ރީޙާން-ނަތާޝާ: 4

(17 މާރިޗު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"...މަޢާފަށް އެދެން....އެހީ އަންނާނެ...." ބޮލާއި ފައިގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުން ދެލޯމަރާ ތަގުޅިކޮށްގެން ހުރި ނަތާޝާ ތެދުވެ އިށީންނަން މަސައްކަތް ކުރަމުން ކަންފަތުގެ ތެރޭން ފުރޭނިގެން އައި އެ ޖުމްލަތަކަށް ސަމާލުކަންހުއްޓުވޭތޯ ހިތްވަރު ކުރިއެވެ. ނަމަވެސް ކުއްލިއަކަށް އޭނަގެ ސިކުނޑީގައި ވަކިހިއްޕާލީ އޭނަގެ ބައްޕަ އޭނައާ ދިމާއަށް ރުޅި އައިސްފައިވާ ސިންގާއެއްހެން ފުންމައިގެން އައިސް ބާރު އެތިފަހަރެއް ބޮލުގައި އަޅާލި މަންޒަރެވެ. އެއަށްފަހު ކައިރީގަ ހުރި ގޮނޑި ހިއްލާލި ތަނެވެ.

ބާވެފައި އިން ދަގަނޑު ގޮނޑިން ޖެހިޖެހީނުން ގޮނޑި ފިސްފިސް ވެއްޖެއެވެ. އަމިއްލަ ދިފާޢުގައި ހިއްލާލި ޅަ އަތުގެ ކަށިގަނޑު ދިޔައީ ސީދާ ބިންދައިގެންނެވެ. ބިރުވެރި ވައްތަރަކަށް ކަށީގެ ހުދުކުލަ ފެންނަމުން ދިޔައެވެ. އެކަމަކު އަތަށް ލިބުނު އަނިޔާ ސިކުނޑިއަށް ނޯޓުކުރެވޭ ވަރެއް ނޫނެވެ. ކުލުނާއި އޯގާތެރިކަމަށް އުއްމީދު ކުރި ފަރާތުން ބޯމައްޗަށް ބާލަމުން ދިޔަ ރުޅިވެރިކަމާއި އަނިޔާ ތަޙައްމަލުކުރަން ދަތިވެ ޙައިރާންކަމާއި ސިހުމާއި ބިރުވެރިކަމުން އޭނަގެ ސިކުނޑި ހަފުސްވަނީއެވެ. އޭނަ ޙިމާޔަތްކުރެވޭތޯ، އޭނައަށް ލުޔެއް ހޯދައިދެވޭތޯ އަމިއްލަ މޫނާއި ހަށިގަނޑުގެ އެކި ތަންތަނުން ލޭ ފައިބަމުން ދިޔަ ޙާލު ބިންމަތީގައި އޮތް މަންމައަށް ކުރެވުނު މަސައްކަތެއް ކުރަމުން ދިޔައެވެ. ނަމަވެސް އަނިޔާވެރިޔާގެ އެތިފަހަރުތަކަށް ހުއްޓުމެއް އަންނާކަށް ނޫޅުނެވެ. ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. ކޮނޑުން ދޫކޮށްލާފައި މޫނުމަތީގައި ޖެހިއެވެ. ދެން އަނެއްކާ ކޮނޑުގައި ހިފައިއެވެ.

ނަތާޝާ ބޯހޫރުވާލާފައި ނިކަން ބާރަށް ދެ އަތް ފޮޅުވާލިއެވެ. އެއާއެކު ކުއްލިއަކަށް ހޮޑުލެވިއްޖެއެވެ. އަރިއަޅާލިކަން އެނގުނެވެ.

އެ އަންހެންކުއްޖާ ތެދުވަން އުޅުމުން އޭނައަށް އެހީވާން ކޮނޑުގައި ހިފި ރީޙާންގެ އަތް ކުއްލިއަކަށް އެހާ ބާރަށް ފޮޅާލުމުން ބޭއިޚްތިޔާރުގައި ރީޙާން އަށް ފަހަތަށް ޖެހެވުނެވެ. އެކަމަކު ހިނދުކޮޅެއް ވެސް ނުވެ އެކުއްޖާ ވެއްޓެން ފެށުމާއެކު ފުންމައިގެން އަނެއްކާ އޭނަގެ ކޮނޑުގައި ހިފުނީ ހަމަ ކިރިޔާއެވެ. ރީޙާން މަޑުމަޑުން އެކުއްޖާ ބިންމަތީގައި ބޭއްވިއެވެ. ހަމަ އެވަގުތު ރިސޯޓްގެ ވެހިކަލް އައިސް އެ ދިމާލަށް ހުއްޓާލިއެވެ. ވެހިކަލުން ފައިބައިގެން އެދިމާލަށް ހިނގައިގަތް ޑޮކްޓަރ އަށް ނަތާޝާއާ ރީޙާން ފެނުމާއެކު ދުވެފައި އައެވެ. ސްޓްރެޗަރ ހިފައިގެން އޭނަގެ ފަހަތުން ޑްރައިވަރ ވެސް އައީ ދުވެފައެވެ. ނަތާޝާ ނޭވާލާކަން ޑޮކްޓަރ އަށް ޔަޤީން ކުރެވުމާއެކު އޭނަގެ އިރުޝާދުގެ ދަށުން ތިން މީހުންވެގެން ހޭނެތިފައި އޮތް ނަތާޝާ ވަރަށް ފަރުވާތެރިކަމާއެކު ސްޓްރެޗަރ އަށް އަރުވައިފިއެވެ. އަދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެންމެން އެމްބިއުލާންސަށް އެރުމާއެކު ރިސޯޓްގެ ކްލިނިކާ ދިމާލަށް މިސްރާބު ޖެހިއެވެ.

ވެހިކަލް ތެރޭގައި ޑޮކްޓަރ ނަތާޝާގެ ފަރުވާ ފަށައިގަތެވެ. އަދި ރީޙާން ކައިރިން ބަލިމީހާއަށް ވީގޮތް އޮޅުން ފިލުވުމަށް ސުވާލުކުރިއެވެ. ރީޙާން ޑޮކްޓަރަށް އެހީތެރިވަމުން ޙާދިސާ ހިނގިގޮތް ތަފްޞީލްކޮށް ކިޔައިދީފިއެވެ.

ކްލިނިކަށް އައިސް ވެހިކަލް މަޑުކުރިއިރު ބަލިމީހާއަށް ފަރުވާދިނުމަށް ކުރަން ޖެހޭ ހުރިހާ ތައްޔާރީތަކަކާއެކު ނަރުހެއް އިސްތިޤުބާލުގައި ހުއްޓެވެ. އެތެރެއަށް ވަންނަމުން ބަލިމީހާގެ މީހުންނަށް އެންގުމަށް ރީޙާންގެ ކިބައިން ޑޮކްޓަރ އެދުުނެވެ. ނަރުސް ކުއްޖާ ކައިރިން އަންހެންކުއްޖާ އެނގޭތޯ ކުރި ސުވާލަށް ނޫނެކޭ ބުނުމުުން އިތުރު ވަގުތެއް ނަގާނުލައި ރީޙާން ގުޅީ ޢައްމާރަށެވެ.

ޢައްމާރަކީ ރީޙާން ގެ ގާތް ރަޙުމަތްތެރިއެކެވެ. އަމިއްލަ ތަޞައްވުރަކާ އެއްގޮތަށް ރާއްޖޭގައި ރިސޯޓެއް ހިންގޭތޯ ބެލުމުގެ ނިޔަތުގައި ބޭރުބައެއްގެ އަތުން ޢައްމާރު އަގުބޮޑުކޮށް ގަތް ރިސޯޓް ސާކިނާ ގެ ނަމުުގައި ރީބްރޭންޑްކޮށް ރިސޯޓް އަލުން ހުޅުވިތާ އަދި މާގިނަ ދުވަސްތަކެއް ނުވެއެވެ. ރިސޯޓް ވިޔަފާރިއަށް ގެންނަން ބޭނުންވާ ބަދަލު ޙާޞިލްކުރުމަށްޓަކައި ރިސޯޓްގެ ހުރިހާ ކަމެއް ހިނގަމުން ދާގޮތް ޢައްމާރު ބަލަމުން ދިޔައީ ވަރަށް ގާތުންނެވެ. އެހެންވެ ސާކިނާގެ ފުރަތަމަ އޮޑިޓަށް އޭނަ އެންމެ އިތުބާރުކުރާ އެންމެ ރަނގަޅު އޮޑިޓަރުން ޚުދު އޭނަ އަމިއްލައަށް ހަމަޖެއްސުމަށްފަހު ނިންމާލީކީ ނޫނެވެ. ރީޙާންމެންގެ އޮޑިޓް މަސައްކަތް ފެށީއްސުރެ ޢައްމާރުވެސް އުޅެނީ ރިސޯޓުގައެވެ. ރީޙާންމެންގެ ލަފާގެ މަތިން ރަނގަޅުކުރަން ފެންނަ ކޮންމެ ކަމެއް ރަނގަޅުކުރަން އަޅަން ޖެހޭ ފިޔަވަޅެއް ލަސްކުރުމެއް ނެތި އެޅުމަށްޓަކައެވެ.

ރީޙާން ގުޅިތާ މާގިނައިރުތަކެއް ނުވެ ޢައްމާރު ކްލިނިކަށް އަތުވެއްޖެވެ. ޢައްމާރު ކްލިނިކަށް އައިއިރު ރީޙާން ހުރީ ދޮރުމަތީގައެވެ. "ޑޮކްޓަރ ބުނީ ސްކޭންއާ އެކްސްރޭ ނަގަން މާލެ ގެންދާށޯ ޖެހޭނީ. މިހާރު ދެވަނަ ފަހަރަށް ހޮޑުލައިފި." އެވެ. ރީޙާން ގެ ހާސްކަން ޢައްމާރަށް އިޙުސާސްކުރެވުނެވެ. "އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ. ހޮސްޕިޓަލާއި ލޯންޗް ދަތުރުގެ ކަންތައްތައް ހަމަޖައްސަން ޙަވާލުކޮށްފަ މިއައީވެސް. ހިނގާބަލަ ބަލިމީހާ އަކީ ކާކުތޯ މަށަށް އެނގޭތޯ ބަލަން." ރީޙާންގެ ކޮޑުގައި ހިފާލާފައި އަވަސްފަރުވާ ދޭ ކޮޓަރިއާ ދިމާލަށް ޢައްމާރު ހިނގައިގަތެވެ. ދޮރާ އަރާ ހަމަވިތަނުން ކޮތަޅަކަށް އެއްޗެއް ލައިގެން ނިކުތް ނަރުހަށް ތަން ދެއްކުމަށް ޢައްމާރާއި ރީޙާން އެއްފަރާތަށް ޖެހިލިއެވެ. އޭނަ ދިއުމުން ކޮޓަރިއަށް ވަންނަން ފިޔަވަޅު އެޅި ޢައްމާރަށް ބަލިމީހާ ފެނުމާއެކު ގޮވާލެވުނީ ބޭއިޚްތިޔާރުގައެވެ. "ތާޝާ!"

ޢައްމާރުގެ އަޑުން ކިތަންމެހާވެސް ރަނގަޅަކަށް އެއީ ކޮންމެވެސް ވަރެއްގެ ގާތްކަމެއް އޮތް ކުއްޖެއްކަން ރީޙާނަށް އެނގުނެވެ. އެއާއެކު ރީޙާން ގެ ހާސްކަން އިތުރުވެއްޖެއެވެ. "މުވައްޒަފެއްތަ އަނެއްކާ؟ ނޫނީ ރައްޓެއްސެއްތަ؟"

"ނޫނޭ. މުވައްޒަފެއްގެ ރައްޓެއްސެއް. މަގޭ ވެސް ރައްޓެއްސަކަށް ބަލަނީ." ޖަވާބު ދެމުން ޢައްމާރު ފޯނު ނަގައި ޑައިލްކޮށްލިއެވެ.

'ރޭޗަލް. ވަރަށް އަވަހަށް ފުރަން ތައްޔާރުވެލައިގެން ކްލިނިކަށް އައިސްދީފާނަންތަ. ނަތާޝާ ދެންމެ ކުޑަ އެކްސިޑެންޓެއް ދިމާވެގެން ގެނައިމަ ޑޮކްޓަރ ބުނީ މާލޭގެ ހޮސްޕިޓަލަށް ގެންދާށޭ ޖެހޭނީ. ނޫން. ހާސް ނުވޭ، އެހާ ބޮޑު ކަމަކަށް ނުވާނެ އިރާދަކުރެވިއްޔާ." ޢައްމާރު އިނގިރޭސިން ދައްކަމުން ދިޔަ ވާހަކައިގެ ފަހު ޖުމްލަ އިވުމާއެކު ނަތާޝާގެ ފައިގައި އައިސްޕެކް އަޅަން ހުރި ޑޮކްޓަރ ދެ ބުމަ ހިއްލާލާފައި ޢައްމާރުގެ މޫނަށް ބަލައިލިއެވެ. "އާނ. މަ މިހިރީ ކްލިނިކް ގަ. އަވަހަށް އާދޭ." ޢައްމާރު ކޯލު ނިންމާލާފައި ފޯނު ޖީބަށް ލިއެވެ.

"ދެ ފަހަރު ހޮޑުލެވި ދެފަހަރު ހޭނެތިއްޖެ. ހަށިގަނޑުގަ ފެންނަން އެބަހުރި ކުރިން ބޮޑެތި އަނިޔާވެފަ ހުރި ކަމުގެ ހެކިތައް. އެހެންވީމަ މި އަނިޔާ ސީރިއަސް ވެދާނެ ކަމަށް ބަލަން ޖެހެނީ. ސްކޭން ނަހަދާ އިތުރު އެއްޗެއް ބުނާކަށް ނޭނގޭނެ."

ޑޮކްޓަރ ގެ ވާހަކަ ކުއްލިއަކަށް މެދުކަނޑާލީ ނަތާޝާ ފަނޑު އަޑަކުން މަންމާއޭ ކިޔައި ގޮވާލި އަޑަށެވެ. ޢައްމާރު އާ ރީޙާން އާ ދެމީހުންނަށްވެސް އަވަސް އަވަހަށް އެނދު ކައިރިއަށް ޖެހިލެވުނެވެ. އޭރު ނަތާޝާގެ މޫނު ހުރީ ޢައްމާރު ހުރި ފަޅިއަށް ކުޑަކޮށް އެނބުރިފައެވެ. ދެތިން ފަހަރު އެސްފިޔަ ޖަހާލާފައި ނަތާޝާ ލޯހުޅުވާލިއެވެ. ޢައްމާރު ނަތާޝާއަށް ގޮވާލިއެވެ. ކާކުކަން ނޭނގިގެން މީހަކާ ދިމާލަށް ބަލާ ފަދައިން އިރުކޮޅަކު ޢައްމާރަށް ބަލަހައްޓައިގެން އޮވެފައި ނަތާޝާ ކުޑަކުޑަކޮށް ހިނިތުންވެލިއެވެ. ދެން އޭނަގެ ކަޅި އިތުރަށް ހިންގާލުމާއެކު ފެނުނީ ޢައްމާރުގެ ކައިރީގައި ހާސްވެ ފިކުރު ބޮޑުވެފައިވާ ނަޒަރަކުން ނަތާޝާއަށް ބަލަހައްޓައިގެން ހުރި ރީޙާނެވެ. ރީޙާން ހަމަ ފެނުމާއެކު ނަތާޝާ ސިހިފައި ދެލޯ ބޮޑުވެ ތެޅިގަންނަން އުޅުނެެވެ. ދެން ކުއްލިއަކަށް ހޮޑު ލައިފިއެވެ. އަދި މަޑުމަޑުން އަނެއްކާ ލޯ މެރިއްޖެއެވެ.

"ރީޙާން ފެނުނީމަ ދެންމެ ނަތާޝާ ސިއްސައިގެން ދިޔަ ގޮތް ފެނުނުތަ؟ އަހަންނަށް ހީވަނީ މިރޭ މިލިބުނު އަނިޔާ ނޫން ކޮންމެވެސް އެހެން އިތުރު ގޯހެއް އެބައުޅޭ ހެން."

ޑޮކްޓަރު ފިކުރު ކުރާ ކަހަލަ ރާގެއްގައި ދެއްކި ވާހަކަ އާމެދު ރީޙާންގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ. ޑޮކްޓަރަށް އޭރު ފާހަގަ ނުކުރެވުނަސް، ކްލިނިކަށް ގެނައި ތަނުން ދެވަނަ ފަހަރަށް ހޮޑުލާފައި ނަތާޝާ ހޭނެތުމުގެ ކުރިން އޭނައަށް ރީޙާން ފެނުމުން އޭނަގެ ލޮލުން ފެނުނީ ހަމަ އެސިހުން ކަން މިހާރު ރީޙާނަށް ޔަޤީނެވެ.

ސުވާލަކީ ރީޙާން ދުވަހަކުވެސް ނުވެސް ދެކޭ މީހަކު އޭނަ ފެނިފައި އެހާ ބޮޑަށް ސިހެނީ ކީއްވެބާއެވެ.

=ނުނިމޭ=

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.