މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން ނުވަތަ ދިވެހިރާއްޖޭގެ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޙަރަކާތުގެ ނަމުގައި ލަންޑަނުގައު ސިޔާސީ އިއްތިޙާދެއް ޢިއުލާންކޮށްފިއެވެ.
މިޙަރަކާތް އުފައްދާފައިވަނީ ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލުޙުކުމެއް ތަންފީޒުކުރައްވަމުންދަނިކޮށް ފޭސްފަރުވާއަށް ކަމަށްވިދާޅުވެ ލަންޑަނަށް ވަޑައިގެން ހުންނެވި ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ މޭސްތިރިކަމުގެ ދަށުންނެނެވެ. ރާއްޖޭގެ މިހަރުގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގައި ހުންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ އިތުބާރުނެތްކަމަށް ފާސްވެ މަޤާމުން ވަކިވެވަދައިގަންނަނަވަން ޖެހުނު ކުރީގެ ނައިބުރައީސް ޑރ.މުޙަންމަދު ޖަމީލް އަޙުމަދަކީ މި އިއްތިޙާދުގެ ލީޑަރެވެ.
މިއަދު ލަންޑަނުގައި މިޙަރަކާތް ޢިއުލާންކުރިއިރު، ޙަރަކާތުގެ މަޤުސަދައި، ބޭނުންވެސް ވަނީ ޢިއުލާންކުރައްވާފައެވެ. އަދި އެޙަރަކާރުގެ ލިޑަރުގެ އިތުރުން ޑެޕިއުޓީލީޑަރާއި، ހިޔަނި ވަޒީރުންވެސް ވަނީ ޢިއުލާން ކުރައްވާފައެވެ.
މިޙަރަކާރުގެ މަޤުސަދަކީ ރާއްޖޭގައި މިވަގުތު އޮތް ޤާނޫނީ ސަރުކާރު ބަދަލުކޮށްލުމެވެ. އަދި ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެކުރިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު މަޤާމުން ދުރުކޮށް ސަރުކާރާ ޙަވާލުވުމެވެ. އެގޮތުން އުފެދޭ ސަރުކާރު ވެގެންދާނީ ވަގުތީ ސަރުކާރަކަށްކަމަށާ، އެސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ އަކަށް ވެވަޑައިގަންނަވާނީ އިދިކޮޅު ކޯލިޝަނުގެ ލީޑަރު ޑރ.މުޙަންމަދު ޖަމީލު އަޙުމަދުކަމަށްވެސް އިދިކޮޅު ކޯލިޝަނުން މިއަދުވަނީ ހާމަކުރައްވާފައެވެ.
މިއަދު ޢިއުލާންކުރެއްވި އިއްތިޙާދު:
ލީޑަރު (ރައީސް) : ޑރ.މުޙަންމަދު ޖަމީލު އަޙުމަދު.
ޑެޕިއުޓީލީދަރު (ނައިބުރައީސް) : އަލީ ވަހީދު.
އެޑްވައިޒަރުން:
މުޙަންމަދު ނަޝިދު (ކުރީގެ ރައީސް)
ކާނަލް ރިޓަޔާޑް މުޙަންމަދު ނާޒިމް
އިމްރާން އަބްދުﷲ (އަދާލަތުޕާޓީގެ ރައީސް)
ޝެޑޯ ކެބިނެޓް:
- މިނިސްޓަރ އޮފް ހޯމް އެފެއާޒް- އަޙްމަދު ތަސްމީން ޢަލީ
- މިނިސްޓަރ އޮފް ޓްރޭޑް އެންޑް ޓްރާންސްޕޯޓު- އާދަމް އާޒިމް
- މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ވޭސްޓް މެނޭޖްމަންޓް އެންޑް ކްލީން އެނަރޖީ- މުޙައްމަދު އަސްލަމް
- މިނިސްޓަރ އޮފް ޖޫޑީޝަލް ރިފޯމް- އަލްއުސްތާޛާ ހިސާން ހުސައިން
- މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ- އަަޙްމަދު ނަޝީދު
- މިނިސްޓާ އޮފް އެޑިއުކޭޝަން- ޝިފާ މުޙައްމަދު
- މިނިސްޓާރ އޮފް ފައިނޭންސް އެންޑް ޓެރެޜަރީ- މުޙައްމަދު ޝިހާބު
- ޑިފެންސް މިނިސްޓަރު- ޢަބްދުﷲ އަމީން
- މިނިސްޓާރ އޮފް ހަޔާ އެޑިއުކޭޝަން- މުސްތަފާ ލުތުފީ
- ޔޫތު އެންްޑް ސްޕޯޓްސް މިނިސްޓަރު- މުހައްމަދު ޝިފާޒް
- އިސްލާމިކް މިނިސްޓަރު- ޑރ. އަބްދުލް ޖަމީލް އަބްދުލް ބާރީ
- ސިވިލް ރައިޓްސް މިނިސްޓަރު- ހަސަން ލަތީފް
- ލޯކަލް ގަވަމަންޓް އެންޑް ޑީސެންޓްރަލައިޒޭޝަން މިނިސްޓަރު- ގައިސް ނަސީރު
- ހެލްތު އެންޑް ސޯޝަލް ޕްރޮޓެކްޝަން އެންޑް ޖެންޑާ- ސިދާތާ ޝަރީފް
- ރިސޯޓް އެންޑް ގެސްޓްހައުސް ޓޫރިޒަމް މިނިސްޓަރު- މުހައްމަދު މަލީހް ޖަމާލް
- އިލެކްޝަން ކޮމިޝަން އެންޑް އިންޑިޕެންޑަންޓް ކޮމިޝަނާ- އަލީ ނިޔާޒް
- ކޮންސްޓިޓިއުޝަނަލް ރީފޯމް މިނިސްޓަރު- ހުސެން ޝަމީމް
- ގުޅިފައިވާ އިއްތިހާދު ސްޕޯކްސް ޕާސަން- އަހުމަދު މަހުލޫފް
މީގެ ކުރިން ވެސް ކުރީގެ ރައީސް ނަޝީދުވަނީ ރައީސް ޔާމީނާދެކޮޅަށް ޤާސިމް އިބްރާހީމާއެކު މިފަދަ ކޯލިޝަނެއް އުފައްދަން މަސައްކަތް ކުރައްވާފައެވެ. އެހެންނަމަވެސް އެމަސައްކަތް ކާމިޔާބުވުމުގެކުރިން ނަޝީދު ވަޑައިގަންނަވަން ޖެހުނީ ޖަލަށެވެ. އެފަހަރު މިސަރުކާރާދެކޮޅަށް ޤާސިމްވެސް ބައިވެރިކުރައްވައިގެން ބޮޑެތި މުޒާހަރާތަކެއްވެސް ކުރިއެވެ. އޭރުގެ ރޭވުންތަކުގެ ތެރޭގައި އޮތީ ރައީސް ޔާމީން ވެރިކަމުން ދުރުކުރުމަށްފަހު އުފެދޭ ވަގުތީ ސަރުކާރުގެ ރައީސްކަމަށް ޤާސިމް އިބްރާހީމް ގެނައުމަށެވެ.