ރައީސްގެ ތަރައްގީގެ ފޯކަސް ގެއްލުވާލަން އިދިކޮޅުން މަސައްކަތްކުރޭ

ރައީސް ޔާމީން ރާއްޖެއަށް ގެނެސް ދެއްވަމުން ގެންދަވާ ތަރައްގީގެ ފޯކަސް ގެއްލުވާލައި ރައްޔިތުންގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެގޮތަށް އަމަލުކުރަނީ ރައީސް ޔާމީންގެ ތަރައްގީގެ މަސައްކަތްތައް ފެނިފައި އެމަނިކުފާނާ ވާދަކޮށްގެން އިންތިޚާބުގައި ކާމިޔާބު ނުލިބޭނެކަން އެނގޭތީ ކަމަށެވެ.

އިދިކޮޅުން މަސައްކަތް ކުރިޔަސް ގައުމަށް މިހާރު އަންނަމުންދާ ތަރައްގީ ރައްޔިތުންނަށް ފެންނަ ކަމަށާއި އެސަބަބުތަކަށްޓަކައި ރައީސް ޔާމީން ނޫން ބޭފުޅަކަށް ރައްޔިތުން ވޯޓު ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި، މާލެއާއި ހުޅުމާލެއާ ދެމެދު އަޅަމުންދާ ބުރިޖާއި، މާލޭ ކާނިވާ ސަރަހައްދުގައި އަޅަމުންދާ ކިންގް ސަލްމާން މިސްކިތާއި، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާއި، ރަސްފަނުގައި ހަދަމުންދާ ޕެވީލިއަންއާއި، ރަށްރަށުގެ ފެނާއި، ނަރުދަމާގެ މަސައްކަތްތައްވެސް ހިމެނެއެވެ. އޭގެ އިތުރަށް އިންޑަސްޓްރިއަލް ވިލެޖާއި، ރަށްރަށުގެ މަގުހެދުމުގެ މަޝްރޫއުތައްވެސް ހިމެނެއެވެ.

މިނިސްޓަރ ވިދާޅުވީ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވާ ތާރީޚުތަކުގައި މިހުރިހާ ކަމެއްވެސް ނިމޭނެ ކަމަށް ވަރަށްބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.