އަޖައިބެކެވެ. އަހަރެންނަށް އޭނަ ނުފެންނަ ގޮތަށް އުޅެވޭތޯ މަސައްކަތް ކުރާ ވަރަކަށް އޭނަ އަހަރެންނާ ދިމާވާލެއް ހައްތަހާ ވަނީ ގިނައެވެ.
މަޑުމަޑުން ކަނާތްފަރާތަށް މޫނު އެއްކޮށް އަނބުރާލާފައި ފިހާރަތަކުގެ ބިއްލޫރި ދޮރުތަކުން ފެންނަ އެއްޗިއްސަށް ބަލަން ފެށީމެވެ. އަދި ވާތްފަޅިން ހިނގާފައި އަންނަމުން ދިޔަ ސަޢާދު އަހަންނާ އަރާ ހަމަވުމުގެ ކުރިން އެންމެ ކައިރީގައި އޮތް ގޯޅިން އެޅޭތޯ ހިނގުންވެސް ބާރުކޮށްލީމެވެ. ސަޢާދު އައީ އުރާލައިގެން ހުރި ކުޑަކުއްޖާއަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދައްކަމުން ކަމަށް ވާތީ އޭނާއަކަށް އަދި އަހަންނެއް ނުފެންނާނެއެވެ.
ކުރިންވެސް ބުނީމެއް ނޫންހެއްޔެވެ. އަހަރެން ފިލަން މަސައްކަތް ކުރި ވަރަކަށް މަގުތައް ބަންދުވާލެއް ވަނީ ގިނައެވެ. ކުއްލިއަކަށް ފަހަތުން މީހަކު އަތުގައި ހިފައިފިއެވެ. "އޭއި. ހުމައިރަތޫ. ސާބަސް ސާބަސް. ކައިރިން ދާއިރުވެސް މިހާރު ހަމަ ނުފެންނަ ކަމަށޭ ދޯ މިހަދަނީ."
އެނބުރި ބަލައިލީމެވެ. މަގޭ އަތުގައި ހިފީ އަމީރާއެވެ. މީގެ ދެ އަހަރު ކުރިން މަށާ އެއް އޮފީހެއްގައި މަސައްކަތް ކުރި އޭރުގެ އެންމެ ގާތް އެއް ރަޙުމަތްތެރިޔާއެވެ.
އަހަރެން އޭނަ ފެނުމުން ވަރަށް އުފާވިއެވެ. އަހަރެން މާލް އައިތާ ފަސް ހަފްތާ ވީއިރު އަދި ކުރީގެ އެއްވެސް ރައްޓެއްސަކާ ދިމައެއް ނުވެއެވެ.
އަމީރާ އާ ސަލާމް ކޮށްލަމުން ހިފެހެއްޓުމެއް ނެތި ހިނިތުންވެލެވުނެވެ. "އަޅޭ، އަމީރާ. ސޮރީ. ފިހާރަތަކުގަ ހުރި އެއްޗެހި ބަލަން ހަދައިގެން ހަމަ ނުފެނުނީ. ހާދަ ދުވަހެއް ވެއްޖެއޭ ދޯ ދިމާ ނުވާތާ. ކިހިނެތްތަ ޙާލު އަޙުވާލު"
"މިހާރު ދެން ހާލެކޭ ކުކުޅެކޭ ކިޔާނެ ކަމެއް ނެތް. މިހިރީ ހަމަ ފެންނާކަށްނު. ޙާލު ބަލަން ބޭނުން ނަމަ މި ވޭތުވި ދެ އަހަރު ތެރޭގަ ބެލީސް. ހުވާ މިބުނީ މީ ވަރުގަދަ އަންހެނެއް. ހަމަ ލޯމަތިން ގެއްލޭ އިރަށް އެންމެން މަތިން ހަނދާން ނައްތާލައިފި. އެކަމަކު އަހަރެން ހިޔެއް ނުކުރަން އިނގޭ އެންމެން މަތިން ހުމާ ހަނދާން ނައްތާލިޔަސް މަ ދޫކޮށްލާނެއެކޭ. ވަރަށް ދެރަވި ދިޔަ ގޮތަށް ޚަބަރެއް ނުވީމަ"
އަހަރެން ލަދުގަތެވެ. އަދި އެއަށް ވުރެ ބޮޑަށް ދެރަވިއެވެ. ސަބަބަކީ އަމީރާ ބުނީ މުޅިންވެސް ތެދުކަމަށް ވާތީއެވެ. އަހަރެން އެންމެންނާ ދުރުވީއެވެ. އެ ޙަޤީޤަތުގެ ފަހަތުގައިވާ ސަބަބު ކިޔައި ދިނުމަކީ އަހަންނަށް ފަސޭހަ ކަމަކަށް ނުވިޔަސް އަމީރާގެ މޫނުމަތިން އޭނަ ދެރަވިވަރު އެނގޭތީ ބުނެދެވޭތޯ މަސައްކަތް ކުރަން ބޭނުންވިއެވެ.
ނަމަވެސް އޭގެ ކުރިން ސަޢާދު އައިސް އަހަރެމެންނާ އަރާ ހަމަ ވިއެވެ. "އަމީރާ. އައްސަލާމް ޢަލައިކުމް. ކިހިނެތްތަ؟"
"ވަޢަލައިކުމުއްސަލާމް. ހަމަ ރަނގަޅޭ. ރައިޙާ ހާދަ ބޮޑުވެއްޖެއޭ." މަގޭ އަތުން ދޫކޮށްލާފައި ސަޢާދު އުރާލައިގެން ހުރި ލޯބިލޯބި އަންހެން ކުއްޖާގެ ދެކޮލުގައި އަމީރާ ހިފާލިއެވެ.
އަމީރާ މަގޭ އަތުން ދޫކޮށްލިކަން ނަސީބެކެވެ. އަހަރެންގެ ހިތް އޭރު ބާރުބާރަށް ތެޅެމުން ދިޔައެވެ. ރަށަށް އައި ފަހުން ސަޢާދު ކިތަންމެ ގިނައިން ފެނުނަސް ކޮންމެ ފަހަރަކުވެސް ފެންނަނީ ދުރުންނެވެ. މިއީ ދެ އަހަރަށް ފަހު އަހަރެން އޭނަގެ އަޑު އެހި ފުރަތަމަ ފަހަރެވެ. މީގެ ހަތަރު އަހަރު ކުރިން އަހަންނަށް އޭނަގެ އަޑު އިވުނީމަ މިހާރު މިވާ ގޮތެއް ގައިމަކު ނުވެއެވެ. މިހެންވާކަށް ވީ ހަމަ މިހާރު ހެއްޔެވެ. ކިހާ ދެރަ ކަމެއް ހެއްޔެވެ؟
"އާނ. މީ ވަރަށް ބަސްއަހައިގެން ބުއްފުޅި ބޯ ކުއްޖެކޭ ދޯ ދަރިފުޅާ. މިހާރުވެސް މިދަނީ ކިރުދަޅު ގަންނަން. އަމިރާ ކޮން ތާކަށް ދަނީ؟ ގެއާ މާ ދުރުގަ އުޅޭތީ މިއަހާލީ"
ސަޢާދުގެ އަޑަށް އަމީރާއާ ދިމާލަށް ބަލައިލެވުނެވެ. މަގޭ އެ ޙަރަކާތުން ސަޢާދުގެ ސަމާލުކަން މަށާ ދިމާލަށް ހުއްޓުނެވެ.
އެއާއެކު މަޖުބޫރު ވެގެން އެނައާ ދިމާއަށް ބަލައިލީމެވެ.
"ހުމާ!" ސަޢާދު އަހަންނާ ދިމާއަށް ކުޑަކޮށް ދެލޯ ބޮޑުވެފައި ބަލަހައްޓައިގެން ހުރެ ބުންޏެވެ.
އަހަރެން ގެ ހިތް ކުރިއަށްވުރެ ވެސް ބާރަށް ތެޅެން ފެށިއެވެ. އަޑު ތުރުތުރު ނާޅާތޯ ދުޢާ ކުރަމުން ގޮވާލީމެވެ. "ސަޢާދު." އޭނައާ ދިމާއަށް ކުޑަކޮށް ހިނިތުންވެލާފައި އިސް ދަށަށް ޖެހީމެވެ.
"ކޮން ދުވަހަކުތަ އައީ؟ ކިޔަވާ ނިމުނީތަ؟" ސަޢާދު ސުވާލުކުރިއެވެ.
އެއާއެކު އަމީރާ ފަށައިގަތެވެ.
"ސަޢާދު ބުނަން މީ ވާ އަންހެނެއް. މީނަ މަގޭ މަތިންވެސް ހަނދާން ނައްތާލާފަ ފިލައިގެން އުޅެނިކޮށް މިއަދު މި އަތު ޖެހުނީ."
"އަޅޭ. ހަނދާން ނައްތާލީއެއް ނޫން. އުޅެން ޖެހުނު ޙާލަކުން ހަމަ ގުޅާނުލެވެނީ އެއްވެސް މީހަކަށް. ވަރަށް ބޮޑަށް ސޮރީ." އަހަރެން އަމީރާ ހިތްހަމަޖައްސައިދެވޭތޯ މަސައްކަތް ކުރީމެވެ.
"ތިހެން ކިޔާނެ. މިއަދުވެސް މަ ގޮވާ ނުލިނަމަ ޔޯ؟ ރަށަށް އައިއްސަ ފޭސްބުކް އިން ވިޔަސް ގޮވާލިއްޔަ ކީއްތަ؟ ހަނދާން ނައްތާލަން ބޭނުންވާތީ އެއްނު ދެ އަހަރު ތެރޭ އެއްމެ ފަހަރަކުވެސް ގުޅާނުލިތާ މިހަކު އަތަށް ދީފަވެސް ސަލާން ގަނޑެއްވެސް ފޮނުވާ ނުލީ. އަނެއްކާ ރަށަށް އައިސްވެސް ފިލައިގެން އުޅެނިކޮށްތަ މި ދިމާވީ"
"އޭ. ދެން ތިހާ ވަރު ނުކޮށް ދޫކޮށްލާ އޭނަ" ސަޢާދުގެ ރާގުން އަހަންނަށްޓަކައި ހަމްދަރުދީ ފާޅުވިއެވެ.
"ހޫނ. ހޫނ. މި ސަޢާދު އަބަދުވެސް ހުންނާނީ އޭނަގެ ކޮޅަށް ކަން މަށަށް އެނގެއޭ."
އަހަރެން ކަންބޮޑުވިއެވެ. އަމީރާ ބުނި އެއްޗަކުން އެކަންޏެއް ވެސް ނޫނެވެ. އަދި އަވަހަށް އެތަނުން ދުރަށް ދާން މަސައްކަތް ކުރީމެވެ. ފޯނުން ގަޑި ބަލާލާފައި އަމީރާގެ އަތުގައި ހިފީމެވެ.
"އަމީރާ ބުނީ ރަނގަޅަށް. ކުރީގެ އެއްވެސް ރައްޓެއްސަކާ އަދި ބައްދަލެއް ނުވޭ. އެކަމަކު ގުޅަން ހިތުލައިގެން ހުއްޓާ އިނގޭ މި ދިމާވީ. މިހާރު ދެން ދަނީ. މަންމަ ކައިރީ ވަރަށް އަވަހަށް އަންނާނަމޭ ކިޔާފަ ނިކުމެ މި އުޅެނީ. މިހާރު ހުންނާނެ ލަސްވެގެން. ގެއަށް ގޮސް މެސެޖް ކުރާނަން އިނގޭ ފޭސްބުކް އިން."
"އާނ. މައްސަލައެއް ނެތް. ފަހުން ވާހަކަ ދައްކާނީ. އެކަމަކު މިރޭ ވާއިރު ޚަބަރެއް ނުވެއްޖެއްޔާ ތިގެއަށް ދާނަން އިނގޭ." އަމީރާ އަހަރެން ގައިގަ ބައްދާލަމުން ބުންޏެވެ.
"ދަނީ." ސަޢާދުގެ ދަރިފުޅުގެ ކޮލުގައި ކުޑަކޮށް ކޮއްޓާލާފައި އަހަރެން އޭނައަށް އަލްވަދާޢު ކިޔާލީމެވެ.
އާނއެކޭ ބުނެ އޭނަ ބޯ ޖަހާލަމުން އަހަރެން އަވަސް އަވަހަށް ހިނގައިގަތީމެވެ.
ސަޢާދުގެ ސަމާލުކަން އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. އެއް ޒަމާނެއްގައި އޭނަ އަހަންނާ ހެދި އުޅުނަސް އޭނައަކީ މިހާރު މީހެއްގެ ފިރިއެކެވެ.
ދެމަފިރިއެއްގެ ދޭތެރެއަށް ވަންނަން ކީއްކުރަން، އެކަމަށް މަގު ހުޅުވޭ ކަމެއްވެސް ކުރުމަކީ އަހަރެން ކުޑަކޮށްވެސް ބޭނުން ކަމެއް ނޫނެވެ. ބައެއްގެ ޙަޔާތަށް އަހަރެންގެ ސަބަބުން ހިޔަނި އެޅުމަށް ވުރެ މަރުވުންވެސް އަހަންނަށް ރަނގަޅެވެ.
ކިތަންމެ ބޭނުން ނުވިޔަސް އަހަރެންގެ ހިތް ސަޢާދުގެ މައްޗަށް ވަނީ ލެނބިފައެވެ. ނަމަވެސް ވަގުތު ވަނީ ފާއިތުވެފައި ކަން އަހަންނަށް ވިސްނެއެވެ.
ހިތަކީ އަހަރެންގެ ބާރު މުޅިން ހިނގާ އެއްޗެއް ނޫންކަން މިހާރު ވިސްނޭތީ ހިތާ ހިތުން ދުޢާ ކުރަމުން ދިޔައީ ހިތްތަކުގެ ވެރި އިލާހަށެވެ. އަހަރެންގެ ހިތުން ސަޢާދުގެ ހަނދާން ފަނޑުކޮށްދެއްވާތޯ އެވެ. މި ދުޢާ އިޖާބަ ވަންދެން އަހަރެން ހަމަ ގައިމުވެސް ގަސްތުގައި އޭނަގެ ހަނދާނެއް ނުކުރާނަމެވެ. މީހަކަށް ހިތުގެ މައްޗަށް ބާރު ފޯރުވޭނީ މިހާކަށް ހާ ވަރަށެވެ.
މިއީ ވަރަށް އާދަޔާ ޚިލާފު ވާހަކަ ލިޔުއްވާ ބޭފުޅެކެވެ. ހުރިހައި ވާހަކައެއް އަޅުގަނޑު ކިޔައިފީމެވެ. ހަމަ ހަބޭސް! ވަރަށް ފައްކާ!