ލޭބޯފަނި (16)

(19 އޭޕްރީލް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ސަލްމާ ކައިރިއަށް އައިސް ބުންޏެވެ. "މަންމަ މޮޔަވީ- ހަމަ މިއަދު އަހަރެމެން ގެއިން ކާވެނީގެ ވާހަކަ ދައްކާން ބަޔަކު އަންނާން ވާނެއޭ ކިޔަން ފެށީ- އަހަރެން މަންމައަށް ވިސްނައި ދެވޭތޯ ލައްކަ މަސައްކަތް ކޮށްފިން- ބައްޕަ ވީ ދަނޑަށް ގޮސް- ބައްޕަ އައުމާއެކު ވާހަކަ ދައްކާނީއޭ ބުނިން- އެކަމަކު މަންމައަކަށް ވިސްނޭ ގޮތެއް ނުވި- އެއްކޮޅުން އަހަންނާ ދިމާއަށް ބަވަނީ- އަނެއްކޮޅުން ފީރޯޒާއަށް އެވަރު ކޮށްފި- އެންމެ ފަހުން އައިސް އެ އިނީ އެ ފަކީރުގެ ކޮޓަރީގެ ދޮރުމަތީގައި-"

ޖަވާދު ކުޑަކޮށް ނުރުހުން ވެފައި ބުނެލިއެވެ. "މަންމާ- ތިޔައީ ދެން ކޮން ކަމެއް-؟ ތިޔަހެން ހެދީމާ މުޅި ހިސާބުގަނޑުގައި އަހަރެމެން ބަދުނާމު ވާނީއެއްނު-؟"

މަންމަ ތެދުވެއްޖެއެވެ. "ދަރިފުޅާ- މަންމަ މި ބުނަނީ ތެދަށް- މަންމައަށް އިތުބާރު ކުރޭ- މީގެ އިރުކޮޅެއް ކުރީން ދަރިފުޅުގެ އަނބިމީހާ ދަރިފުޅުގެ ކޮއްކޮއާ ބެހޭ ގޮތުން ދެއްކި ވާހަކައަކީ ކޮއްކޮގެ އިއްޒަތް ވެއްޔާ މޮޑެލާނޭ ވާހަކައެއް- ކޮއްކޮ ވިއްކާލުމުގެ ވާހަކަ މީނާ ދެއްކީ ހަމަ ދެންމެ-"

ފީރޯޒާ ދޮރު ހުޅުވައިލާފައި ނުކުމެއްޖެއެވެ. "މަންމާ- އަހަރެން މި ހުންނަނީ އަޑު އަހަން- މަންމަ ތިޔަ ބުނި ކަހަލަ ވާހަކައެއް ފަހަރި ދެއްކި އަޑެއް އަހަންނެއް ނާހަން-"

މަންމަ ބުންޏެވެ. "ކަލޭ އިނީ ކޮޓަރީގައި- މިއީ ވަރަށް ޗާލާކު އަންހެނެއް- އޭނާ ދެއްކިހައި ވާހަކައެއް ކަލެއަކަށް އަޑެއް ނީވޭނެ-"

ޖަވާދު ބުންޏެވެ. "މަންމާ- ފީރޯޒާ ދެކެ ސަލްމާ ލޯބި ވާވަރު މަންމައަށް ވަރަށް ރަނގަޅަށް އެނގޭނެ- އޭނާގެ އިޚުތިޔާރުގައި އޮތް ކަމެއް ނަމަ ހަަމަ މިހާރު ފީރޯޒާގެ ކާވެނި ކޮށް ދިނީސް- މަންމަ ފިލްމުތަކުގައި އެ ދައްކާ ކަހަލަ މައިދައިތައަކަށް ވާން އުޅެނީ ކީއްވެގެން-؟"

"ގޮތްކުޑަ-! އަހަރެން މައިދައިތައަކަށް ވާނީ އެންމެ ފުރަތަމަ އަހަރެން މިއީ މައެއް ކަމަށް ކަލޭ ބެލީމައެއްނު-؟ ކަލޭ، ކަލޭގެ މަންމައަށް ކުރީ ކޮން ގަދަރެއް-؟ ކަލެއަކީ އެއްވެސް ކަހަލަ ޣީރަތްތެރިކަމެއް ހުރި މީހެއް ނަމަ، ކަލޭގެ ކޮއްކޮގެ ކުށް ފޮރުވޭތޯ އުޅޭނެ- އަކްބަރު ގެނެސް ހަމަ މިހާރު އެދެމީހުން ދެވާނެ- ކުށުގެ މަތީގައި ދެމި ތިބޭކަށް ދޫކޮށެއް ނުލާނެ-"

"މަންމަ ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް-؟ އޭނާގެ ބައްޕަ ވީ ދަނޑު..."

މަންމަ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "ދަނޑު ޖަހަންނަމައަށް ދިޔަދީ- ކަލޭ ބޭނުމިއްޔާ ހަމަ މިހާރުވެސް އޭނާ ގެނެވިދާނެ-"

"އަހަރެން ކިހިނެއް ގެންނާނީ-؟"

"އޭނާއާ ގުޅޭނޭ ނަންބަރެއް ހޯދައިގެން ގުޅާ- ގުޅާފައި ބުނޭ އަކްބަރު ކަލޭގެ އަންހެނުންގެ އަބުރު ނަގާލައިފިއޭ-  އެހެންވީމާ މިއަދު އިރު އޮއްސުމުގެ ކުރިން އޭނާޔާ އިންނާށޭ-"

  "އަހަރެން ހަމަ ބުނާ އިރަށް އޭނާ އައިސް ކާވެނި ކުރުވާނެތަ-؟"

"އަންނާން ދެކޮޅު ހަދައިފިއްޔާ ބުނޭ އެ ދެ މީހުންގެ ކާވެނި ނުކުރުވައިފިއްޔާ އަކްބަރުގެ ދައްތަ ވަރި ކޮށްފައި ގެއަށް ފޮނުވައިލާނަމޭ-"

ސަލްމާ ރުޅި އައިސް ފުފިގެންފިއެވެ. "ހިތުގައި އޮތް އެއްޗެއް އަދި ކިރިޔާ އެ ބުނީ- ހުރިހައި ދެކޮޅުވެރިކަމެއް މި އޮތީ އަހަންނާ- ކަލޭގެ މަންމަ އެ އުޅެނީ އަހަރެން މިގެއިން ނެރެލަން- އަހަރެން ފޮނުވައިލާ- މަންމަގެ ހިތަށް ފިނިކަމެއް ލިބޭނީ އޭރުން- އަހަރެން މި ގެއިން ފޮނުވައިލިޔަސް އަހަރެން ފީރޯޒާ އަހަރެންގެ ފަހަރިއަކަށް ހަދާނަން- އަހަރެން ދެކޭ ގޮތުގައި އެއީ އަހަރެންގެ ފިރިމީހާގެ ކޮއްކޮއެއް ނޫން- އެއީ އަހަރެން ފުރާނަ ފަދައިން ލޯބިވާ އަހަރެންގެ އެކުވެރިއެއް- ސީދާ އަހަރެންގެ ކޮއްކޮއެއް-"

ފީރޯޒާގެ ހިތް ފުރިގެން ބަންޑުން ވެއްޖެއެވެ. ސަލްމާ އެހެރީ ޚުދު އޭނާގެ ކާވެނި ރޫޅުނަސް ފީރޯޒާގެ ގެ އާބާދު ކޮށްދޭން ތައްޔާރަށެވެ. ހެޔޮ އެކުވެރިންގެ ގޮތަކީ އެއީއެވެ. އޭނާ މަޑުމަޑުން ގޮސް ސަލްމާގެ ގައިގައި އޮޅުލައިގެންފިއެވެ. "އަހަރެން ފަހަރިއަށް އެއްވެސް ކަހަލަ ދެރައެއް ލިބުނަ ނުދޭނަން- މަންމަ މިހާރު އެހެރީއަކީ ހަމަހެޔަކުއެއް ނޫން- ފަހަރި ތިޔަ ދައްކަނީ ގެ އާބާދު ކުރުމުގެ ވާހަކަ- މަންމަ އެ ދައްކަނީ ފަނާ ކުރުމުގެ ވާހަކަ-"

މަންމަ ޖަވާދާ ސުވާލު ކޮށްލިއެވެ. "އޭނާ އެ ބުނަނީ އަހަރެން މިހިރީ ހަމަހެޔަކު ނޫނޭ- ކަލެއަށް ފެންނަނި ކިހިނެއް-؟"

"މަންމާ- މި ވަގުތު މަންމަގެ ވާހަކަ އިވޭ އެއްވެސް މީހަކު ނުބުނާނެ މަންމަ ތިޔަ ހުރީ ރަނގަޅު ހާލަތެއްގައޭ-"

މަންމަ ހތާމަޔާއެކު އޭނާގެ ފިރިހެން ދަރިފުޅާ ދިމާއަށް ބަލައިލިއެވެ. ދަރިފުޅުގެ ކާވެނި ރޫޅައިލުމަކީ އޭނާ އެދޭ ގޮތެއް ނޫނެވެ. އޭނާ ދެއްކި ވާހަަކައެއް ދެއްކީ އަންހެން ދަރިފުޅުގެ އަބުރު ރައްކާތެރި ކުރުުގެ ޚިޔާލު ފިރިހެން ދަރިފުޅުގެ ބޮލަށް ވެއްދުމުގެ ގޮތުން ދެއްކި ވާހަކައެކެވެ.

އޭނާ ބަލި ގަބޫލު ކުރާ ކަހަލަ ގޮތަކަށް އިސް ޖަހައިލިއެވެ. އަދި މަޑުމަޑުން އެތަނުން ދުރަށް ދާން ހިނގައިގެންފިއެވެ. ޖަވާދު މަންމައަށް ގޮވައިލިއެވެ. "މަންމާ- ފީރޯޒާގެ ކަންތައް ހަމަ ޖެއްސުމަކީ އަހަރެންގެ ޒިންމާއެއް- މަންމަ އެކަމާ ކަންބޮޑު ނުވޭ- މަންމައަށް ދޭން ޖެހޭ އުފާވެރި ޚަބަރެއްވެސް އެބައޮތް-"

މަންމަ ހުއްޓިއްޖެއެވެ.

"ސަލްމާ އިނީ ބަލިވެ- މަންމަ ވަރަށް އަވަހަށް މާމައަކަށް ވެދާނެ-"

މަންމަ ބުންޏެވެ. "ﷲ ތިޔަ ހުރިހައި ކުދިން އުފަލުގައި ލަހައްޓަވާށި- ތިޔައީ ވަރަށް އުފާވެރި ޚަބަރެއް- މިހާރު ޖެހިފައި މިވާ މައްސަލަ ހައްލުވީހައި އަވަހަކަށް ޕާޓީއެއް ބާއްވާނަން-"

މަންމަ އިސް ޖަހައިލައިގެން ހުރެ މަޑުމަޑުން ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. އަދި ގޮނޑިއަކަށް ވެއްޓިގެންފިއެވެ. އޭނާއަށް އިހްސާސް ކުރެވެނީ ވަރުގަދަ ޠޫފާނެއްގެ ތެރޭގައި އުޅެވެނީ ކަމުގައެވެ. އަކްބަރު އެ ވަނީ ލޭބޯ ފަންޏެއްހެން ފީރޯޒާގެ ހަށިގަނޑުގައި ތަތްވެގެންނެވެ. އެ ފަނި ނައްޓުވަލައިލެވޭތޯ މަސައްކަތް ކުރާ ވަރަކަށް ދަނީ ބާރު ގަދަ ކުރަމުންނެވެ.

އިހުގެ މުސްޅިން ބުނާ ގޮތުގައި ލޭބޯ ފަންޏެއް ހަށިގަނޑުގައި ތަތްކޮށްގެން ނުނެއްޓިއްޖެ ނަމަ، ކުޑަ ފުރެއްދެ ލޮނުކޮޅެއް ފަނީގެ މައްޗަށް ބުރުވައިލާށެވެ. އޭރުން ފަނި ނެއްޓިދާނެއެވެ. އަދި އެ ސޮރު މަރުވެސް ވެދާނެއެވެ. ފަނި ނައްޓުވައިލާން އޮންނަ ދެވަނަ ގޮތަކީ ގެއްލުން ދެނިވި ގޮތެކެވެ. އެއީ ގަދަކަމުން ނެއްޓުމެވެ. ގަދަކަމުން ދަމައިގެންފިނަމަ އެ ސޮރު ނެއްޓޭނީ ގައިގެ ހަމާ އެކީގައެވެ. ތަތްކޮށްލާފައި ހުރި ތަނެއް ޒަޚަމް ކޮށްލައިފައެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.