(26 އޭޕްރީލް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފީރޯޒާގެ ކޮޓަރީގެ ދޮރުމަތީ، ތަޅުންގަނޑުމަަތީގައި ފެން އެބަހުއްޓެވެ. މީގެ ކުޑައިރުކޮޅެއް ކުރީން އޭނާ މި ތަނަށް އައި އިރަކު އެ ފެނެއް ނެތެވެ. އެތަން އަނދިރިކަމުން ފިޔަވަޅުގެ ނިޝާނެއް ފާހަގައެއް ނުކުރެވެއެވެ. އެކަމަކު ކޮންމެވެސް މީހަކު ބޭރުން އައިސް ވަނީކަން ހަމަ ޔަގީނެވެ.
އޭނާ މަޑުމަޑުން ބަލަމުން ހިނގާފައި ގޮސް ޅީދަރިފުޅުގެ ކޮޓަރި ކައިރިއަށް ހުއްޓިއްޖެއެވެ. އެ ކޮޓަރިން ފެށިގެން ފީރޯޒާގެ ކޮޓަރިއާ ހަމައަށް ފެން އެބަހުއްޓެވެ. އެހެންވީމާ އެ އައި މީހަކު ސަލްމާގެ ކޮޓަރިން ނުކުމެގެން ގޮސް ފީރޯޒާގެ ކޮޓަރިއަށް ވަނީކަން އެބަ އެނގެއެވެ.
އެ ވަގުރު އެތާނގައި އެއްވެސް މީހަކު ނެތެވެ. އެކަމަކުވެސް މުސްކުޅި މަންމަ ގަތް ލަދެއްގެ ބޮޑު ކަމުން މޫނުގައި ދެ އަތް އެޅިއެވެ. އަމިއްލައަށް މަރު ވެގަންނާން ވީއޭވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް މަރު ވެގެންފިއްޔާ، ފީރޯޒާގެ މިނިވަންކަން އިތުރަށް ފުޅާ ވެގެން ހިނގައިދާނެއެވެ. އެހެންވީމާ ހަމަހޭގައި ދުނިޔޭގައި ހުރެގެން ކޮންމެވެސް ކަމެއް ކުރެވޭތޯ ބަލާން ވީއެވެ. ގޭތެރެއަށް ވަދެފައި އޮތް ހަޔާތްކުޑަކަމުގެ ކުޅިގަނޑު އަބަދަށްޓަކައި ނިންމައިލެވޭފަދަ ބުއްދިއެއް ކުރަން ވީއެވެ.
އޭނާ އަނެއްކާވެސް އެނބުރި ފީރޯޒާގެ ކޮޓަރި ކައިރިއަށް އައިސް، ދޮރުފަތުގައި ކަންފަތް ޖައްސައިލިއެވެ. އެތެރޭގައި މީހަކު އުޅޭތޯ ޔަގީން ކުރަން އުޅޭ އުޅުމަކީވެސް އޭނާ ލަދުން ހަލާޚުވާ ވަރުގެ ކަމެކެވެ. އެތެރެއަކުން އެއްވެސް އަޑެއް ނީވެއެވެ. ޝައިޠާނާ ވިޔާނުދާ ކަންތައް ކުރާނީ އަބަދުވެސް އަޑެއް ބަޑެއް ނީއްވައެވެ. އެތެރެއިން ލަދުވެތި އަޑެއް އިވުނު ނަމަ އޭނާގެ ފުރާނަ ހަމަ އެވަގުތު ނުކުމެގެން ދިޔައީހެވެ.
އޭނާ ބާރަށް ހިނގާފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާގެ އަބުރުވެރިކަމާއި، ޣީރަތްތެރިކަން ހަރު އަޑުން ގޮވަނީއެވެ. ޝައިޠާނާ މި ގެއަށް ވަނީ ފާފަ ފަތުރާން ކަމުގައި ވަނީނަމަ، އެކަލޭގެ މަރައިލާށެވެ. ދިރި ހުއްޓައި ދޫ ނުކުރާށެވެ. ފީރޯޒާއާ އިނދެގެން އަބުރުވެރިއެއްގެ ގޮތުގައި ގެއަށް ގެންދިއުމަކީ އޭނާ ކުރާނޭ ކަމެއް ނޫންކަން ކަށަވަރެވެ.
އޭނާ އަލަމާރިން ކުޑަކުޑަ ޓޯޗުބައްތިއެއް ނަގައިފިއެވެ. އޭނާ ބޭނުން ވަނީ ބޭރަށް ނުކުމެ، އެ ގެއަށް މީހަކު ވަނީ ކިހިނެއްތޯ ބަލާށެވެ.
ނުވަންނަ ކަމުގައި ވަނީ ނަމަ ﷲ އަށް ޙަމްދު ހުއްޓެވެ. ވަދެފައި ހުރިއްޔާ...؟
ދެން އޭނާ ހުޅުވައިލީ އަލަމާރީގައި ވަކިން ހުރި ވަތްގަނޑެކެވެ. ވަތްގަނޑުން ނެގީ ކުޑަކުޑަ ފިސްތޯލައެކެވެ. އޭރުވެސް ގުގުރާ އަޑު އިވެއެވެ. އޭނާގެ ހިތަށް އެރިއެވެ. ބޭރުން މިރޭ މި ގެއަށް މީހަކު ވަނިއްޔާ، އެހެން ރެއަކު ވަންނާން އެ މީހަކު ދިރި ހުރެގެން ނުވާނެއެވެ.
އޭނާ ކޮޓަރިން ނުކުމެއްޖެއެވެ. ގޮސް ވަނީ ބަދިގެއަށެވެ. ގޭގެ ފުރަގަހަށް ނުކުމެވޭ ގޮތަށް އެ ގޭގައި ހުންނަނީ ދެ ދޮރެވެ. އެއް ދޮރު ހުންނަނީ ބަދިގޭގައެވެ. އަނެއް ދޮރު ހުންނަނީ ޖަވާދުގެ ކޮޓަރީގައެވެ. އޭނާ ބަދިގެއިން ބޭރަށް ނުކުމެވެން ހުންނަ ދޮރު ހުޅުވައިލާފައި ބޭރަށް ނުކުމެއްޖެއެވެ. ބޯކޮށް ވާރޭ ވެހެއެވެ. ނުކުތުމާއެކު ރަނގަޅަށް ތެމި ފޯވެއްޖެއެވެ. ވިދާ ގުގުރަނީއެވެ. ތަނެއް ފެންނަނީ ވިދާލާ ވަގުތުއެވެ. ގޭގެ ފުރަގަހަށް އޮތް ބަންޑާރަ މަގުގެ މަގުބައްތިތައްވެސް ހުރީ ނިވިފައެވެ. އޭނާ މަޑުމަޑުން ޓޯޗުބައްތީން އަލި ކުރަމުން ފާރު ކައިރިން މަޑުމަޑުން ގިނގާފައި ގޮސް ފީރޯޒާގެ ކޮޓަރީގެ ކުޑަދޮރު ކައިރިއަށް ހުއްޓިއްޖެއެވެ. ރަނގަޅަށް ބަލައިލީ އިރު ކުޑަދޮރު ހުރީ ލައްޕައިފައެވެ. އެތެރޭގެ ދޮރުފޮތިވެސް ދަމައިފައެވެ.
ދެން އޭނާ ދިޔައީ ޖަވާދުގެ ކޮޓަރި ކައިރިއަށެވެ. އެ ކޮޓަރީގެ ކުޑަދޮރުވެސް ހުރީ ލައްޕައިފައެވެ. ދޮރުފޮތިވެސް ދަމައިފައެވެ. ބޭރަށް ނުކުމެވޭ ދޮރު ހުރީ އޭނާ ހުރި ތަނުން ދެތިން ފިޔަވަޅެއްހައިތަން ދުރުގައެވެ. އޭނާ އަލި ކޮށްލިއެވެ. ދޮރާދިމާއަށް ބޭރަށް ހުރި ހަރުފަތުގައި ކިސަޑު ހުއްޓެވެ. އަދި އެއީ މީހެއްގެ ފައިގެ ނިޝާންކަން އެނގޭ ވަރަށް ފާހަގަ ވާން ހުއްޓެވެ. ކޮންމެވެސް މީހަކު ބޭރުން އައިސް އެ ކޮޓަރިއަށް ވަންކަން ސާފުކޮށް އެނގެއެވެ.
ކުއްލިއަކަށް ވަރަށް ބާރަށް ގުގުރައިގެންފިއެވެ. އެ ގުގުރިއާއެކު މި ފަހަރު ހޮނު އެޅީ އޭނާގެ ހިތަށެވެ. އޭނާ ފިސްތޯލައިގެ މުއްގަނޑުގައި ބާރަށް ހިފަަހައްޓައިލިއެވެ. އަބުރުގެ ލުޓޭރު މިހާރު އޮތީ އޭނާގެ ގޭގައެވެ. ގޭތެރޭގައި ފިސްތޯލަ ޖަހައިފިއްޔާ މުޅި ހިސާބުގަނޑަށް އަޑު ފެތުރި ބަދުނާމު ވެދާނެއެވެ. ގެއިން ބޭރުގައި ޖަހައިގެން ވާނޭ ގެއްލުމެއް ނެތެވެ. ގޯތިތެރޭގައްޔާއި މަގުމަތީގައި ކުއްތާ މަރު ވުމަކީ އާދައިގެ ކަމެކެވެ.
އޭނާ ކޮޓަރިއާ ދުރަށް ހިނގައިގެންފިއެވެ. މަޑުމަޑުން ހިނގާފައި ގޮސް ބޭރަށް ނުކުންނާން ހުންނަ ދޮރާށީގެ ކައިރީގައި ހުއްޓިއްޖެއެވެ. އޭނާގެ ޅީދަރީގެ ކޮއްކޮވެސް ނުކުންނާނީ އެ ދޮރާށިންނެވެ. އިރުކޮޅަކު ބޭރު ބަލަހައްޓައިގެން ހުރެފައި ދޮރާށީގެ އެއް ފަރާތުގައި ގޯތި ތެރޭގައި ހުރި ގަހެއްގެ ހިޔަލަށް ވަދެއްޖެއެވެ.
އޭނާ ހިތާހިތުން ދުޢާ ކުރަން ފަށައިފިއެވެ. "ފީރޯޒާގެ ބައްޕައަށް ހިލަމެއްވެސް ނުވެ މި ކަންތައްގަނޑު ނިންމައިލެވޭނޭ ގޮތް މެދުވެރި ކުރައްވާށިއެވެ. މިއަޅާގެ ނިޔަތް އިބަކަލާނގެ ދެނެވޮޑިގަތުންބޮޑެވެ. ފީރޯޒާގެ ބައްޕައަށް އޭނާގެ ދަރިފުޅުގެ ހަޔާތްކުޑަ ޙަރަކާތްތައް އެނގިއްޖެއްޔާ އޭނާއަކަށް ކެތެއް ނުކުރެވޭނެއެވެ. އޭނާ ހަމަ ވަގުތުން މަރުވާނެއެވެ. އެކަހަލަ ގޮތެއް މެދުވެރި ނުކުރައްވައި ލަދު ހަޔާތް ކެނޑުމުގެ ޑްްރާމަ މިރެއިން މިރެއަށް ނިމިގެން ދާނޭ ގޮތް މެދުވެރި ކުރައްވާށިއެވެ.
އޭނާ ދުޢާ ކުރަމުން ދަނީއެވެ. ވަގުތު ފާއިތު ވަމުން ދެއެވެ. މެންދަމުން އަލިވެ ދޭއް ޖަހައިފިއެވެ. އިންތިޒާރުގެ ވަގުތުތައް ދަނީ ދިގުލަމުންނެވެ. ތިނެއް ޖެހިތަނާ ޖަވާދުގެ ކޮޓަރީގެ ފުރަގަހު ދޮރު މަޑުމަޑުން ހުޅުވިއްޖެއެވެ. ވަގު ކަލޭގެ ސިއްރުސިއްރުން ނުކުމެއްޖެއެވެ. ދުރަށް ނަޒަރު ހިންގައި ބަލައިލުމަށް ފަހު ހިތްހަމަ ޖެހުމާއެކު އެތެރެއަށް އިޝާރާތުން އަންގައިލިއެވެ. ސަލްމާ ދޮރު ލައްޕައިފިއެވެ. ހުރިހައި ކަމެއް ފެންނަނީ ވިދުވަރުގެ އަލީގައި ކެނޑިކެނޑިގެން ކަހަލަ ގޮތަކަށެވެ. އަކްބަރު މަޑުމަޑުން ދޮރާށްޓާ ދިމާއަށް ހިނގައިގެންފިއެވެ.
އޭނާ ހީކޮށްގެން ހުރީ އަކްބަރު ނުކުންނާނީ ދޮރާށިން ކަމުގައެވެ. އެކަމަކު ކަންތައް ވީ އެހެންނެއް ނޫނެވެ. އޭނާ މިސްރާބު ޖެހީ ގޭގެ އެއް ފަރާތު ފާރާ ދިމާއަށެވެ. އޭނާވެސް ގަހުގެ ހިޔަލުން ނުކުމެއްޖެއެވެ. އަދި އަކްބަރުގެ ފަހަތުން ވަގު ފިޔަވަޅުތަކެއް އަޅަމުން ހިނގައިގެންފިއެވެ. ވާރޭގެ ސަބަބުން އޭނާއަކަށް ފުރަތަމަ ފިޔަވަޅުގެ އަޑެއް ނީވެއެވެ. އެކަމަކު ކުއްލިއަކަށް އޭނާ ހުއްޓިއްޖެއެވެ. ފަހަތުން މީހަކު އަންނަ ކަމުގެ އިހްސާސް ކުރެވުނީއެވެ. އޭނާ އެނބުރި ބަލައިލިއެވެ. ފހަތުގައި މިހިރީ ފީރޯޒާގެ މަންމައެވެ. "މަން..." އޭނާއަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ.
މަންމަ ފިސްތޯލަ އޭނާއާ ދިމާއަށް އަމާޒު ކޮށްލިއެވެ. އޭނާ ސިހިފައި ފަހަތަށް ޖެހިލިއެވެ. "ތިޔަ އުޅުއްވަނީ ކީއް ކުރައްވަންތޯ-؟ ތިޔަ އެއްޗެއް ގޮވައި..."
އޭނާ ރުޅި އައިސް ރަތްވެފައި ހުރެގެން އަމުނައިގެންފިއެވެ. "ވިޔާނުދާ... ނުލަފާ... ކުއްތާ... މި ފިސްތޯލައިގައި ހުރި ވަޒަންތައް އަދިވެސް މަދު- ދަރިފުޅާ މެދު ނުވިސްނާ ނަމަ ކަލޭ މަރައިލީހީ ކުދި އަނިޔާ ކޮށްގެން- އެކަމަކު ކަލޭ ފަށައިގެން ތިޔަ އުޅޭ ލަދުހަޔާތް ކުޑަ ކަމުގެ ކުޅިގަނޑު މިރޭ ހަމަ ވަގުތުން ނިންމާލަން އަހަރެން ބޭނުން- އަހަރެންގެ ގޭގެ އަބުރު ރައްކާތެރި ކުރެވޭނީ ކަލޭ ހަމަ މި ވަގުތު ޖަހަންނަމައަށް ފޮނުވާލައިގެން..."
(ނުނިމޭ)