އުއްތަމަ ފަނޑިޔާރުގެ ވަކީލުގެ ގޮނޑި ދަށުން ރެކޯޑަރެއް، އެ ފެނުނީ ޝައްކުވެގެން ބެލުމުން: ހިސާން

ފުލުހުންގެ ބަންދުގައި މިހާރު ހުންނެވި ރާއްޖެގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ އަލްއުސްތާޒާ ހިސާން ހުސައިންގެ ގޮނޑި ދަށުން ރަތް ރެކޯޑަރެއް ފެނިއްޖެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ރެކޯޑަރު ފެނިފައިވަނީ ވަކީލުންގެ ބައްދަލުވުމަށް ހިސާން ދޫނިދުއަށް ވަޑައިގެން އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރެއްވިއިރު އިންނެވި ގޮނޑިދަށުން ކަމަށް އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ. އެ ރެކޯޑަރު އެހެން ވަކީލުންނަށްވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ދޫނިދޫގައި ތިބި ފުލުހުން އެއާ ބެހޭ ގޮތުން އެއްޗެއް ވިދާޅުނުވި ކަމަށްވެސް ހިސާން ވިދާޅުވެފައިވެއެވެ.

ހިސާން ވިދާޅުވެފައިވަނީ އެ ރެކޯޑަރު ފެނުނީ ގޮނޑި އަރިކޮށް ބެލުމުން ކަމަށެވެ. އެވަނީ ޓޭޕްއަޅައި ގޮނޑީގެ ދަށުގައި ތަތްކޮށްފައި ކަމަށް އޭނާ ވިދާޅުވެފައިފައެވެ.

އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރައްވަން މިއަދު ވަޑައިގެންނެވިއިރު ބައްދަލުވުން ހަމަޖައްސަވާފައިވަނީ އެހެން ކޮޓަރިއެއްގައި ކަމަށް ހިސާން ވިދާޅުވިއެވެ. އެގޮތަށް ހަމަޖައްސަވާފައިވަނީ އުއްތަމަ ފަނޑިޔާރަށް ވުމާއި، އެ ސަރަހައްދުގައި މަސައްކަތެއް ކުރަމުންދާތީ އަޑުގަދަވެދާނެތީ ކަމަށް ފުލުހުން ވިދާޅުވި ކަމަށް ހިސާން މައުލޫމާތު ދެއްވިއެވެ. އެހެންނަމަވެސް މިއިން ދުވަހަކުވެސް ފުލުހުން އުއްތަމަ ފަނޑިޔާރަށް ވެގެން އެގޮތަށް ކަމެއް ނުކުރައްވާ ކަމަށްވެސް ހިސާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއަދު ބައްދަލުކުރާ ތަން ބަދަލުވިޔަސް ގޮނޑި ބަދަލު ނުވާކަމަށެވެ.

"މީޓިން ރޫމަށް ވަދެފައި އެބޭފުޅުން ރެކޯޑުކުރާ ކަމަށް އަޅުގަނޑަށް ޝައްކުވެގެން ގޮނޑި އަރިކޮށްފައިބެލީ. ބެލިއިރު ހުރި ރަތްކުލައިގެ ކުޑަ ރެކޯޑަރެ ތަތްކޮށްފައި. އަޅުގަނޑު އެހެން ވަކީލުންނަށްވެސް އެދެއްކިން. އޭގެ ކުރިންވެސް އޮންނާނީ އެބޭފުޅުން ރެކޯޑުކުރާ ކަމަށް ޝައްކުކުރެވޭ ވާހަކަ ސީނިއާ ބޭފުޅުންނަށް ދަންނަވައި ދިނުމަށްވެސް އެދިފައި،" ހީސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ހާދިސާއަށްފަހު އެތަނުން ނުކުންނަށް ފުލުހުން އެނގި ކަމަށެވެ. އެހެންނަމަވެސް އެތަނުން ނުކުންނަން އުޅުމުން އަންހެން ފުލުހުން ފޮނުވައިގެން ނެރޭނެ ކަމަށް ވިދާޅުވުމުން އަމިއްލަ ރައްކާތެރި ކަމާމެދު ވިސްނައިފައި ނުކުންނެވީ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހިސާބުން މިއަދުގެ ވަކީލް ބައްދަލުވުންވެސް ނުބޭއްވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުން ވިދާޅުވެފައިވަނީ އެއީ ފުލުހުން ބަދުނާމު ކުރަން ދައްކާ ވާހަކަތަކެއް ކަމަށެވެ. އެމައްސަލަ ތަހުގީކުރައްވާނެ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.