އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުޙައްމަދު ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ހުށަހަޅައިފި

އުއްތަމަ ފަނޑިޔާރު ޑރ.އަޙުމަދު ޢަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު ފަނޑިޔާރު ކަމުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

އެމައްސަލަ އެކޮމިޓީއަށް ފޮނުވުމުން އެދެބޭފުޅުން ވަކިކުރުމުގެ އިޖުރާތުތައް ފުރިހަމަވެފައިވާތޯ ބެއްލެވުމަށްފަހު އަލުން އެމައްސަލަ މަޖިލީހުގެ ތަޅުމަށް އެކޮމިޓީން ފޮނުވާނެއެވެ.

އެބޭފުޅުން ވަކިކުރުމާއި ނުކުރުންއޮތީ މެމްބަރުންގެ އަތްމަތީގައެވެ. މަޖިލީހުގެ ތަޅުމުގައި ވޯޓުނެގުމަށްފަހު އެބޭފުޅުން ވަކިކުރަން ފާސްކޮށްފިނަމަށް އެހިސާބުން އެދެބޭފުޅުންވެސް މަގާމުން ވަކިވާނެއެވެ. އެބޭފުޅުން ވަކިކުރެވޭނީ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި ވޯޓު ލިބިގެންނެވެ.

އުއްތަމަފަނޑިޔާރާއި ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްޗަށް ސުލޫކީ މައްސަލަތަކެއް ހުށަހެޅި އެކަން ބެލުމަށްފަހު އެކަންކަން ސާބިތުވާތީ ޖުޑީޝަލް ސާވިސް ކޮމިޝަނުންވަނީ އެދެބޭފުޅުން ވެސް 60 ދުވަހަށްވުރެ ދިގުނޫން މުއްދަތަށް ސަސްޕެންޑްކޮށް ފަނޑިޔާރު ކަމުން ވަކިކުރުމަށް ނިންމަވައިފައެވެ.

ފަނޑިޔާރު ކަމުން އެދެބޭފުޅުން ސަސްޕެންޑުކުރީ ޝަރުޢީދާއިރާގެ އިތުބާރު ނަގަހައްޓައި ދަމަހައްޓަން ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ ޖޭއެސްސީން ބެއްލެވި އެމަނިކުފާނުގެ މައްސަލައަކީ އެކޮމިޝަނަށް ބެލޭނެ މައްސަލައެއް ނޫންކަމަށެވެ. އެހެންމެ އެކޮމިޝަން އެމަނިކުފާނު އެއްބާރުލެއްވުން ދެއްވާފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.