ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ބުކިންތައް ކެންސަލްވޭ

ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކުރެއްވުމުގެ ސަބަބުން ބުކިންތައް ކެންސަލްވަމުންދާ ކަމަށް ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭރުގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ ބުކިންތައް ކެންސަލްވުމަކީ ފަތުރުވެރިކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމެއްކަމަށްވިޔަސް އެބައި އިޔާދަކުރެވޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ.

ބޮޑު މައްސަލައަކަށް ދިމާވަނީ ކަމެއް ދިމާވާއިރަށް އެކަމެއްގެ މައުލޫމާތު އެއްވެސް ބެލުމެއްނެތި ނުބައިކޮށް މީޑިއާތަކުން ގެނެސްދޭތީ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ރާއްޖެއަށް ސުނާމީ އެރުމުގެ ސަބަބުންވެސް ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ގެއްލުންވި ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ކުރެއްވި މަސައްކަތްތަކުން އެ ހާލަތުން އަރައިގަނެވި ފަތުރުވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެގެން ދިޔަ ކަމަށެވެ.

ވަޒީރު ވިދާޅުވީ ފާއިތުވެގެން މިދާ ފަސް އަހަރުގެ ތެރޭގައިވެސް ރާއްޖޭގެ ފަތުރުވެރިކަންވަނީ ރަނގަޅު ހިސާބަކަށް ގޮސްފައި ކަމަށެވެ. އެގޮތުން އެ ދުވަސްތަކުގައިވެސް ރާއްޖެއިން ބޭރުގެ ފަރާތްތަކުންވަނީ ރާއްޖޭގައި ބޮޑެތި އިންވެސްޓްމެންޓްތަކެއް ކޮށްފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެންމެ ބޮޑު އިންވެސްޓްމެންޓްތައް ކޮށްފައިވަނީ ސިންގާޕޫރާއި، މެދުއިރުމަތީން ކަމަށްވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.