(24 މާރިޗު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މަންމަ އިލޮށިފަތި ނަގައިގެން ޖަވާދުގެ ގައިގައި ތަޅައިގެންފިއެވެ. “އަހަރެން ކޮޓަރި ތަޅުލީވެސް ކަލޭ ނުކުމެގެން ހިނގައިދާނެތީ- އަކްބަރަށް ކަމެއް ކޮށްލާނޭ ހިތްވަރެއް ކަލޭގެ ކިބަޔަކު ނެތް- އެއީ އޭނާއަކީ ކަލެއަށްވުރެ ބިޔަ މީހަކަށް ވާތީ- އެހެންވީމާ މިހާރު ތިޔަ އުޅެނީ ގޭގައި އިން ބަލިކަށި އަންހެންމީހާއަށް ޙަމަލާ ދޭން-“މަންމަ އިލޮށިފަތި އެއް ފަރާތަކަށް އެއްލައިލިއެވެ. “ކަލޭގެ އުމުރުން ތޭރަ އަހަރުގައި އަހަރެން ކަލޭގެ ގައިގައި ތެޅުން ހުއްޓާލީ- އޭގެ ފަނަރަ އަހަރު ފަހުން މިއަދު އަނެއްކާވެސް ކަލޭގެ ގައިގައި މި ތަޅައިގަތީ އަދިވެސް ކަލޭގެ ތުއްތުކަން ނުކެނޑޭތީ- ކަލެއަކީ އަދިވެސް ބުއްދި ހަމަ ނޫން ކުޑަ ކުއްޖެއް- އަންހެން ކޮއްކޮއާ ދިމާއަށް ހަޅޭއް ލެވުމާއި، އޭނާގެ ގައިގައި ތެޅުމަކީ މައްސަލައިގެ ހައްލު ނޫންކަން ކަލެއަކަށް ނޭނގޭތަ؟”
“ދެން ހަދާނީ ކިހިނެއް-؟ އަބުރު ނަގައިލެވުނީމާވެސް އަހަރެން ކެތްކޮށްގެން ހުންނާންވީތަ؟”
“ވިސްނުންތެރިކަމާއެކު ފިޔަވަޅު އެޅީމާ އަބުރު ސަލާމަތް ކުރެވިދާނެ-“
“މަންމަ ތިޔަ ކިޔަނީ ކީކޭ-؟”
“ފީރޯޒާ އެއިނީ އެ ކަލޭގެޔާ ހެދި މޮޔަ ވެފައި- އަހަރެން އޭނާއަށް ނަސޭހަތް ދީފިން- އޭނާގެ ގައިގައި ތަޅައިފިން- އެކަމަކު އޭނާ އެ ބުނަނީ އަކްބަރާ ނީނދެވިއްޖެއްޔާ އަމިއްލައަށް މަރުވާނީއޭ-“
“އެއީ ވިޔާނުދާ ވާހަކަ- އަހަރެން އެންމެ މިނިޓަކުން އޭނާ ހަމަޔަކަށް އަޅުވައިލާނަން"-
“އޭނާ އަހަރެމެން އެންމެން ހަމަޔަކަށް އަޅުވައިލާނެ- ޅައިރުއްސުރެ އޭނާގެ ގޮތް އަހަރެމެން އެންމެންނަށް އެނގެއެއްނު-؟ އެއީ ވަރަށް ބޯ ހަރު ކުއްޖެއް- އޭނާ ކަނޑައަޅާ ގޮތް ނޫން ގޮތަކަށް އެންމެ ފިޔަވަޅެއްވެސް ނާޅާނެ- އަހަރެމެން މަޖުބޫރު ކޮށްފިއްޔާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ-“
ޖަވާދު އިސް ޖަހައިލައިގެން އިނދެ ވިސްނާން ފަށައިފިއެވެ. އެ ވަގުތުވެސް އޭނާ ވިސްނަމުން ދިޔައީ އަނބިމީހާގެ ހިތް ހަމަ ޖައްސައި ދެވޭނޭ ގޮތަކާ މެދުގައެވެ. އަކްބަރާއި، ފީރޯޒާގެ ކާވެންޏާ ދެކޮޅު ހަދައިގެން ބާރަ ލައްކަ ރުފިޔާގެ ކާރެއް އަތުން ބީވެގެން ދިއުމަކީ އޭނާ އެއް ގޮތަކަށްވެސް އެދޭ ގޮތެއް ނޫނެވެ.
މަންމަ ބުންޏެވެ. “އަހަރެން މި ވިސްނަނީ އެހެން ކަމަކާ. ކަލޭމެންގެ ބައްޕައަކީ ހިތުގެ ބަލި މީހެއް- އޭނާއަށް މިއިން އެއްވެސް ކަމެއްގެ ހިލަމެއްވެސް ވެގެން ނުވާނެ- ސަލްމާ ގާތު ބުނޭ އެގޭ މީހުން ގާތު ބުނާށޭ، އަކްބަރާ ފީރޯޒާގެ ކާވެނީގެ ކަންތައް ހަމަ ޖައްސާން އަންނާށޭ- އަހަރެމެން ގަބޫލު ވާނަން.”
“ބައްޕަ ގަބޫލެއް ނުވާނެ.”
“މިއީ އަހަރެންވެސް ރުހޭ ކަމެއް ނޫން. މާރު ކުރުމަކީ މީހުން މަލާމާތް ކުރާނޭ ކަމެއް. އެ ގެއިން އަންހެން ކުއްޖަކު މި ގެއަށް ގެނެސްފައި މިގެއިން އަނެހެން ކުއްޖަކު އެ ގެއަށް ފޮނުވުމަކީ ދަރިން މާރު ކުރުން. އެއީ ވަރަށް ގިނަ މައްސަލަތައް ކުރިމަތި ވާނޭ ކަމެއް. އެކަމަކު ފީރޯޒާގެ ލަދު ޙަޔާތް ކުޑަ ޢަމަލުގެ ސަބަބުން އަހަރެމެންނަށް އޮތީ އެންމެ ގޮތެއް. އެއީ ލޯ މަރައިލައިފައި އޭނާގެ ކާވެނި ކުރުވުން.”
“އެންމެ ރަނގަޅު. އަހަރެން ސަލްމާ ގާތު ބުނާނަން އެގޭ މީހުން ގެންނާށޭ- މަންމަ ދޮރު ހުޅުވަބަލަ!”
މަންމަ ޖީބުން ތަޅުދަނޑިފަތި ނަގައިގެން ގޮސް ދޮރު ހުޅުވައިފިއެވެ. “އަހަރެން މި ދަނީ ފީރޯޒާ ގާތަށް. ކަލޭ އޭނަޔާ ދިމާއަށް އެއްވެސް އެއްޗެކޭ ނުބުނާތި.”
“އާނ! ނުބުނާނަން!”
“ރުޅި އައިކަންވެސް ނުދައްކާތި!”
“ނުދައްކާނަން!”
ޖަވާދު މަންމަގެ ކޮޓަރިން ނުކުމެގެން އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ޖަވާދު ވަންތަން ފެނުމާއެކު ސަލްމާ ވާހަކަ ދައްކާން ފެއްޓިއެވެ. “ޖަވާދުގެ މަންމަ މިހާރު މި ކުޅެނީ ކޮން ކުޅިގަނޑެއް؟ އަހަރެން ދެންމެ ފީރޯޒާ އާ ވާހަކަ ދައްކައިލާން ދިޔައިން. މަންމަ ދިޔައީ އޭނާ ކޮޓަރިއަށް ލައި ބޭރުން ތަޅުލާފައި.”
“ގޭގެ އަންހެން ދަރިންގެ އަބުރު ގެއްލޭކަން މަންމައަށް ކުރިން އެނގިފައި އޮތް ނަމަ ކަލޭގެ ފުށުން ފީރޯޒާ ސަލާމަތް ކުރާން އެކަހަލަ ކިތަންމެ ފިޔަވަޅެއް އެޅީސް.”
“އެހެންތަ؟ މަންމަ ކޯޗެއް ކާން ދިނީ؟”
“މަންމަގެ ވާހަކައިން ހަމަ ވިސްނުން އައީ. އަހަރެމެން މިއީ އަންހެން ދަރީންގެ މީހުން- އެހެންވީމާ ވާހަކަ ދައްކާން ޖެހޭނީ ވަރަށް ވިސްނުންތެރި ކަމާ އެކީގައި. މާ ގިނަ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން- މިއަދު ހެނދުނު ބުނީމެއްނު ތިމަން ބޭނުން ވަނީ ފީރޯޒާ ފަހަރިއަކަށް ހަދާށޭ؟”
“އާނ. ބުނިން މިހާރުވެސް މިހިރީ ހަމަ އެ ވާހަކައިގެ މަތީގައި.”
“އެހެން ވެއްޖެއްޔާ އަކްބަރު ގާތު ބުނޭ ކާވެނީގެ ވާހަކަ ދައްކާން އޭނާގެ މައިންބަފައިން މިގެއަށް ފޮނުވާށޭ.”
ސަލްމާ އުފަލުން ފޮޅިއްޖެއެވެ. “ހަމަ ރަނގަޅަށްތަ؟”
“އާނ! ސަލްމާގެ އުފަލަށްޓަކައި އަހަރެން މަންމަ ރުއްސައިފިން- ސަލްމާއަށް ކާރެއް ލިބޭނޭ ގޮތް ހަދައިދޭން ވާނެނު؟”
ސަލްމާ ޖަވާދުގެ ކަރުގައި އެލިގަތެވެ. “ޖަވާދު ތިޔައީ ބަރާބަރު ފިރިއެއް.”
ޖަވާދު ހިނިތުން ވެލިއެވެ. “އަކްބަރަށް ފޯނު ކޮށްފައި ބުނޭ މި ގެއަށް އައިސް އޭނާގެ ކާރު ގެންދާށޭ. ކާވެނީގެ ވާހަކަވެސް ދައްކާ.”
“އެންމެ ރަނގަޅު. އަކްބަރު އައީމާ އަހަރެން އޭނާޔާއެކު ބޭރަށް ދާނަން. ވާހަކަ ދައްކާނީ ބޭރަށް ގޮސް.”
“އެންމެ ރަނގަޅު. އަހަރެން މި ދަނީ ފެން ވަރަން.”
އަކްބަރު އައީ އޭގެ ދޮޅު ގަޑިއެއްހައި އިރު ފަހުންނެވެ. ސަލްމާ ކާރަށް އަރައި އިށިނދެފައި ބުންޏެވެ. “ހިނގާ ވަރަށް ދިގު ބުރެއް ޖަހައިލަން. ވާހަކަ އަކީ ވަރަށް ދިގު ވާހަކައެއް. ކަލެއަކީ ވަރަށް ނަސީބު ގަދަ މީހެއް.”
އޭނާ ކާރު ދުއްވައިލަމުން ބުންޏެވެ. “ދައްތަ ބުނީމެއްނު އެ ދައިތަ އެއްބަސް ވެއްޖެއޭ. އަހަންނަކަށް ޔަގީނެއްވެސް ނުކުރެވުނު. އޭރު އަހަންނާ ދިމާއަށް ބަލާލި ގޮތުން ހީވީ ރޮލާ ކައިފާނެހެން.”
ސަލްމާ ހީނގަތެވެ. “އަންހެން ދަރި ހަވާލު ކުރާ މީހާ ރަނގަޅަށް ބަލައިލާން ވާނެނު؟ އެހެންވީމާ ތަންކޮޅެއް ފުންކޮށް ބަލައިލީ ކަމަށް ވާނީ.”
“ދައްތާ! ނިކަން ވިސްނައިލަބަލަ! ހަވީރު ވީ އިރު މައްސަލަ އޮތީ ވަރަށް ހޫނުކޮށް. މިހާރު ކުއްލިއަކަށް ހުރިހައި ކަމެއް ހަމަޔަކަށް އެޅުނީ ކިހިނެއްތަ؟”
“ފީރޯޒާ އަކީ ވަރަށް ބޯ ހަރު، ގޮތް ދޫނުކުރާ ކުއްޖެއް. އަހަރެން އެންމެ ފުރަތަމަ ފީރޯޒާއަށް ފިލާވަޅު ނަގައި ދިނީ. އަކްބަރާ ނީނދެވިއްޖެއްޔާ އަމިއްލައަށް މަރުވާނެ ވާހަކަ އޭނާ ލައްވައި ބުނުވީ.”
އަކްބަރް ހިނިތުން ވެލިއެވެ. އޭނާގެ ހިތަށް އެރިއެވެ. އަމިއްލައަށް މަރުވާ ދަރަޖައަށް ފީރޯޒާ އޭނާ ދެކެ ލޯބި ވެއެވެ. ގޭގެ ބޮޑެތި މީހުންގެ ޚިޔާލު ބަދަލުވީ ފީރޯޒާގެ ގޮތް ދޫ ނުކުރުމުގެ ސަބަބުންނެވެ. ލޯބިވެރިޔާގެ ކޮޅަށް މައްސަލަ އަނބުރައި ލުމުގައި ފީރޯޒާ ކާމިޔާބީ ހޯދައިފިއެވެ.
އަކްބަރް ހިނިތުން ވަނީއެވެ. އެކަމަކު ޙަޤީޤަތުގައި އޭނާ މާ ބޮޑަކަށް އުފަލެއް ނުވެއެވެ. އުފާ ވާނީ އުޑުގައި ހުރި ތަރިއެއް ބިމަށް ބޭލުނު ނަމަ ނޫން ހެއްޔެވެ؟ ތަރި އަމިއްލައަށް އުޑުން ފައިބައިގެން އައިސް އޭނާގެ އުނގަށް ވެއްޓިގަންނާނޭކަން އޭނާއަށް ކުރިންވެސް އެނގެއެވެ. އޭނާ އެ މީހަކު ބޭނުން ވެގެން އުޅޭ ކޮންމެ މީހަކު އޭނާއަށް ލިބެއެވެ. އޭނާގެ ކުރިމަތީގައި ގޮތް ދޫ ނުކޮށް ހިފަހައްޓައިލޭ އެއްވެސް މީހަކު ނެތެވެ. ޤުދުރަތުން އޭނާއަށް ވަނީ އާދަޔާ ޚިލާފު ބާރެއް ދެއްވައިފައެވެ.
ޤުދުރަތުން މީހަކަށް މާ ބޮޑު ބާރެއް ދެއްވީމާ ބޮޑާކަން އަށަގަތުމަކީ ވަރަށް ގިނައިން ދިމާވާ ގޮތެކެވެ. އެފަދަ މީސްމީހުން ކަންތައްތަކާ ކުރިމަތި ލަނީ ކާމިޔާބީގެ ޢަޒުމާ އެކީގައެވެ. އެއް ހަނގުރާމަ ކާމިޔާބު ކުރެވުނީމާ އަނެއް ހަނގުރާމަޔާ ކުރިމަތި ލަނީއެވެ. ފަހަތަށް އެނބުރި ބެލުމަކީ ފާތިޙުންގެ ޝާނާ ޚިލާފު ކަމެކެވެ. އެހެން ނަމަވެސް މި ފަހަރު އަކްބަރަކަށް ފަހަތް ނުބަލައެއް ނުހުރެވުނެވެ. ފީރޯޒާގެ ކަންތަކާ މެދު މާ ބޮޑަށް ފިކުރު ކުރެވެނީއެވެ. މި ފަހަރު ދިމާ ވެފައި މި ވަނީ އާދަޔާ ޚިލާފަށް ރީތި ރާނީ އަކާއެވެ. އެއީ އެއް ފަހަރުން އަލަ ކެނޭ ވަރަށްވުރެ މާ ފުން އާރެކެވެ. ޝާޢިރުންގެ ޚިޔާލު ހުސްކޮށްލާ ފަދަ ފަރި ކަމެކެވެ. ޅެންވެރިންގެ ޅެމންތައް ކިޔައި ނިމެއެވެ. އެކަމަކު މޮޅު ޅެމެއްގެ މާނަޔާ ހަމައަށް ފޯރާ ގޮތެއް ނުވެއެވެ. ފީރޯޒާ އަކީ އެ ފަދަ މޮޅު ޅެމެކެވެ. އޭނާގެ ހިތް އަތުލެވުނީމާވެސް އެއީ ފަހަތަށް އެއްލުނު ގަނޑެއް ކަމަށް ބަލައިފައި އަނެއް ގަނޑަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ.
އަކްބަރު ބުނެލިއެވެ. “އަދި އެއް ފަހަރު އޭނާޔާ ބައްދަލު ކޮށްލަން އަހަރެން ބޭނުން-“
“މިހާރަކު ތިޔަ ކަމެއް ނުވާނެ- އެހެން ނޫނަސް ސިއްރު ސިއްރުން ބައްދަލު ކުރުމުގެ ބޭނުމެއް މިހާރަކު ނެތެއްނު-؟ ކާވެނީގެ ވާހަކަ މާދަމާ ދައްކާ-“
“ދައްތާ- އެ މީހުން ރުހޭ ކަމަށް ވަންޏާ ކޮންމެހެން މާ އަވަސް ކޮށްލައިގެން ކާވެނީގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެއްނު-؟ ފީރޯޒާ އަކީ އަހަރެމެންނަށް މާ މުހިއްމު ކުއްޖެއް ކަމަށް ދައްކައިގެން އުޅޭކަށް ނުވާނެ- ކަންތައް ކުރަންވީ އެޔާ އިދިކޮޅަށް- އެ މީހުންނަށް އަހަރެން ވަރަށް މުހިއްމު ވާ ކަހަލަ ޙާލަތެއް މެދުވެރި ކުރަންވީ-“
“އާނ- ތިޔައީވެސް ރަނގަޅު ވާހަކައެއް- އަންހެން ދަރިންގެ ޢާއިލާ ތެޅުވުނު ވަރެއް ރަނގަޅު- އެކަމަކު އެހެން ހެދީމާ އަހަންނަށް ގެއްލުން ވާނެ-“
“އެއީ ކޮން ގެއްލުމެއް-؟”
“ކަލޭ ބުނީމެއްނު ކާވެނީގެ ތާރީޚު ކަނޑައެޅުމާ އެކީ އަހަންނަށް މި ކާރު ދޭނަމޭ- އެހެންވީމާ ކާވެނި ލަސް ވާ ވަރަކަށް އަހަންނަށް ކާރު ލިބުންވެސް ލަސް ވާނެއެއްނު-؟ އެހެންވީމާ ކާވެނީގެ ތާރީޚުގެ ޝަރުޠު އުވާލާފައި ކަލޭގެ އާ ކާރު އައުމާއެކީ މި ކާރު އަހަންނަށް ދޭން ވާނެ-“
“ނޫނޭ ދައްތާ- ހަމަޖެހި ނިމިފައި އޮތް ކަމެއް ބަދަލެއް ނުކުރެވޭނެ- އެކަމަކު ދައްތަ ވީމާ އަހަރެން ކުޑަކުޑަ ލުޔެއް ދީފާނަން- ދައްތަ ބޭނުންވީމާ ދެތިން ދުވަހަކަށް ކާރު ދީފާނަން-“
“އިރުއިރުކޮޅާ ކާރު ދޭށޭ ކިޔާކަށް އަހަރެންގެ ހިތެއް ހަމައެއް ނުޖެހޭ-“
“މިއީ ހަމަ ދައްތަގެ ކާރެއްނު-؟ އަހަރެންގެ އަތުގައި ވަގުތީ ގޮތުން އޮތީ ކަމަށް ބަލާ- ދައްތަ ބޭނުންވީމާ ގެންގޮސްފައި ނިމުނީމާ ގެނެސް ގެއަށް ލައިދީ- ދެބެއިންގެ މެދުގައި ތިޔަ ބުނާ ކަހަލަ، ކަންކަމަށް އެދުމުގެ އުސޫލެއް ބާއްވާނެ ކަމެއް ނެތް- އަމިއްލަ އެއްޗެއް ކަމަށް ބަލާފައި ބޭނުން ވަގުތަކު ގެންދޭ- ދެން އެ ވާހަކަ ބާއްވާފައި އަހަރެންގެ ވާހަކަ ދައްކަބަލަ-“
ސަލްމާ ހިނިތުން ވެލިއެވެ. “ކަލެއަކީ އެއް ނަންބަރުގެ އަމިއްލަ އެދުން ބޮޑު މީހެއް- ކޮން ވާހަކައެއް ދައްކަންވީ-؟”
“ކުރިންވެސް ބުނެފީމެއްނު-؟ ދައްތަގެ ފަހަރިޔާ އަދި އެއް ފަހަރު ބައްދަލު ކުރެވޭނެ ގޮތް ހަދައިދީ-“
“އެއީ ރައްކާތެރި ކަމަކަށް ނުވާނެ- މައްސަލަ ހަމަޔަކަށް މި އެޅުނީވެސް ކިރިޔާ- ކަލޭމެން ދެ މީހުން ބައްދަލު ކުރިކަން އެނގުނީކަން އަހަންނަށް ޔަގީން- މިހާރު ފީރޯޒާ އިނީ ކޮޓަރީގައި ބަންދު ކޮށްފައި- އެ ކޮޓަރީގެ ތަޅުދަނޑި އޮންނާނީ މަންމަގެ އަތުގައި-“
“ދޫންޏަކީ ކޮށީގައި ބަންދުކޮށްގެން ގެންގުޅޭ އެއްޗެއް ނޫން- ދޫނިތަކަށް އުދުހި އުޅެވޭނޭ ގޮތް ހަދައި ދޭން ވާނެ-“
“ގޭތެރޭގައި މިނިވަންކޮށް އުޅުމުގެ ފުރުސަތު ފީރޯޒާއަށް ފަހަރެއްގައި ލިބިދާނެ- އެކަމަކު ބޭރަކަށް ނުދެވޭނެ- ކަލޭ އަހަންނާ ބައްދަލު ކުރަން އަތުވެއްޖެއްޔާ ފީރޯޒާ ބަންދު ކުރާނެ-“
“ބަންދު ކުރިޔަސް ބައްދަލު ކުރެވިދާނެ- އެއީ އެއްވެސް ކަމެއް ނޫން- އެ ގޭގައި އުޅޭ މީހަކަށް ހިލަމެއްވެސް ނުވެ ބައްދަލު ކުރެވިދާނެ-“
“ކަލެއަށް މާ މޮޅު ބުއްދިއެއް ކުރެވުނީތަ-؟”
“އާނ- ދައްތަގެ ކޮޓަރީގެ ފުރަގަހު ދޮރު ހުޅުވާފައި ބަހައްޓާ- އަހަރެން ވަދެގެން ގޮސް ފީރޯޒާގެ ކޮޓަރިއަށް ހިނގައިދާނަން-“
“މޮޔަވީތަ-؟ އަހަރެން އަނެއްކާވެސް މަޅިއަކަށް ފައްތަން ވީތަ-؟ ޖަވާދަކީ ނުލާހިކު ނިދި މަޑު މީހެއް- މީހަކު ނޭވައެއް ލިޔަސް ހޭލާނެ-“
“ދައްތާ- ދައްތަ ތިޔަ އުޅޭނީއަކީ ޖަންގައްޔެއްގައެއް ނޫނެއްނު-؟ އެކި ކަހަލަ ނިދާ ބޭސް ހުންނާނެ ބޭސް ފިހާރަތަކުގައި- އަހަރެން ބޭހެއް ގަނެ ދޭނަން- ޖަވާދުބޭބެއަކީ އަމަލުވާ އެއްޗެއްގެ ބޭނުން ކުރާ މީހެއް ނޫން- އެހެންވީމާ އެންމެ ގުޅައަކުން ނިދިދާނެ- ނިދާ ގޮތަށް ހޭލާނީ ހެނދުނު-“
“އަހަރެން ލައްވައި ތިޔަ ކަހަލަ ބޮޑެތި ކަންތައްތައް ކުރުވާފައި ކަލޭ އަހަންނަށް ކޮށް ދެނީ ކޮން ކަމެއް-؟ ކާރު ދޭނަމޭ ކިޔާފައި އެ ވާހަކަވެސް އެހެން ގޮތަކަށް ބަދަލު ކޮށްލީ-“
“އަހަރެން ބުނެފީމެއްނު މިއީ ދައްތަގެ ކާރެކޭ- ވަޢުދުވީ ގޮތަށް ކާރު ދޭނަން- މިހާރު ކާރުގެ ވާހަކަ ނުދައްކާ- މާދަމާ ބައްދަލު ކުރެވޭނެ ގޮތް ހަދައިދީ- އޭރުން ދިހަ ހާސް ރުފިޔާއަށް ބާޒާރު ކޮށް ދޭނަން-“
ދިހަ ހާސް ރުފިޔާ އަކީ އޭނާގެ ޢާއިލާއަކަށް މާ ބޮޑު ޢަދަދެއް ނޫނެވެ. އެކަމަކު ސަލްމާ މިހާރު އުޅެނީ އޭނާގެ ޢާއިލާއާ އެކުގައި ކަމަށް ނުވާތީ އެއީވެސް ކުޑަ ޢަދަދެއް ކަމަކަށް ނުފެނެއެވެ. ދިހަ ހާސް ރުފިޔާއަށް ވުރެ ބޮޑު ސަމާލު ކަމެއް ދެވެނީ ބާރަ ލައްކަ ރުފިޔާގެ ކާރަށް ކަމުގައި ވިޔަސް އަކްބަރު އެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ. އެހެންވީމާ ވާހަކަ ކުރިއަކަށް ނުދާނެތާއެވެ.
ސަލްމާ އެރޭ ގެއަށް އައީ ތަންކޮޅެއް ލަހުންނެވެ. ގޭ މީހުން ކައި ނިމިގެން ނިދަން ކޮޓަރި ކޮޓަރިއަށް ވަދެއްޖެއެވެ. އެހެންވީމާ އެރޭ ފީރޯޒާއާ ދިމާވާ ގޮތެއް ނުވިއެވެ. މަންމަ އެރޭ ފީރޯޒާ ނިންދެވީ މަންމަގެ ކޮޓަރީގައެވެ.
އެއީ އޭނާގެ ހިތަށް ނުތަނަވަސްކަން ވެރިވީ ކަމެކެވެ. މަންމަގެ އެ ފިޔަވަޅުން އެނގުނީ މިހާރު މަންމަ އޭނާއަށްވެސް އިތުބާރު ނުކުރާ ކަމެވެ. ފީރޯޒާ އޭނާޔާވެސް ދުރުގައި ގެންގުޅެން ބޭނުންވާ ކަމެވެ.
އަނެއް ދުވަހު ފީރޯޒާ ކޮޓަރިން ނުކުމެ ގޭތެރޭގައި އުޅުނެވެ. އެކަމަކު މަންމަ އޭނާ އެކަނި ވިޔަކަ ނުދެއެވެ. އަބަދުވެސް ފަހަތުގައި ހުރެއެވެ. އެކަމަކު ދޭތެރެއަކުން ސަލްމާ ލޮލުގެ އިޝާރާތުން ފީރޯޒާއަށް މެސެޖެއް ފޮނުވައިލިއެވެ. މެސެޖަކީ އޭނާއަކީ އަބަދުވެސް އެންމެ ގާތް އެކުވެރިޔާ ކަމުގެ މެސެޖެވެ.
(ނުނިމޭ)