ރައީސް ނަޝީދުގެ ޓްވީޓަށް ނިހާންގެ ރައްދު، "އެއީ ބަލި މީހެއް"

ގޭންގުތަކަށް ނިސްބަތްވާ 45 ކުދިން ފުލުހުންގެ ޔުނީފޯމް ލައްވައިގެން މަގުމައްޗަށް މިރޭ ނެރެފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަށް ޕީޕީއެމުން ފިނި ރައްދެއް ދެއްވައިފިއެވެ.

ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މަޖިލީސް މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު އެ ޓްވީޓަށް ރައްދު ދެއްވީ ވަރަށް ކުރުކޮށްގެންނެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދަކީ "ސިކް މޭން" ނުވަތަ "ބަލި މީހެއް" ކަމަށެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ފުލުހުންގެ ޔުނީފޯމް ލައްވައިގެން ގޭންގުތަކުގެ 45 ކުދިން މަގުމައްޗަށް ނެރުމުގައި އިސްކޮށް ހުންނެވީ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ކަމަށެވެ.

އެޓުވީޓުގައި ނަޝީދު ވިދާޅުވެފައިވަނީ ރައްޔިތުންގެ ދިފާއުގައި ސިފައިންނާއި ފުލުހުން މިރޭ ނުކުންނަންޖެހޭ ކަމަށެވެ.

ހުއްޓުވާގެ ނަމުގައި އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުންދާ މުޒާހަރާގައި ފުލުހުންވަނީ 20 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އެހެންނަމަވެސް ފުލުހުން އެއަދަދު ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.