ޖޭއެސްސީގެ ނޯޓިހާ އުއްތަމަފަނޑިޔާރު ހަވާލުވެވަޑައެއްނުގެންނެވި

e ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނޯޓިހާ އުއްތަމަފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ޙަވާލުވެވަޑައެއް ނުގެންނެވި ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ އެކޮމިޝަނުން ބައްލަވަމުންގެންދާ އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީގެ ސުލޫކީ މައްސަލައާ ގުޅިގެން ފޮނުވި ނޯޓިހާ ހަވާލުވެވަޑައިގެންނެވުމަށް އެމަނިކުފާނު ދެކޮޅު ހައްދަވައިފައިވާކަމަށެވެ. ޖޭއެސްސީން ނޫސްބަޔާނެއް ނެރެފައިމިވަނީ އެކޮމިޝަންގެ ލިޔުމެއް ހަވާލުކުރުމަށް ކަމަށްބުނެ، ގޮތް ނޭނގޭ މީހަކު އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް ވަންނަން މަސައްކަތްކުރިކަމަށް ބުނެ ސުޕްރީމްކޯޓްގެ އޮފިޝަލަކާއި ހަވާލާދީ ބައެއް ނޫސްތަކުގައި ޚަބަރުފަތުރަމުންދާތީ ކަންހިނގާދިޔަ ގޮތް ސާފުކޮށް ދިނުމުގެ ގޮތުންނެވެ.

އުއްތަމަފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެ ކޮމިޝަންގެ މުވައްޒަފަކު ގޮސް އެމަނިކުފާނާ ނޯޓިސް ހަވާލުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ. ނޯޓިސް ހަވާލުކުރުމަށް މަސައްކަތް ކުރުމުން، މުވައްޒަފާ މުޚާތަބުކޮށް ކޮން ފަރާތެއްތޯ، އުއްތަމަފަނޑިޔާރު އެއްސެވިކަމަށް ނޫސްބަޔާނުގައި ވެއެވެ. އެ މުވައްޒަފަކީ ކޮންބޭނުމެއްގައި އައި ކާކުކަން އައިޑީ ކާޑުވެސް ދައްކައި ސާފުކޮށް ދެއްވުމުން، ނޯޓިހާ ހަވާލުވެވަޑައިނުގެން އުއްތަމަފަނޑިޔާރު، ގެކޮޅަށް ވެންނެވުމަށްފަހު ދޮރު ލެއްޕެވީ ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައިވެއެވެ. އުއްތަމަފަނޑިޔާރާ ހަވާލުކުރުމަށް މަސައްކަތް ކުރެވުނު ނޯޓިހަކީ ޖޭއެސްސީން ބަލަމުންދާ ސުލޫކީ މައްސަލައަކާއި ގުޅިގެން ތަޙްޤީގު ކޮމެޓީއަށް ހާޒިރުވުމަށް ފޮނުވުނު ނޯޓިހެއް ކަމަށް ބަޔާނުގައި ވެއެވެ.

އުއްތަމަ ފަނޑިޔާރު އެގޮތަށް އަމަލުކުރެއްވި ނަމަވެސް ޖޭއެސްސީން ބަލަމުންދާ ސުލޫކީ މައްސަލައަކާއި ގުޅިގެން ތަޙްޤީގު ކޮމެޓީއަށް ހާޒިރުވުމަށް އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ އިމާރާތުގައި އުޅުއްވާ، އެހެން ފަނޑިޔާރަކާ ނޯޓިސް ހަވާލުކުރެއްވުމަށް މަސައްކަތް ކުރުމުން އެ ފަނޑިޔާރު އެނޯޓިހާ ހަވާލުވެވަޑައިގެންފައިވާ ކަމަށް އެކޮމިޝަނުން ނެރުނު ބަޔާނުގައި ވެއެވެ. ނަމަވެސް އެއީ ކޮންފަނޑިޔާރެއްކަމެއް ނޫސްބަޔާނަކު ނުވެއެވެ.

އުއްތަމަ ފަނޑިޔާރާއި ސްޕްރީމްކޯޓްގެ ބައެއް އެހެން ފަނޑިޔާރުންގެ ސްލޫކީ މައްސަލަތަކެއް ބެލުމަށް ޖޭއެސްސީން ނިންމެވި ހިސާބުން އުއްތަމަ ފަނޑިޔާރާއި ޖޭއެސްސީއާ ދެމެދުގައި ވަނީ މައްސަލަގޯސްވެފައެވެ. ދެފަރާތުން ދަނީ ތަފާތު ނޫސްބަޔާންތައް ނެރެމުން ރައްދުދެއްވަމުންނެވެ. ޖޭއެސްސީއަށް އުއްތަމަ ފަނޑިޔާރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޖޭއެސްސީއަށް ނެތް ބާރުތަކެއް އެކޮމިޝަނުން ބޭނުންކުރާކަމަށް ވަނީ ތުޙުމަތު ކުރައްވައިފައެވެ. އަދި ޖޭއެސްސީން މަސައްކަތްކުރަނީ ފަނޑިޔާރުންގެ ޒިންމާއަށް ހުރަސް އަޅައި ޖުޑިޝަރީ ކޮންޓްރޯލްކުރަންކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވަނީ ތުހުމަތު ކުރައްވައިފައެވެ. އުއްތަމަ ފަނޑިޔާރުގެ ބަޔާނާ ގުޅިގެންވެސް އިތުރު ސްލޫކީ މައްސަލައެއް ބަލަމުން ދާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.