ހިތް އަތުލީ އޯގާތެރިކަން – 2

(3 ފެބްރުއަރީ 2017 ގައި ޝާއިޢު ކުރި ބަޔާ ގުޅޭ)

ޑްރާމާ ނިމި އިޝްތިހާރު ދައްކަން ފެށުމުން ފައިހާ ދެއަތް މައްޗަށް ނަގާފައި މޯޅިއަކަށް ދެމިލިއެވެ. އަދި އުނގުގައާއި ފައި މަތީގައި ހުރި ބާލީސްތައް ނަގައި އެއްވެސް ތަރުތީބެއް ނެތި ސޯފާގައި ބަހައްޓަމުން ތެދުވެއްޖެއެވެ. އޭރު އަންނަމުން އައި އިޝްތިހާރުގެ އަޑު ގަދަކަމުން ޓީވީ ގެ އަޑު މަޑުކޮށްލަން ބޭނުންވިއެވެ. ރިމޯޓް ބޭއްވުނު ތަނެއް ހަނދާނެއް ނެތެވެ. ރިމޯޓް ފެނޭތޯ އޭނަ އިށީނދެ އިން ސޯފާ ބަލާލިއެވެ. އޭގެން ނުފެނުމުން ޖެހިގެން ހުރި ސޯފާގެ ބަލީސްތައް ކުުޑަކޮށް ހިއްލާލި ތަނާ ބަލީސްތަކުގެ ދޭތެރެއަށް ވެއްޓިފައި އޮތް ރިމޯޓް ފެނިއްޖެއެވެ. ދެން ޓީވީގެ އަޑު ކުޑަކޮށް މަޑުކޮށްލާފައި ސޯފާގެ ކައިރީހުރި ކޮފީ މޭޒުމަތީގައި ރިމޯޓް ބޭއްވުމަށްފަހު ފައިހާ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ.

ބަދިގޭގައި އެއްވެސް މީހަކު ނެތެވެ. ފައިހާ ގޮސް އައިސް އަލަމާރި ހުޅުވާލާފައި ކިރު ޕެކެޓެއް ނެގިއެވެ. އަދި ކައިރީގައި ހުރި ކަބަޑު މަތީގައި ބަހައްޓާފައި ހުރި ބިއްލޫރު ތަށިތަކުން ތައްޓެއް ނަގައި ތަށި ފުރެންދެން ކިރުއަޅާފައި ޕެކެޓް އަނެއްކާވެސް އައިސް އަލަމާރިއަށް ލިއެވެ. އަދި ކިރުތަށި ހިފައިގެން އައިސް ކާމޭޒު ކައިރީ އިށީނެވެ. އެވަގުތު މޭޒު މަތީގައި ހުރި ޕާން ވަށިގަނޑާއި މަތިޖަހާފައި ބަހައްޓާފައި ހުރި ކުޅިމަސްކޮޅާއި ތަށި ކައިރީގައި އޮތް ދޮންކެޔޮވަށް ފެނުނެވެ. މިރޭވެސް ރުބީން އެ ދިޔައީ އޭނައަށް ދޭން ކާއެއްޗެހި ނަގައިދީފައެވެ.

އިއްޔެ އަކީ އޭނައާ ރުބީން ކައިވެނި ކުރިތާ އެއްމަހާ ފަނަރަވަނަ ދުވަހެވެ. އެކަަމަކު އަދިވެސް އޭނައަަކަށް އޭނަގެ ފިރިމީހާއަށްޓަަކައި އޭނަގެ ހިތް އެކީގައި ހުޅުވާލެވޭގޮތެއް ވަނީ ނުވެފައެވެ. އެއަށް ވުރެ ޙަޤީޤަތާ ކައިރިވާނީ އޭނަގެެ ހިތް ހުޅުވާލަން ކުޑަކޮށްވެސް ބޭނުމެއްވެސް ނުވެޔޭ ބުނިއްޔާއެވެ.

ފައިހާގެ ޢުމުރުގެ އެހެން ކުދިންެ ކައިވެނިކުރެވުމާއެކު އެކަކު އަނެކެއްގެ ޙަޔާތާ ގުޅި ލާމެހެއެވެ. ދެމީހުން ނުވަތަ އެ ދެ މީހުންގެ ތެރެއިން ކޮންމެވެސް އެކަކު، އަނެކަކާ ވަކިވުމަކީ ގަދަފަދަވެގެން ވާ އަޛާބެކޭ ހީވާވަރަށް އަނެކަކު ދެކެ ކައިވެނީގެ ކުރީކޮޅުގައި ލޯބިވެއެވެ. ޚާއްޞަކޮށް ފައިހާއާ އެއްވަރުގެ މުއްސަނދި ކުދިން އެމީހުންގެ ކައިވެންޏަށް ތައްޔާރުވަނީ ލޯބިވާ މީހަކާއެކު ފޮނި ފޮނި އުފާވެރި ވަގުތުތަކަކާއި ފަސޭހަކަމާ އުފަލާ އަރާމުގެ ދިރިއުޅުމެއް ހޭދަކުރުމުގެ ހުވަފެނަކާއެކުގައެވެ.

ފައިޙާ ވެސް ސްކޫލްގައި އުޅުނު އިރު އެފަދަ ހުވަފެންތަކެއް ދެކުނެވެ. އޭރު ފެންނަ ފެނުމުގައި އޭނައާ އޭނަގެ ޢުމުރުގެ އެހެން ކުދިންެނާ މިޒާޖުގެ އެހާ ބޮޑު ތަފާތެއް އެހެން މީހަކަށް ނުފެންނާނެއެވެ. އޭނަވެސް މިޒަމާނުގެ އެ ޢުމުރުގެ ކުދިން ފަދައިން ކަންނެތް ވެފައި ކަންކަމާމެދު ވިސްނުމާއި އަޅާލުން ކުޑަވެފައި ފަރުވާކުޑަވުމާއެކު، މުއްސަނދި ކަމާއި އާޢިލީ ނުފޫޒުގެ ސަބަބުން ތިމާ ބޭނުން ކޮންމެ ކަމެއް ކުރެވޭނެއޭ ހީވާ ޒާތުގެ ބޮޑާގޮތެއް ހުރެއެވެ.

ފައިހާގެ ހިތުގައި ހުރި ބޮޑާކަމާއި ކިބުރުވެރިކަން އަދި ދުނިޔޭގެ ކަންތަކާމެދު ހުންނަ ފޯރި ފޮހެވިގެން ދިޔައީ ފުލޯކު ވާހަކަ ތަކާއި ފިލްމުތަކުގެ ދުނިޔެއިން ހޭލެވި ހަޤީޤި ދުނިޔެއަށް އޭނަގެ ލޯ ހުޅުވުމުންނެވެ. ދުނިޔޭގެ ފެންނަން މިހުންނަ ގިނަ ޒީނަތްތެރިކަމަކީ އެއްވެސް އަގެއް ނެތް އެއްޗެހިތަކެއްކަން ވިސްނުމުންނެވެ. އޭނަގެ ދައްތަމެންގެ ޙަޔާތަށް އައި ތޫފާންތަކުގައި އެމީހުންނޢި އޮހޮރި ލޭކަރުނަތައް ފޮހެދޭން އަމިއްލަ ލޮލުން ކަރުނަ ނުކިހޭ ޙާލުު އެންމެ ކައިރީގައި އޭނަގެ މަންމަ އާ ބައްޕަގެ އިތުރުން ހުރި އެކަކީ ފައިހާއެވެ. އޭނަގެ އެންމެ ބޮޑު ދެ ދައްތައަކީ ބޭރުފުށުގެ ރީތިކަމާ ޢިލްމާއި ހުނަރުގެ ސަބަބުން ގޮތުމުޅި މާލޭންވެސް ނަންވިދާލާފައިވާ ދެ މީހުންނެވެ. ޢާއިލީ މުއްސަނދި ކަމުގެ އިތުރުން އެމީހުންގެ އަމިއްލަ މަސައްކަތުން ހޯދި މުއްސަނދިކަމާއި ނުފޫޒުވެސް ކުޑައެއް ނުވާނެއެވެ. ނަމަވެސް އޭގެން އެއްވެސް އެއްޗެއް އެމީހުން ރައްކާތެރިކޮށެއް ނުދިނެވެ. އާދައިގެ ނުވަތަ ފަޤީރު މީހަކަށް ލިބޭ މިންވަރަށް ވުރެ އިތުރަށް ނުވަތަ އެއަށް ވުރެ ތަންކޮޅެއް މަދުންވިޔަސް އުފަލެއް ނުވަތަ މޮޅެއް އެމީހުންގެ ހިތަކަށް ލިއްބައެއް ނުދިނެެވެ. އޭގެ ބަދަލުގައި އެމީހުންެގެ އަންހެންވަންތަ ބަަލިކަށިކަމާއި ބޭރުފުށުގެ ރީތިކަމާއި މުއްސަނދިިކަމާއި އެމީހުންގެ ނުފޫޒު ވެގެން ދިޔައީ އެމީހުންނަށް ލިބުނު ބޮޑެތި ހިތާމައާ ގެއްލުން ތަކުގެ ސަބަބެއް ކަމުގައެވެ. އޭގެ ދަހިވެތިކަމުގައި އެދެމީހުންގެ ފިރިން އެމީހުން ވިއްކާލިއެވެ. ވިޔަފާރި މުދަލެއް ކަމުގައި ހެދިއެވެ. ނަފްސުތަކުގެ ކަމީނާކަމާއި ނުކުޅެދުންތެރިކަން ފޮރުވުމަށްޓަކައި ހަށިގަނޑުގެ އާރާބާރު ހުރިވަރު ދައްކާލަން އެތިފަހަރުތައް ބާލާ އަމާޒުފަތްގަނޑުތަކަށް ހެދިއެވެ. މީހުންގެ މެދުގައި ނުބައި ގޮތެއްގައި ފަޟީޙަތްކޮށްލިއެވެ. އަދި މުޖުތަމަޢުގެ އެހެން މީހުންގެ ޙަސަދަވެރިކަން އެ އަނިޔާގެ ހުޅުގަނޑަށް ތެޔޮ އަޅަމުން ދިޔައެވެ. އަދި އެމީހުންގެ ނިކަމެތިކަމުގެ ފައިދާ އެކިގޮތްގޮތުން ނެގިއެވެ.

އޭނަގެ ދައްތަމެން ހިތްވަރުގަދައެވެ. އެމީހުން ކަރުނަތައް ފޮހެ ފާރުގަނޑުތަކުގައި ބޭސްއަޅައިގެން އަނެއްކާވެސް ކޮޅަށް ތެދުވިއެވެ. އެމީހުން ނަސީބުވެސް ގަދައެވެ. މުޖުތަމަޢު ތެރޭގައި ގެއްލުނު އަބުރާއި ވީ ފަޟީޙަތް ފަހަތަށް ޖައްސާލާފައި ކުރިއަށް ހިނގައިގަންނަން އެހީތެރިވާނެ ޢާއިލާއެއް އޮތެވެ. ފައިހާއަށް ފާހަގަ ވީ ތަންކޮޅަކީ އަލުން އެމީހުންގެ އަގު ހޯދައިދިނުމުގައި އެމީހުންނާއި އެމީހުންގެ ބައްޕަގެ މުއްސަނދިކަމާއި މަންމަގެ ނުފޫޒަށް ވުރެ ބޮޑު ބައެއް އަދާކުރީ ބައްޕަގެ ނަން ކަމެވެ. އޭނައަށް މީހުން ކުރާ ޢިއްޒަތާއި ޤަދަރެވެ. އަދި ޚުދު އޭނަގެ ދައްތަމެންގެ ކިބައިގައިވާ އެމީހުންގެ ބައްޕަ ހަރުލެއްވި ރިވެތި އަޚުލާޤާއި އަބުރުވެރި އުޅުން ކަމެވެ. ބަޔަކު ކިތަންމެ ކިސަޑެއް އުކިޔަސް ޖަވާހިރެއް ވާނީ ޖަވާހިރަކަށެވެ. އަދި ޖަވާހިރުގެ އަގު ދަންނަ ރަނގަޅު މީހުން އެ ޖަވާހިރު ފޮހެލާފައި އޭގެ ޙައްޤު އަގު އެއަށް ދޭނެއެވެ. ނަމަވެސް ގިނައީ ޖަވާހިރުގެ އަގުު ނުދަންނަ ނުބައި ޖާހިލު މީހުންނެވެ. އޭނަގެ ދަައްތަމެންނަށް ހިފުނީ އެފަދަ ބައެއްގެ އަތުގައެވެ.

ފިރިހެނުން މަތިން އެކީގައި ފައިހާ ފޫހި ނުކުރުވި ހަމައެކަނި ސަބަބަކީ އޭނަގެ ބައްޕައެވެ. އޭނާ އަށް އެނގެއެވެ. އޭނަގެ މަންމައަކީ ޒީލަގަދަ މީހެކެވެ. އަދި ބޮޑާ މީހެކެވެ. އަދި މީހުންނާ އެހާ ގުޅޭ މީހެއް ނޫނެވެ. އަދި ޚުދު ތިމާގެ ފިރިމީހާއާ ވެސް އެތައް ކަމަކާ ދެބަސްވާ މީހެކެވެ. ނަމަވެސް ފައިހާ ޢުމުރުން އެންމެ ފަހަރަކުވެސް އޭނަގެ ބައްޕަ އޭނަގެ މަންމައާ ދޭތެރޭ އަނިޔާވެރިކޮށް ނުވަތަ ރުންކުރުކޮށްވެސް މުޢާމަލާތްކޮށްފައިވާތީ ނުދެކެއެވެ. އެންމެ ފަހުން ޚުދު އޭނަގެ މަންމަގެ މިޒާޖަށް ކުޑަ ނަމަވެސް ހެޔޮ ބަދަލެއް އަންނަން މަޖުބޫރުވީ ބައްޕަގެ ދެގޮތެއް ނުވާ ކެތްތެރި އަދި އޯގާތެރި މަގުދެއްކުމުގެ އުޞޫލުގެ ކުރިމަތީގައި ހަތިޔާރު ބެހެއްޓުމުންނެވެ. ފައިހާގެ މަންމަ އޭނަ އޭނައާ ދޭތެރޭ ޚާއްޞަގޮތެއް ބަހައްޓައި އޭނަދެކެ ވަކިން ޚާއްޞަކޮށް ލޯބި ވިޔަސް މަންމައަކީ އެހެން މީހުންނަށް މަންމަ ދެކެ ލޯބިވާން ފަސޭހަ މީހެއް ނޫންކަން ފައިހާއަށް ވިިސްނެއެވެ. އެކަމަކުވެސް އޭނަގެ މަންމައާ ދޭތެރޭ ބައްޕަގެ ޢަމަލުތަކާ ބަސްމަގު ބަހައްޓާގޮތުން އޭނަގެ މަންމަ ކީއްކުރަން ބަލަން ތިބޭ އެހެން ބަޔަކަށްވެސް އޭނަގެ ބައްޕަ އޭނަގެ މަންމަ ދެކެ ޙަޤީޤަތުގައިވެސް ލޯބިވާކަން ސާފުކޮށް އެނގެއެވެ.

އޭނަ ކުޑައިރުއްސުރެވެސް މަންމަ ބުނާގޮތަށް ގިނަ ކަންތައްތައް ކުރިޔަސް އަބަދުވެސް އޭނަގެ ބައްޕައަށް އިޙުތިރާމްކުރަނީ މިކަން އެހާ ކުޑަކުޑަ އިރުވެސް އޭނައަށް އިޙުސާސްކުރެވޭތީއެވެ. ބައްޕަ ހުންނައިރު އޭނަގެ ދައްތަމެންނެކޭ އެއްފަދައިން އޭނަވެސް ޢަމަލުކުރަނީ ބައްޕަ އަންގާ ގޮތަކަށެވެ. މަންމަ އޭނަ ދެކެ ވަކިން ބޮޑަށް ލޯބިވާތީ މަންމަ ދެކެ ވަކިން ޚާއްޞަކޮށް ލޯބި ވިޔަސް އަދި އޭނަގެ ބައްޕަ ބައެއް ފަހަރު ކިތަންމެ ހަރުކަށި ވިޔަސް ބައްޕަ ދެކެ އޭނާ ވަރަށް ލޯބިވެއެވެ. ނުވާނީވެސް ކިހިނެތް ހެއްޔެވެ. އޭނަ އުރާލައިގެން ހުރެ އެކި އެކި ކަންތައްތައް ކުރާނެގޮތް ދަސްކޮށްދެއެވެ. އެނައާ އޭނަގެ ދައްތަމެންނަށް ގޯސްކޮށް ކަމެއް ކުރެވުމުން ދުވަހަކު އަތް އިސްކޮށްފައިނުވާތާނގައި އަޑު އުފުލާ އެއްޗެއް ބުނެފައެއް ވެސް ނުވެއެވެ. އޭގެ ބަދަލުގައި އެމީހުންގެ ބިރާއި ސިހުން މައިތިރި ކުރުމަށް ހިނިތުންވެލުމާއެކު ބައްދާލައެވެ. އަދި ޚުދު ބައްޕަ އަމިއްލައަށް އެކަމެއް ކުރާނެ ގޮތް ދައްކާފައި އެމީހުން ލައްވާ ރަނގަޅަށް ކުރުވުމަށް ފަހު ތަޢުރީފުވެސް ކުރެއެވެ. 

ބައްޕަ އަކީ ކިހާ ވަރުގަދަ ޝަޚުޞިއްޔަތެއްކަން އިތުރަށް ސާބިކޮށްދިނީ އެންމެންގެ ކުރިމަތީގައި، މަކަރުވެރި އޮޅުވާލުމެއްގެ ތެރެއިން ފަޟީޙަތްކުރެވުނު ބައްޕަގެ ދެ ދަރިން ހިތާމައާ ލަދުވެތިކަމާއެކު އެނބުރި ގެއަށް އައި ދުވަހުއެވެ. ބައްޕަ އެމީހުންނަށް އޯގާތެރިކަމާއެކު ހިތްވަރުދިނެވެ. އަދި ބައްޕަގެ ދެދަރިން ރައްކާތެރިކުރުމަށް ހުވާކޮށްގެން ތިބެ ފާޅުގައި އަމީހުންނަށް އަނިޔާކުރި ފިރިންނާއި ކުރިމަތިލާން ޖެހުނު އިރު ރުޅި ކޮންޓްރޯލްކޮށް، އެ އަނިޔާތަކުގައި ބައިވެރިވީ ނުފޫޒުގަދަ އެތައް ބަޔަކަށް ޙައްޤު އަދަބު ދިނުމަށްޓަކައި މީހަކު ކިޔާނެ އެއްޗަކަށް ނުވަތަ ބަޔަކު ރުޅިއައިސްގެން ދީފާނެ ގެއްލުމަކަށްޓަކައި ފަސްޖެހުމެއް ނެތި ބައްޕަ ދައްކައިދިން ސާބިތުކަމުގެ ސަބަބުން ބައްޕައަށް އޭނަކުރި އިޙުތިރާމް އެތައް ގުނައަކަށް އިތުރުވިއެވެ.

ނަމަވެސް މީހުންނާމެދު ފަރުވާތެރިކަމާ އެކު ވިސްނާލުމުން ފެންނަ ޙަޤީޤަތަކީ މިޒަމާނުގެ ގިނަ ފިރިހެނުންނަކީ ފިރިހެންވަންތަ ސާބިތުކަމެއް ނެތް ބަލިކަށި ބައެއްކަމެވެ. އަދި އޭގެ ތެރޭގައި ބައެއް މީހުންނަކީ ފިރހެންވަންތަކަމުގެ މޫނުމަތި އަޅައިގެން ތިބޭ ބޭރުފުށުން އާޝޯޚު ވާހާ ރީތި އެހެން ނަމަވެސް އެތެރެފުށުން ބިރުން ފިއްކަނޑައިގެން ދާހާ ހުތުރު ސިފަތަކުގެ ވެރި ބަޔަކެވެ. ފައިހާގެ ހިތް ފަސޭހައިން މީހަކަށް ދެވޭވަރަށް ވުރެ ބޮޑަށް ރުޅިވެރިކަމާއި، ނަފްރަތާއި ފޫހިކަމުގެ ޗޭނުތަކުން ކަސްތޮޅުއެޅުވިފައިި ވަނީ ސަބަބުތަކެއް  ނެތިއެއް ނޫނެވެ.

އެހެންކަމާއެކުވެސް ސިކުނޑިއާ ހިތާ ދެކޮޅަށް އޭނަ ރުބީން އާ ކައިވެނި ކުރަން އެއްބަސް ވިއެވެ. ހަމަ އެންމެ ސަބަބަކަށް ޓަކައެވެ. އޭނަ ބޮޑުވީފަހުން އޭނަގެ ބައްޕަ އޭނަގެ ކިބައިން ފުރަތަމަ ފަހަރަށް ކަމަކަށް އެދުމުން ބައްޕައަށް ނޫނެކޭ ނުބުނަން ވެގެންނެވެ.

ފައިހާގެ ޙަޔާތުން ވޭތުވެފައިވާ އަށާރަ އަހަރަކީ ދިރިއުޅުމާއި ޙަޔާތުގެ ކަންތައްތަކުގެ ތަޖުރިބާކާރެއްގެ ލަޤަބު އޭނާއަށް ލިބޭ ވަރަށް ވުރެ ކުރު މުއްދަތެއްކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެ އަށާރަ އަހަރުތެރޭ ލިބުނު ތަޖުރިބާ އޭނައަށް ދަސްކޮށްދިނީ މި މުޖުތަމަޢުގައި މިހާރު ތިބި ގިނަ ފިރިހެނުންނަކީ ވަރަށް ލޯބިވެގެން ކައިވެނި ކުރުމަށް ފަހުވެސް އެމީހުން ކައިވެނި ކުރާ މީހާއަށް މިއަދު ނުކުރިއްޔާ މާދަމާ ކޮންމެވެސް އަނިޔާއެއް ކުރާނެ ބައެއްކަމެވެ. ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެވެ. އަދި ގިނަ ކައިވެނި ތަކުގައި އެ އަނިޔާތައް ދުވަހަކުވެސް  ނިމުމަކަށް ނާންނަަމެވެ. ފިރިމީހާއަށް ހިތް ހަދިޔާ ކުރުމަށް ފަހު ކައިވެނި ކުރިއިރު އެ ވެވުނު ލޯބީގެ ދަންތުރާގައި ހައްޔަރުވެފައިވާ އަނބިމީހާ ކެތްކޮށްކޮށް އިންތިޒާރުކޮށްކޮށްވެސް އެފަދަ ގިނަ ފިރިހެނުން ގެ ހިތުގައި ރަޙުމް ނުއުފެދޭކަމެވެ. އަނިޔާވެރިކަން ދޫކޮށް އިޞްލާޙުނުވާކަމެވެ. ތަކުރާރުކޮށް ބޭވަފާތެރިވާނެކަމެވެ.

ފައިހާއަށް އެނގެއެވެ. އޭނާގެ ބައްޕައަކީ އެނގިގެން ހުރެ ދުވަހަކުވެސް މީހަކަށް ދެރައެއް ލިބޭނެހެން ހީވާފަދަ ކަމެއް ވެސް ކުރާނެ މީހެއް ނޫނެވެ. އެހެންވީމާ ޚުދު އަމިއްލަ ދަރިފުޅުގެ ކައިވެންޏަކުން ދެ ޢާއިލާއެއް ގުޅުވާލަން ބައްޕަ ނިންމާނީ ވެސް ވަރަށް ރަނގަޅަށް ވިސްނާފައެވެ. ނަމަވެސް ހުރިހާ އިންސާނުންނަކީ ބައްޕަ ފަދައިން އެތެރެ ފުށާއި ބޭރުފުށް ރަނގަޅު ބައެއް ނޫޫނެވެ. އަދި ބައްޕައަކީ ކިތަންމެ ރަނގަޅަށް މީހުން ދެނެގަންނަން އެނގޭ މީހަކަށް ވިޔަސް އަނިޔާވެރި މަކަރުވެރިއަކަށް ބައްޕައަށް ވެސް އަދި މުޅި މުޖުތަމަޢަށް ވެސް އޮޅުވާލެވިދާނެއެވެ. އެކަމަކު ފައިހާއަށް ދަސްވެފައިވާ ފިލާވަޅަކީ އަބަދަކު އެ އަނިޔާވެރިކަން ފޮރުވައިގެނެއް އެމީހަކު ނުހުންނާނެއެވެ. ނުވެސް ހުރެވޭނެއެވެ. ކޮންމެވެސް ދުވަހަކުން، އަދި ވަކިން ޚާއްޞަކޮށް ކައިވެންޏެއް ކުރެވި އަނބިމީހާ ތިމާގެ ދަޅަތަކުގައި ޖެހި ލޯބީގައި ހައްޔަރުވެފައިވާކަން ޔަޤީންވުމުން، އެފަދަ މީހަކު މަޑުމަޑުން ވިޔަށް އޭނަގެ އަޞްލު ކުލަވަރު ދައްކާނެއެވެ.

އޭނަގެ ސިކުނޑީގެ ތެރޭގައިވާ މިހުރިހާ ފިކުރުތަކެއްގެ ތޫފާން ރީތި ހިނިތުންވުމެއްގެ ފަހަތުގައި ވަންހަނާކުރުމަށް ފަހު ފަސްޖެހުމެއްނެތި ކައިވެންޏަށް އެއްބަސްވީ ނުއުފުއްލޭނެވަރުގެ ބުރައެއް އޭނާ ހެއްދެވި ފަރާތުން ނުޖައްސަވާނެކަން އެނގޭތީއެވެ. އަމިއްލަ ނަފްސު ރައްކާތެރިކުރެވޭނެ ކަން ޔަޤީންކުރާތީއެވެ. ބައްޕައާ ޢާއިލާގެ އެހީތެރިކަމާއި އަޅާލުމަށް އިތުބާރު ކުރާތީއެވެ. ވަކިން ޚާއްޞަކޮށް ބައްޕަގެ ހިތްހަމަޖައްސައިދިނުމުގެ ބޭނުމުގައެވެ. އޭނައަށް އެކަން ކުރެވުނުކަން އެނގުނެވެ. އޭނަ ކައިވެންޏަށް އާނ ބަސްބުނުމުން ބައްޕަގެ މޫނަށް ވެރިވެގެން ދިޔަ އުފާވެރިކަން ބޮޑުކަމުންނެވެ. އަދި ކައިވެނީގެ ޙަފްލާގައި އޭނައާ ރުބީން އެކަކު އަނެކަކުގެ އަތުގައި ހިފަހައްޓައިގެން ފޮޓޯއަށް ހުއްޓިލައިގެން ތިބި މަންޒަރު ބަލަހައްޓައިގެން ހުރިއިރު ބައްޕަގެ މޫނުމަތިން ފެންނަމުން ދިޔަ ހިތްހަމަޖެހުމުންނެވެ.

ބައްޕަގެ ހިތްހަމަޖައްސައިދެވިއްޖެއެވެ. ދެންއޮތީ ބައްޕަގެ ހިތް ހަލާކުވާފަދަ މުޞީބާތެއްގައި ނުޖެހި ދިރިއުޅުން ވޭތުކުރެވޭތޯ ބެލުމެވެ. ދައްތަމެންނަށް ލިބުނު ފަދަ އަނިޔާވެރިކަމެއްގެ ޝިކާރައަކަށް ނުވުމެވެ.

ކައިވެނި ކުރެވުމާއެކު އެހެން ގިނަ ޒުވާނުން ތައްޔާރުވަނީ އުފާވެރި މާމުއިހަނދުވަރުގެ ދުވަސްތަކަކަށެވެ. އެކަކު އަނެކެއްގެ ލޯބީގައި ޣަރަޤުވެގަންނާށެވެ. ދެމީހުންވެސް ބޭރުފުށް އޮމާންކުރެއެވެ. އުނި ސިފަތައް ފޮރުވައެވެ. ތިމާގެ އެންމެ ރީތި ރަނގަޅު ސިފަތައް ދައްކައިގެން އަޅާލުމާއި ލޯބި ދީގެން އަނެކަކު ފަތަޙަ ކުރުމަށް މަސައްކަތްކުރެއެވެ. ނަމަވެސް ފައިހާ ކަންތައް ކުރީ އެއާ އިދިކޮޅަށެވެ. ބައްޕަގެ އަގު އެކީގައި ވައްޓާނުލައި އޭނައަށް ދެއްކޭނެ ހުރިހާ އުނި ސިފައެއް ދައްކަމުން ދިޔައެވެ. އޭނާ ތައްޔާރުވެގެން ހުރީ ރުބީންގެ ހިތް ފަތަޙަ ކުރާކަށް ނޫނެވެ. އޭނަ ތައްޔާރުުވެގެން ހުރީ އެހެން ކަމަކަށެވެ. ރުބީން އޭނައާ ދިމާއަށް ރުޅިއައިސްގެން ހަޅޭއްލަވައިގަންނާނެ ދުވަހަކަށެވެ. އޭނައާ ދިމާއަށް އަތް އިސްކުރާނެ ވަގުތަަށެވެ. އޭނަގެ ހުރި އުނިސިފަތައް ބޭނުންކޮށް ގެން ލަދުގަންނަވާލައި ފަޟީޙަތް ކޮށްލާނެ މުނާސަބަތަކަށެވެ. އޭނަގެ މުއްސަނދިކަމުގެ ފައިދާ ނަގަމުން ސިއްރުގައި އަދި ފާޅުގައިވެސް އޭނައަށް އެކިގޮތްގޮތުން ބޭވަފާތެރިވާނެ ދުވަހަކަށެވެ. އަމިއްލަ ބޭނުމަކަށްޓަކައި އޭނަގެ އަބުރާ އިއްޒަތް ވިއްކާލާނެ ދުވަހަކަށެވެ.

އެފަދަ ވަގުތެއް އައުމާއެކު އޭނަ ބަލާކަށް ނުހުންނާނެއެވެ. އޭނަ ރުބީންގެ ޙަޔާތަށް އައި ބާރުމިނަށް ވުރެ ހަލުވިކޮށް އޭނަގެ ޙަޔާތުން ރުބީން ނަގައ އެއްލާލާނެއެވެ. އަދި އެއަށްފަހު ދުވަހަކުވެސް ފަހަތަށް އެނބުރި ބަލައެއް ވެސް ނުލާނެއެވެ. – - ނުނިމޭ -

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.