަކުވެސް ރީޙާން ރަށުން ބޭރުގައި އުޅެންޏާ ލަސްނުކޮށް ނިދައްޗޭ ބުނެ ހަމަ ކޮންމެ ރެއަކުވެސް މެސެޖް ކުރާނެއެވެ. ސަބަބަކީ މަންމަގެ ކޮންމެ ދަރިއެއް ރޭގަނޑު ނިދުމުގެ ކުރިން ލޯތްބާއެކު އެ ކުއްޖާއަށް އަލްވަދާޢު ކިޔުމަކީ ކުޑައިރުއްސުރެ މަންމަ ކޮންމެ ރެއަކު ކުރާ ކަމެކެވެ. މަންމަގެ ހުރިހާ ކުދިން މިިހާރު ކިތަންމެ ބޮޑެތި ވެފައި ތިއްބަސް އެ އާދަ އަދިވެސް ދޫކޮށްނުލައެވެ. މަންމަ ރީޙާން ދަންނަހެން ރީޙާން ވެސް މަންމަ ރަނގަަޅަށް ދަނެއެވެ. އޭނަގެ ޖަވާބު ނާންނަނީސް މަންމަގެ ލޮލަށް ނިދި ނާންނާނެކަން އިނގޭތީ މަންމަގެ މެސެޖްގެ ޖަވާބު ލިޔަން ފެށިއެވެ. "އާދެ، އާދެ. މި އުޅެނީ ނިދަން ދާން. ވަރަށް ހަނދާންވޭ." އަދި ހިނިތުންވުމާއި ހިތެއް ދައްކައިދޭ އިމޯޓިކަން ތަކަކާއެކު މެސެޖް ފޮނުވާލިއެވެ. ސިކުންތުކޮޅެއް ނުވެ އަނެއްކާ މަންމަ މެސެޖް ކުރިއެވެ. "މަންމަ ވެސް ދަރިފުޅު މަތިން ވަރަށް ހަނދާންވޭ. މިފަހަރު ވަރަށް ގިނަ ދުވަސްވެއްޖެދޯ. ބަލައިގެން އުޅޭތި. ދެން ދޭ ނިދަން."

މެސެޖް ކިޔާފައި ރީޙާން އަނެއްކާވެސް ހިނިތުންވިއެވެ. އެއާއެކު ހަމަ ކުއްލިއަކަށް މަންމަ ކައިރިއަށް ދާހިތްވެއްޖެއެވެ. ފާރުގައި އިން ގަޑިއަށް ބަލާލި އިރު ބާރަ ޖަހަން ހުރީ ހަތް މިނެޓެވެ. ވަގުތުން ތެދުވެ މޭޒުމަތީގައި ހުރި ކަރުދާސްތައް ބަރިއަކަށް ޖަހާލާފައި އޭގެ ތެރޭން ކޮންމެހެން އޭނައާއެކު ގެންދަން ޖެހޭ ލިޔެކިއުންތައް ނަގާފައި ލެޕްޓޮޮޕާއެކު އޭނަގެ ކޮނޑުގަ އަޅުވާ ދަބަހަށް ލައިފިއެވެ. އަދި ކޮޓަރީގެ ބޮކިތައް ނިވާލާފައި ނިކުމެ އެ ކޮޓަރީގެ ދޮރު ތަޅުލާފައި ބާރަށް ހިނގާފައި ގޮސް އޭަނައާ އީމަން ތިބެން ރިސޯޓުން ހަމަޖައްސައިދީފަ ހުރި ކޮޓަރިއަށް ވަދެ ދުވަން ލާ ބޫޓު އަލަމާރިން ނަގައި ކޮތަޅަކަށް ލާފައި އެއާއި ފޯނުގެ ޗާޖަރު ދަބަހަށް ލައިފިއެވެ. އަދިި ދަބަސް ކޮނޑުގަ އަޅުވަމުން ކޮޓަރީގެ ތަޅުދަނޑި ކާޑާއި ފޯނު ހިފައިގެން ނިކުމެއްޖެއެވެ.

ކޮޓަރީގެ ދޮރު ތަޅުލަމުން ފޯނުގެ ގަޑިއަށް ބަލާލިއެވެ. ބާރަ ޖަހަން މިހާރު ތިން މިނެޓަށް ވެއްޖެއެވެ. އީމާންގެ އަންހެނުން ޝަފްޤާ ތަންކޮޅެއް ބޮޑަށް ބަލިވެ އުޅޭތީ މާލެއަށް ގޮސްފަ އަންނަންވެގެން މިރޭ ފުރާ ގެސްޓުން ގޮވައިގެން ބާރަ ޖަހާއިރު ނައްޓާލާ ލޯންޗުން އީމަން ދާނެއެވެ. ރީޙާން ވެސް އޭނައާއެކު ދާން އީމަން އެދުނެވެ. އެކަމަކު ރީޙާން ހުރީ އޮޑިޓް ގެ މަސައްކަތް އަވަހަށް ނިންމަން ބޭނުންވެފައެވެ. އޭނަ އީމަން ކައިރީ ބުނެފަ އޮތީ އޮފީހުގަ މިއަދަށް ނިންމަން ކަނޑައަޅާފައި ހުރި ބައިތައް ނިންމާލާފައި ބާރަ ޖަހަންވާއިރަށް އޭނައަށް ލޯންޗް ދޮށަށް ނާދެވިއްޖެއްޔާ އޭނަ ނުލާ ފުރުމަށެވެ. މީގެ އިރުގަނޑެއް ކުރިން، އީމަން ފުރަން ތައްޔާރުވެގެން ލޯންޗް ދޮށަށް ދަމުން އެމީހުން އޮޑިޓް މަސައްކަތްކުރާ އޮފީސް ތެރެއަށް ބޯދިއްކޮށްލި އިރު ވެސް ރީޙާން ހުރީ އަތް އޮޅާލައިގެން ހޭބޯނާރާ މަސައްކަތް ކުރާށެވެ. މަސައްކަތް ނުނިމޭނެހެން ހީވާތީ އޭނައަށް އިންތިޒާރުނުކޮށް ފުރާށޭ ރީޙާން ބުނުމުން އޭރު އީމަން ލޯންޗް ދޮށަށް ދިޔައީއެވެ. ޝަފްޤާ އާ އީމަންގެ ފުރަތަމަ ދަރިފުޅަށް ޝަފްޤާ ބަލިވެ އިނީއްސުރެ އޭނަ އުޅެނީ ބަލިކޮށެވެ. އެހެންވެ ސާކިނާގެ އޮޑިޓަށް އީމަން ނުގެނެސް ރީޙާން އެހެން ކުއްޖައާއެކު އޮޑިޓް ނިންމާލަފާނަމޭ ބުނީމަވެސް އީމަން އެގޮތަށް އެއްބަހެއް ނުވިއެވެ. ސާކިނާ ގެ އޮޑިޓްއަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް މަސައްކަތަށް ވާނެތީ އެ މަސައްކަތް ވީހާވެސް ރަނގަޅަށް އަދި އަވަހަށް ނިންމުމަށްޓަކައި ބޭބެ އަށް އެ މަސައްކަތުގައި އެހީތެރިވާން އީމަން ކޮންމެހެންވެސް ބޭނުންވީއެވެ. އެހެންވެ އޭނަ އައީ ޝަފްޤާ އެމީހުންގެ މަންމަމެން ގެއަށް ލާފައި މަންމައާ ފަހަރިމެންނާ ޝަފްޤާ ޙަވާލު ކޮށްފައެވެ. އެކަމަކުވެސް އީމަން އަށް އަސްލު ޝަފްޤާ ދޫކޮށްލާފައި އަންނަން ފަސޭހަނޫން ކަން ރީޙާން އަށް ކިތަންމެ ރަނގަޅަށްވެސް އެނގެއެވެ. ކަންމިހެން އޮއްވާ މިއަދު ހަވީރުއްސުރެ ޝަފްޤާ މާބޮޑަށް ހޮޑުލައި ބަނޑުގައި ރިއްސާ ވާހަކަ އިވުނީމަ އީމާން ހުރީ ވަަރަށް ދެރަވެފައެވެ. މިތަން ފެނިގެން ރަށަށް ގޮސްލާފަ އަންނަ ޚިޔާލު ދިނީވެސް ރީޙާން އެވެ. އެހެންވެ ރީޙާންއާ ހެދި އީމަން އަށް ނުފުރޭގޮތް ވާކަށް ރީޙާން ބޭނުމެއް ނޫނެވެ. އެކަމަކު އޭރު އަމިއްލައަށް މާލެ ދާޚިޔާލެއް ނެތަސް މިހާރު އީމަން އާ އެކީ ގޮސްލާފަ އައުން ރަނގަޅު ކަމަށް ރީޙާން އަށް ވިސްނުނެވެ.

ކޮޓަރި ތަޅުލުމަށް ފަހު ލޯންޗް ނުފުރަނީސް އެހިސާބަށް ލައްވާލާތޯ ދުޢާކުރަމުން ފާލަމަށް ދާން ތިރިއަށް ދިއުމަށްޓަކައި ހަމަހިމޭންވެފައި އޮތް ކޮރިޑޯތެރޭން ވަރަށް ބާރަށް ދުއްވައިގަތެވެ. ފާރާ އިންވެގެން ހުރި ސިޑިބަރިން ވިދުވަރެއްހެން ފައިބައިގެން އައިސް އެޅުނީ އެއް ފިޔަވަޅެވެ.

ކަނާތް ފަރާތަށް ގޯޅި އެޅުމާއެކު ހެސްކިޔާފަ މީހަކާ މުޑިއަރައި ދެމީހުންވެސް ނިކަން ބާރަށް ވިއްސައިގެން ދިޔައެވެ. ބިއްލޫރި ތަޅައިގެން ދިޔަ އަޑަކާއި ބަރު އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. ރީޙާން ވެއްޓުނު ވަރަށް ވުރެ ހަލުއިކަމާއެކު ތެދުވެއްޖެއެވެ. އެކަމަކު އޭނައާ މުޑިއަރާފައި ވެއްޓުނު އަންހެން ކުއްޖާ އަދިވެސް އޮތީ ބިންމަތީގައެވެ. އެކުއްޖާގެ ވަށައިގެން ބިއްލޫރި އެތިކޮޅު ތަކާއި ކުލަ ފިހި ތަކާއި ލަކުޑިިގަނޑަކާ ކަރުދާސްތައް ބިންމައްޗަށް ފެތުރިފައި އޮތެެވެ. ކަޅު ހަރުވާޅަކާ އަތްދިގު ކަޅު ޓީޝަރޓެއް ލައިގެން ހުރި އެކުއްޖާގެ މުށިކުލައިގެ އިސްތަށިގަނޑު ފެނުމާއެކު ރާއްޖޭން ބޭރު ކުއްޖެއްކަން އެނގުނެވެ.

ރީޙާން ލަދުގަތެެވެ. އޭނައަކީ ޢާއްމުކޮށް ވަރަށް މަޑުމައިތިރި ކަމާއެކު ހަމަޖެހިގެން ކަންތައް ކޮށްއުޅޭ މީހެކެވެ. ވަކިން ޚާއްސަކޮށް މީހަކަށް އަނިޔާއެއް ލިބިދާނެތީ ވިސްނައިގެން އުޅޭ މީހެކެވެ. އެކަމަކު އެންމެ ފަހަރަކު އަވަސް އަރައިގަތުމުގެ ސަބަބުން އޭނަގެ އަތުން މިއަދު މިއޮތީ މީހަކަށް އަނިޔާ ވެެސް ވެފައެވެ.

***

ވީގޮތެއް ނަތާޝާއަކަށް ނޭނގުނެވެ. އެއް ސިކުންތުގައި އޭނަގެ ކޮޓަރިއަށް ދާން ހިނގަހިނގާ ހުރެފައި އަނެއް ސިކުންތުގައި ހީވީ އުދުއްސައިގަނެވުނީ ހެންނެވެ. ވިއްސައިގެންގޮސް ތަށިމުށި ޖަހާފައި ހުރި ތަޅުމުގައި ބޯ ޖެހުނުލެއް ބާރުކަމުން ތަރިބުރައިގެން ދިޔައެވެ. ހިނދުކޮޅެއް ވަންދެން ހިރިލަންވެސް ނޭނގިފައި ހަމަ އޮވެވުނީއެވެ. ދެން ތެދުވަންވެގެން ފައި ޙަރަކާތްކޮށްލުމާއެކު ސިކުންތުކޮޅަކަށް ނަތާޝާގެ ލޯމައްޗަށް އަނދިރިވެގެންދިޔައެވެ. ތަދުވީލެއް ބޮޑުކަމުން ހަށިގަނޑުން ވަރު ދޫވެގެން ދިޔައެވެ.

އޭނަގެ ފަޔަށް ވަރަށް ބޮޑު އަނިޔާއެއް ވެއްޖެކަމާމެދު އެއްވެސް ޝައްކައް ނެތެވެ. އޭނަގެ ފައި ހަމަ ބަލަހައްޓައިގެން ހުއްޓައި އެއޮށް ދުޅަވަނީ އެވެ. ތަދުވާލެއް ބޮޑުކަމުން ބޭއިޚްތިޔާރުގައި ހޯސްލާފައި ލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. ކަރުން އަޑުވެސް ނެރެވޭ ވަރެއް ނޫނެވެ.

ވަމުން ދިޔަ ތަދާ އެއްކޮށް ސިކުނޑިއަށް އުދަގޫ ކުރަންފެށީ އެތައް އަހަރުތަކެއްވެފައިވާ ނުބައި ހަނދާންތަކެކެވެ. އެއާއެކު މޭނުބައި ކުރާ ގޮތްވެ އޯކާދެމެން ފެށިއެވެ.

މަންޒަރު ބަލަން ހުރި ރީޙާން ވަރަށް ހާސްވެއްޖެއެވެ. ރިސޯޓްގެ އިމަޖެންސީ ނަންބަރަށް ގުޅާފައި އޭނަ ހުރި ތަނާއި ވީގޮތް ކިޔާދީފައި ބޭސްފަރުވާގެ ކަންތައް ކުރިއަށް ގެންދާނެ މީހަކާއެކު ދުއްވާ އެއްޗެއް އެ ދިމާލަށް ވަގުތުން ފޮނުވައި ދިނުމަށް އެދުނެވެ.

ފޯނު ނިންމާލާފައި ޖީބަށް ފޯނު ލުމަށްފަހު ވެއްޓިފައި އޮތް ކުއްޖާއަށް އެހީތެރިވުމަށްޓަައި އޭނަ ކައިރިއަށް ތިރިވިއެވެ.

"އަހަރެން ވަރަށް ބޮޑަށް މަޢާފަށް އެދެން. ބަލަންވާވަރަށް ނުބަލާ މާބާރަށް އާދެވުނީ. އަހަރެންގެ ސަބަބުން ކަލެއަށް ވަރަށް އަނިޔާ ވެއްޖެ. ވަރަށް ބޮޑަށް މަޢާފަށް އެދެން. މިހާރު ގުޅައިފިން އިމަޖެންސީ ނަންބަރަށް. ވަރަށް އަވަހަށް އެހީ އަންނާނެ." ލަދުވެތިކަމާ އޯގާތެރިކަމާއެކު ރީޙާން އެ ކުއްޖާއާ މުޚާޠަބު ކުރަމުން ވެއްޓިފައިވާ ކަރުދާސްތަކާއި ފިހިގަނޑުތައް އެއްކުރަން ފެށިއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.