ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓު ކުރުމަށް ބޭރުގެ 28 ހުށަހެޅުމެއް ސަރުކާރަށް ލިބިފައިވޭ

ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓު ކުރުމަށް ބޭރުގެ 28 ހުށަހެޅުމެއް ސަރުކާރަށް ލިބިފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ފަތުރުވެރިކަމުގެ ފަސް ވަނަ މާސްޓާޕްލޭން އިފްތިތާހުކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ބޭރުގެ އިންވެސްޓަރުންގެ މެދުގައި ރާއްޖެއާމެދު މިހާރު ވަނީ ޢިތުބާރާއި ޔަޤީންކަން އުފެދި ފައެވެ

މިއަހަރު މިހާތަނަށް ހުށަހެޅިފައިވާ 28 ހުށަހެޅުމުގެ ތެރެއިން 23 އިންވެސްޓުމެންޓަކަށް ހުއްދަދޭން ސަރުކާރުން ވަނީ ނިންމާފައެވެ. 17 އިންވެސްޓުމެންޓެއް މިހާރު ވަނީ ރެޖިސްޓްރީކޮށްދީފައެވެ.  

"މި މުއްދަތުގައި ދުނިޔޭގެ 13 ގައުމަކުން ރާއްޖޭގައި އިންވެސްޓުކޮށްފި، މީއީ ޤާނޫނީ ވެރިކަން ނަގަހަށަޓައި ސުލްޙަޔާއި ހަމަޖެހުން ޤާއިމްކުރުމުގެ ނަތީޖާ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ފަތުރުވެރިކަމަށް، މި އަހަރުގެ މިހާތަނަށް، ވަރަށްބޮޑު ކުރިއެރުމެއް ލިބިފައިވާކަން ރައީސުލް ޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.  މިދިޔަ އަހަރާ އަޅައިބަލާއިރު، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް، ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު 18.7 އިންސައްތަ އިތުރުވެފައިވާކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ. ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު އިތުރުވުމާ ގުޅިގެން، މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، ފަތުރުވެރިކަމުން ލިބުނު އާމްދަނީ ވެސް  1.1 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖޭގެ ފަތުރުވެރިކަން ވަނީ މަތީ މަގާމެއް ހޯދާފައިފައިކަން ރައީސް ޞާލީޙް ފާހަގަ ކުރެއްވި އެވެ. އެކަމުގެ ހުރިހާ ފަޚުރަކާއި ޝަރަފެއް އޮތީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ކޮޅަށް ޖެހުމަށް މަސައްކަތްކުރި ދިވެހިންނަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޖަޒީރާވަންތަ ފަތުރުވެރިކަމުގެ ނަމޫނާއެއްގެ ގޮތުގައި ދުނިޔެ ބަލައިގެންފައިވަނީ، އަޅުގަނޑުމެން ދިވެހީންގެ އަމިއްލަ އުފެއްދުމެއް .މިއީ ހަމަގައިމުވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް." ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާތާ 40 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުން އެބަތިބި ކަން ފާހަގަ ކުރައްވައި އެމީހުންގެ މުޅި ދިރިއުޅުން ޤުރްބާންކުރީ ފަތުރުވެރިކަން ދިރުވައި އާލާކުރުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން، ދުނިޔޭގެ ފެންވަރުގެ ވިޔަފާރި މަރުކާ އަކަށް ހަދައިދިން މީހުންގެ އަގު، ފުރިހަމައަށް ވަޒަންނުކުރެވޭކަން، ހިތާމައާއެކު ރައީސް ފާހަގަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.