(10 މާރިޗު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެއީ ގެދޮރު ބިނާކުރުމުގެ މަސައްކަތް ތަންކޮޅެއް އަގު ހެޔޮ ދުވަސްވަރެއްގައި އަޅާފައިވާ ބޮޑު ގެއެކެވެ. އޭރުވެސް އެގޭގެ އަގަކަށް އޮތީ ފަނަރަ ލައްކަ ރުފިޔާއެވެ. މިހާރު އަގު އަރައިގެން ގޮސް ގޭގެ އަގު ވަނީ ސާޅީސް ލައްކައަށް އަރާފައެވެ. އަގު ބޮޑު ގެތަކުގެ ބޭނުމަކީ ހަމައެކަނި އެ ގޭގައި ދިރިއުޅޭ ބައެއްގެ މުއްސަނދިކަން ދެއްކުމެއް ނޫނެވެ. އެއީ ވިޔާނުދާ ކަންތައްތައް ފޮރުވަން ހުޅުވާ މަގެއްވެސް މެއެވެ. ބޭރުގެ ކުނި އެތެރެއަށް ނުވަންނަ ގޮތަށް އުސް ފާރުތަކުގެ ފުރަގަހުގައި ދިރިއުޅުމަކީ ރައްކާތެރި ކަމެއް ކަމަށް އޮންނަނީ ބެލެވިފައެވެ. މުއްސަނދި ގޭގޭގެ ފާރުގައި ޖެހިފައި އެނބުރިދާ ކުނިބުނި ވަންނަނީ ފަގީރުންގެ ގޭގެއަށް ކަމަށް އޮންނަނީ ގަބޫލު ކުރެވިފައެވެ.
އެހެންނަމަވެސް ވިޔާނުދާ ކަންތައްތަކާއި، މުޖުތަމަޢުގެ ކުނިބުނި މުއްސަނދި ބޯ ފާރުތައް ފޫއަޅުވައިލައިފައި ނުދާ ވާހަކައަކީ މުޅިއަކުން ތެދު ވާހަކައެއް ނޫނެވެ. އެފަދަ ކަންތައްތައް ހުއްޓެނީ އަންހެނުންގެ އަބުރުވެރިކަމާއި، ފިރިހެނުންގެ ޣީރަތްތެރިކަމުގެ ސަބަބުންނެވެ. މި ދެ ކަމުންކުރެ ކަމެއް އުނިވެއްޖެނަމަ އެފަދަ ކަންތައްތަކެއް ނުހުއްޓުވޭނެއެވެ.
އެ ގޭގެ ވެރިއަކީ ޗަވްދަރީ ޢިނާޔަތު ޙުސައިނެވެ. ޒުވާން އަންހެންދަރީގެ ހުރިހައި ޒިންމާއެއް އޭނާ ޙަވާލު ކޮށްފައި ވަނީ އޭނާގެ އަނބިމީހާޔާއެވެ. އަނބިމީހާ ދަރިފުޅު ގޭގައި ބައިންދާފައި ދިޔައީ ޅީދަރިއަށް އިތުބާރު ކޮށްފައެވެ. އަންހެން ދަރީގެ ބޭބެ އަނބިމީހާ ރުއްސުމުގެ ގޮތުން ބޭރަށް ދިޔައީ ގޭގެ ހަތަރު ފާރާ ކޮއްކޮ ޙަވާލު ކޮށްފައެވެ. ދާން ކޮންމެހެން މަޖުބޫރުވެސް ވީއެވެ. އަނބިމީހާ އޭނާއަށް ދެއްކި ރީތި ހުވަފެނެއްގެ ސަބަބުންނެވެ. ބާރަ ލައްކަ ރުފިޔާގެ ކާރަކީ ކުޑަ އެއްޗެއް ނޫނެވެ. އަނެއްކޮޅުން އޭނާއަކީވެސް ޑޭމްގެ ފެން ވަގަށް ވިއްކައިގެން ޙަރާމް ފައިސާ ކަމުން ގެންދާ މީހެކެވެ. ގެއަށް ގެންނަ ފައިސާއަކީ ޙަލާލު އެއްޗެއް ނޫނެވެ. ޢިއްޒަތާއި، އަބުރުވެރިކަމަކީ ބޭރު ފުށަށް ފެންނަ ކުލަވަރެކެވެ. ޙަޤީޤަތެއް ނޫނެވެ.
މި ޙަޔާތް ކުޑަ ބައްދަލުވުމުގެ ވާހަކައިން ސުވާލު ކުރެވޭ ދުވަހު ބޭރުގައި ދެމެމުން އައި ކިލާ ފެންގަނޑު ގޭތެރެއަށް ވަނީ ކިހިނެއްތޯ ސުވާލު ކުރެވޭނެއެވެ. ވަޒަން ދެކެ ލޯބިވާ މީސްމީހުންނަކީ އެފަދަ ބަދުނާމުތަކަށް އިގުރާރުވާ ބައެއް ނޫނެވެ. އެފަދަ ކަންތައްތައް ފެށެނީ ކިހިނެއް، ކޮން ތަނަކުން ކަމެއް އެ މީހުން ހާމައެއް ނުކުރާނެއެވެ. އަމިއްލަ ދިފާޢުގައި މަސައްކަތް ކުރާނީ އެއީ ވާން ހުރި ގޮތޭ، އިރާދަ ކުރެއްވި ގޮތޭ ކިޔާފައެވެ. ފިރިހެނެއްގެ ބައިވެރިވުމާއި، ވިޔާނުދާ ކަމާ ނުލައި އެއްވެސް އަންހެނެއްގެ ލަދު ޙަޔާތެއް ނުކެނޑޭނެއެވެ. ގޭތެރެއަށް ވަންނަ ކިލާ ފެން ވަންނަނީ ކޮންމެވެސް ބޮޑު މީހެއްގެ ބައިވެރިވުމާ އެކީގައެވެ.
ޗަވްދަރީ ޢިނާޔަތު ޙުސައިން މެންދުރު ކާން ގެއަށް އައި އިރު އަންހެން ދަރިފުޅު އެކަނި ގޭގައި އިނީމާ ވަރަށް ބޮޑަށް ޙައިރާން ވިއެވެ. އެހެންނަމަވެސް ދަރިފުޅުގެ މަޢުޞޫމް މޫނާއި، ބަންދު ވެފައިވާ ގޭގެ މަތީން ހިތަށް އެރީމާ ހިތް ހަމަ ޖެހިއްޖެއެވެ. ފީރޯޒާ ބައްޕައަށް ހެދީ ދޮގެވެ. އޭނާ ބުނީ ފަހަރި ދާދި ދެންމެއަކު ބާޒާރަށް ހިނގައްޖެއޭ ވަރަށް އަވަހަށް އަންނާނެއޭއެވެ.
ޢިނާޔަތު ޙުސައިން ބޭރަށް ދިޔައީ ގޭގެ ދޮރުތައް ރަނގަޅަށް ލައްޕައި، ތަޅުލައިގެން އިންނަން އޭނާގެ ދަރިފުޅަށް ނަސޭހަތްތެރި ވެފައެވެ. އަދި ނުދަންނަ މީހަކު އަޔަސް ދޮރު ނުހުޅުވާށޭ ބުންޏެވެ. ސަލްމާ ގެއަށް ނައިސް ލަސް ވެއްޖެ ނަމަ ބައްޕައަށް ގުޅާށޭ، އޭރުން ގެއަށް އަންނާނަމޭވެސް ބުންޏެވެ.
ބައްޕަ ބޭރަށް ދިއުމާއެކު ފީރޯޒާ ގޭގެ މައި ދޮރު އެތެރެއިން ތަޅު ލައިފިއެވެ. ޗަވްދަރީ އަކްބަރް ޢަލީ އޮތީ އޭނާގެ ކޮޓަރީގައި އެނދު ތަންދޮށުގައި ފިލައެވެ.
އޭނާގެ ބައްޕައަށް، އޭނާގެ ފުށުން މަޢުޞޫމްކަން ނުފެންނާންވީ ކީއްވެގެން ހެއްޔެވެ؟ ބައްޕަ ގެއަށް އައުމުގެ ކުރީން އޭނާ ފެންވަރައި ނަލަވެއްޖެއެވެ. ހެދުން ބަދަލު ކޮށްފިއެވެ. މޫނުމަތީން ތަފާތު ކުލަވަރެއެް ފެނިދާނެ ކަމަށް ފެންނަ ދިމަދިމާގައި އެކި ކަހަލަ ކުލަޔާއި، ކްރީމް ލައި އޮމާން ކޮށްފިއެވެ. ތުންފަތުގައި ކުލަ ޖައްސައިފިއެވެ. ލޮލުން ޙަޔާތްކުޑަކަން ފާޅުވިޔަ ނުދިނުމަށްޓަކައި އޭނާ ބައްޕަޔާ ދިމާއަކަށް ނުބަލައެވެ. ވާހަކަ ދެއްކީ އިސް ދަށަށް ޖަހައިގެން އިނދެއެވެ. ބައްޕައަކީވެސް އަބުރުވެރިކަމުގެ މިސާލެކެވެ. އޭނާވެސް ވާހަކަ ދައްކާއިރު ޒުވާން ދަރިފުޅާ ދިމާއަކަށް ނުބަލައެވެ. އެހެންވީމާ ލޫޓުވިފައިވާ މަޢުޞޫމިއްޔަތު ފޮރުވިއްޖެއެވެ.
މެންދުރުފަހު ތިނެއް ޖެހިތަނާ ސަލްމާ މަންގްލާއިން ފޯނު ކޮށްފައި އަހައިލިއެވެ. "ކޮބާ، އަހަރެންގެ ރަޙްމަތްތެރިޔާގެ ޙާލު ކިހިނެއް-؟"
"ފަހަރީ- ރަޙްމަތްތެރިއަކަށް ވެފައިވެސް ތިޔަ ހެދީ މަކަރު-"
"އަހަރެންގެ މަކަރުގެ ސަބަބުން ކަލޭ މިއަދު ތިޔަ އިނީ ފަރިވެ ފޮޅިފައެއްނު-؟ މިއީ ދޮގެއްތަ-؟"
އޭނާ ލަދުން އޮޅިގެންފައި ފޯނުގެ އަތްގަނޑު އަކްބަރަށް ދީފިއެވެ. "ދައްތަޔާ ވާހަކަ ދައްކާ-"
އޭނާ އަތްގަނޑު އަތުލައިގެ ކަންފަތުގައި ޖައްސައިލިއެވެ. "ދައްތާ- ދައްތަގެ ސަބަބުން އަހަންނަށް ފީރޯޒާގެ ފަރާތުން ވަރަށް ބޮޑު ގާތްކަމެއް ލިބިއްޖެ-"
"އުފާ ކުރަމުން ދާއިރު އަހަރެންގެ އަބުރާ މެދު ވިސްނާލާތި- މިހައި ތަނަށް ކުރީ ކީއް-؟"
"ކުރި ކަންތައްތައް ކިޔައި ދޭނީ ކިހިނެއް-؟"
"އަވަހަކަށް ތިޔަ ގެއިން ނުކުމެގެން ދޭ- އަހަރެމެން ދެމީހުން މި ދަނީ-"
"އެންމެ ރަނގަޅު- ހަމަ މިހާރު މި ދަނީ-"
"ފޯނު ބޭއްވުމާއެކު ނުކުންނާތި- އަހަރެން އުޅެން ހުރި ގެއަކީ ތިޔައީ- އެހެންވީމާ އަހަރެންގެ އަބުރު ގެއްލޭ ފަދަ ކަމެއް ކޮށްގެން ނުވާނެ-"
"އާނ- ލަހެއް ނުކުރާނަން- ހަމަ މިހާރު މި ދަނީ-"
އޭނާ ފޯނު ބާއްވާފައި ފީރޯޒާއާ ދިމާއަށް ބަލައިލިއެވެ. "ވަކި ވާކަށް ބޭނުމެއް ނޫން- އެކަމަކު ކުރާނެ ކަމެއް ނެތެއްނު- ޖެހޭނީ ދާން. ދައްތަޔާ ޅިޔަނާ ދެމީހުން އެބަ އާދޭ-"
އޭނާ ތެދުވެ، ގަމީސް ލައިފިއެވެ. އަދި ލޯގަނޑުން ބަލައި، އަތުން ބޯ އޮމާން ކޮށްލިއެވެ. ފީރޯޒާ ފަހަތުން އައިސް އޭނާގެ ގައިގައި ބައްދައިލިއެވެ. "އަހަރެން ވަރަށް އެކަނިވެރި ވާނެ-"
"އަހަރެން އަދި އަންނާނަން-"
"އަންނާނީ ކޮން އިރަކު-؟ ނާންނަނީސް އަހަރެންގެ ހިތެއް ހަމައެއް ނުޖެހޭނެ-"
"ދައްތަގެ ކޮޓަރީގެ އެއް ދޮރު ގޭގެ ފުރަގަހަށް ހުޅުވެއޭ ބުނީމެއްނު-؟ އަހަރެން އެ ދޮރުން ލާފައި ވަންނާނަން-"
"ޅިޔަންބެވެސް ނިދަނީ އެ ކޮޓަރީގައެއްނު-؟"
"އެކަމާ ކަންބޮޑު ނުވޭ- އެއީ ދައްތަގެ މައްސަލައެއް- ދައްތަ އެކަން ހަމަ ޖައްސާނެ-"
އޭނާ ވާހަކަ ދައްކަމުން ގޭގެ ބޮޑު ކޮޓަރި ތެރެއަށް ނުކުމެއްޖެއެވެ. ބޭރަށް ނުކުންނާން ހުރި ބޮޑު ދޮރު ހުޅުވާފައި ފީރޯޒާ ބޭރު ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެންވީމާ އަކްބަރަށް އިޝާރާތް ކޮށްފައި ނުކުންނާށޭ ބުނެފިއެވެ. ބޭރު ދޮރާށްޓާ ހަމައަށް އައީ ދެމީހުން ވާހަކަ ދައްކަމުންނެވެ. އަކްބަރް ހުރީ ވަރަށް އުފަލުންނެވެ. އޭނާގެ ވާހަކައިންވެސް އުފާވެރިކަން ފާޅު ވެއެވެ. އެކަމަކު ފީރޯޒާ ހުރީ ވަކިވާން ޖެހޭތީ ވަރަށް ބޮޑަށް ދެރަ ވެފައެވެ. ދޮރާށި ހުޅުވައިލުމަށް ފަހު އޭނާ ބުންޏެވެ. "އަކްބަރާ ނުލައި އަހަރެން ވާނީ ހޮއި ހެދިފައިވާ މީހަކަށް- ރޭގަނޑު ހަތަރު ދަމު އޮންނާނީ ހޭލާ- ފަތިސް ކުރާނީ އިންތިޒާރުގައި އޮވެ-"
"ކަން ބޮޑު ނުވޭ- އަހަރެން ދައްތަޔާ ވާހަކަ ދައްކާނަން- ކޮޓަރީގެ ފުރަގަހު ދޮރުން ވަދެވޭނޭ އިންތިޒާމެއް ހަމަ ޖައްސާނަން- ހަމަ ޖެހުނުހައި އަވަހަކަށް އަންނާނަން-"
އޭނާ އިރުކޮޅެއް ވާންދެން އަކްބަރްގެ އަތުގައި ހިފަހައްޓައިގެން ހުއްޓެވެ. ހިތުގައި ހުރި ވާހަކަތައް ދައްކަމުން ދިޔައީ ލޮލުންނެވެ. ބޭރުގައި އެއަށްވުރެ އިތުރު ކަމެއް ކުރެވޭކަށް ނޯންނާނެތީއެވެ. ކުއްލިއަކަށް ޓެކްސީއެއް އައިސް ގޭ ދޮރުމައްޗަށް މަޑު ކޮށްފިއެވެ. އޭރު އަކްބަރްގެ އެއް ފައި ހުރީ ދޮރުން ބޭރުގައެވެ. ޓެކްސީން ފޭބިތަން ފެނުނީ ފީރޯޒާގެ މަންމައެވެ. ތިން މީހުންގެ ހަކަޅި ބައްދަލު ވެއްޖެއެވެ. (ނުނިމޭ)