(10 މާރޗް 2017 ގައި ޝާއިއު ކުރި ބަޔާ ގުޅޭ)
"ރަނގަޅޭ، ރަނގަޅޭ. އަބަދުވެސް ހަނީމޫންގަ އުޅެންޏާ ކަންތައްތައް ރަނގަޅުވާނެ. އަދި ފަހުން ދިމާވާން ވާނެ އިނގޭ. މިހާރު މިހިރަ މަންޖެގެ ރައްޓެހިން މަށާ ދިމާލަށް އެއްޗެހި ގޮވާ ނަގާނެ. މި އެންމެން ކޮންމެވެސް ކަމެއްގަ ތިއްބާ ކުޑަ އިރުކޮޅަކަށް މަށާ އެކީ ފޮނުވަދޭށޭ ކިޔާފަ ހަވީރު ނެރުުނު ގޮތަށް ބޭރުގަ މި އުޅެނީ. ގައިގަ މަސްކޮޅެއް ބާކީ ހުއްޓާ އަވަހަށް ދާންވީ." ނާއިލް ހިނިއައިސް ހުރެ ރުބީން އާ އަނެއްކާވެސް ސަލާން ކޮށްލަމުން ބުންޏެވެ. ރުބީން ވެސް ހިނިއައިއްސަ އަނެއްކާ ދިމާވާނެކަމަށް ބުނުމާއެކު ދެ ބައިމީހުން ވަކިވެ ދެކޮޅަށް ހިނގައިގަތެވެ. ތަންކޮޅަކަށް ނުދެވެނީސް ތުނިކޮށް ވެހެމުން ދިޔަ ވާރޭ ބޯކުރަން ފެށިއެވެ. ރުބީން ދުއްވައިގަތީ ފައިހާގެ އަތުގައި ހިފައިގެންނެވެ. ނާއިލް އާ ދިމާވި އިރު ތިބެވުނީ ފައިހާގެ ބައްޕަމެން ގެއާ އެހާ ދުރުގައި ނޫން ކަމަށް ވާތީ އިސާހިތަކު އެގެއާ ހަމައަށް އާދެވިއްޖެއެވެ.
ގޭގެ ދޮރުން އެތެރެއަށް ހަމަ ވަތް ތަނުން ޢިޝާ ނަމާދަށް ބަންގި ގޮވި އަޑު އިވުނެވެ. އޭރު ޙަމީދު ދޮރުމަތިގަ ހުއްޓެވެ. "ދަރިފުޅުމެން ތެމިގެން ތި އައީ އޯ؟" "ތަންކޮޅެއް ދުރުގަ ކާރު ބާއްވަން ޖެހުނީ ބައްޕާ. މުޅި ހިސާބުގަ ވެސް ޕާކުކޮށްލާނެ ތަންކޮޅެއް ނެތް." ރުބީން ބޮލުން ފެންފޮޅަމުން ޖަވާބު ދިނެވެ. "އެހެންތަަ. އާނ. މިހާރު މިހިސާބުގަ ދުއްވާ އެއްޗެހި ވަރަށް ގިނަވެއްޖެ. އެންމެން އަތުގަ ކާރުތަކާ ސައިކަލުތައް ހުއްޓަސް އެ އެއްޗެހި ބަހައްޓާނެ ތަނެއް އެ ބައެއްގެ ގޭގައި ގިނަފަހަރަކަށް ނުހުރޭ ވިއްޔަ." މިހާ ހިސާބަށް ބުނެވުނު ތަނާ ގޭތެރޭން ނިކުތީ ރުބީން ގެ ބައްޕަ ޙަލީމެވެ. "އަހަނ. ދަރިފުޅާ ފައިހާ." ޙަލީމް އެންމެ ފުރަތަމަ ވެސް މުޚާޠަބު ކުރީ އޭނަގެ ޅީދަރިފުޅާއެވެ. ވަރަށް އުފާވެފައި ހުރެ ފައިހާގެ ބޮލުގައި ވަރަށް ލޯތްބާއެކުގައި ފިރުމާލިއެވެ. އަދި ހަމައެއާކު ބުންޏެވެ. "ބަލަ، ރުބީން ކީއްވެ ކުޑައެއް ހިފައިގެން ނައީ؟ ފައިހާ މިހިރީ މުޅިން ތެމިފައެއްނު؟" "ފައިހާ އާ އެއްވަރަށް މަވެސް މިހިރީ ތެމިފައޭ ދޯ ފައިހާ. އެކަމަކު ބައްޕަ ދެރަވަނީ ހަމައެކަނި ފައިހާއަށް ކަމެއް ވެދާނެތީ ވިއްޔަ" ރުބީން ލާނެތް ގޮތަކަށް ފައިހާ އަށް ބުންޏެވެ. "ފައިހާ އަށް ދޯ ދޭނެ ކަމެއްނެތޭ. ފައިހާ ބެލެހެއްޓުމަކީ ރުބީންގެ ވާޖިބެއްނު. މިހާ ވިއްސާރަ ދުވަސްވަރެއްގަ ކުޑައެއް ހިފައިގެން އުޅޭނަމަ ދެމީހުންވެސް ނުތެމުނީހެއްނު." ޙަލީމް ފައިހާ ދިފާޢު ކުރިއެވެ.
"ބައްޕާ، ރުބީން އައީ އޮފީހުން އައި ގޮތަށް. ގެއިން ނިކުތް ވަގުތު ވާރޭ ނުވެހޭތީ ކުޑަ ހިފައިގެން ނިކުންނަން އަސްލު ހަނދާން ނެތުނީ އަޅުގަނޑު." ފައިހާ އޭނާގެ ޙިއްސާ ޤަބޫލުކުރިއެވެ. ރުބީން ފައިހާ އާ ދިމާއަށް ފަރުވާތެރި ބެލުމެއް އަމާޒުކުރިއެވެ. ނަމަވެސް އެއްޗެކޭ ބުނެވުމުގެ ކުރިން ގޭގަ ގެންގުޅޭ ފަރުހާދު ކުޑަތަކެއް ހިފައިގެން ގޭތެރޭން ނިކުތެވެ. "މިއޮއް ގެނައީ ކުޑަތައް. ދެން ރުބީން އަށް އެއްޗެހި ގޮވާނީ ފަހުން. ފުރަތަަމަ ހިނގާ ނަމާދަށް ދަމާ. މިހާރު ޖަމާޢަތް ފަށަން އުޅޭނެ." ޙަމީދު އޭނަގެ ރަޙުމަތްތެރިޔާގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ. ޙަލީމް އަނެއްކާވެސް ފައިހާއާ ދިމާލަށް އެނބުރިލާފައި ބުންޏެވެ. "ދަރފުޅު ދޭ އަވަހަށް އެތެރެއަށް ގޮސް އެއްޗެހި ހިއްކާލަން. ނޫނީ ރޯގާ ޖެހިދާނެ." ފައިހާ ބޯޖަހާލުމަށް ފަހު އަވަސް އަވަހަށް ގޭތެރެއަށް ދެމިގަތެވެ.
ފައިހާ އޭނަގެ މަންމަ ކޮޓަރިއަށް ގޮސް ވަތް އިރު މަންމަޔާ އޭނަގެ އެންމެ ބޮޑު ދައްތަ ލިޔާނާއާ ދެމީހުން ކަރުދާސް ތަކެއް މޭސު މަތީގައި އަތުރާލައިގެން ތިބި އިރު ހަގަށް ތިބި ދެ ދައްތަމެން އެނދުގައި އިށީނދެ ތިއްބެވެ. "ފައިހާ ފުއްގަނޑާ!" ލިޔާނާ ފުންމައިގެން ތެދުވެ ގޮސް ފައިހާގެ ގައިގާ ހިފައިގަތެވެ. ފައިހާ ވަގުތުން ހިނިއައެވެ. ލިޔާނާ ގެ ފަހަތުން އަނާޔާ އާ ޒައިނަބް އާ ދެމީހުން ވެސް އައިސް ފައިހާ އާ ލިޔާނާ ވަށާލިއެވެ. "ސާބަސް ސާބަސް. ދެން އޭނަ ދޫކޮށްލަބަަލަ. އެހެރީ އެކީގަ ތެމިފަ. ފައިހާ ދޭބަލަ ހެދުން ބަދަލުކޮށްލަން. ފައިހާގެ ކޮޓަރީގަ އަދިވެސް ހެދުންތައް ހުންނާނެ" ލިޔަން އިން މޭޒު ކައިރީ މަންޒަރު ބަލަން އިން ސާމިޔާ ގޮވާލިއެވެ.
"އެ ބުނިހެން. އަވަހަށް ހެދުން ބަދަލުކޮށްލާ. ދޭބަ ދައްތަ މިފަހަރު ޑުބާއީ އިން ގެނައި އާ ހެދުން ލާން. އޮންނާނެ ޝާހިޔާ ލައްވާ ދޮވެފަ ފައިހާ ކޮޓަރީގަ އަޅުވާފަ. އަދިވެސް ހުންނާނެ ވަރަށް ބައިވަރު ހަދިޔާތަކެއް ގެނެއްސަ." ލަޔާނާ ފައިހާ ގައިން ދޫކޮށްލުމުގެ ކުރިން އަނެއްކާވެސް ފައިހާ ފިއްތާލިއެވެ. އޭނާ ފައިހާދެކެ ވަރަށް ލޯބިވެއެވެ. އާއްމުގޮތެއްގައި ޢާއިލާއެއްގެ އެންމެ ބޮޑު ކުއްޖާއާ އެންމެ ކުޑަ ކުއްޖާއާ ދުރުކަމަށް ވިޔަސް ލަޔާނާ އާ ފައިހާ ގެ ގުޅުން އެއާ ޚިލާފެވެ. އެ ދެ މީހުން އެކަންޏެއް ނޫނެވެ. ހަތަރު ބޭން ވެސް އެކަކު އަނެކަކާ ހަމަ އެހާ ގާތެވެ. އެކަކު އަނެކަކު ދެކެ އެހާ ލޯބިވެއެވެ. "ދަައްތަމެން ކޮން އިރަކު އައީ ޑުބާއީ އިން؟" ފައިހާ އޭނަގެ ކޮނޑުގައި އަދިވެސް އަތް އަޅުވާލައިގެން އިން ލިޔާނާ އާ ސުވާލުކުރިއެވެ. ޖަވާބު ދިނީ އަނާޔާއެވެ. "މިއަދު އައީ. މިފަހަރު ފައިހާ މަތިން ވަރަށް ހަނދާންވި އިނގޭ. ދެން ފަހަރަކުން ދާނީ ހަތަރު މީހުން އެކީގަ." އޭނަ ކުރިން އިށީނދެ އިން ތަނުގައި އިށީންނަމުން އަނާޔާ ބުންޏެވެ. "ދަންޏާ ދާންވާނީ މާ ލަސްނުކޮށް. މަށަށް ނުދެވިދާނެ އެހެން ނޫނީ." ޒައިނަބް މިހެން ބުނެފައި އަނާޔާ ކައިރީ އެނދަށް އަރާ އޮށޯތެވެ. "އެޔޯ. ތާއިބް އަނެއްކާ މީނަ ގޮވައިގެން ހަނީމޫނަށް ދަނީތަ؟ އެހެންޏަ، އަހަރަކު އެންމެ ދަތުރެއްގަ ނައްޓާލާއިރަށް ބުނާނެ ތިމަންނަ އަންހެނުން ގޮވައިގެން ހަނީމޫނަށް ދާން އުޅޭ ކޮންމެ ފަހަރަކު އަހަރުމެންނާ ހެދި ޔޯ ކެންސަލްކުރަން ޖެހެނީ." ލިޔާނާ ޒައިނަބް އާ ދިމާކޮށްލިއެވެ. ޒައިނަބް ދަތްޕިލާ އެކީގަ ފެންނަ ވަރަށް ހިނިތުންވެލާފައި ޖަވާބު ދިނެވެ. "ތާއިބް އަށް އަދިވެސް މަށަށް ވަޢުދު ވެފަ އޮތް ހަނީމޫން ދަތުރުގަ ނުދެވޭތީ ދެރަނުވާން ވެގެން ކިޔާހާ އެއްޗެހި. މަބުނީ ހަނީމޫންގަ ބޭރަށް ދަންޏާ ގެންދަންވީ ޔޫރަޕްގެ ރަށްފުށު ހިސާބުތަކަށޭ. އެކަމަކު އެ ސޮރު ދަތުރު ރާވާއިރަށް ކޮންމެވެސް އިމަރޖެންސީ ސަރޖަރީއެއް އަންނާނެ. މަށަށް ހީވަނީ ހަނީމޫން ދަތުރުގަ ދެނެއް ނުދެވޭނެހެން." ޒައިނަބް ގެ ރާގު ބަދަލުވީ ގޮތުން ލަޔާނާގެ ތޫނިފލި ނަޒަރު ކޮއްކޮއާ ދިމާލަށް ހުއްޓާލެވުނެވެ.
"ވަރަށް ފިނިވޭ އެބަ. އަންނާނަން. ކޮޓަރިއަށް ގޮއްސަ ހެދުން ބަދަލުކޮށްލައިގެން." ފައިހާ ތުރުތުރު އަޅައިގެންފައި އެހެން ބުނުމުން އަނާޔާ އެނދުން ތެދުވިއެވެ. "ދޮންތަ ދަންތަ. ހެދުން ވެސް އިސްތިރި ނުކޮށް އޮތީ." ފައިހާ އަތުން އިޝާރާތް ކޮށްލަމުން ނޫނެކޭ ބުނެ ބޯހޫރާލިއެވެ. "ދޮންތަ މަޑުކޮށްލާ. އަމިއްލައަށް އިސްތިރިކޮށްލަފާނަން. މަ ފަހަރެއްގަ ލަސް ވެއްޖިއްޔާ ބައްޕަމެން އަންނަން ވާއިރަށް ދޮންތަމެން ތިރިއަށް ދޭ. ތައްޔާރުވެގެން ނިމުނުހާ އަވަހަށް މަ ވެސް ދާނަން ތިރިއަށް." މިހެން ބުނެފައި ފައިހާ މަންމަގެ ކޮޓަރިން ނިކުމެގެން އޭނަގެ ކުރީގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ.
ކޮޓަރިއަށް ވަދެ މުޅި ތަނަށް ނަޒަރު ހިންގައިލިއެވެ. މިއީ ކައިވެންޏަށް ފަހު އޭނަ މި ކޮޓަރިއަށް ވަތް ފުރަތަމަ ފަހަރެވެ. އޭނަ ދެތިން ފަހަރު ރުބީން އާއެކީ އަދި އޭނަ އެކަނިވެސް ގެއަށް އައެވެ. އެކަމަކު ތިރީގައި އުޅެ އުޅެފައި ދަނީއެވެ. ކޮޓަރިއަށް ބަލާލުމުން އއެތަން ހުރީ އޭނަ ދޫކޮށްލި ގޮތަށް ކަން އެނގުނެވެ. ތަފާތަކީ ކޮޓަރީގައި އިން ރީތިވާ މޭޒު މަތީގައި އޭނަ ބަހައްޓާފައި ހުންނަ ބިއްލޫރި ފުޅީގައި މާތަށް ބަދަލުވެފައި ވާ ކަމެވެ. އޭނަ އެގޭން ދިޔަ ދުވަހު އެ ފުޅީގައި ޖަހާފައި ހުރީ އޭނަ އަމިއްލަ އަށް އެދުވަހު މާ ފިހާރައިން ގަތް "ފޮގެޓް-މީ-ނޮޓް" މާ ތަކެކެވެ. ނަމަވެސް މިހާރު އެ ފުޅީގައި އިނީ ފިޔާތޮށިކުލައިގެ ދެ ފިނިފެން މަލެވެ. ފައިހާ ކޮޓަރީގެ ފަންކާ ޖައްސާލިއެވެ. އަދި މަޑުމަޑުން ހިނގާފައި ގޮސް އަލަމާރި ހުޅުވާލިއެވެ. "ފައިހާއަށް. ދައްތަމެންގެ ފަރާތުން" ކަޅުކުލައިގެ ރީތި އަބާޔާ ގައި އެލުވާފައި އޮތް ކާޑުގައި އަނާޔާގެ އަތުލިޔުމުން ލިޔެފައިއޮތެވެ. ފައިހާ ހެދުން ނަގައިގެން ކައިރިން ބަލައިލިއެވެ. ވަރަށް އާދައިގެ ޑިޒައިނެއްގެ ހެދުމެކެވެ. އޭނަގެ ދައްތަމެންނަށް އޭނައަށް މިހާރު ކަމުދާ އެއްޗެހި ރަނގަޅަށް އެނގެެއެވެ. ކެފުން ސާދާ ވިޔަސް ހެދުމުގެ ބޭރުގައިވާ ގަދަ ކަޅު ކުލައިގެ ލޭސް ފޮއްޗަކީ އަދި ފައިހާ ދުވަހަކުވެސް ނުދެކޭހާ ރީތި ޑިޒައިނެއްގެ ލޭސް ފޮއްޗެކެވެ. އެތެރޭން ބޯފޮތީގެ ބަތާނައެއް ހުއްޓަސް ހެދުން އެހާ ބަރެއް ނޫނެވެ. ހެދުމާއި އެކުގައި ގަދަ އަޅިކުލައެއްގެ މަޑުމަޑު ފޮއްޗަކުން ފަހާފައި އޮތް ސްކާފެއް އޮތެވެ. ހެދުން ހިފައިގެން ފައިހާ ވަނީ ފާޚާނާ އަށެވެ. އަދި މާ ގިނަ އިރު ނުކޮށް ހެދުން ބަދަލުކޮށްލައިގެން ނިކުތެވެ.
ރީތިވާ މޭޒު ކައިރިއަށް ހުއްޓި ހުރެ ސްކާފް އަޅަން ފެށިއެވެ. އާދައިގެ ގޮތަކަށް ސްކާފް އޮޅާލުމަށް ފަހު ކައްސާނުލާނެހެން ދެތިން ދިމާލެއްގައި ދަތި ޖަހާލިއެވެ. އެއަށްފަހު އަމިއްލަ ސޫރައަށް އިރުކޮޅަކު ބަލަހައްޓައިގެން ހުއްޓެެވެ. ހިތާހިތުން ކިޔާލެވުނެވެ. "މިއަޅާގެ ސޫރަ ރިވެތި ކުރެއްވި ފަދައިން މިއަޅާގެ ޚުލްޤުވެސް ރިވެތި ކުރައްވާނދޭވެ." އެއާއެކު ކުއްލިއަކަށް ހޯސްލާފައި ލޮލުން ކަރުނަ އޮހޮރިގަތެވެ. ކުޑައިރުކޮޅެއްެގެ ތެރޭގައި ގިސްލެވެން ފެށިއެވެ. ފައިހާއަށް މޫނުގައި އަތް އަޅައިގެން މަޑުމަޑުން ބިންމައްޗަށް ތިރިވެ އިށީނދެވުނެވެ.
އޭނަ އޮޅުވާލަން އުޅެނީ ކާކަށް ހެއްޔެވެ. އޭނަގެ ޚުލްޤު ރީއްޗެއް ނޫނެވެ. ޚުލްޤު ރީތި މީހުން އޭނަ ޢަމަލު ކުރާ ގޮތަކަށް ޢަމަލެއް ނުކުރާނެއެވެ. އޭނައާ ދޭތެރޭ އެހާ ރަނގަޅަށް ރުބީން ކަންތައް ކުރާއިރުވެސް އޭނަ ރުބީން އާ ދޭތެރޭ ކަންތައް ކުރަނީ ކިހިިނެތް ހެއްޔެވެ. ފިރިއަަކަށް ދޭންޖެހޭ އެއްވެސް ޙައްޤެއް އޭނަ ރުބީން އަކަށް ނުދެއެވެ. ރުބީން އާ ދޭތެރޭ އެއްވެސް ވަރަކަށް އޭނަ އަޅާނުލައެވެ. އޭނަގެ ހތް އެދެނީ ރުބީން އާވެސް ހުރިހާ އެންމެންނާވެސް ދުރަށް ދާށެވެ. "މާތްކަލާކޯއެވެ. މިއަޅާ އަކީ ކިހާ ބޮޑު ފާފަވެރިއެއް ތޯއެވެ. އެކަމަކު މިއަޅާގެ ހިތުގެ މައްޗަށް ބާރުފޯރުވުމަށް މި އަޅާއަށް ކުޅަދާނަ ވެގެން ނުވެއެވެެ. މިއަޅާ މި ފާފައިން ސަލާމަތްވާނެ މަގެއް ދައްކާވާނދޭވެ. މިއަޅާ މިކަމާއި ދުރަށް ގެންދަވާނދޭވެ. ނުވަތަ މިއަޅާގެ ހިތް މިކަމަށް ހުޅުއްވަވައިދެއްވާނދޭވެ." ފަޟީޙަތްވެފައިވާ ކުށްވެރިއެއް ފަދައިން ފައިހާ ރޮމުން ދިޔައެވެ. މީހުންނަށް ނޭނގުނަސް އޭނަ ވަނީ ފަޟީޙަތްވެފައެެވެ. އޭނަ ހެއްދެވި ފަރާތުގެ ހަޟުރަތުގައެވެ. ރުބީންގެ ކުރިމަތީގައެވެ.
ފައިހާ އިރުގަނޑެއް ވަންދެން ރުއިމަށް ފަހު މޫނު ފޮހެލިއެވެ. އަދި ތެދުވެގެން ގޮސް ފާޚާނާއަށް ވަދެ މޫނު ދޮވެލިއެވެ. އަތްތިލާގައި ހުރި ކަޅުކުލަ ފެނުމުން ލޯ ކައިރީގައި އޭނަ އަޅާފައި ހުރި ކުޑަ އަނދުންކޮޅުވެސް ފޭދިފައި ހުރިކަން ވިސްނުނެވެ. ޓިޝޫބޮނޑިން ޓިޝޫއެއް ނަގާފައި ލޯކައިރި އެއްކޮށް ސާފުކޮށްފައި ފޮހެލިއެވެ. އަނެއްކާވެސް މޫނު ދޮވެ އެއްކޮށް ސާފުކޮށްލުމަށް ފަހު ޒައިތޫނި ތެޔޮފޮދެއް މޫނުގައި އުނގުޅާލިއެވެ.
އަދިވެސް ރޯހިތްވަނީއެވެ. އޭނަގެ އަމިއްލަ ކުށް އިޙްސާސް ވާތީކީ އެކަންޏެއް ނޫނެވެ. ގޮތް ނޭނގޭ ބިރުވެރި ކަމަކާ ނުތަނަވަސް ކަމެއް އޭނަގެ ހިތުގައި ވަނީ ވަކި ހިއްޕާލާފައެވެ. އެކަމަކު ދެން މާގިނަ އިރަކު ކޮޓަރީގައި ވެސް ހުރެވޭކަށް ނެތެެވެ. މިރޭ އަދިވެސް އޮތީ ކުރިއަށެވެ. ރުބީން ދައްކަން އުޅޭ ވާހަކައެއް ވެސް އަޑުއަހަން ޖެހޭނެއެވެ. އެވާހަކައަށް ފަހު ވާނެ ގޮތެއްވެސް ނޭނގެއެވެ. ލޮލުން ކަރުނަ އޮހޮރުނަ ނުދޭން މަސައްކަތް ކުރަމުން ރީތިވާ މޭޒު ކައިރިއަށް ގޮސް މޭޒުމަތީގައި ހުރި ފުޅިން މަލެއް ނަގައި މަލުގެ ވަސް ބަލައިލިއެވެ. ދެން އަނެއްކާވެސް ފުޅިއަށް މާ ޖެހުމަށް ފަހު ގޮނޑީގައި އިށީނދެ މޭޒުގެ ކައިރީގައި ދެއަތުން ހިފަހައްޓާލިއެވެ. އަދި އަތުގެ މަތީގައި ބޯއަޅާލިއެވެ. އޭނައަށް ހިތްވަރުދެއްވާތޯ ހިތާހިތުން ދުޢާކުރަމުން ފުންކޮށް ދެތިން ނޭވާލިއެެވެ. އަދި މޭޒު ކައިރިން ތެދުވިއެވެ.
އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ފުން ނޭވާއެއް ލާފައި މަޑުމަޑުން ކޮޓަރިން ނިކުންނަން ދޮރު ހުޅުވާލިއެވެ. ހަަމަ އެއާއެކު ދޮރު ކައިރީގައި ހުރި ލޯގަނޑުން މޫނު ފެނުމާއެކު ކަންބޮޑުވިއެވެ. އޭނަގެ ދެލޯ ހީވަނީ ދެ ރަތް އަނގުރުކޮޅު ހެންނެވެ. މިހެން ހުރެ ތިރިއަށް ދާނީ ކިހިނެތް ހެއްޔެވެ؟ އެންމެން ސުވާލުކުރާނެއެވެ.
ކަންބޮޑުވެފައި ހުރިވަރުން ދޮރުގެ އަނެއް ފަރާތުން މީހަކު ހިނގާފައި އައި އަޑެއް ވެސް ފައިހާއަކަށް ނީވުނެވެ. ވަރަށް ކައިރިން ޓަކި ޖަހާލި އަޑަށް ކުއްލިއަކަށް އެނބުރިފައި ބަލާލެވުނީ އެހެންވެއެވެ. ދޮރު ކުރިމަތީގައި ހުއްޓި ހުރީ ރުބީނެވެ. ފައިހާ ވަގުތުން ތިރިއަށް ބަލަން ފެށިއެވެ. ހެދުން ރަނގަޅު ކުރަނީ ކަމަށް ދައްކަން އުޅުނެވެ. "ފައިހާ މާ ބޮޑަށް ލަސްވީމަ ބައްޕަ ބުނީ ވީގޮތެއް ބަލައިލާށޯ." ތިރިއަށް ބަަލަހައްޓައިގެން ހުރި ފައިހާގެ މޫނަށް ވަރަށް ފަރުވާތެރިކަމާއެކު ބަލަމުން ރުބީން ބުންޏެވެ. "ކަމެއް ނުވޭ. ކުޑަކޮށް ވަރުބަލިވެފަ ހުރީމަ މަޑުކޮށްލެވުނީ. ހިނގާ ތިރިއަށް." ފައިހާ ކޮޓަރިން ނިކުންނަން ކުރިއަށް ފިޔަަޅެއް އެޅިއެވެ. ނަމަވެސް ރުބީން ހުރި ތަނުން ގުޑާވެސް ނުލިއެވެ. އެއާއެކު ފައިހާއަށް ބޭއިޚްތިޔާރުގައި ރުބީން އާ ދިމާލަށް ބަލާލެވުނެވެ.
- ނުނިމޭ -