އިންޑިއާއެކު އޮންނަ މުއާމަލާތް ބަރާބަރަށް ހިނގާ: ސަފީރު

ރާއްޖެއާއި އިންޑިއާ ދެމެދު ކުރިންވެސް ހިނގަމުން އަންނަ މުއާމަލާތްތައް އަދިވެސް ހިނގަމުންދާ ކަމަށް ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

އަހުމަދު މުހައްމަދު މިހެން ވިދާޅުވީ "ދުނިޔޭގެ މަސްރަހުގައި ދިވެހިރާއްޖެ" ނަމުގައި ޓީވީއެމްއިން ގެނެސްދިން ޕްރޮގްރާމުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު މިހާރުއޮތް ގުޅުމާ ބެހޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސަފީރު ވިދާޅުވީ ފެބުރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން ނެރުނު އަމުރާ ބެހޭ ގޮތުން އިންޑިއާއިން 4 ބަޔާނެއް ނެރުނު ކަމަށެވެ. "އެހަތަރު ސްޓޭޓުމެންޓުގެ ތެރެއިން އެންމެ ފަހުން ނެރުއްވި ސްޓޭޓުމެންޓުގައި ރާއްޖޭގައި ސްޓޭޓް އޮފް އިމްޖެންސީ އަލުން އިތުރުކުރެވިގެން މިދިޔައީ ގާނޫނުގެ ހަމަތަކުގެމަތިން ނޫންކަމަށް ވިދާޅުވުމާ ގުޅިގެން ރާއްޖޭގެ ސަރުކާރުންވެސް އެއަށް ރައްދެއް ދެއްވި،" ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ އެ ބަޔާނަކީ "ޕަބްލިކުގައި ދެއްވި ރައްދެއް ކަމަށްވާތީ" އެއަށް ރާއްޖެއިންވެސް ރައްދު ދެއްވީ ޕަބްލިކުގައި ކަމަށް ސަފީރު ވިދާޅުވިއެވެ. "އެ ރައްދުގައި ވިދާޅުވެފައިއޮތީ ރާއްޖޭގައި ހިނގާ ކަންތައްތަކާ ބެހޭގޮތުން (އިންޑިއާއަށް) ވިސްނި ވަޑައިނުގަންނަވާ ކަންތައްތަކެއް އެބަހުއްޓޭ،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެބަޔާނަށްފަހު އިންޑިއާއަކުން އިތުރު ބަޔާނެއް ނުކުތްތަނެއް އަދި ފެނިވަޑައިގެންފައިނުވާ ކަމަށް ސަފީރު ވިދާޅުވިއެވެ. ރާއްޖެއިން ގެންދަނީ އިންޑިއާ ސަރުކާރަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތުތައް ގަވާއިދުން ހިއްސާ ކުރައްވަމުން ކަމަށާއި، އެ މައުލޫމާތު އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓްރީއާވެސް ހިއްސާ ކުރައްވަމުން ގެންދަވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ ޑިޕްލޮމެސީގެ ހުރިހާ މަސައްކަތަކީ ޕަބްލިކް ޑިޕްލޮމަސީއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. "ޕަބްލިކް ޑިޕްލޮމެސީއާ ހަމައަށް ގެންދެވުނު ހާލަތުގައި ދިވެހި ސަރުކާރުން އެކަމަށް އެއްޗެއް ވިދާޅުވެފައި އެއޮތީ. އެހެންނަމަވެސް ރާއްޖެއާއި އިންޑިއާ ދޭތެރޭގައި ހިނގާ މުއާމަލާތްތައް އަދިވެސް ހިނގަމުން އެބަދޭ،" އޭނާ ވިދާޅުވިއެވެ.

"ބޭރުން ފެންނަންހުރި ހެކިތަކަށް ބަލާއިރުގައި އަޅުގަނޑުމެން ދެގައުމުގެ ދޭތެރޭގައި މައްސަލައެއް އުޅޭކަމަށްވާނަމަ އުޅޭ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ދިވެހިސަރުކާރުން މިއޮތީ ކުރައްވައިފައި،" އަހުމަދު ވިދާޅުވިއެވެ.

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖޭގައި ދިމާވެގެން މިއުޅޭ ކަމަކީ އާންމުކޮށް ގައުމުތަކުގައި ދިމާވާ ހާލަތަށްވުރެ އާދަޔާ ޚިލާފު ހާލަތެއް ކަމަށެވެ. "ރާއްޖޭގައި މިހާރު މިހިނގާ ކަންތަކަކީ ގާނޫނޫ އަސާސީއަށްވުރެ ބޭރަށް ދައުލަތުގެ މުއައްސަސާއަކަށް ނުކުމެވިގެން ދިމާވެގެން އުޅޭ ހާލަތެއް،" އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.