އިންޑިއާއިން ޗައިނާގެމައްޗަށް ކުރިހޯދަފާނެ

އިންޑިއާގެ އާބާދީ ، ޗައިނާގެމައްޗަށް ކުރިހޯދަނީ

ދުނިޔެއަށް އަންނަމުންދާ ހުރިހާ ބަދަލަކަށް ކުރިމަތިލައި ، އިންޑިއާއިން އަންނަނީ ، އެޤައުމަށް ތަނަވަސްވަމުންދާ ފުރުޞަތުތަކުގެ ބޭނުން ފުރިހަމަޔަށް ހިފަމުންނެވެ. އެހެންނަމަވެސް ، އިންޑިއާގެ ޒުވާން މަސައްކަތްތެރި ޖީލަށް ބޭނުންވާ ވަޒީފާގެ ފުރުޞަތު ، އިންޑިއާއިން ކަށަވަރުކޮށްދޭން އެބަޖެހެއެވެ. 2023 ވަނައަހަރު ނިމޭއިރު ، ޗައިނާގެމައްޗަށް ކުރިހޯދައި އިންޑިއާއަކީ ދުނިޔޭގެ އާބާދީ އެންމެ ގިނަ ޤައުމަށްވާނެކަމަށް  އދ އިން ލަފާކުރެއެވެ. މިހާރުވެސް ، އިންޑިއާއަކީ ، އެންމެބޮޑު އާބާދީއެއް އޮތް ޤައުމުކަމުގައި ބެލުމަކީ ، ޙައިރާންވާންވީ ކަމެއްނޫނެވެ. އެއީ ، މިހާރުވެސް އެކަން އެހެންވެފައި އޮވެދާނެކަމަށްޓަކައެވެ. ރަސްމީގޮތުން އެކަން ކަށަވަރުކުރުމަށްޓަކައި ދުވަސްކޮޅެއް ވެދާނެއެވެ. އިންޑިއާގައި 2021 ގައި ނަގަން ހަމަޖެހިފައިއޮތް ބޯހިމެނުންވަނީ ،  ކޯވިޑް – 19 އާ ގުޅިގެން ލަސްކޮށްލެވިފައެވެ. 2022 ނިމުނުއިރު ، އިންޑިއާގެ އާބާދީ ލަފާކޮށްފައިވަނީ 1.417 ބިލިއަނުގައެވެ. އެއީ އދ ގެ ދުނިޔޭގެ އާބާދީއާ ބެހޭ ރިޕޯޓުން ދައްކާ ގޮތެވެ.

ހަމައެއާއެކު ، ހަދިހައެއްގެ އަހަރުތަކުގައި ، އެޤައުމުގެ އާބާދީ ދަށަށްދާކަމުގައި ، މިދިޔަ ޖެނުއަރީމަހު ، ޗައިނާއިންވަނީ ފުރަތަމަ ފަހަރަށް ހާމަކޮށްފައެވެ. ޖެނުއަރީމަހު ، ޗައިނާގެ އާބާދީ ލަފާކޮށްފައިވަނީ ، 1.412 ބިލިއަނުގައެވެ. މިއީ އިންޑިއާގެ އާބާދީއަށްވުރެ ކުޑަ ޢަދަދެކެވެ.

އެހެންނަމަވެސް ، އިންޑިއާގެ އާބާދީވެސް ދަށަށްދާކަމުގެ ނިޝާންތައް އަންނަނީ ފެންނަމުންނެވެ. އިންޑިއާގެ އާބާދީ އިތުރުވެގެންދާނެކަމަށް ލަފާކޮށްފައިވަނީ ކުރިޔަށް އޮތް 30 އަހަރުދުވަހުގެ ތެރޭގައެވެ. 2050 ވަނައަހަރު އަންނައިރު ، އިންޑިއާގެ އާބާދީ ލަފާކުރެވެނީ 1.668 ބިލިއަނުގައެވެ. ކުރިޔަށް އޮތް 30 އަހަރަކީ ،  ދުނިޔޭގެ އާބާދީ އެންމެ ބޮޑު އަނެއް ދެޤައުމުކަމުގައިވާ ޗައިނާއާއި އެމެރިކާގެ އާބާދީ ދަށަށްދާނެކަމަށް ، ނުވަތަ އާބާދީ އިތުރުވުމުގެ ނިސްބަތް މަދުވާނެކަމަށް ބެލެވޭ މުއްދަތެކެވެ.

އިންޑިއާގެ އާބާދީ އިތުރުވިޔަސް ، ވިސްނަންޖެހޭ އެހެން ކަންތައްތަކެއް އެބަހުއްޓެވެ. އެއީ އިތުރުވަމުންދާ އާބާދީ ބެހިގެންދާ ގޮތެވެ. އިންޑިއާގެ އާބާދީގެ 43 އިންސައްތަޔަކީ 25 އަހަރުންދަށުގެ ޒުވާނުންނެވެ. ދުވަސްވީމީހުންގެ އާބާދީ އިތުރުވަމުންދާ ، ޗައިނާއާއި އެމެރިކާއަށް ބަލާއިރު ، އިންޑިއާއަކީ ، އާބާދީގެ ބޮޑުބައެއް ، ނިސްބަތުން ޒުވާން ޤައުމެކެވެ. އދ ގެ ތަފާސް ހިސާބުތަކަށްބަލާއިރު ، އިންޑިއާގެ އާބާދީގައި 65 އަހަރުންމަތީގެ ނިސްބަތަކީ 7 އިންސައްތައެވެ. އެއާޚިލާފަށް ، ޗައިނާގެ 65 އަހަރުންމަތީގެ އާބާދީގެ ނިސްބަތަކީ 14 އެވެ. އެމެރިކާގެ އާބާދީގައި 65 އަހަރުންމަތީގެ އާބާދީގެ ނިސްބަތަކީ 18 އިންސައްތައެވެ. އާބާދީގެ ރޮނގުން އިންޑިއާއަށް އުއްމީދު ކުރެވޭ ކުރިއެރުމަކީ މިޢަދަދުތަކެވެ.

މަސައްކަތްކުރާ ޢުމުރުގެ ޢާންމު ފަރުދުން އިތުރުވަމުންދާއިރު ، އިންޑިއާގެ އިޤްތިޞާދު ކުރިއަރައި ދިއުމުގައި ، އެމީހުންގެ ދައުރަކީ ވަރަށް މުހިންމު ބަހާއެކެވެ. އޭގޭ އަސަރު މުޅިދުނިޔެއަށްވެސް ފޯރާނެއެވެ. މިޙާލަތުގައި ޗައިނާވެސް އިންޑިއާއާ އެއްފަދައެވެ. ދުނިޔޭގެ އުފެއްދުންތަކުގެ ހަބަކަށް ޗައިނާ ހެދުމުގައި ، ދުނިޔޭގެ ތެރެޔަށް އުފެއްދުންތައް ބެހިގެންގޮސް ޗައިނާގެ މައްޗަށް ބަރޯސާވާ އިޤްތިޞާދުތައް ، ދުނިޔޭގެ އެކިކަންކޮޅުގައި ފެށިގެންދިއުމަކީ ހެޔޮ ފާލެކެވެ. 1978 ގައި ، ޗައިނާގެ އިޤްތިޞާދީ އިޞްލާޙީ ބަދަލުތައް ގެނެވުނުއިރު ، އެޤައުމުގެ އާބާދީގެ 60 އިންސައްތަޔަކީ ، 14 އަހަރާއި 54 އަހަރާ ދެމެދެވެ. އޭގެފަހުން ، އާބާދީ އިތުރުކުރުމުގެ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާފެނި ، އާބާދީ އިތުރުވަމުން ގޮސްފައި ވެއެވެ.

އެހެންނަމަވެސް ، ހަމައެކަނި ، މަސައްކަތްތެރި ޒުވާން އާބާދީއެއް އޮތުމަކުން ، ޤައުމެއްގެ އިޤްތިޞާދަށް އޭގެ ފައިދާއެއް ނުކުރާނެއެވެ. ޗައިނާއިންވަނީ ، ޢުމްރާނީ ތަރައްޤީއާއި ، ރަސްމީ ތަޢުލީމާއި ފަންނީ ތަޢުލީމަށް ބޮޑުހޭދައެއް ކޮށްފައެވެ. ހަމައެއާއެކު ، ބޭރުގެ ވިޔަފާރިތަކަށް ފައިސާވެރިންގެ ޝަޢުޤު އުފެދޭފަދަ ސިޔާސަތުތަކެއް ތަޢާރުފްކޮށް ، އިޤްތިޞާދީ ނިޒާމްވަނީ ހަރުދަނާ ކޮށްފައެވެ.

އިންޑިއާއިންވެސް ، އިތުރުވަމުންދާ ޒުވާނުންގެ އާބާދީއަށް ބޭނުންވާ ވަޒީފާގެ ފުރުޞަތު ކަށަވަރުކޮށްދޭން ޖެހެއެވެ. އެކަމަށް ބޮޑެތި ހޭދަތަކެއް ކުރަން އެބަޖެހެއެވެ. ބައެއް ދިރާސާގެ މައްޗަށް ބިނާކޮށް ،  މާހިރުން ލަފާކުރާގޮތުގައި 2030 އާ ހަމަޔަށް ، އިންޑިއާއިން 140 މިލިއަން ، ވަޒީފާ އަލަށް އުފައްދަން ޖެހެއެވެ. މިއަހަރުގެ ތެރޭގައި އެކަމަށް 122.3 މިލިއަން ޑޮލަރު ޚާރަދުކުރާނެކަމަށް ، ޕްރައިމް މިނިސްޓަރ ނަރެންދުރަ މޯދީގެ ސަރުކާރުންވަނީ ހާމަކޮށްފައެވެ. މިއީ ، މަގުހެދުމާއި ސްކޫލްތައް ބިނާކުރުން އަދި އުފެއްދުންތެރިކަން ކުރިއެރުވުމަށް އަމާޒުކޮށް ، އިތުރު ވަޒީފާ އުފެއްދުމަށް ފުރުޞަތު ހުޅުވައިދޭނެ ކަމެކެވެ. މީގެއިތުރަށް ، މުދާ އުފެއްދުމުގެ ދާއިރާ ހަރުދަނާކުރުމަށްވެސް ، މޯދީގެ ސަރުކާރުންވަނީ މަސައްކަތްތަކެއް އިތުރަށް ފަށާފައެވެ. އެތެރޭގެ އުފެއްދުންތަކުގެ މިހާރުގެ ޖީޑީޕީއަކީ 14 އިންސައްތައެވެ. މިނިސްބަތް އިތުރުކުރުމަކީ ، ވަރަށް މުހިންމު ކަމެކެވެ. އެތެރޭގެ އުފެއްދުން އިތުރުކުރުމަށް ހިފާފައިވާ އަމާޒުގެ ތެރެއިން ، އިންޑިއާގައި ޤާއިމްކުރެވިފައިވާ ބޭރުގެ ވިޔަފާރިތަކަށް ، މާލީ ލުއިތައް ތަނަވަސްކޮށްދެމުން އެބަގެންދެއެވެ. މިކަމާގުޅިގެން ، އެތެރޭގެ އުފެއްދުންތައް އިތުރުވެގެންދާނެއެވެ.

ޗައިނާގެ އާބާދީއަށް ބޭނުންވާ ހުނަރާއި ފަންނު އަދި ވަޒީފާގެ ދާއިރާއިން ،  ޗައިނާގެ ހުޅުވިފައިވާ އިޤްތިޞާދީ ، އިޞްލާޙީ ދަތުރު އިންޑިއާއާ ތަފާތެވެ. އާދައިގެ ވަޒީފާއާއި މަސައްކަތުމީހުން އުފެއްދުމަށްވުރެ ، ފަންނީ އަދި ހުނަރުވެރި މަސައްކަތަށް ބިނާވާ ވަޒީފާގެ ބާޒާރެއް އިންޑިއާއިން އުފެއްދުމުގެ މުހިންމުކަން ބޮޑުވަނީ މިސަބަބަށްޓަކައެވެ. ޗައިނާގެ ތާރީޚާއި އެތާރީޚުން ނެރެފައިވާ ނަތީޖާއިން ، އިންޑިއާ ފިލާވަޅު ލިބިގަންނަން ޖެހެއެވެ. އެހެންނޫނީ ، އިންޑިއާގެ ވަޒީފާގެ ބާޒާރަށް ބޮޑުލޮޅުމެއް އަންނާނެއެވެ. އަދި އެލޮޅުން އަންނާނީވެސް އެއްވެސް އެނގުމަކާ ނުލައެވެ. އިންޑިއާގައިވެސް ، އުފެއްދުންތެރިކަމުގެ ދާއިރާގެ މިސްރާބުހުރީ ޒަމާނީ އާ ވަޞީލަތްތަކާއި ޑިޖިޓަލް ޓެކްނޮލޮޖީއަށް އަމާޒު ހިފާފައެވެ. ޑިޖިޓަލް ޓެކްނޮލޮޖީއާއި އާރޓިފިޝަލް އިންޓެލިޖެންސް ، އަދި ރޮބޮޓްގެ ވަޞީލަތްތައް ފުރިހަމަވެފައި އޮތުމަކީ ، އަލަށް އުފެދެމުންދާ މަސައްކަތްތެރި ޖީލަށް ކޮންމެހެން ބޭނުން ކަމެކެވެ. އިންޑިއާ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ، ބޮޑުހޭދައެއްކޮށް ، މަސައްކަތެރި އާޖީލަށް އެފުރުޞަތު ހޯދައިދީ ، އެޖީލު ވަޒީފާއަށް އަހުލުވެރިކުރުމަކީ ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެކެވެ. މިކަމަށް ދެބަސްވާނެ މީހަކު ނުހުންނާނެއެވެ.

އިންޑިއާއިން މިހާރުވެސް ވަނީ ، ޑިޖިޓަލް އަފި ފައިނޭންޝަލް ޓެކްނޮލޮޖީއަށް ބޮޑެތި ހޭދަތަކެއް ކޮށްފައެވެ. އެކަމަކު ، ކޮލެޖާއި ޔުނިވަރސިޓީން ކިޔަވައިގެން ނުކުންނަ ޒުވާން ޖީލުގެ ކިބައިގާ ، ޤައުމު ކުރިއަށް ނެރުމަށް ބޭނުންވާ ފަންނާއި ހުނަރު އެބަހުރިކަން ކަށަވަރުކުރުމަކީ ، އިންޑިއާގެ މުސްތަޤްބަލްގެ އިކޮނޮމީއަށް ކޮންމެހެންވެސް މުހިންމު ކަމެކެވެ. މިސާލަކަށް ، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި ދުނިޔޭގެ އިސްސަފަށް ނުކުމެ ، ބަސްކިއުމަށްޓަކައި ، " އިންޑަސްޓްރީ 4.0 " ގައި ފައިތިލަ ސާބިތުކޮށް ، އިސްދައުރެއް އަދާކޮށް ، އިންޑިއާއަށް ޙައްޤު މަޤާމު ހޯދުމަކީ މުހިންމު ކަމެކެވެ.

ދުނިޔޭގެ އެންމެ މީހުންގިނަ ޤައުމުގެ ގޮތުގައި އިންޑިއާ ވެގެންދާއިރު ، ދުނިޔެއަށް ބަސްކިޔައި ، ދުނިޔޭޣެ އިޤްތިޞާދުގައި އިންޑިއާ އަދާކުރަންޖެހޭ ދައުރަކީ ތަފާތު ދައުރެކެވެ. އެމެރިކާއާއި ޗައިނާއާ ދެމެދު އެކިދާއިރާގައި އުފެދެމުންދާ ހަމަނުޖެހުމާއި ކޯޅުންތަކުގައި ، މުދާ އުފައްދާ ކުންފުނިތަކުން ، " ޗައިނާ ޕްލަސވަން " އާމެދު ވިސްނަމުން އެބަގެންދެއެވެ. އެބައިމީހުން ޗައިނާދޫކޮށްލުމުގައި ހަމައެކަނި ވިސްނަނީ ، މުދާ ބޭނުންކުރާނެ ބޮޑު އާބާދީއެއް އޮތުމަށް އެކަންޏެއްނޫނެވެ. އަދި ޗައިނާގައި ޤާއިމްކުރެވިފައިވާ ޢުމްރާނީ ވަޞީލަތްތަކަށް އެކަންޏެއްވެސް ނޫނެވެ. އުފެއްދުންތައް ބަދަލުކޮށް ، އެހެން ޤައުމުތަކުގައި އެބައިމީހުންގެ ކާރުޚާނާތައް ޤާއިމްކުރުމަށްވެސް އެމީހުން ވިސްނައެވެ.

ލިބިފައިވާ ބޮޑުއާބާދީގެ ޙިމާޔަތުގައި އެފުރުޞަތު ބޭނުންކޮށް ، އިންޑިއާއަކީ މުދާ އުފެއްދުމާއި ޓެކްނޮލޮޖީގެ މައިމަރުކަޒަކަށް ހެދުމަށް އޮތް ފުރުޞަތު ތަނަވަސްކުރުމަކީ ، މުހިންމު ކަމެކެވެ. މިސާލަކަށް ، އިންޑިއާގައި އެޕަލްގެ އުފެއްދުންތައް މަރުކަޒުކުރުމަށް އެޕަލްއިންވަނީ ދާދި މިދާކަށްދުވަހު ނިންމާފައެވެ. ކުރިން ، އިންޑިއާގައި އެޕަލްއިން އުފައްދަމުން ގެންދިޔައީ ، ހަމައެކަނި ، އެޕަލްގެ އަގުހެޔޮ ފޯނެވެ. އެޕަލް ފޯނުގެ ހުރިހާ ބައިތަކެއް އުފައްދަމުން ގެންދިޔައީ ޗައިނާއިންނެވެ. އެހެންނަމަވެސް އެކުންފުނީގެ އަގޮބޮޑު ފޯނާއި އެހެނިހެން އުފެއްދުންތައް ، މިހާރުދަނީ އިންޑިއާގައި އުފައްދަމުންނެވެ. ސަމްސުން އާއި ޗައިނާގެ ހޭއަރ ފަދަ މަރުކާތައް ނިސްބަތްވާ ބޮޑެތި ކުންފުނިތަކުންވެސް ، އިންޑިއާގައި އެބައިމީހުންގެ އުފެއްދުންތައް މިހާރުގެންދަނީ މަރުކަޒު ކުރަމުންނެވެ.

އިންޑިއާއިން ، ދުނިޔޭގެ އެންމެ ބޮޑުއާބާދީއަށްވެ ، ދުނިޔެއިން ހުޅުވޭ ފުރުޞަތުގެ ނަފާ ޙާޞިލް ކުރުމާއި ، އެހުރިހާ މަންފާއަކުން އެކަހެރިވެ ، އިޤްތިޞާދީ މަންފާއެއްނެތް ކާރިސާއަކާ ކުރިމަތިލުން ބިނާވެފައި އޮތީ ، އިންޑިއާގެ އާބާދީއާއި ޢުމްރާނީ ތަރައްޤީއަށް ކުރާ ހޭދައާއި ރާވާ ، މުހިންމު ރޭވުންތަކެއްގެ މައްޗަށެވެ.

( މަޢުލޫމާތު :  އިންސްޓިޓިއުޓް އޮފް ސައުތު އޭޝިއަން ސްޓަޑީޒް / ނެޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯރ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.