(11 ފެބްރުއަރީ 2017 ގައި ޝާއިއު ކުރި ބަޔާ ގުޅޭ)
ރުބީން ތައްޔާރުވާން ފެށިތާ އިރުގަނޑެއް ވެއްޖެއެވެ. ފައިހާ ގެ ބުރަކަށީގެ ތަންކޮޅެއް ހިރުވާ ވަރުން މިހާރު އޮވެވެނީ އެއް ނޫނެވެ. އެކަމަކު ރުބީން އަށް އޭނާ ހޭލާއޮތް ހެން ހީވާކަށްވެސް އޭނަ ބޭނުމެއް ނޫނެވެ. ހިތާހިތުން ރުބީން އަވަހަށް ނިމިގެން ކޮޓަރިން ނިކުމޭތޯ ދުޢާކުރަން ފެށިއެވެ. އިރުކޮޅަކުން ރުބީން ތަޅުދަނޑިތައް ނެގި އަޑު އިވުނެވެ. އަދި ކޮޓަރިން ނިކުންނަން ހިނގައިގަތް އަޑު އިވުނެވެ. އެއަށްފަހު އަޑެއް ނީވި އިރުކޮޅެއް ވެފައި ކޮޓަރީގެ ދޮރު ހުޅުވާލާފައި އަނެއްކާ ލައްޕާލި އަޑު އިވުނެވެ. އެއާއެކު ފައިހާ އަވަސް އަވަހަށް ތެދުވެ އިށީނދެއްޖެއެވެ. އަދި ބުރަކަށީގެ ހިރުވާ ތަން ބާރަށް ކަހައިގަތެވެ. ހިރުވުން ރަނގަޅުވުމުން ފާރުގައި އިން ގަޑިއަށް ބަލާލިއެވެ. މިއަދު ރުބީން އެދިޔައީ އެހެން ދުވަހަށް ވުރެ މާއަވަހަށެވެ. އޭނައަށް ވެސް ހޭލެވުނީ ގާތްގަނޑަކަށް ރުބީން އާ އެކުއެކީގައެވެ. ރުބީންގެ ފޯން ރިންގުވާން ފެށުމުންނެވެ. ހޮސްޕިޓަލުން އައި ފޯނެއްކަން ދެއްކި ވާހަކަތަކުން އެނގުނެވެ. ރުބީން އަކީ ލޭ ހަދިޔާ ކުރާ މީހެއްކަން އޭނައަށް އޮތީ ކައިވެނީގެ އެންމެ ފުރަތަމަ ދުވަހުވެސް އެނގިފައެވެ. އެދުވަހު ރުބީން ދިޔައީ އޭނަގެ ތިމާގެ މީހަކަށް ލޭހަދިޔާ ކުރަން ލޭ ޓޭސްޓު ކުރާށެވެ. ލޭ ހަދިޔާކުރުމުގެ ދީލަތި ޢަމަލުގެ ސަބަބަކުން ފައިހާ ގެ ހިތުގައި ރުބީންއާ ދެތޭރޭ ވަކި އިތުރު އިތުބާރެއް ނުއުފެދެއެވެ. އޭނަގެ ދައްތަގެ ކުރީގެ ފިރިމީހާވެސް ލޭ ހަދިޔާ ކުރާކަން ދައްތަގެ ފަރާތުން އެނގެއެވެ. ހިލޭ މީހުންނަށް ލޭ ހަދިޔާ ކޮށްފައި އޭނަގެ އަމިއްލަ އަނބިމީހާއަށް އަނިޔާކުރެއެވެ.
ފައިހާ ޚިޔާލުތަކުގައި ހުރެ އެނދުން ތެދުވެ އެނދުގެ ފޮތިގަނޑު ކޮންމެވެސް ވަރަކަށް ރަނގަޅު ކޮށްލާފައި ކުޑަ ދޮރު ކައިރިއަށް ދިޔައެވެ. ކުޑަދޮރުގެ ފޮތިގަނޑު ކުޑަކޮށް އެއްފަރާތްކޮށްލާފައި ބަލައިއިރު ރުބީން ގެ ކާރު ގޯޅިން އަޅާލިތަން ފެނުނެވެ. ކުޑަ އިރުކޮޅަކު މަގުމަތިން ފެންނަ މަންޒަރުތަކަށް ބަލަން ހުރުމަށްފަހު ފޮތިގަނޑުން ދޫކޮށްލާފައި ގޮސް ތުވާލި ނަގައިގެން ފާޚާނާއަށް ވަދެއްޖެއެވެ.
ފެންވަރައިގެން ތައްޔާރުވެލައިގެން އައިސް ބަދިގެއަށް ވަދެ ރޭގައި ޓީ.އެލް.ސީ. އިން ދެއްކި ކައްކާ ޕްރޮގްރާމެއްގައި ފެނުނު ދެތިން ވައްތަރެއް ތައްޔާރުކުރަން ބޭނުންވާނެ ސާމާން ހުރިތޯ ބަލާލިއެވެ. މީގެ ދެ ރޭ ކުރިން އެއްޗެހި ގަންނަން ބާޒާރަށް ރުބީން ދިޔަކަން ފައިހާއަށް އެނގެއެވެ. އެއީ ފައިހާ އެއްވެސް އެއްޗެއް ގަންނަން އޭނައާއެކީ ދާން ބޭނުންތޯ އެރޭ އޭނަ ކައިރިން އެހީމައެވެ. ފައިހާ ސޯފާގައި އޮށޯވެ އޮތް ތަނުން ގުޑާވެސް ނުލާ އެއްވެސް އެއްޗެއް ބޭނުމެއް ނުވެޔޭ ބުނެފައި އޭނަ ކިޔަން އޮތް ފޮތް ކިޔުމާއިގެން ކުރިއަށް ދިޔައީއެވެ. އެއްޗެހި ލާފައި ހުންނަ ކަބަޑުތައް ބަލައިލުމުން ރުބީން ހުރީ ކުރިން ހުރި ހުރިހާ އެއްޗަކާއި އަދި ކުރިން ނެތް ބައެއް އިތުރު އެއްޗެހިވެސް ދެ ހަފްތާއަށް ވާ ވަރަށް އަނެއްކާވެސް ގަނެފައިކަން އެނގުނެވެ. އެދެމީހުން ކައިވެނި ކޮށްގެން މި ގެއަށް އައިފަހުން އަދި އެންމެ ފަހަރަކުވެސް ފައިހާ އަމިއްލައަށް އެއްޗެއް ގަންނަން ޖެހިފައެއް ނެތެވެ. ކުރަން ބޭނުން ނުވިޔަސް ހިތާހިތުން ތަޢުރީފް ކުރެވުނެވެ. ރުބީން އަކީ އޭނަ ދަންނަ އެހެން ފިރިހެނުންނާ ޚިލާފަށް ބަދިގޭގެ ކަންތައްތަކުގައި އުޅުމަށް ޖެހިލުންނުވާ ތާނގަައި އެކަންކަމަށް އެހާ ފަރިތަވެސް މީހެކެވެ. އެކި އެއްޗެހި ކައްކަނީވެސް އަދި ތައްޔާރުކުރަން ބޭނުންވާނެ ހުރިހާ ސާމާނެއް އަބަދުވެސް ހޯދާފައި ބަހައްޓަނީ ވެސް ފައިހާގެ އެއްވެސް އެހީތެރިކަމަކާ ނުލައެވެ. އެފަދަ އެހެން މީހަކަށް އޭނަ ދުށީ އޭނަގެ ބައްޕަ އެކަންޏެވެ.
ފައިހާ ބޭނުންވާ ހުރިހާ އެއްޗެއް ކަބަޑުތަކުން ނަގައި މޭޒުމަތީގައި ބެހެއްޓުމަށްފަހު ކުޑަ އިރުކޮޅެއް ތެރޭގައި ވަރަށް މީރުކޮށް ހެނދުނުގެ ނާސްތާއެއް ތައްޔާރުކޮށްލިއެވެ. އަދި ކައިނިމިގެން ބާކީ ހުރި އެއްޗެހި މަތިޖަހާފައި އައިސްއަލަމާރިއަށް ލިއެވެ. އެވަގުތު ފޯނަށް މެސެޖެއް އައެވެ. ބަލާލިއިރު ރުބީންގެ މެސެޖެކެވެ. "މިރޭ ފައިހާއާ މަށާ ދެމީހުން ފައިހާގެ ބައްޕަގެ ގެއަށް ދާން އެބަޖެހޭ. ބައްޕަ އަށް ދެންމެ ގުޅާފައި އަންގައިފިން. ބުނީ މަޢްރިބް ނަމާދުން ފައިބައިގެން އަންނާށޯ. އަހަރެން ހަގަޑި ސާޅީސްފަހެއް ވާއިރަށް ފައިހާ ބަލާ ދާނަން. ތައްޔާރުވެގެން ހުންނާތި. -ރުބީން-"
ފައިހާ ވިސްނާލިއެވެ. ބައްޕަ އަންނަން ބުނެފިއްޔާ ނޫނެކޭ ނުބުނެވޭނެއެވެ. އަދި ރުބީން އާ ވަކިން ގޮއްސިއްޔާ ވަރަށް ސުވާލު ގިނަވާނެއެވެ. "މައްސަލައެއް ނެތް. ތައްޔާރުވެގެން ހުންނާނަން." މެސެޖުގެ ޖަވާބު ފޮނުވާލިއެވެ.
އެއްޗެހިތައް ކަބަޑުތަކަށް ލައި ބަދިގެ އަނެއްކާވެސް ތަރުތީބުކޮށްލުމަށްފަހު ކޮޓަރިއަށް ދިޔައެވެ. އަދި އަލަމާރިން އޭނަގެ ޑައިރީ ނަގައިގެން އައިސް އެނދުމަތީގައި ޖައްސާލައެވެ. އަދި އިރުކޮޅަކު ވިސްނާލަން އޮވެފައި ލިޔަން ފެށިއެވެ.
"ޑައިރީގައި ނުލިޔާތާ ވަރަށް ދުވަސް ވެއްޖެއެވެ. އަހަރެން އެންމެ ފަހުން ޑައިރީ ގައި ލިޔުނު އިރު އަހަންނަކީ މިނިވަން ހުސްހަށިބައި މީހަކީމެވެ. މިއަދު އަހަރެންނަކީ ކައިވެނީގެ ވާފަށަކުން ބަނދެވިފައިވާ މީހެއްގެ އަމުރަށް ކިޔަމަންވާން ޖެހޭ މީހަކީމެވެ. އަހަރެންނަށް އަމުރުކުރުމުގެ ބާރު ލިބިފައިވާ މީހާއަށް ކިޔަނީ ރުބީން އެވެ. ފެންނަ ފެނުމަށް ހުރިހާ ކަމެއް ރީތި މީހެކެވެ. ސިފަވެސް، އަޚުލާޤުވެސް، ބަސްމަގުވެސް، އުޅުންވެސް ރީއްޗެވެ. ކައިވެންޏަށް އެއްމަހާ ބައި ވީއިރު އަދިވެސް އޭނަގެ ފަރާތުން އެއްވެސް ނޭދެވޭ ކަމެއް ނުފެނެއެވެ. އެކަމަކު ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ހުށިޔާރުކަން އަހަރެންގެ ހިތުން ކުޑަވާގޮތެއް ނުވެއެވެ. މި ހުރިހާ ރީތިކަމަކީ ބިރުވެރިކަމެއްގެ ކުރިމަތީގައި ދަމާފައިވާ ބިލާހެއް ފަދަ ފަރުދާއަކަށް ނުވެދާނެކަމަށް އަދިވެސް ޤަބޫލުކުރަން ބޭނުމެއް ނުވެއެވެ. އަހަރެން މިދަނީ އެ ފަރުދާ ކަހާލަން މަޖުބޫރުވާފަދަ ކަންތައްތައް ރުބީން އާ ކުރިމަތިކުރުވަމުންނެވެ. އަހަރެން މީ މީހަކާ އިނދެގެން އުޅޭ މީހެކޭ ޙަޤީޤަތް ކައިރިން ފެންނަ އެއްވެސް މީހަކު ނުބުނާނެއެވެ. އެކި ކަންކަމަށް ފަރުވާ ކުޑަ ކުރުމުގައި އިންތިހާ އަށް ދަމެވެ. ނަމަވެސް އެކަމާ ބެހޭގޮތުން ރުބީން އެއްޗެކޭ ބުނަފައެއް ނެތެވެ. އަހަރެން މީގެ އަހަރުތަކެއް ކުރިން ހިންދީ ޑްރާމާ ބަލައިއުޅުނަސް މިހާރަކު ބަލާހިތެއް ނުވެއެވެ. އެކަމަކު މާބަލާހިތްވާ އެއްޗެހިތަކަކަށް ހަދައިގެން އޭގެ ބޭނުންކޮށްގެން ގިނަ މަސްއޫލިއްޔަތު ތަކުން އެބަ ރެކެމެވެ. ރުބީންގެ އުޞޫލަކީ ހުރިހާ ކަމެއްވެސް އޭނަ އަމިއްލައަށް ކޮށްލުމެވެ. އެކަމާ ގުޅިގެން ނުރުހުމުގެ އެއްވެސް ބަހެއް އޭނާ އަދި ހަމަ ގައިމުވެސް ނުބުނެއެވެ. ދެތިން ފަހަރަކު ކޮންމެވެސް ބޮޑު ވާހަކަ އެއް އަހަރެންނާ ދައްކަން އުޅޭހެން ހީވިއެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް އެއްވެސް އެއްޗެކޭ ނުބުނެ އޭނަ ދަނީއެވެ. ނުވިތާކަށް އަހަރެންނަށް ވަރަށް ހެވެވެ. ކޮންމެ ރެއަކު ކާން ތައްޔާރުކޮށްގެން ގޮވައެވެ. އަހަރެންގެ އެއްޗެހި ދޮންނަ ވަށިގަނޑުގައި ހުރިއްޔާ އޭނަގެ އެއްޗެހި ދޮންނަ އިރު ދޮވެލައެވެ. އޭނަ އަމިއްލައަށް އަހަރެމެންގެ ކޮޓަރިއާ ފާޚާނާ ސާފުކުރެއެވެ. ގޭތެރެ ސާފުކުރަން ކޮންމެ ދުވަހަކު އަންނަ ބޭރު މީހާއަށް އަހަރެމެންގެ ކޮޓަރިއަށް ވަނުން ރުބީން އޮންނަނީ މަނާ ކޮށްފައެވެ. ކޮޓަރީގެ އެނދުގެ އަހަރެން ނިދަން އޮންނަ ފަރާތުގައި ހުންނަ ކަބަޑު މަތީގައި ބަހައްޓާފައި ހުންނަ ކުޑަކުޑަ މާ ޓުކުރީގައި އަބަދުވެސް ތާޒާ މަލެއް ޖަހާފައި ހުރެއެވެ. އައިސްއަލަމާރީގައި އަބަދުވެސް އައިސް ކްރީމް ހުރެއެވެ. އަހަންނަށް އެނގެނީ އޭނަ ދުވަަހަކުވެސް އައިސް ކްރީމް ނުކާކަމެވެ. އޭނައަށް މީރީ ނޫންކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. އެނގޭ އެއްޗަކީ އެ އައިސްކްރީމް ތަށިތައް ކަނީ އަހަރެން އެކަނި ކަމެވެ. އެހެންވެ، ޤަބޫލުކުރަން ބޭނުން ނުވިޔަސް ޙަޤީޤަތަކީ ރުބީން އަހަންނަށް ކަމުދާ ކަންކަމާ ކަމުނުދާ ކަންތައް ކޮންމެވެސް ގޮތަަކަށް ދަސްކޮށްގެން އެކަންކަމަށް ސަމާލުކަން ދޭކަމެވެ. ހަތިޔާރު ބަހައްޓަން ވީހެއްޔެވެ؟ ނޫނެކެވެ. އަދި މާ އަވަހެވެ. އޭނަގެ އެ ރަނގަޅުކަމަކީ ކަށީގައި ހުރި ކަމެއްކަން ނޫނީ ބޭރުފުށުން އުނގުޅާފައިވާ ކުލައެއްކަން ޔަޤީން ވާވަރުގެ ކަމެއް އަދި ނުކުރެވެއެވެ."
މިހާ ހިސާބަށް ލިޔެވުނު ތަނާ ފޯނަށް މެސެޖެއް އައެވެ. "މިރޭ ބައްޕަމެން ގެއިން ނިމިގެން ދެމީހުން އެކަނި ވާހަކަ ދައްކާލަން ވަގުތުކޮޅެއް ދިނުން އެދެން. ވަރަށް މުހިއްމު ވާހަކައެއް ދައްކާލަން އެބަޖެހޭ. -ރުބީން-" ފައިހާގެ ހިތް ކުއްލިއަކަށް ބާރުބާރަށް ތެޅެން ފެށިއެވެ. އޭނައަށް ކުރެވުނު ހީތައް ޤަޤީޤަތަކަށް ވަނީ ބާވައެވެ. އެންމެ ފަހުން ރުބީން އަށް އޭނައާއެކީ އުޅުން ކެތްކުރެވޭ ވަރުގެ ކަމަކަށް ނުވީ ކަންނޭނގެއެވެ. ބައްޕަ ކައިރީ އޭނައާ ވަކިވާން ބޭނުންވާ ވާހަކަ ބުނަން އުޅެނީ ކަންނޭނެގެއެވެ. ރުބީން ބައްޕަ ކައިރީ ބުނާނީ ކީކޭ ބާވައެވެ؟ އެވާހަކަތައް އަޑުއިވިފައި މަންމަ އާ ބައްޕައަށް ވާނީ ކހިނެތް ބާވައެވެ؟ އޭނަ ހަދަންވީ ކިހިނެތް ހެއްޔެވެ؟ - ނުނިމޭ -