ފުލުހުނަށް ހަމަލާދީ ފުލުހުންނާއި އާއްމުރައްޔިތުންގެ މުދަލަށް ގެއްލުންދީ ހުޅުމާލޭގައި މިއަދު ހަމަނުޖެހުން ހިންގި ބިދޭސީންނަށް ޤާނޫނާއި ޤަވާޢިދުތަކުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިއަދު ފުލުހުންނަށް ހަމަލާދީ ފުލުހުންނާއި އާއްމުރައްޔިތުންގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މީހުންގެ ޢަމަލުތައް ފުލުހުން ވަނީ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައިފައެވެ.
"މުސާރަ ނުލިބުންފަދަ މައްސަލަތައް ހައްލުކުރުމުގައި، ޤާނޫނީ އުޞޫލުގެ ދަށުން ޢަމަލުތައް ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސް ކުރަމެވެ. ޤާނޫނު ތަންފީޒުކުރަން ތިބޭ ފުލުހުންނަށް ހަމަލާ ދިނުމާއި ދައުލަތުގެ މުދަލާއި އާއްމުރައްޔިތުންގެ މުދަލަށް ގެއްލުން ދިނުންފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދައުލަތާއި ރައްޔިތުންގެ މުދާ ހިމާޔަތްކުރުމަށް އެޅެންހުރި އެންމެހާ ފިޔަވަޅުތައް އެޅުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސasq އިން ފަސް ނުޖެހޭނެ ވާހަކަވެސް ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.
މިއަދު ހެނދުނު ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހިންގި ހަމަނުޖެހުމަކީ އެމީހުންނަށް ލިބެންޖެހޭ މުސާރަ ނުލިބޭ ކަމަށް ބުނެ އެކަމާ ހިތް ހަމަނުޖެހުން ފާޅުކޮށް ކުރި އިޙްތިޖާޖެކެވެ. އިހްތިޖާޖުކުރި ބިދޭސީން ވަނީ އެސަރަޙައްދަށް ދިޔަ ފުލުހުންނާ ދިމާއަށް ގައު އުކައި ހަމަނުޖެހުން ހިންގާފައެވެ. މި ހަމަނުޖެހުމުގައި ބައެއް ފުލުހުންނަށް އަނިޔާ ވުމުގެ އިތުރުން ފުލުހުންގެ ވެހިކަލްތަކަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންވެފައިވާކަމަށް ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ. އެއްވުމުގައި ބައިވެރިވި މީހުންގެ ތެރެއިން 41 ބިދޭސީއަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން ޑިޕާރޓްމަންޓްގެ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންސް ޔުނިޓްގެ ޓީމެއް އެ ސަރަހައްދަށް ފޮނުވައިގެންކަމަށް ފުލުހުން ވިދާޅުވިއެވެ. އެމައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުން ތަޙްޤީޤް ކުރަމުންދާކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.