ކޯޓުތަކުގެ މުވައްޒަފުންނާމެދު ބޭއިންސާފުން ފިޔަވަޅު އެޅުމުގެ ފުރުސަތު ނުދޭނަން: އުއްތަމަ ފަނޑިޔާރު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެއްވެސް މުވައްޒަފަކާމެދު ޤާނޫނާއި ޤަވާޢިދުން ބޭރުން އަނިޔާވެރި އަދި ބޭއިންސާފުވެރިގޮތެއްގައި ޣައިރުޤާނޫނީ ފިޔަވަޅު އެޅުމުގެ ނުދެއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިއަދު ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އެއްވެސް ކޯޓަކުން ވެސް އެފަދަ ފުރުސަތެއް ނުދެވާނެ ކަމަށެވެ.

އެމަނިކުފާނު މިއަދު ނެރުއްވައިފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ޑިރެކްޓަރ ޢާތިކާ އިބްރާހީމް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިއްޔެ ސަސްޕެންޑްކުރައްވައިފައިވަނީ ޤަވާޢިދާ ޚިލާފަށް ކަމަށެވެ. އެ ތަނުން ޢާތިކާ ސަސްޕެންޑު ކުރައްވާފައިވަނީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ޑީޖޭއިން ވަނީ ވިދާޅުވެފައެވެ.

އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވެފައިވަނީ ޝަރޫޢީދާއިރާގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ޤަވާޢިދުގެ ދަށން ކޯޓެއްގެ އެއްވެސް މުވައްޒަފަކާމެދު ފުރަތަމަ ފިޔަވަޅު އެޅޭނީ އެކޯޓަކުން ނުވަތަ އެއިދާރާގެ ބެލުމުގެ ދަށުން ކަމަށެވެ. އެފަދަ މައްސަލައެއް ޑީޖޭއޭ އަށް ބެލޭނީ އެ ކޯޓެއްގެ މުވައްޒަފުންނާ ބެހޭ އިސްވެރިޔާ އެކަން ބެލުމަށް ފަހު ކަމަށް ވެސް އުއްތަމަފަނޑިޔާރު ވިދާޅުވެފައިވެއެވެ. އެ މުވައްޒަފަކު ސަސްޕެންޑު ކުރުމުގެ ކުރީން އެމީހަކު މަސައްކަތްކުރާ ކޯޓަކާ މަޝްވަރާ ކުރަންޖެހޭނެ ކަމަށް ޤަވާޢިދުގައި ބުނެފައިވާ ކަމަށާއި އެހެންނަމަވެސް ޑީޖޭއޭ އިން ޢާތިކާއާމެދު ފިޔަވަޅު އަޅުއްވައިފައިވަނީ އެ އުސޫލުން ބޭރުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރެވެ. އެހެންނަމަވެސް ޑީޖޭއޭއިން ޢަމަލު ކުރައްވައިފައިވަނީ އެއާޚިލާފަށް އުއްތަމަ ފަނޑިޔާރުގެ ވެސް މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސް އެޅޭގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެބަޔާނުގައި ވިދާޅުވެފައިވަނީ ޢާތިކާއަށް ތުހުމަތުކުރީ ކޮންކަމެއް ކަމެއްވެސް އަންގާފައި ނުވާކަމަށެވެ. އަދި އެކަމަކަށް ޖަވާބުދާރީވުމުގެ ފުރުސަތެއްވެސް ދެއްވާފައި ނުވާ ކަމަށް ވިދާޅުވެފައިވެއެވެ. ޢާތިކާގެ އެއްވެސް މައްސަލައެއް އޮތްކަމަށްވާނަމަ އެމައްސަލައެއް ނުވަތަ އެޝަކުވާއެއް ފުރަތަމަ ހުށަހަޅަންޖެހޭނީ ސުޕްރީމް ކޯޓަށް ކަމަށް ވިޔަސް އޭނާއާ ބެހޭ އެއްވެސް ޝަކުވާއެއް ކޯޓަށް ހުށަހަޅައިފައިނެތް ކަމަށް ވިދާޅުވެފައިވެއެވެ. ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ އެތައް މާއްދާއަކާ ޚިލާފަށް ޑީޖޭއޭއިން ޢާތިކާއާމެދު ފިޔަވަޅުއެޅުމުން ވަރަށްބޮޑަށް ޙައިރާންވެ ހިތާމަފުޅު ކުރައްވާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.

"މުވައްޒަފަކާމެދު ފިޔަވަޅު އެޅުމުގެ ކޮންމެ އިޖުރާތެއް ހިންގަންވާނީ ޢަދުލުވެރިގޮތް މަތީން ނެޗުރަލް ޖަސްޓިސްގެ އުޞޫލުތަކާ އެއްގޮތަށް މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަން ކުރުމާއެކު މުވައްޒަފުންގެ ޙައްޤުތަކާއި ޝަރުޢީދާއިރާގެ މަސްލަޙަތުތަކަށް ރިއާޔަތް ކުރުމާއެކު އޯގާވެރިކަމުގެ ޢާސާސުގެ މައްޗަށް،" ކަމަށްވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޖޭއެސްސީން މިހާރުވެސް ގެންދަވަނީ ސީދާ އުއްތަމަ ފަނޑިޔާރުގެ މައްސަލައެއް ވެސް ބަލަމުންނެވެ. އަދި ސުޕްރީމްކޯޓުގެ ބައެއް އެހެން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ވެސް ދަނީ ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.