ދަރިމައިވުމުގެ ޞީޙަތާއި އަންހެނުންގެ ދުޅަހެޔިކަމަށ ބެހޭ ހަވީރެއް އައްޑޫ ސިޓީ ހިތަދޫގައި ބާއްވަން ނިންމައި އެކަމަށް ތައްޔާރުވާން ފަށައިފިއެވެ.
މިއީ ހިތަދޫ، ދިލްޝާދު ކްލިނިކާއި މިއާންޒް އިންޓަނޭޝަނަލް ސްކޫލާއި އެ ކޮލެޖް ގުޅިގެން ބާއްވާ ހަވީރެކެވެ. މިހަވީރު އޮންނާނީ މާރިޗު 14 ވަނަ ދުވަހު ހަވީރު 4:00 އިން ފެށިގެން މިއާންޒް އިންޓަނޭޝަނަލް ސްކޫލް (އެމް.އައި ކޮލެޖް) އެވެ.
ދިލްޝާދު ކްލިނިކް އިން މަޢުލޫމާތު ދެއްވި ގޮތުގައި މިހަވީރުގައި އާންމުންނާއި މުޚާތަބުކޮށް މައުލޫމާތު ދެއްވަވާ 3 ޑޮކްޓަރުން ތިބޭނެއެވެ.
މި ހަވީރުގައި ޢާއްމު ބަލިތަކާބެހޭ ގޮތުން މަޢުލޫމާތު ދެއްވާނީ ޑރ. މުޙައްމަދު ލަޠީފް (ޑރ. މެނަން އެވެ. އަންހެނުންގެ ބަލިތަކާއި، ދަރިމައިވުމުގެ ޞިއްޙަތާބެހޭ މަޢުލޫމާތު ދެއްވާނީ ޑރ. ތަސްވިންއެވެ. ކަރުންމަތީގެ ބަލިތަކާބެހޭ މަޢުލޫމާތު ވެސް އެހަވީރުގައި ދިނުމަށް ވަނީ ނިންމައިފައިވެ. ކަރުމަތީގެ ބަލިތަކާބެހޭ މައުލޫމާތު ދެއްވާނީ ޑރ. ނިރަންޖަންއެވެ.
ދިލްޝާދު ކްލިނިކުން ބުނީ މިހަވީރުގައި، އަވަދިނެތި އުޅޭ އަންހެނުންނަށް ދުޅަހެޔޮ ސިއްހަތެއްގެ މަންފާ ލިބިގަންނާނީ ކިހިނެއްކަމާއި އާންމު ދިރިއުޅުމުގައި މިކަމަށް ކުރެވިދާނެ ބައެއް ކަންތައްތަކާއި އެމީހުންނަށް އާންމުކޮށް ދިމާވާ ބަލިތަކާއި އޭގެ ފަރުވާތަކާބެހޭ މަޢުލޫމާތު ވެސް ދޭނެ ކަމަށެވެ.
މި ހަވީރަކީ މިއާންޒް އާއި، ދިލްޝާދު ކުލިނިކް ގުޅުގެން ބާއްވާ ހަވީރެކެވެ. މިއާންޒް އިންޓަނޭޝަނަލް ސްކޫލް އައްޑޫގައި ގާއިމު ކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. މިއާންޒް އިންޓަނޭޝަނަލް ކޮލެޖް ވަނީ 2014 ވަނަ އަހަރުން ފެށިގެން އައްޑޫގައި ކޯސްތައް ހިންގަން ފަށާފައިއެވެ. އެގޮތުން ކޮލެޖުގައި މިހާރު 152 ދަރިވަރުން ޤައުމީ ސަނަދުގެ ލެވެލް 3 އިން ފެށިގެން ލެވެލް 09 އާއި ދެމެދު ތަފާތު ކޯސްތައް ކިޔަވަމުންދެއެވެ. ސްކޫލުގައި ޕްރީސްކޫލް އިން ފެށިގެން ގްރޭޑް 4 އާއި ދެމެދު 104 ދަރިވަރުން ކިޔަވަމުންދެއެވެ.
ދިލްޝާދު ކްލިނިކް އަކީ އިންޑިޔާގެ އާންމުބަލީގެ ޑޮކްޓަރެއް ކަމައްވާ މުޙައްމަދު ލަތީފް (ޑރ. މެނަން) އާއި އޭނާގެ އަންހެނުން ލަޠީފާ ޢަބްދުﷲ 1992 ވަނަ އަހަރު އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކޮށްފައިވާ އަމިއްލަ ކްލިނިކްއެކެވެ. ޑރ މެނަން އަކީ އޭގެ ކުރިންވެސް އިންޑިޔާ، އެފްރިކާ އަދި ރާއްޖޭގެ އެކި ރަށްރަށުގައި އާއި މާލޭގައިވެސް މަސައްކަތް ކުރައްވާފައިވާ ޑޮކްޓަރެކެވެ.