ޤާނޫނީ ތަރަހައިގެ ތެރެއިން އެއްވުންތައް ބޭވުމަށް ފުލުހުން އަނެއްކާވެސް އިލްތިމާސް ކޮށްފިއެވެ. ފުލުހުން ކުރައްވައިފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމާބެހޭ ޤާނޫނާ ޚިލާފަށް އެއްވުންތައް ކުރިއަށް ގެންދެވުގެ ފުރުޞަތު ނުދެއްވާނެކަމަށެވެ.
މީގެ ހައެއްކަ ދުވަސް ކުރިން ވެސް ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، ސުލްޙްވެރިކަމާއެކު އެއްވެ އުޅުމާބެހޭ ޤާނޫނާ ޚިލާފަށް އެއްވުންތައް ކުރިއަށް ގެންދެވުގެ ފުރުޞަތު ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. މިވާހަކަ ތަކުރާރުކޮށް އަނެއްކާވެސް ރައްޔިތުންނަށް ހަނދާންކޮށް ދެއްވައިފައިވަނީ އެމްޑީއެން އާ ދެކޮޅަށް އެއްވުން ބޭއްވުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. މާލެއާއި އަތޮޅުތަކުގައިވެސް ވަނީ އެމްޑީއެންއާ ދެކޮޅަށް ގިނަ އެއްވުންތަކެއް ބާއްވާ އެޖަމްއިއްޔާ އުވާލާ އެޖަމްޢިއްޔާއިން އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯރޓް ލިޔުނު މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
މީގެ ހައެއްކަ ދުވަސް ކުރިން ފުލުހުން ނެރުނުބަޔާނުގައި ބުނެފައި ވަނީ ފަހަކަށް އައިސް ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނުނާ، ޚިލާފަށް ބައެއް ފަރާތްތަކުން އެއްވުންތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމާ އެފަދަ ބައެއް އެއްވުންތަކުގައި އެޤާނޫނާ ޚިލާފު ޢަމަލުކުރަމުންދާކަމަށެވެ. އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިމުން ބޭރުން އެއްވުން މަނާ ސަރަޙައްދަށް އެއްވުމާއި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމާއި އަދި އުޅަނދުފަހަރުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ހިނގާލުމާއި އުޅަނދުބުރު ބޭއްވުންފަދަ ކަންކަން އިންތިޒާމުކޮށް ބާއްވަމުންގެންދާކަމަށް ވެސް އެ ނޫސްބަޔާނުގައި ވެއެވެ. އަދި އެފަދަ ބައެއް އެއްވުންތަކުގައި ޤާނޫނުން މަނާކޮށްފައިވާ ކަންކަންކުރަމުންގެންދާކަމަށް ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. ޤާނޫނުގައި ބަޔާންކުރާފަދަ ކުއްލި އެއްވުމެއްގެ ގޮތުގައި ނުބެލެވޭ، ރާވާވައިގެން ބާއްވާ އެއްވުންތައް ޤާނޫނުގައި ބަޔާންކުރާ ނޯޓިސް ދިނުމެއް ނެތި ބާއްވަން މަސައްކަތްކުރާކަންވެސް ފާހަގަ ކުރެވިފައިވާކަމަށް ފުލުހުން ހާމަކުރައްވައިފައި ވެއެވެ.
ޤާނޫނާއެއްގޮތަށް ޞުލްޙަވެރިކަމާއެކު ބާއްވާ އެއްވުންތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަންފޯރިކޮށްދިނުމާއި އެފަދަ އެއްވުންތައް އޮންނަ ސަރަޙައްދުގެ މަގުތަކާއި އެނޫންވެސް ތަންތަނުގެ ސަލާމަތީކަންކަން ބެލެހެއްޓުމަކީ ވަރަށް އިސްކަންދީގެން ފުލުހުން ކުރަމުންގެންދާ ކަމެއްކަމަށްވެސް ފުލުހުންގެ ނޫސްބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.