ކަޝްމީރުން ފެންނަނީ އިންޑިއާގެ އަނިޔާވެރިކަން

އިންޑިއާގެ އަނިޔާވެރި ސިފައިން ކުށެއް ނެތް ކަޝްމީރު މީހުންގެ  ލޭއޮހޮރުވުން ހުއްޓުމެއްނެތި ކުރިއަށް ގެންދާތީ އެކަމާ ދެކޮޅަށް ކަޝްމީރާއި  ޕާކިސްތާނުގައި ކޮންމެ ދުވަހަކު ނުރުހުން ފާޅުކޮށް މުޒާހަރާކުރަމުންދެއެވެ. އެކަމަކު ފެބުރުއަރީ 5 ވަނަ ދުވަސް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެމުން

ދަނީ ކަޝްމީރުގެ ރައްޔިތުންނާ އެއްބައިވުމުގެ ދުވަހުގެ ގޮތުގައެވެ. އެކުވެރިވެ އެކުގައި ވާކަން ހާމަކޮށްދިނުމުގެ ދުވަހުގެ ގޮތުގައެވެ. އެއްބައެއްވަންތަކަން ހާމަކޮށްދިނުމުގެ ދުވަހުގެ ގޮތުގައެވެ. ކަޝްމީރުގައި އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރެވެންފެށީ 5 ފެބުރުއަރީ 1990 އިން ފެށިގެންނެވެ.

ޕާކިސްތާނާއިި އިންޑިއާގެ ކަޝްމީރު މީހުންގެ ދެމެދުގައި ވަކިނުވެވޭނެ ދެގުޅުމެއް އޮންނަކަމަށް ޒަމާނުއްސުރެ ވަނީ ގަބޫލުކުރެވިފައެވެ. އެއީ ދީނާއި މަޒުހަބުގެ ގުޅުމެވެ. އަދި ކަޝްމީރަކީ ޕާކިސްތާނުގެ ބައެއްކަމަށް ގަބޫލުކުރެވިފައިވުމެވެ.

އެއްބައިވަންތަކަމުގެ ދުވަހު ޕާކިސްތާނުގެ ރައްޔިތުން ކަޝްމީރު މީހުންނަށާއި ދުނިޔެއަށް ދައްކަން ބޭނުންވަނީ އިންޑިއާގެ އަނިޔާވެރިކަމާއި ޖަނަވާރުކަމާ ދެކޮޅަށް ކަޝްމީރު ރައްޔިތުން ހިންގާ ހިތްވަރުގަދަ އަދި ޖެހިލުންކުޑަ ހަރަކާތުގައި އެމީހުން ތިބީ އެކަނި ނޫންކަމަށާއި ޕާކިސްތާނުގެ ރައްޔިތުން ވެސް އެމީހުންނާއި އަތާއި އަތް ގުޅައި ފައިހަމަކޮށްގެން ތިބިކަމުގެ ޔަގީންކަން ދިނުމެވެ. މިނިވަންކަމަށްޓަކައި ކަޝްމީރު މީހުން ކުރަމުންދާ މަސައްކަތުގެ އަޑު މުޅި ދުނިޔެއަށް އިއްވުމެވެ.

ހިމާލިޔާގެ އުނގުގައި ފެތުރި ސުވަރުގެއެއްގެ ދަރަޖަ ކުރިން ދެވިފައި އޮތް  ކަޝްމީރުގެ މަގުތަކާއި ވާދީތަކުގައި ދެމެމުން ދަނީ ޝަހީދު ކުރެވިފައިވާ އެތައް ހާސް ބައެއްގެ ލޭގެ ކޯރުތަކެވެ. އިންޑިއާ ސިފައިން ޖަހާ އަލިފާނުގެ ހުޅުތަކާއި ހިންގާ ހަމަނުޖެހުމާއި ހަލާކާއި ބަރުބާދީ އާއި ފޭރުމާއި  ކުށެއް ނެތް އަންހެނުންގެ ޢިއްފަތްތެރިކަމަށް އަރައިގަތުން ކަޝްމީރުގެ ހަތަރު ބިތަށް ވަނީ ވެރިވެފައެވެ. ހަދާނެ ގޮތް ހުސްވެފައިވާ އާއްމު ރައްޔިތުން ވަނީ މިސްކީނުވެފައެވެ. ވީރާނާ ވެފައިވާ ގެތަކުން އިވެނީ ވޭނީ ކުކުރުމުގެ އަޑުތަކެވެ. ހުވަފަތްވެފައިވާ އަނބިންނާއި ޔަތީމުވެފައިވާ ދަރީންގެ ލޮލުން ފައިބަމުންދަނީ ލޭކަރުނައެވެ. އިންސާނީ ހައްގުތަކުގެ ވަހެއްވެސް ކަޝްމީރުގައި ނެތެވެ.

ކަޝްމީރުގެ މީޑިއާއިން ހާމަކުރިގޮތުގައި 1989 ވަނަ އަހަރުންފެށިގެން މިހާތަނަށް އިންޑިއާގެ ސިފައިންގެ ހަމާލަތަކުގައި ކަޝްމީރުގެ 950283 މީހުން ޝަހީދުވެފައިވެއެވެ.

ބައިނަލްއަގުވާމީ މުއާހިދާތަކާ އެއްގޮތަށް ކަޝްމީރުގެ ރައްޔިތުންނަށް ލިބެންޖެހޭ މިނިވަންކަން ހޯދަން އަޑުއުފުލާ މީހުންނަށް އިންޑިއާއިން ޖަވާބު ދެމުން ދަނީ ބޮމުންނާއި ބަޑީގެ އުންޑަތަކާއި ކަރުނަގޭހުންނެވެ. އެކަމަކު ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީކަމަށް ސިފަކުރާ އިންޑިއާއިން ބުނަމުންދަނީ މިނިވަންކަމަކީ ނިއުމަތެއްކަމަށާއި އެބަޔަކު ބޭނުންވާ ގޮތަކަށް އުޅުމުގެ މިނިވަންކަން ލިބިދޭންޖެހޭނެކަމަށެވެ. އަދި ކޮންމެ ގައުމެއްގެ ބަޔަކަށް ވެސް އަދި ކޮންމެ ދީނެއްގެ ބަޔަކަށް ވެސް ދީނީ އަދި މަޒުހަބީ މިނިވަންކަން ލިބިފައި އޮންނަންޖެހޭނެކަމަށެވެ. މިނިވަންކަމާއި ދީނީ މިނިވަންކަން ނިގުޅައި ނުގަނެވޭނެކަމަށެވެ. އެކަމަށް ހުރަސް އަޅާނަމަ ހަތިޔާރު ކީއްކުރަންތޯ އަމިއްލަ ފުރާނަ ކުރިއަށް ނެރެގެން ވެސް ހައްގު ދިފާއުކުރަންޖެހޭނެކަމަށެވެ.

މިއަދު ކަޝްމީރުން ފެންނަމުން ދަނީ އެތައްހާސް ރައްޔިތުން މަގުތަކާއި ގޯޅިތަކަށް ނިކުމެ އެންމެ ފަހުގެ ޒަމާނީ ހަތިޔާރު އަޅައިގެންތިބި އަނިޔާވެރި އިންޑިއާ ސިފައިންނާ އޮށްގަލުން ހަނގުރާމަކޮށް މިނިވަންކަން ހޯދުމަށް މަސައްކަތްކުރަމުންދާ ހިތްވަރުގަދަ މަންޒަރެވެ.

ހިތާމައަކީ ކަޝްމީރުގެ މިނިވަންކަމުގެ ނަމުގައި އެތައް ގަރާރެއް ފާސްކޮށްފައިވާ އ.ދއާއި ދުނިޔޭގެ ސުލްހައަށްޓަކައި މަސައްކަތް ކުރަމުންދާކަމަށް ބުނާ، ހުޅަގުގެ ގައުމުތަކުން އަނިޔާވެރިކަމުގެ ކުޅިބަލަން ތިބުމެވެ.

ކަޝްމީރު ރައްޔިތުންގެ ކެކުޅުންތަކުގެ އަޑު ޕާކިސްތާން ސަރުކާރުން އެތައް ފަހަރަކު އ.ދ އަށް ވަނީ އިއްވާފައެވެ. އެކަމާ ގުޅިގެން އ.ދ އިން ވަނީ އެތައް ފަހަރަކު ކަޝްމީރު ރައްޔިތުން އެދޭ ފަދަ ވެރިކަމެއް އެތަނުގައި ބޭއްވުމަށް މަގުފަހިކޮށް ދިނުމަށް އިންޑިއާއަށް ގޮވާލާފައެވެ. އެކަމަކު އިންޑިއާއިން އެކަންނުކޮށް އިސްކަން ދެނީ އަނިޔާވެރިކަމަށެވެ. އެކަން ހައްލުކުރުމަށް އ.ދ އަށް ކުރެވުނުކަމެއް ވެސް ހަރާމެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން ވެސް މަސައްކަތް ކުރަމުން ދަނީ އެބައިމީހުންގެ މަސްލަހަތަށްޓަކައެވެ. އިންސާފަށްޓަކައެއްނޫނެވެ.

ޖައްމޫ ކަޝްމީރުގެ ރައްޔިތުން ބޭނުންވާ ވެރިކަމެއް އެތަނުގައި ގާއިމު ކުރުމުގެ އިޚުތިޔާރު އ.ދއިން ދީފައިވާ ގަރާރު އޮތީ ހުސް ކަރުދާސްގަނޑެއްގެ ގޮތުގައެވެ. އެމެރިކާގެ މަސްލަހަތަށްޓަކައި އިންޑިއާއާ ދެމެދު ބާއްވާ ގުޅުމާހެދި، ކަޝްމީރުގެ ނިކަމެތި ރައްޔިތުންނަށްޓަކައި އެމެރިކާއިން އެއްވެސްކަމެއް ކޮށްދޭކަށް ބޭނުމެއް ނުވެއެވެ.

އެމެރިކާ، ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު، އެމެރިކާ، އިންސާނީ ހައްގުތައް ގާއިމުކުރުމުގެ ނަމުގައި އިރާގާއި ލީބިޔާއާއި އަފްޣާނިސްތާނާއި ސީރިޔާއަށް ޔޫރަޕްގެ އިއްތިހާދުގެ ބައިވެރިން ގޮވައިގެން އަރައި އެ ގައުމުތައް ތަޅައި ސުންނާފަތިކޮށްފައިވާއިރު، ކަޝްމީރުގެ  ރައްޔިތުންނަށްޓަކައި އެއްވެސްކަމެއް ކޮށްދޭކަށް ބޭނުމެއްނުވެއެވެ. އެމެރިކާ އޮތީ އިންޑިއާގެ އަނިޔާވެރިކަމުގެ ކުޅިބަލާށެވެ.  

އިންޑިއާއިން މިހާތަނަށް ދުނިޔެއަށް ދައްކަމުން އައީ އެ ގައުމަކީ ހުރިހާ ދީނެއްގެ މީހުންނަށް ހަމަޖެހިގެން އަމާންކަމާއެކު އުޅެވޭނޭ ގައުމެއް ކަމަށެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ އިންޑިއާގެ މުސްލިމުންގެ އިތުރަށް އެ ގައުމުގެ ސިކުންނަށް ވެސް އަމާންކަމާއެކު ގައުމުގައި ދިރިއުޅެން، ހައްދުފަހަނަޅާފައިވާ ހިންދޫން  ދަތިކުރަމުންދާތަނެވެ. އިންޑިއާއަކީ ހަމައެކަނި

ހައްދުފަހަނަޅާފައިވާ ހިންދޫންގެ ގައުމަކަށް ހަދަން މަސައްކަތް ކުރަމުންދާތަނެވެ.

ކަޝްމީރުގެ މައްސަލައަކީ ހައްލުނުވެ ދިގުލާފައިވާ މައްސަލައެކެވެ. ޖައްމޫ ކަޝްމީރާ ގުޅޭގޮތުން އ.ދ އިން ފާސްކޮށްފައިވާ ގަރާރު އޮތީ ތަންފީޒު ނުކުރެވިއެވެ. އިންޑިއާއިން ކަޝްމީރަކީ އެގައުމުގެ ބައެއްކަމުގައި ހަދަން ކުރަމަންދާ މަސައްކަތް ހުއްޓުވައި ކަޝްމީރުގެ ރައްޔިތުން އެދޭފަދަ ވެރިކަމެއް އެތަނުގައި ގާއިމު ކުރުމަށް މަސައްކަތް ކުރުމަކީ ބައިނަލްއަގުވާމީ ގޮތުން ބާރުގަދަ ގައުމުތަކުން ކުރަންޖެހިފައިވާ ކަމެކެވެ. ބާރުގަދަ ގައުމުތަކުން އިންޑިއާއަށް ފިއްތުންތައް ކުރިމަތި ނުކުރާހައި ހިނދަކު އިންޑިއާއިން ކަޝްމީރުގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާތަކަށް ހުއްޓުމެއް ނާންނާނެއެވެ.

ކަޝްމީރުގެ ރައްޔިތުންނާ އެއްބައިވުމުގެ ދުވަހަކީ ޕާކިސްތާނާއި ކަޝްމީރުގެ ރައްޔިތުން ގުޅިގެން އަނިޔާވެރިކަމާ ދެކޮޅަށް ސުލްހައަށް އެދި ކުރަމުންދާ ޖިހާދުގެ ބައެކެވެ.

ކަޝްމީރުގެ މައްސަލައަށް ހައްލެއް ނެތި އިންޑިއާ ޕާކިސްތާނުގެ އަމަންއަމާންކަމަށް ހައްލެއްނުގެނެވޭނެއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.