(24 މާރިޗު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ނަތާޝާގެ ފަރުވާގައި އެއްވެސް ކަމެއް އުނި ނުވާހެން ހޮސްޕިޓަލުން ދެވެން އޮތް އެންމެ މަތީ ފެންވަރަށް ފަރުވާ ދިނުމުގެ އިންތިޒާމް ރީޙާން ހަމަޖެއްސިއެވެ. ޢައްމާރު އަށް އެއްވެސް ޚަރަދެއްގައި ހިފިޔަކަ ނުދިނެވެ. ހޮސްޕިޓަލްގައި އެތައް އިރެއް ވީފަހުން އެންމެ ފަހުން ނަތާޝާގެ އެކި އެކި ޓެސްޓްތަކާއި ސްކޭންތައް ހަދައި ނިމިއްޖެއެވެ. އަދި ރީޙާން ހަމަޖެއްސި ޕްރައިވެޓް ކޮޓަރިއަށް ނަތާޝާ ގެެނެސް ވައްދައިފިއެވެ.
"ޓެސްޓް ތަކުން މި ވަގުތު މާބޮޑަށް ފަރުވާ ދެވޭ ވަރުގެ ކަމެއް ނުދައްކާ. ސައުވީސް ގަޑިއިރު އޮބްޒަވޭޝަން ގައި ބާއްވަން ޖެހޭނީ. އިތުރު މައްސަލައެއް ނުފެންނަންޏާ ދޫކޮށްލާނެ. މިހާރު އެއޮތީ ނިދިފަ. އަހަރެން ލަފާދެން ހޭލެވޭ އިރު ރަޙްމަތްތެރި މޫނެއް ކައިރީގަ ފެންނަން ހުރުމަށް. ހޭލެވޭ އިރު ފަހަރެއްގަ ފުރަތަމަ ވާނުވާ ނޭނގި ހާސްވެގެން އުޅެފާނެ." ނަތާޝާ ބާއްވާފައި އޮތް ކޮޓަރިން ނިކުމެ ދޮރު ކައިރީގައި އިންތިޒާރު ކުރަމުން ދިޔަ ތިން މީހުންނަށް ޑޮކްޓަރ ޝާމް ޚަބަރު ދިނެވެ.
"ނަތާޝާ ކައިރީ އަހަރެން ހުންނާނަން." ރޭޗަލް ބުންޏެވެ. "ދޫކޮށްލަންދެން އަހަރެންގެ މަސައްކަތް މިތާގަ ހުރެގެން ވެސް ކުރިއަށް ގެންދެވޭނެ. މިހަފްތާއަށް ކުރަން ރޭވިފަ ހުރި ހުރިހާ ކަމެއް މަރިޔަމް އަށް މިހާރު ކިޔާދީފަ ހުންނާނީ. ހޮނގކޮންގ ޓީމާއެކީ އޮތް މީޓިން ރީޝެޑިއުލް ނުކޮށް މަށާ ނުލާ ކުރިއަށް ގެންދާށޭ ބުނިން. މަރްޔަމް އަށް ކުރިއަށް ގެންދެވޭނެ. ބޮޑު ކަމެއް ދިމާވެއްޖިއްޔާ މަށާ ފޯނުން ގުޅޭނެ."
ޢައްމާރު ހިނިތުންވެލިއެވެ. "ވަރަށް ރަނގަޅު. އެކަމަކު އަހަރެން މިހާރު ރޭޗަލް އަށް ހަފްތާއެއްގެ ޗުއްޓީ ހަމަޖައްސައިފިން. އެހެންވީމަ ނަތާޝާ ދޫކޮށްލަންދެން އެ ހުރިހާ ކަމަކާ ހާސްވާނެ ކަމެއް ނެތް. ރޭޗަލް ތިހިރީ ޑިޕާޓްމަންޓްގެ ހުރިހާ ސްޓާފުން ވެސް ނުލާހިކު ރަނގަޅަށް ތަމްރީނު ކޮށްފައެއްނު."
"ޝުކުރިއްޔާ." ރޭޗަލް ގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހާސްކަން ފިލައިގެން ދިޔަކަން އެނގުނެވެ. "މިއޮތީ ތާޝާގެ ޕާސްޕޯޓް. މީގެ އިތުރުން އެހެން ލިޔެކިއުމެއް ނޫނީ ހޮސްޕިޓަލަކުން ދީފަ އިން އެއްޗެއް ވެސް ނުހުންނާނެ ތާޝާ އަތުގަ. އަނެއްކާ ބޭނުންވާނެތަ؟" ރޭޗަލް ދިއްކޮށްލި ނަތާޝާގެ ޕާސްޕޯޓް ގައި ޢައްމާރު ހިފިއެވެ. އަދި އަމިއްލައަށް ޖަވާބު ދިނުމުގެ ބަދަލުގައި ސުވާލުގެ ނަޒަރަކުން ޑޮކްޓަރ ޝާމް އަށް ޢައްމާރު ބަލައިލިއެވެ.
"ހުރިނަމަ ރަނގަޅުވީސް. އެކަމަކު އެ ލިޔުންތައް ނެތަސް ފަރުވާ ވީހާވެސް ރަނގަޅަކަށް ކުރިއަށް ގެންދާނެ."
ރޭޗަލް ބޯޖަހާލިއެވެ. އެވަގުތު ރީޙާން ބޭސް ނަގަން ޖެހޭތޯ ޝާމް ގާތު ސުވާލުކުރުމުން އަތުގަ އޮތް ބޭސް ސިޓީ ރީޙާން އަށް ދިއްކޮށްލިއެވެ. "މިވަގުތަށް ބޭނުންވާ ބޭސް ހުންނާނީ ނަރުހުން އަތުން ނަގާފަ. އެހެންވީމަ ބޭސް ސިޓީއަށް ބޭސް ނަގާފަ އެމީހުންނާ ޙަވާލުކޮށްލާތި."
އާނއެކޭ ބުނެ ރީޙާން ބޯ ޖަހާލިއެވެ. އަދި ބޭސް ސިޓީ ޖީބަށް ލަމުން ރޭޗަލް އެތާގައި މަޑުކޮށްގެން ހުންނަ އިރު ކާން ނުވަތަ ބޯން އެއްޗެއް ގެނެސްދޭންވީތޯ ސުވާލު ކުރިއެވެ. ރޭޗަލް ބޯހޫރާލިއެވެ. "ކާހިތެއް ނެތް އެއްގޮތަކަށްވެސް. މިތާގަ އެބަހުރި ފެން ފުޅިއެއް. އެވަރުން މިހާރު ފުދޭނެ."
އެވަގުތު ޝާމް ގެ ފޯނަށް މެސެޖެއް އައެވެ. މެސެޖް ކިޔާލާފައި ޢައްމާރަށް ބަަލައިލިއެެވެ. "މިތަނުން ކޭސް ބެއްލެވި ޑޮކްޓަރ އަރޫނާ ކުޑަކޮށް މަޝްވަރާކޮށްލަން އެބަ ބޭނުންވޭ. މިހާރު ކެފެޓީރިއާގަ އެބަ އިނީމޯ. ބަލިމީހާގެ މީހަކު ހުރިއްޔާ އެމީހަކު ގޮވައިގެން މިހާރު އައިސް ދިނުމަށް ވެސް އެދިފަ އެބައޮތް."
"ނަތާޝާ ކައިރީ އަހަރެން މަޑުކުރިއްޔާ ކަންނޭނގެ ދޯ ރަނގަޅުވާނީ. ރީޙާންދޭ ރޭޗަލް އާއެކު." ރޭޗަލް ފަސްޖެހޭހެން ޢައްމާރަށް ހީވުމާއެކު އިތުރުކޮށްލިއެވެ. "ނަތާޝާ އަށް ހޭލެވިއްޖިއްޔާ އަހަރެން ވަގުތުން ގުޅާނަމޭ. މިތާ ކައިރީގަ ނަރުހުން ވެސް މިތިބީ އެއްނު. އެއްވެސް ކަމެއް ނުވާނެ. ގޮސްލާފަ އާދޭ."
އާނއެކޭ ބުނެ ރޭޗަލް ބޯހަޖާލާފައި ނަތާޝާ ބާއްވާފައި އޮތް ކޮޓަރިއަށް ވަދެ އޭނަ ގެނައި ކޮނޑުގަ އަޅުވާ ދަބަސް މަޑުމަޑުން ކަބަޑު ތެރޭގައި ބަހައްޓާފައި އަތްދަބަސް ހިފައިގެން ނިކުމެ ޑޮކްޓަރ ޝާމް އާއި ރީޙާންއާ އެކީގައި ހިނގައިގަތެވެ.
މެންދަމުގެ ގަޑިއަކަށް ވާތީ ތިރިއަށް ދިއުމަށްޓަކައި ލިފްޓަށް އަރަން ތިބީ ތިން މީހުން އެކަންޏެވެ. "ޑޮކްޓަރ ޝާމް. ކޮންކަމަކާތޯ މިތާގެ ޑޮކްޓަރ މަޝްވަރާކުރައްވަން ބޭނުމީ؟ އަނެއްކާ އަހަރެމެންނަށް ނޭނގޭ ބޮޑު މައްސަލައެއް އޮތީތޯ؟" ލިފްޓް ގެ ދޮރު ލެއްޕުމާއެކު ރޭޗަލް އަނެއްކާވެސް ސުވާލު ކުރިއެވެ.
"އަހަރެން ލަފާ ކުރާނީ މާބޮޑު މައްސަލައެއް ނެތް ކަމަށް. ފިޒިކަލީ ބަލަންޏާ މި ބުނީ. އަރާމުކުރުމާ ރަނގަޅު ކާނާއާ އެކީގަ ހުރިހާ އިންޖަރީއެއް ވެސް އިރާދަކުރެއްވިއްޔާ އެއްކޮށް ރަނގަޅުވާނެ." ޑރ.ޝާމް ދިނީ ނުސީދާ ޖަވާބެކެވެ. ޝާމް ބޭނުންވަނީ ރޭޗަލް އާ ދައްކަން ޖެހޭ ވާހަކަތައް ޑރ. އަރޫނާ އޭނައާ ދެއްކުމަށެވެ.
ޝާމްގެ ޖަވާބަށް ފަހު ރޭޗަލް އިތުރު އެއްޗެކޭ ނުބުނިއެވެ. އެކަމަކު އޭނަގެ މޫނުމަތިން ނުތަނަވަސްކަމާ އެކީ ހިތާމަވެރިކަން ވެސް ރީޙާން އަށާއި ޝާމްއަށް ފާހަގަކުރެވުނެވެ. އެކަކުވެސް އިތުރު ވާހަކައެއް ނުދެއްކުމުން ހިމޭންކަމާއެކު ތިން މީހުން ހިނގާފައިގޮސް ހޮސްޕިޓަލްގެ ކެފެޓީރިއާއަށް ވަނެވެ.
"ޝާމް." ކަނުގައި އިން މޭޒުގައި އިން މެދު ޢުމުރަށްވުރެ ދުވަސްވީ އަންހެނަކު ގޮވާލުމުން ޝާމް ހިނިތުންވުމަކާއެކު އެ މޭޒާ ދިމާލަށް މިސްރާބު ޖެހިއެވެ. "ޑރ. އަރޫނާ. އެންމެ ފަހުން ޝިފްޓް ނިމުނީ ދެއްތޯ". ޝާމްގެ ފަހަތުން ރީޙާން އާ ރޭޗަލް މޭޒު ކައިރިއަށް ދިޔައެވެ.
ޑރ. އަރޫނާ ތެދުވުމުން ޝާމް އޭނައަށް ރީޙާން އާ ރޭޗަލް ތަޢާރަފްކޮށްދިނެވެ. "ރޭޗަލް އަކީ އަޅުގަނޑު މަސައްކަތް ކުރާ ސާކިނާ ރިޒޯޓްގެ މާކެޓިންގ އެންޑް ސޭލްސް އެގްޒެކެޓިވް. ޕޭޝަންޓް ނަތާޝާގެ ރަޙްމަތްތެރިޔެއް. ރީޙާން އަކީ ރިޒޯޓް މިވަގުތު އޮޑިޓްކުރަމުންދާ ފަރމް ގެ ވެރިޔާ. އަދި ސާކިނާގެ އޯނަރ ޢައްމާރު ގެ އަދި އަޅުގަނޑުގެ ވެސް ގާތް ރައްޓެއްސެއް."
"އަދި ނަތާޝާގެ ޙާލުގެ ޒިންމާ ނަގަންޖެހޭ ފަރާތް ވެސް މެ. ނަތާޝާ ވެއްޓުނީ އަޅުގަނޑު ނުބަލާ ދުވެފައި ދަނިކޮށް އޭނަގެ ގައިގަ ވަރަށް ބާރަށް ޖެހުނީމަ." ރީޙާން ކުށް އިޙުސާސްކުރާ ފަދަ ރާގެއްގައި އިތުރުކޮށްލިއެވެ.
ޑރ. އަރޫނާ ޝާމް އާ ދިމާއަށް ބަލަައިލިއެވެ. އަރޫނާގެ އިޝާރާތަށް އެންމެން އިށީނދެ ހަމަޖެހުމުން ފުން ނޭވައެއް ލާފައި އޭނަ ފެށިއެވެ. "ނަތާޝާ އެކަނި ތަ އައިސް ހުރީ؟ ނޫނީ ޢާއިލާގެ އެއްވެސް މީހަކު އައިސް އެބަ އުޅޭތަ؟" ރޭޗަލް ބޯހޫރާލިއެވެ. އިތުރު އެއްޗެކޭ ނުބުނުމުން ޑރ. އަރޫނާ އަނެއްކާ ކުރިއަށް ގެންދިޔައެވެ.
"މިހާރު މިދައްކަން އުޅޭ ވާހަކަ ފުރަތަމަ ދައްކަން ބޭނުންވަނީ ޢާއިލީ ގުޅުން ހުރި ހަރުދަނާ ފަރާތަކާ، ނޫނީ ދެން އެންމެ ގާތް ހެޔޮ އެދޭ ފަރާތަކާ. އެހެންވީމަ ރޭޗަލް ބޭނުމިއްޔާ ރޭޗަލް އާ ޙިއްސާ ކުރާނީ ނުވަތަ ބޭނުމިއްޔާ ނަތާޝާގެ ޢާއިލާގެ މީހަކާ ގުޅޭނެ ގޮތެއްވެއްޖިއްޔާ މި ވާހަކަ ސީދާ އެމީހުންނާ ދައްކަން މަޑުކޮށްލަފާނަން. ކިހިނެތް ހަދަންވީ؟"
"ނަތާޝާގެ އެއްވެސް މީހެއް ނެތް. އަޅުގަނޑު އޭނަގެ އެންމެ ގާތް މީހަކަށް ހުރީވެސް އެކުވެރިޔަކަށް ހުރީ ވެސް." ރޭޗަލް ގެ އަޑު ތުރުތުރު އަޅައި ލޮލުން ކަރުނަ ހިލޭގޮތް ވެއްޖެއެވެ.
އަރޫނާ އެއް އަތުން ރޭޗަލްގެ އަތްތިލައިގައި އޯގާތެރިކަމާއެކު އެހެނަސް ބާރަށް ހިފަހައްޓާލިއެވެ. ރޭޗަލް އަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. "ދައްކަން ޖެހެނީ މިރޭގެ ޙާދިސާ ގެ އިތުރުން ނަތާޝާގެ މަޒީއާ ގުޅޭ ވާހަކަތައް ކަމަށް ވާތީ ބޭނުމިއްޔާ ރީޙާން ކައިރީ އިރޮކޮޅެއް ފަހުން އައުމަށް ބުނެވިދާނެ. ނޫނީ ރީޙާން މި މަޝްވަރާގަ ހިމަނަން ބޭނުންތަ؟"
ރޭޗަލް ރީޙާން އާ ހަތަަރުކަޅި ހަމަކޮށްލިއެވެ. ވަރަށް ތޫނުފިލި ކަމާއެކު ސިކުންތުކޮޅަކަށް ބަލަހައްޓައިގެން ހުރެފައި މަޑުމަޑުން ބޯ ޖަހާލިއެވެ.
(ނުނިމޭ)