ރައީސް ޔާމީން ހުއްޓުވަން މަޖުބޫރު ވެއްޖެ، މިރޭ ހުއްޓުވާނަން:އިދިކޮޅު

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުއްޓުވުމަށް ދިވެހިރައްޔިތުންނަށް މަޖުބޫރުވެއްޖެ ކަމަށާއި މިރޭގެ މުޒާހަރާ ނިންމާލައިފައި ގެއަށް ވަންނާނީ އެމަނިކުފާނު ހުއްޓުވުމަށްފަހު ކަމަށް ގުޅިފައިވާ އިއްތިހާދުން ބުނެފިއެވެ.
މިއަދު ހަވީރު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިފައިވާ މަޑުއްވާރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ ރައީސް ހުއްޓުވަން މަޖުބޫރުވީ ސަރުކާރުގައި ކޮރަޕްޝަނާއި ފަސާދަ އިތުރުވުމުގެ ސަބަބުން ކަމަށެވެ.

"މުޅި ގައުމުގައި، މުޅި ދައުލަތުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ އާންމުކޮށް ދިވެހި ރައްޔިތުންގެ ފައިސާ ނަހަލާލު ގޮތުގައި ބޭނުންކޮށް، އަމިއްލަ އެކައުންޓަށް ޖަމާކޮށް، އަމިއްލަ ގެއަށް ޖަމާކޮށް، މިސަކަރާތް ގަތުމަކަށް ދިވެހިރައްޔިތުން ރައީސް ޔާމީނަށް ފުރުސަތެއް ނުދޭނެ. މިސަބަބުތަކަށްޓަކައި ޔާމީން ހުއްޓުވަން މަޖުބޫރުވެއްޖެ. ދިވެރައްޔިތުން މިރޭ ނުކުންނާނީ ޔާމީން ހުއްޓުވަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިރޭ ގެއަށް ވަންނާނީ ޔާމީން ހުއްޓުވައިފައި،" އަމީތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ބޮޑުންގެ ގޮތުގައި ތިއްބެވި އެތައް ބައެއްގެ މައްޗަށް ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުތަކެއް ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އެއިން އެއްވެސް މައްސަލައެއް ބެލެންނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިއިން އެއްވެސް ބޭފުޅެއްގެ ޝަކުވާއެއް ކުރިކަމުގައި ވީނަމަވެސް ޝަކުވާތައް ބަލަންޖެހޭ މުއައްސަސާތައް މިވަނީ ގައުމުގެ ވެރިއަކަށް ހުންނެވި ބޭފުޅާގެ މުށުތެރެއަށް ލެވިފައި. އެހެންވީމާ މިދަންނަވަނީ މިބޭފުޅާ ހުއްޓުވަން އެބަޖެހެޔޭ. ރައީސް ޔާމީން ހިންގަވަމުން ގެންދަވާ ކޮރަޕްޝަނާއި ފަސާދަ ހުއްޓުވަން އެބަޖެހެޔޭ. މި ގައުމުގެ މުދާ ރައްޔިތުންގެ މުދާ އަޅުގަނޑުމެންގެ ބިންތައް އަޅުގަނޑުމެންގެ ގައުމު ވިއްކަމުންދާ ދިއުން ދިވެހި ރައްޔިތުން ނުކުމެ ހުއްޓުވަން އެބަޖެހޭ. ނާޖާއިޒު ގޮތުގައި ދިވެހިރައްޔިތުންގެ ފައިސާ ދައުލަތުގެ ބޮޑުންގެ ގޮތުގައި ތިއްބެވި މަދުބަޔަކު ބޭނުން ކުރަމުންދާ ދިއުން ހުއްޓުވަން އެބަޖެހޭ. މިކަން ހުއްޓުވެން އަންނަނީ ދިވެހި ރައްޔިތުންނަށް،" އޭނާ ވިދާޅުވިއެވެ.
މިރޭގެ މުޒާހަރާއަށް ރަށްރަށުން އެތައްހާސް ބަޔަކުވަނީ މާލެ ޖަމާވެފައި ކަމަށްވެސް އަމިތު ވިދާޅުވިއެވެ. އެހެންވީމާ މާލޭގައި ތިބިމީހުންވެސް ގޭގައި ނުތިބެ އެންމެންވެސް މަގުތަކަށް ނުކުތުމަށް އޭނާ ގޮވައިލެއްވިއެވެ.

"މިރެއަކީ މީ ދިވެހި ރައްޔިތުންގެ އަޑު ރައީސް ޔާމީނަށް އިއްވާނެރޭ. ދިވެހިރައްޔިތުން އެދޭ އެދުންތަކުގެ ވާހަކަތައް ޔާމީނާ ހަމައަށް އަޅުގަނޑުމެން މިރޭ ފޯރުކޮށްދޭނަން. ޔާމީނަށް މަޖުބޫރުވާނެ މި އަޑުތައް އައްސަވަން،" އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.