ޓުއަރިޒަމަށް ޙަމަލާއެއް ކުރިމަތި ވެއްޖެނަމަ ގެއްލުން ކުޑަކުރުމާބެހޭ ބައްދަލުވުމެއް ފަށައިފި

ޓެރަރިޒަމް ހަމަލާއަކުން ރާއްޖޭގެ ޓުއަރިޒަމަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ރިސޯޓްތަކުގައި މަސައްކަތްކުރާ ޖެނެރަލް މެނޭޖަރުންނާއި ސެކިއުރިޓީ މެނޭޖަރުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

 "ރިސޯޓް ސެކިއުރިޓީ ރެސްޕޯންސް މެނޭޖްމަންޓް ވަރކްޝޮޕް" ގެ ނަމުގައި ބާއްވާ މި މަސައްކަތު ބައްދަލުވުން ކުރިއަށްދަނީ ކުރުނބާ މޯލްޑިވްސްގައެވެ. މި ބައްދަލުވުން ކުރިއަށްދާނީ އޮކްޓޯބަރ 14 އިން 15 އަށެވެ.

މިއީ ޓެރަރިޒަމް މައްސަލަތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއަށް ލިބިދާނެ ގެއްލުން ކުޑަކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް ގުޅިގެން އިނގިރޭސިވިލާތުގެ "އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއަރ" ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ޓެރަރިޒަމް ހަމަލާއެއް ރާއްޖޭގެ ރިސޯޓެއްގައި ދީފިނަމަ އަމަލުކުރުމަށް ހަދާފައިވާ އުސޫލްތަކުގައި ހުރި ހަރުދަނާކަމާއި، އުސޫލްތައް އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރުން ހިމެނެއެވެ. އޭގެ އިތުރުން އެފަދަ ހަމަލާތަކުން ރައްކާތެރިވެ އެފަދަ ހަމަލާއެއް ދިނުމުގެ ފުރުސަތު ކުޑަކުރުމަށް ކުރެވިދާނެ ކަންކަމާއި، އެފަދަ ހަމަލާއެއް ކާމިޔާބުކަމާއެކު ދީފި ހާލަތުގައި، ހާދިސާއަށްފަހު އެންމެ އިސްކަމެއް ދީގެން ކުރަންޖެހޭ ކަންކަމުގެ މައުލޫމާތު މި ބައްދަލުވުމުގައި ޙިއްސާ ކުރާނެއެވެ.

މި ބައްދަލުވުން ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދެވެ. މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި މިނިސްޓްރީ އޮފް ޓުއަރިޒަމްގެ އިސް ވެރިންނާއި އިނގިރޭސިވިލާތުގެ "އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއަރ" ޕްރޮޖެކްޓްގެ އިސްކޮށް މަސައްކަތްކުރާ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

 މި މަސައްކަތު ބައްދަލުވުމުގައި އެކި ރިސޯޓްތަކުން ޖުމްލަ 39 މީހުން ބައިވެރިވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.