ސްޕްރީމްކޯޓުގެ ފަސްފަނޑިޔާރުންގެ އިއްތިފާގުން ފެބުރުއަރީ އެކެއްގައި ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުމެއް އައްޑޫސިޓީ ހިތަދޫގައި މިރޭ އޮންނާނެއެވެ.
އެމްޑީޕީ އައްޑޫސިޓީ ދާއިރާގެ ނާއިބު ރައީސް އިބްރާހީމް ރަޝީދު (އިބުރޭ) ވިދާޅުވީ މިއެއްވުން ފަށާނީ ހިތަދޫގައި ހުންނަ އެމްޑީޕީ ހަރުގެ ކުރިމަތިންނެވެ. އެތަނުން ބައިވެރިން ވެހިކަލް ތަކުގައިދާނީ ހިތަދޫ ބޮޑުމަގާ ދިމާއަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މި އެއްވުމުގައި އައްޑޫސިޓީގެ ގުޅިފައިވާ އަވަށްތަކުންވެސް މީހުން ބައިވެރިވާނެ ކަމަށް އިބުރޭ ވިދާޅުވިއެވެ. "އުންމީދު ކުރަނީ މިރޭގެ އެއްވުމުގައި ވަރަށްގިނަމީހުން ބައިވެރިވާނެ ކަމަށް. މި އެއްވުމުގެ ބޭނުމަކީ ފެބްރުއަރީ އެކެއްގައި ސްޕްރީމް ކޯޓުގެ ފުލްބެންޗުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި އެ މެސެޖު އެބޭފުޅުންނަށް ފޯރުކޮށް ދިނުމަށް ބާއްވާ އެއްވުމެއް،" އިބުރޭ ވިދާޅުވިއެވެ.
އެ ވިދާޅުވާ ހުކުމުގެ ވަރަށްބޮޑު ބައެއް ސްޕްރީމްކޯޓުގެ ތިން ފަނޑިޔާރުން މިހާރުވަނީ ބާތިލް ކޮށްފައެވެ. އެހެންނަމަވެސް އެ ބާތިލްކުރި ކުރުމެއް އިދިކޮޅު ފަރާތްތަކުން ގަބޫލެއް ނުކުރެއެވެ. އެމީހުން ބުނަނީ ފަސްފަނޑިޔާރުން ވަކިގޮތަކަށް ނިންމުމުން ތިން ފަނޑިޔާރަކަށް އެ ބަދަލު ނުކުރެވޭނެ ކަމަށެވެ. އެ ބާތިލް ކުރި ތިން ފަނޑިޔާރުންނަކީވެސް ފެބުރުއަރީ އެކެއްގެ ހުކުމް ނެރުއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ތިން ފަނޑިޔާރުންނެވެ.
ފެބުރުއަރީ އެކެއްގައި އެ އަމުރު ނެރުނު ވަގުތުން ފެށިގެން އެ ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅުފަރާތްތަކުންވަނީ މުޒާހަރާތައް މާލެއާއި އަތޮޅުތަކުގައި ފަށައިފައެވެ. އެހެން ނަމަވެސް ސަރުކާރުންވަނީ އެ ހުކުމުގައި މައްސަލަތަކެއް އެބަހުރި ކަމަށް ވިދާޅުވެ އެހުކުމް ނެރުނު 5 ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ބަންދުކޮށް ދޫނިދުއަށް ގެންގޮސްފައެވެ. އެއީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ސްޕްރީމްކޯޓުގެ ފަނޑިޔާރެއް ކަމަށްވާ އަލީ ހަމީދެވެ.
ސަރުކާރުންވަނީ އެބޭފުޅުންގެ މައްޗަށް އެތައް ތުހުމަތުތަކެއް ކުރައްވައި އެ މައްސަލަތައް ތަހުގީގުވެސް ކުރައްވަން ފަށްޓަވައިފައެވެ.