އެ ސޫރަ އެންމެ ފުރަތަމަ ފެނުނު ވަގުތު މެއަށް ފިނި ފެން އޮއްސާލިހެން ހީވިއެވެ. ދެފައި ދަށުން ބިންގަނޑު ދެމިގެން ދިޔަ އިޙުސާސަކާއެކު ބޮލަށް އެނބުރުން އެރިއެވެ. އަދި ހުރިގޮތަށް ތިރިވެ ގޮނޑީގައި އިށީނދެވުނެވެ.
ލޮލަށް ފެންނަ މަންޒަރު ސިކުނޑިއަށް ޤަބޫލުކުރަން ދައްޗެވެ. އެއީ މީގެ ތޭރަ އަހަރު ކުރިން މަރުވެފައިވާ މީހެކެވެ. ބައްޕަ މިތާ އެހެރީ ކިހިނެތް ހެއްޔެވެ؟ އޭނަގެ މަރުގެ ބަދަލުހިފަން އައީ ހެއްޔެވެ؟
ކުއްލިއަކަށް އެ ސިފަ ފެނުމުން ސިކުނޑިއަށް އެރި ލޮޅުމާއެކު ހިނދުކޮޅަކަށް ހަޤީޤަތް ދެނެގަންނަން ނޭނގިފައި ހުރި ނަތާޝާގެ ހަށިގަނޑުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލިއެވެ.
ކަލެއަކީ ކަލޭގެ ބައްޕަ ކަލޭގެ އަމިއްލަ އަތުން މަރާފައިވާ އަނިޔާވެރިއެކެވެ. ކަލޭ ވަނީ ކަލޭގެ ބައްޕަގެ ފުރާނަ ދުއްވާލާފައެވެ. ކަލެއަކީ މީހަކު މަރާފައި ހުރި މީހެކެވެ. މީހުން މަރާ މީހެކެވެ. މީހުން މަރާ މީހެކެވެ.
އޭނައާ ދިމާލަށް ހިނގަމުން އައި "ނޭތަން" ގެ ފިޔަވަޅުތަކާ އެއް ހަމައަކަށް ނަތާޝާގެ ސިކުނޑީގައި އެ ޖުމްލަ ތަކުރާރުވާން ފެށުމާއެކު ކުއްލިއަކަށް ރުޅިއާދެވިއްޖެއެވެ. އަހަރެން މީހުން މަރާކަށް ނޫޅެމެވެ. މީހުން މަރާ މީހެއްގެ ލަޤަބު އަހަންނަށް ދިނީ ބައްޕައެވެ. މަންމަ ގަޔަށް ވަޅި ހަރާލަން ބައްޕަ އުޅުނީ ކީއްވެ ހެއްޔެވެ؟ މަންމަ މަރާލީ ކީއްވެގެން ހެއްޔެވެ؟ އަހަރެމެން ދޫކޮށްލާފައި އެންމެ ފުރަތަމައިނުން ދިޔައީ ކީއްވެ ހެއްޔެވެ؟ އަނބުރާ އައީ ކީއްކުރަން ހެއްޔެވެ؟ އަނިޔާކުރީ ކީއްވެގެން ހެއްޔެވެ؟ ލޯބިނުވީ ކީއްވެގެން ހެއްޔެވެ؟ އަހަރެން މީހުން މަރާ މީހަކަށް ހަދާފައި މަރުވީ ކީއްވެގެން ހެއްޔެވެ؟
ތޭރަ އަހަރަށް ފަހު އަނެއްކާވެސް، ޖަވާބެއް ނުލިބޭނެކަން އެނގޭ ސުވާލުތަކުން ސިކުނޑި ފުރި އެތައް އަހަރެއް ވަންދެން ހުޅުވިޔަނުދީ ހިފެހެއްޓި ހިތާމައާއި މާޔޫސްކަމާއި ރުޅީގެ ދޮރު ހުޅުވިގެން ދިޔައެވެ.
ރީޙާން ގޮސް އޮބާލަންދެން ކަޅިއަޅައިގެން ހުރި ނަތާޝާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހޮރެމުން ދިޔައެވެ.
އޭނަގެ ބައްޕަ އޭނަ ދެކެ އެހާ ރުޅި އައީ ކީއްވެގެން ހެއްޔެވެ؟ މީގެ ތޭރަ އަހަރު ކުރިން ކޮށްކޮށް ވަރުބަލިވީއިރުވެސް ޖަވާބު ނުލިބުނު އެ ސުވާލު އަނެއްކާވެސް ސިކުނޑީގައި އެނބުރެން ފެށިއެވެ. މީހުން ފުރި ބާރުވެފައި އޮތް ކޯޓެއްގެ ތެރޭގައި، ނޭތަން މަރުވީ ޚުދު ނޭތަންގެ ދަރިފުޅުގެ އަތުން ކަން އެތަކެއް ހެއްކާއެކު ސާބިތުވާކަމަށް ފަނޑިޔާރަކު ނިންމީ ނަތާޝާގެ ކުރިމަތީގައެވެ. އެހެންކަމުން އޭނަ އަކީ ނޭތަން ގެ ދަރިއެއް ކަމާމެދު ޝައްކެއްނެތެވެ. އަމިއްލަ ދަރިފުޅު ދެކެ އޭނަގެ ބައްޕަ އެހާ ނަފްރަތު ކުރީ ކީއްވެ ހެއްޔެވެ؟ އެހެން މީހުންނަށާ ތިމާ އަމިއްލަ މީހާއަށް ވެސް ގެއްލުން ދެމުން ދިޔައިރު ނޭތަންގެ ރުޅިވެރިކަމުން ފުރިފައިވާ ބެލުން އެންމެ ގިނައިން އަމާޒުވާ މީހަކީ އަބަދުވެސް ނަތާޝާއެވެ. ބޮޑުވަމުން އައިއިރު އެ ރުޅި ނަތާޝާއަށް އިޙްސާސް ކުރެވި އެކަމާ މެދު ހިތުގައި ސުވާލާއި ޝަކުވާ އުފެދެއެވެ. އެެހެންނަމަވެސް އޭނަގެ މަންމަގެ ލޯބި އޭނަގެ މައްޗަށް ބަންޑުން ކޮށްލާފައި އޮންނަވަރުން އެ ހުރިހާ އުނިކަމަކާ ޝަކުވާއެއް ފޫބައްދަން މަސައްކަތް ކުރާކަން އޭނައަށް އިޙުސާސްކުރެވުނެވެ. އެހެންވެ މަންމަ އެވާހަކަ ދައްކަން ބޭނުންނުވާކަން އޭނައަށް ވިސްނި އަދި ބައްޕަ ކުރާ އަނިޔާތަކުގެ މައްޗަށް އަނެއްކާ އިތުރު ތަކުލީފެއް ދޭން ބޭނުންނުވާތީ އެ ސުވާލު ނުކުރަން އޭނަ މަސައްކަތްކުރިއެވެ. އެނޫން އެހެން ހުރިހާ ވާހަކައެއް މަންމައާ ދެއްކިއެވެ.
އެކަމަކު އެންމެ ފަހުން އެ ސުވާލު ނޫން އެއްޗެއް އޭނަގެ ހިތުގައި ނެތް ދުވަސްތަކަކަށް އޭނަގެ ޙަޔާތް ވަނީ ބަދަލުވެފައެވެ.
ހިތުގައި އަޅަމުންދިޔަ ވޭނާއެކު ވެސް ނަތާޝާ އަށް ހަމަ ވިސްނެނީއެވެ. މީގެ އެތައް އަހަރުކުރިންވެސް ވިސްނުނު ފަދައިންނެވެ. އޭނަ ބަސްއެހިއެވެ. ކިޔެވިއެވެ. ބައްޕަ، ކިތަންމެ މަދުން ވިޔަސް އޭނަ ކައިރީ ކުރާށޭ ބުނާ ކޮންމެ ކަމެއް ކުރިއެވެ. ނުކުރާށޭ ބުނާ އެއްވެސް ކަމެއް ނުކުރެއެވެ. ބައްޕައާ މަންމަ ކައިވެނި ކުރީ އުފަލުން ކަން އޭނައަށް ފެނިފަ ހުރި ފޮޓޯތަކުން އެނގެއެވެ. ނަތާޝާ އޭނަގެ މަންމަ އާ ވަރަށް ވައްތަރެވެ. އޭނަ ގައިގެ ބޭރުފުށުން ފެންނަ އުނިކަމެއް ނުހުރެއެވެ. ދުވަހަކުވެސް މާބޮޑު ބައްޔެއް ނުވެ އެވެ. އޭނަ އާ ހެދި މީހަކަށް އުނދަގޫވާނެ ކަމެއް ވީހަނދާނެއްވެސް ނުވެއެވެ. އެހެންވީއިރު އޭނަ ދެކެ ބައްޕަ ރުޅިއަންނަނީ ކީއްވެ ހެއްޔެވެ؟ އެންމެންގެ ދިރިއުޅުން ހަލާކުކޮށްލީ ކީއްވެގެން ހެއްޔެެވެ؟
އޭރުވެސް އެސުވާލަށް ޖަވާބު ދޭކަށް ހަމަ އެކަކަށް ވެސް ނޭނގުނެވެ. ރޭޗަލްގެ މަންމަމެންނަކަށް ނޭނގެއެވެ. އޭނަގެ މައްސަލަ ކޯޓުގައި ވަކާލާތުކުރި ވަކީލަކަށް ނޭނގެއެވެ. ގަސްތަކާނުލާވިޔަސް އޭނަ މީހަކު މެރިކަމަށް ނިންމި ފަނޑިޔާރަކަށް ނޭނގެއެވެ. ދުވަސްތަކަކަށް އޭނަ އުޅުނު ކުޑަކުދިންގެ ޖަލުގައި ތިބި މީހުންނަކަށް ނޭނގެއެވެ. އޭގެ ފަހުން އޭނަ ބަލަން ޙަވާލު ކުރި ގޭގައި ތިބި މީހުންނަކަށް ނޭނގެއެވެ. އެސުވާލަށް ލިބޭ ހަމައެކަނި ޖަވާބަކީ އޭނަގެ އަމިއްލަ ހިތުގެ ރިހުމެވެ. އޭރުވެސް ކުރެވުނު ކަަމަކީ ރުއިމެވެ. މިހާރުވެސް ރުއިން ނޫނީ ކުރެވޭނެކަމެއް ނެތެެވެ.
އިރުގަނޑެއް ވަންދެން ރޯލުމަށްފަހު ގޮނޑިން ތެދުވެއްޖެއެވެ. އޭރު އިރުއޮސެން ދަނީއެވެ. މިހާރު ރޭޗަލްގެ މަސައްކަތުގެ ގަޑި ނިމެން ކައިރިވެދާނެއެވެ. މަސައްކަތް ނިމޭ އިރަށް ރޭޗަލް އޭނަ ހޯދަން އަންނާނެއެވެ. ރޭޗަލް ގެ ކުރިމައްޗަށް ދެލޯ ރަތްކޮށްގެން ދާކަށް ނަތާޝާ ބޭނުމެއް ނޫނެވެ. މީގެ ކުރިންވެސް އެ ހިތާމަތަކާއި ހިތުގައި ހުރި ސުވާލުތަކާ ޝަކުވާތައް އެއްކައިރިއަށް ޖައްސާލާފަ ކުރިއަށް ދާން އޭނާ ދަސްކުރިއެވެ. އޭނަ އެކަން އަނެއްކާވެސް ކުރާނެއެވެ.
މަޑުމަޑުން ހިނގާފައިގޮސް ނަތާޝާ މޫދަށް ފޭބިއެވެ. ރަނގަޅަށް ފައިޖެހޭ ހިސާބެއްގައި ހުރެ އެތެރެއަށް ފުން ނޭވައެއް ލާފައި ދެލޯ މަރާލުމަށްފަހު އަޑިއަށް ދިޔައެވެ. އަޑީގައި ކަކޫ ޖައްސާލައިގެން އިށީނދެ އިނދެ ނޭވާ ހިފަހައްޓާލިއެވެ. ވަށައިގެން އިވޭ ފެނުގެ އަޑަށް ހުރިހާ ސަމާލުކަމެއް ހުއްޓުވާލިއެވެ. އެހެން ހުރެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. އޭނަ ވަރަށް ގިނައިރު ނޭވާނުލާ ހުންނަން ވަރަށް ކުޑައިރު ވަނީ ދަސްކޮށްފައެވެ.
ނޭވާ ހުސްވުމުން ކުއްލިއަކަށް މައްޗަށް އެރިއެވެ.
މީގެ އަހަރުތަކެއްކުރިން މާޒީ މާޒީގެ ތެެރެއަށް ދޫކޮށްލުމަށް ޙަޤީޤަތުގައި އެންމެ ބޮޑަށް އެހީތެރިވީ އެ ހުރިހާ ހަނދާންތައް ގުޅިފައިވާ ތަންތަނާއި މީހުންނާ ވެސް ދުރަށް ގިނަ ދުވަސްތަކަކަށް ދެވުނު ދެވުމެވެ. ސުވާލަކީ މިހާރު އެކަން ކުރާނީ ކިހިނެތް ހެއްޔެވެ؟
އެޒުވާނާ ކުރިމައްޗަށް ދެވަނަ ފަހަރަށް ދެވިއްޖެނަމަ މާޒީއާ މިހާރާ ވަކިން ބާއްވަން އޭނައަށް އެނގޭނެ ބާވައެވެ. ނޫނީ ރުޅިއަައިސްގެން އަތުން ގޯހެއް ހެދިދާނެ ބާވައެވެ.
އެ ޚިޔާލާާއެކު އަނެއްކާވެސް ދެބުމަ ގޮށް ޖެހިއްޖެއެވެ.