މުސްލިމުން، 2018 ވަނަ އަހަރު ހޭދަކުރަމުން ދާއިރު، އަދުގެ އިސްލާމީ ދުނިޔެ ދެނެގަތުމަށް ޓަކައި އެނބުރިލާން ޖެހެނީ، މީގެ ސަތޭކަ ހަތަރު އަހަރު ކުރިޔަށެވެ. 1914 ވަނަ އަހަރުގެ ތެރެއަށެވެ. 1914 ވަނަ އަހަރަކީ، މުސްލިމުން ވަރަށް ޚާއްޞަކަމެއް ދޭންހެޖޭ ސީރިއަސް ބަދަލުތަކެއް ޔޫރަޕަށާއި މެދުއިރުމައްޗަށް (MIDDLE EAST) އަންނަން ފެށި އަހަރެކެވެ. އެދުވަސް ވަރަކީ، ދުނިޔޭގެ ހަތަރުބިތުން އެއްފަޅިއަށް އެކުގައި އިނގިރޭސި ރަސްކަމުން ވެރިވެގެންތިބެ ބާރުހިންގަމުން ދިޔަ ދުވަސްވަރެވެ. އެބިންތަކުގައި ހިމެނޭ އިނގިރޭސި ދައުލަތްތަކަށާއި އިނގިރޭސިންގެ ދިދައަށް އިރުއޮއްސުމެއް އެއްގޮތަކަށް ވެސް ނާދެއޭ ބުނަމުން ގެންދިޔަ ދުވަސްވަރެވެ. އަބަދުވެސް އިނގިރޭސި ދިދައަށް އިރުގެ އަލިކަން ހުރެއެވެ. އިނގިރޭސިންގެ އެންމެ ރަން ޒަމާނެވެ. ދުނިޔޭގެ ވެރިކަން ކުރިދުވަސް ވަރެވެ.
އާދެ! އެދުވަސްވަރު، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (UNITED STATES OF AMERICA) އޮތީ، ދުނިޔޭގެ ބާރެއްގެ ގޮތުގައެއް ނޫނެވެ. މެދުއިރުމަތީގައި ޒަމާނުއްސުރެ އޮތް އިސްލާމީ އުއްމަތަށް ކުދިކުދި ލޮޅުންތައް އައިސް ބައެއްބިންތައް ގެއްލި، އިސްލާމުންނަށް އެކި ދުއްތުރާތަކައި ދިމާވެފައި ވީނަމަވެސް އިސްލާމުން، ދުނިޔޭގައި ބާރެއްގެ ގޮތުގައި އެއް އުންމަތެއްގެ ސިފައިގާ، އުންމީދުތަކެއްގެ އަލިކަމުގެ ތެރޭގައި ދެމި އޮތެވެ. ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމަގެ ވެރިކަމަށް ފަހު، ހަތަރު ޚަލީފާއިންގެ ވެރިކަންނިމި، އުމަވީންނާއި ޢައްބާސީންގެ ޚިލާފަތު ނިމި ދުނިޔޭގައި ޢުޘްމާނީ ޚިލާފަތު OTTOMANEMPIRE)) ގެ ބާރު ހިނގަމުން ދިޔަ ދުވަސް ވަރެވެ. ރަސްގެފާނަކީ، މުޙައްމަދު ފަހެއް (MEHMED 5, 2 NOV 1844 – 3 JUL 1918) އައި ހަމައެވެ. އެއީ 35 ވަނަ ޢުޘްމާނީ ޚަލީފާއެވެ. ރަސްކަން ކުރެއްވީ، (10 MAY 1909 – 3 JUL 1918) އަށެވެ. އަވަހާރަ ވީއިރު ޢުމުރުފުޅަކީ، 73 އަހަރެވެ. މުޙައްމަދު ފަހެއް ރަސްގެފާނުގެ ބައްޕާފުޅަކީ، 31 ވަނަ ޢުޘްމާނީ ޚަލީފާ ކަމުގައިވާ ޢަބްދުލް މަޖީދު އެކެއް (ABDUL MECID 1, 25 APR 1823 – 25 JUN 1861) އެވެ.
އަދި، 36 ވަނަ ޚަލީފާއަކީ، މުޙައްމަދު ހައެއް (MEHMED 6, 14 JUN 1861 – 16 MAY 1926) އެވެ. އަސްލު ނަންފުޅަކީ، މުޙައްމަދު ވަހީދުއްދީން އެވެ. ރަސްކަން ކުރެއްވީ، 1 ނޮވެންބަރ 1922 އިން ފެށިގެން، 3 ޖުލައި 1918 އައި ހަމައަށެވެ. މިޚަލީފާގެ ބައްޕާފުޅަކީ ވެސް، ޢަބްދުލް މަޖީދު އެކެއް އެވެ. 37 ވަނަ ޚަލިފާއަކީ، ޢަބްދުލް މަޖީދު ދޭއް (ABDUL MECID 2, 29 MAY 1868 – 23 AUG 1944) އެވެ. ޚަލީފާ ކަމުގައި ހުންނެވީ، 19 ނޮވެމްބަރ 1922 އިން ފެށިގެން، 3 މާޗް 1924 އައި ހަމައަށެވެ. މިއީ ޢުޘްމާނީ ޚިލާފަތުގެ އެންމެފަހު ޚަލީފާއެވެ. ފަހެ، މިޚަލީފާއަށް ފަހު، ޚިލާފަތު ނިމުމަކަށް އައީއެވެ. ޚިލާފަތު މުޅިން ޚަތިމްވެ ނިމުނީއެވެ. ބޮޑުހަނގުރާމަ އަށް ފަހު، ދުވަސްކޮޅެއް ވަންދެން ޚަލީފާ ކަމުގެ ލަޤަބު އަރުވަމުން ގެންދިޔައީ މުސްޠަފާ ކަމާލް އަތާތުރުކް ގެ ލީޑަރޝިޕްގެ ދަށުން އުފެދުނު ތުރުކީގެ ރައްޔިތުންގެ ބޮޑުމަޖިލިސް (TURKISH GRAND NATIONAL ASSEMBLY) އިންނެވެ.
އާދެ! މިދުވަސްވަރު، ދުނިޔޭގެ ސިޔާސަތު ތެރެއަށް ވަދެ ގޮތްތައް ރާވާއި ކުޅެމުން ގެންދިޔައީ، އޭރު ދުނިޔޭގެ ބާރުގެގޮތުގައި ތިބި، ޔޫރަޕްގެ ޚިޔާލާއި ފިކްރުންނެވެ. އަދި އެދުވަސްވަރު ދަރިފަސްކޮޅަށް ދެމިގެން އައިސްފައިވާ ވަރުގަދައަށް މޫލާފައިވާ ދެރަސްކަމެއް ވަރަށް ވަރުގަދަކޮށް އޮތެވެ. އެއީ އޮސްޓްރޯ ހަންގޭރިއަން އެންޕަޔަރ (AUSTRO – HUNGARIAN EMPIRE) އާއި ރަޝިޔަން އެންޕަޔަރގެ ވެރިކަމެވެ. އޮސްޓްރޯ ހަންގޭރިއަން ރަސްކަމުގައި ވެޑުވެ އިންނެވި ރަސްކަލަކީ، އާރކްޑިއުކް ފްރޭންޒް ފްރެޑިނަންޑް (ARCKDUK FRANZ FREDINAND, 18 DEC 1863 – 28 JUN1914) އެވެ. 1889 އިން ފެށިގެން އަވަހާރަކޮށް ލެވެންދެން ރަސްކަމުގައި އިންނެވީ މިރަސްގެފާނެވެ. މިރަސްކަލުންގެ ލޮބުވެތި އަނބިކަނބަލުން ނަކީ، ސޯފިޔާ ޗޯކެޓް (SOPHIE CHOTEK, 1 MAR 1868 – 28 JUN 1914) އެވެ. އަވަހާރަ ވީއިރު ޢުމުރުފުޅަކީ، 46 އަހަރެވެ. މިރާނީއާއި ރަސްގެފާނު އެކުގައި ކާރެއްގައި ވަޑައި ގަންނަވަނިކޮށް، ބޮސްނިޔާ އަދި ހެޒްގޮވީނިޔާ (BOSNIA AND HERZEGOVINA) މީހަކު ސެރާޔޭވޯ (SARAJEVO) ގައި ދެކަނބަލުން އެކުގައި އަވަހާރަކޮށް ލީއެވެ. ފްރެންޒް އާއި ސޯފިޔާ އަވަހާރަކޮށްލީ، 19 އަހަރުގެ ޒުވާނެކެވެ. މިޤާތިލްގެ ނަމަކީ، ގަވިލޯ (GAVILO PRINCIP, 13 JUL 1894 – 28 APR 1918) އެވެ. ޤާތިލް ގަވިލޯ އަކީ، 1901 ވަނަ އަހަރު ސާބިއަން ރަސްކަމުގެ ސިފައިން އުފެއްދި ސީކްރެޓް މިލިޓްރީ ސޮސައިޓީން ބަލަހައްޓަމުން ގެންދިޔަ، ބްލެކްހޭންޑް (BLACK HAND) ގްރޫޕްގެ ޢަސްކަރީ ތަމްރީނު ލިބިފައިވާ ގޭންގްސްޓައިލް ޕާޓޭންގެ ޒުވާނެކެވެ. މިއީ ސާބިޔާ ސިފައިންގެ އަންޑަރގްރައުންޑް ޖަމާޢަތެކެވެ. މީނާ ފިލާހުރެފައި ކާރުކުރިމަށްޗަށް، މަގުބަދަލު ކޮށްލަން ހުއްޓާލިވަގުތު ކުއްލިއަކަށް ނުކުމެ ފިސްތޯލަ އަކުން ވަޒަންތައް ފޮނުވާލީ، އެންމެ ފަސްފޫޓް ކައިރިންނެވެ. އެއިން ވަޒަނެއް ފްރެންޒްގެ ކަރުފުޅަށް އަމާޒުވިއެވެ. އަދި ސޯފިޔާގެ ދަށްބަނޑުކޮޅަށް، އެހެން ވަޒަނެއް އަމާޒުވެ ގަޑިއެއްހާ އިރުތެރޭގައި ރަސްގެފާނާއި ރާނީ އަވަހާރަވެ ދުނިޔެ ދޫކުރެއްވީއެވެ. ޤާތިލްކަލޭގެ މަރުވީ، އޭނާގެ ޢުމުރުން، 23 އަހަރުގައި ޖަލުގެ ކުޑަގޮޅީގައި އޮވެ، ޖެހުނުބައްޔެއްގެ ތެރޭގައެވެ. ރަސްގެފާނު ހޭފުޅުނެތުމުގެ ކުރިން، ރާނީ އަރިހު ދެންނެވުނުހާ ވެސް އެއްޗަކީ، “ސޯފީ! ސޯފީ! އޭ! މަރުނުވާށެވެ! އަހަރުމެން ދެމީހުންގެ ދަރިންނަށް ޓަކައި މަޑުކުރާށެވެ!” މިޖުމްލައެވެ.
އާދެ! ދުނިޔޭގައި ބޮޑުހަނގުރާމަ (GREAT WAR) އެއް ފެށުމުގެ ސަބަބަކަށްވީ، ސާބިޔާ މީހުން އޮސްޓްރޯ ހަންގޭރިއަން އެންޕަޔަރގެ ރަސްގެފާނު، ޤަތުލްކޮށް ލުމެވެ. މިޤަތުލް ވެގެން ދިޔައީ ދުނިޔޭގައި ހިނގި ބޮޑުހަނގުރާމައިގެ ފެށުމަށެވެ އަދި މިހާތަނަށް ހިނގި އެންމެބޮޑު ހަނގުރާމަ އަކަށެވެ. މިހަނގުރާމައިގާ، 70 މިލިއަން ހަނގުރާމަވެރިން، ސޯލްޖަރުންގެ ގޮތުގައި ޢަމަލީގޮތުން ބައިވެރިވިއެވެ. އިއްތިޙާދީން (ALLIED POWER) ނުވަތަ އޮންޓޮންޓް ޕަވާރސް (ENTENTE POWERS) ނުވަތަ ޓްރިޕަލް އޮންޓޮންޓް (TRIPLE ENTENTE) ގެ ގޮތުގައި، 43 މިލިއަން ޢަސްކަރީން ޙަރަކާތް ތެރިވިއެވެ. ހަނގުރާމައިގެ މަރްކަޒަކީ ޔޫރަޕް (EUROPE) އެވެ. މިހަނގުރާމައިގެ ސަބަބުން އެންމެބޮޑެތި ބަދަލުތައް އައީ ޔޫރަޕާއި މެދުއިރުމައްޗަށެވެ. އިސްލާމީ ދުނިޔެއަކީ، މެދުއިރުމައްޗެވެ. މުޅި ޔޫރަޕްގެ އަމާޒަކަށް މުސްލިމުން ވެފައި ވަނީ އެހެންވެގެންނެވެ.
ބޮޑުހަނގުރާމަ
1914 އިން 1918 އަށް މިހަނގުރާމަ ކުރެވުނެވެ. މިހަނގުރާމައިގާ، 8 މިލިއަން ސޯލްޖަރުން މަރުވިއެވެ. 7 މިލިއަން މީހުން ދާއިމީކޮށް ނުކުޅެދުންތެރި ވެގެންދިޔައެވެ. 15 މިލިއަން ސިފައިން ސީރިއަސް ކޮށް ޒަޚަމްވިއެވެ. އަދި މިހަނގުރާމައިގާ ބައިވެރިވި ދެފަރާތުގެ ޤައްމުތަކުން އެތައްއެތައް މިލިއަން އާންމު ރައްޔިތުންނެއް މަރުވެގެން ދިޔައެވެ.
އާދެ! ބޮޑުހަނގުރާމަ އަކީ، ދުނިޔޭގައި ފުރަތަމަ ފަހަރަށް މޮޑަންޓެކްނޮލެޖީ ބޭނުންކޮށް، ކެމިކަލް ބާވަތްތަކުގެ ހަތިޔާރުތައް ބޭނުންކުރި ހަނގުރާމައެވެ. އެކިޒާތުގެ ވަޒަނާއިބޮންތައް އުފައްދާއި އަމަލީ މައިދާނުގައި ބޭނުން ހިފިއެވެ. ތަޖްރިބާ ކުރިއެވެ. އަދި މިއީ، ފުރަތަމަ ފަހަރު ހަނގުރާމައެއްގައި މަތިންދާބޯޓުގެ ބޭނުންކުރި ހަނގުރާމައެވެ. އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ ބޭނުންކުރިއެވެ. މިހުރިހާ ބާވަތެއްގެ ޓެކްނޮލެޖީ ފުރަތަމަ ފަހަރަށް ދުޝްމަންބަޔަކާ ދެކޮޅަށް ބޭނުންހިފައި ތަޖްރިބާ ކުރެވުނީ، މިހަނގުރާމައިގެ ތެރޭގައެވެ. ހަރަތުއަހަރު ވަންދެން ބޮޑުހަނގުރާމަ ދެމިގެން ދިޔައެވެ. ފެށުނީ، 28 ޖުލައި 1914 ގައެވެ. ރަސްމީކޮށް ނިންމާލީ، 11 ނޮވެންބަރ 1918 ގައެވެ. މުޅި ހަނގުރާމައިގެ އަމާޒަކަށް ވެފައިއޮތީ، މުސްލިމުން ނިކަމެތިކޮށް ސުންނާފަތި ކޮށްލުމެވެ. މުސްލިމުންގެ ބާރު، ދުނިޔޭގައި ދައްކޮށް ކުޑަކުރުމަށެވެ.
ބޮޑުހަނގުރާމަ އަށް ފުރަތަމަ ބޮޑު ހަނގުރާމަ (WORLD WAR 1) މިނަމުން ނަންދެވުނީ، ދެވަނަ ބޮޑު ހަނގުރާމަ (WORLD WAR 2) ފެށުމަށް ފަހުއެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ކުރިން މިހަނގުރާމަ އަށް، ތާރީޚީ ޢިލްމުވެރިން ކަމުގައިވާ، މުއަރިޚުން ދީފައިވާ ނަމަކީ، ބޮޑު ހަނގުރާމަ “ގްރޭޓް ވޯރ” އެވެ. “ފުރަތަމަ” މިލަފުޒު އޭރު ބޭނުމެއް ނުކުރެއެވެ.
އާދެ! 1918 ގައި ބޮޑުހަނގުރާމަ ނިމުނުއިރު ޔޫރަޕްގެ މައިބަދަ ކަމުގައިވާ، އިނގިރޭސިވިލާތް އޮތީ ކުރިންއޮތް ބާރާއި ހައިބަތުގެ ދެބައިކުޅަ އެއްބަޔަށް ދަށްވެގެން ގޮސްފައެވެ. އިނގިރޭސިންގެ ރަންޒަމާނަށް އުނިކަން ކޮންމެ ވެސް ވަރަކަށް ވެރިވެފައެވެ. ވިކްޓޯރިއަން ޒަމާން (VICTORIAN ERA) ނިމިފައެވެ. އަދި އޭގެކުރިން އޮތް، ޖޯރޖިއަން ޒަމާން (GEORGIAN PERIOD) އާއި ވިކްޓޯރިއަން ޒަމާނަށް ފަހު އޮތް، އެޑްވަރޑިއަން ޒަމާން (EDWARDIAN PERIOD) ވެސް ނިމުމަކަށް އައިސް ބޮޑު ބަދަލަކާ ކުރިމަތިލާން ޖެހިފައެވެ.
އަދި އެޒަމާނުގައި އޮތް އެންމެ ބާރުގަދަ ހަތަރު އެންޕަޔަރ ވަނީ، ބޮޑު ހަނގުރާމައާ އެކު ކުދިކުދިވެ ނެތި ގޮސްފައެވެ. އެއީ އެކެއް؛ ޖަރުމަން އެންޕަޔަރ އެވެ. ދޭއް؛ ރަޝިޔަން އެންޕަޔަރ އެވެ. މިދެރަސްކަމަކީ ވެސް ޒަމާންތަކެއް ވަންދެން ދެމިއޮތް، ޤަދީމީ ތާރީޚެއް ފަހަތުގައި އޮތް ވަރުގަދައަށް މޫލާފައި އޮތް ދެރަސްކަމެވެ. ޖަރުމަނުގައި ޤައިޞަރުން (KAISER) ގެ ރަންޒަމާން ދެމިއޮތެވެ. ރަޝިޔާގައި ޒަމާންވީ ދިގުތާރީޚެއް އޮތް ޒާރުން (TSAR) ގެ ރަންޒަމާން ދެމިއޮތެވެ. ތިނެއް؛ އޮސްޓްރޯ ހަންގޭރިއަން އެންޕަޔަރ އެވެ. މިރަސްކަން މުޅިން ނެތިގެންގޮސް ވަކިވަކި ޤައްމުތަކަކަށް ބެހިގެން ދިޔައީއެވެ. ހަތަރެއް؛ އޮޓަމަން އެންޕަޔަރ އެވެ. މިއީ އިސްލާމީ އުންމަތެވެ. އަޅުގަނޑުމެން މުސްލިމުން ކަންބޮޑުވެ، އަޅާލަން ޖެހެނީ މިކަމާ ހެދިއެވެ. އަދި މިމަޒްމޫނު ލިޔުމުގެ ބޭނުމަކީ، އިސްލާމީ އުންމަތަށް ނަޒަރުކޮށް ބަލާލުމެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ވެރިކަމުގެ ރަން ޒަމާނަށް ފަހު، ފެށުނީ، ޚިލާފަތުގެ ދުވަސް ވަރެވެ. އެގޮތަށް އިސްލާމީ ޚިލާފަތު ދެމެމުން އައިސް ބޮޑު ހަނގުރާމަ ނިމުމަށް ފަހުވެސް ދެޚަލީފާއަކު، އިސްލާމީ އުންމަތުގެ ޚަލީފާކަމުގައި ހުންނެވިއެވެ. އަދި ބޮޑު ހަނގުރާމަ ނިމި ޚިލާފަތުގެ ވެރިކަން ނިމުމުން، މައްކާ ޝަރީފް ޙުސައިންގެ ދޮށީ ދަރިކަލުން ޢަލީ ބިން ޙުސައިން އަމިއްލަ ފުޅަށް މުސްލިމުންގެ ޚަލީފާއަކަށް ވެވަޑައިގެން ދުވަސްކޮޅަކު އެނަމުގައި އުޅުއްވިއެވެ. މިވާހަކަތައް ފަހުން ގެންނާނަމެވެ. إن شاء االله!
އާދެ! ބޮޑު ހަނގުރާމަ ނިމުނުއިރު އިސްލާމީ އުންމަތުގެ ވެރިކަމުގައި ހުންނެވީ، ޢުޘްމާނީ ޚިލާފަތުގެ، 35 ވަނަ ޚަލީފާއެވެ. އެއަށް ފަހު، 1918 އިން 1922 އަށް ޚަލީފާއަކަށް ހުންނެވީ، 36 ވަނަ ޚަލީފާއެވެ. އަދި އެއަށް ފަހު، 37 ވަނަ ޚަލީފާއައި ހަމައިން އިސްލާމީ ޚިލާފަތު ނިމުމުގައި ސިއްކަޖެހި ޚިލާފަތުގެ ޒަމާން ނިމުނީއެވެ. 37 ވަނަ ޚަލީފާގެ ރުހުމުގައި ފްރާންސްގެ ވެރިރަށް ޕެރިހަށް އަރުވާލެވުނީ ފްރާންސްގެ އެހީ ގައެވެ. ފްރާންސް އަކީ، ފެށުނީއްސުރެ ވެސް މުސްލިމުންގެ ބާރު ނެތިކޮއްލުމަށް ޓަކައި ތޮޅެމުން އަންނަ ފަރަންޖީންނެވެ. މިވާހަކަ ވެސް ފަހުން ގެނެސް ދޭނަމެވެ. إ ن شاء الله!
ދަންނާށެވެ! މިއަދު އަޅުގަނޑުގެ މައުޟޫޢުއަކީ މިއެވެ. އިސްލާމުންނެވެ. އިސްލާމީ އުންމަތެވެ. އިސްލާމީ އުންމަތަށް ރާވައިގެން ދެމުން ގެންދާ ހަނގުރާމަވެރި ރޭވުންތަކެވެ. ބޮޑުހަނގުރާމައިގެ މަޤްޞަދެވެ. ހިތާމަވެރި މިހާދިސާ ހިނގާދިޔަ ގޮތާމެދު ބަލާލުމެވެ. އިނގިރޭސިން އިސްކޮށް ތިބެ، ޔޫރަޕުން އިސްލާމީ އުންމަތުގެ އިޖްތިމާޢީ ފޭރާން ސުންނާފަތި ކޮށް، ވީރާނާ ކޮށްލި ގޮތާމެދު ނަޒަރުކޮށް ބަލާލުމެވެ. ކުޑަނަމަވެސް ތާރީޚީ ވާހަކަކޮޅެއް ހާމަކޮށް ދިނުމެވެ. ކޮންމެއަކަސް މިއީއަދުގެ އިސްލާމުން، ނިހާޔަތަށް ހިތާމަކުރަންޖެހޭ ކަމެކެވެ. ވީމާ އަޅުގަނޑުގެ އަމާޒަކީ، އިސްލާމީ ދުނިޔެއަށް ސިޔާސީ ގޮތުންނައި ޢަސްކަރީ ގޮތުން އަންނަމުންދާ ބަދަލުތަކަށް ބަލާލުމެވެ. 2014 ވަނަ އަހަރުގައި އަޅުގަނޑުމެން ތިބިއިރު، މިކަންކަމަށް ބަލާލާއި ނަޒަރުކޮށް ލުމަކީ، މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ. ބޮޑުހަނގުރާމަ އަށް ފަހު، އުމަވީޚިލާފަތާއި ޢައްބާސީ ޚިލާފަތާއި ހަމައިން މެދުކެނޑުމެއް ނެތި ދެމިގެންއައީ ޢުޘްމާނީ ޚިލާފަތުގެ ބާރުކެނޑި މިނިވަން ރިޕަބްލިކް އޮފް ތުރުކީ އެއް، މުޞްޠަފާ ކަމާލް އަތާތުރުކް (MUSTAFA KAMAL ATATURK, 19 May 1881 – 10 NOV 1938) ގެ ޤިޔާދަތުގެ ދަށުގައި އުފެދުނީ ގިނަގުނަ ކަންތައްތަކެއް ބަޔަކު އަޑީގައި ތިބެ ރާވައި ހިންގައި ގެންނެވެ.
އާދެ! އެދުވަސްވަރު ޔޫރަޕުން ޢުޘްމާނީ ޚިލާފަތަށް ދީފައިވާ ނަމަކީ، ” ޔޫރަޕްގެ ބަލިމީހާ ” އެވެ. އެމީހުންގެ މެދުގައި އިސްލާމީ ޚިލާފަތަށް ބޭނުންކޮށް އުޅުނީ، “ސިކްމޭން އޮފް ޔޫރަޕް” (SICK MAN OF EUROPE) އެވެ. އަދި އެދުވަސްވަރު މިޞްރުއޮތީ، އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުގައެވެ.
ބޮޑު ހަނގުރާމައަށް ފަހު، މުޅިން އާމޮޑަން ދުނިޔެއެއް ފެށުނީއެވެ. ޒަމާނީ ދުނިޔެއެއްގެ ބިންގާ އެޅުނީއެވެ. އެހެންވުމާ އެކު އިސްލާމީ އުންމަތުގެ ވާހަކަ ދައްކާއިރު ބޮޑުހަނގުރާމަ އަށް ބަލާނުލާ ދިއުމަކީ އުނިކަމަކަށް ވާނެތީ އެވާހަކަތައް ކޮންމެހެން ވެސް ގެނެސްދޭން ޖެހުނީއެވެ. ވިސްނާލަން ޖެހޭ އެންމެ މުހިންމު ނުކުތާއަކީ، ސާބިޔާ އާއި ރަޝިޔާއަކީ، އަބަދުވެސް އެއްބްލޮކް ކަމާއި އޮސްޓްރޯ ހަންގޭރިއަން އާއި ޖަރުމަން ވިލާތަކީ، އަނެއް ބްލޮކްކަމެވެ. ފަހެ، މިހަނގުރާމަ އަކީ، މިދެބްލޮކްގެ ދެމެދުގައި ކުރެވުނު ވަރުގަދަ ބޮޑު ހަނގުރާމަ އެކެވެ. މުޅި ޔޫރަޕްގެ ގަދަބާރަކީ، އިނގިރޭސިން ނާއި ޖަރުމަނެވެ. މާޒީގައި ދިމާވި އެކިކަންތައްތަކާ ހެދި އިސްލާމީ އުންމަތް ވަނީ، އިނގިރޭސިންނާ އެކު އޮތް ގާތްގުޅުމުން ދުރުވެ، ޖަރުމަނާ އެކުގުޅި ރަހްމަތްތެރިކަން އުފައްދާ ފައެވެ. ކުރިން ވެސް ބުނެވުނު ފަދައިން މިހަނގުރާމަ އަކީ، ކިންގްޑޮމް އޮފް ސާބިޔާގެ މީހަކު އޮސްޓްރޯ ހަންގޭރިއަން އެންޕަޔަރ މަރާލުމުގެ ރުޅިވެރިކަމުގައި އިއުލާނު ކުރެވުނު ހަނގުރާމަ އެކެވެ. އޮސްޓްރޯ ހަންގޭރިއަން ފަޅީގެ ބާރަކަށްވީ، ސެންޓަރަލް ޕަވަރސް (CENTRAL POWERS) އެވެ. ޖަރުމަން އެންޕަޔަރ އޮތީ އޮސްޓްރޯ ހަންގޭރިއަން ފަޅީގައި ކަމުން، ޢުޘްމާނީ ޚިލާފަތަށް ބުރަވާން ޖެހުނީ އެފަޅިއަށެވެ. އަނެއްފަޅި އަކީ، އެލައިޑް ޕަވަރސް (ALLIED POWERS) އެވެ. އެއީ އިނގިރޭސިންނާއި ރަޝިޔާ އާއި ފްރާންސްގެ ރަހްމަތްތެރި ކަމުގެ ފަޅިއެވެ. މިއީ އިއްތިޙާދީންނެވެ. އިއްތިޙާދީ ބާރަކަށް ވެގެންދިޔައީ، ފްރެންޗް ރިޕަބްލިކް އާއި ބްރިޓިޝް އެންޕަޔަރ އާއި ރަޝިޔަން އެންޕަޔަރ އާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އާއި ޖަޕާން އާއި އިޓަލީއެވެ. އެމެރިކާ ޢަމަލީ ގޮތުން ބައިވެރިވީ ހަނގުރާމައިގެ އެންމެފަހު ދުވަސްވަރުގައެވެ. 1917 ގަ އެވެ. އަދި އިޓަލީ އެންމެފަހު ވަގުތު ސެންޓަރަލް ޕަވަރސް އައިގުޅުނެވެ. ހަނގުރާމަ ކުރެވުނީ، ސެންޓަރަލް ޕަވަރސް އާއެކުގައެވެ. މިބްލޮކްގައި ތިބީ، އޮސްޓްރޯ ހަންގޭރިއަން އެންޕަޔަރ އާއި ޖަރމަން އެންޕަޔަރ އާއި އޮޓަމަން އެންޕަޔަރ އާއި ކިންގްޑޮމް އޮފް ބަލްގޭރިއާ އެވެ. ބަލްގޭރިއާ ގުޅުނީ، 14 އޮކްޓޯބަރ 1915 ގައެވެ. އޮޓަމަން އެންޕަޔަރ، 2 އޯގަސްޓް 1914 އިން ފެށިގެން އޮތީ، ސިއްރުކޮށެވެ. ފާޅުގައި މުސްލިމުން ނުކުމެ ޖިހާދުކުރުމަށް ޚަލީފާ އަމުރުނެރުއްވީ، ހަނގުރާމަ ފެށުނުތާ ދުވަސްކޮޅެއް ފަހުންނެވެ. ހަނގުރާމައިގާ ބައިވެރި ވުމުގެ ގުޅުންތައް ހިންގުނު އެއްބަސް ވުންތައް އުވާލީ، ބޮޑު ހަނގުރާމަ ރަސްމީކޮށް ނިމުނުކަން އިއުލާނުކުރި ދުވަހުއެވެ. އެއީ، 1918 ވަނަ އަހަރުގެ، 11 ވަނަ މަހުގެ، 11 ވަނަ ދުވަހުގެ މެންދުރު، 11 ޖެހިއިރުއެވެ. މިހިސާބުން ބޮޑު ހަނގުރާމަ ރަސްމީކޮށް ނިމުނީއެވެ.
އިސްތިޢުމާރީ ނުފޫޒުތައް
އާދެ! ބޮޑު ހަނގުރާމައިގެ ކުރިންވެސް ވަނީ ޔޫރަޕުން، އިސްލާމީ ބައެއް ޤައުމުތައް އިސްތިޢުމާރު ކޮށް ދަށުލާފައެވެ. މިޞްރަކީ ސީދާ އިނގިރޭސި ވިލާތުގެ އޯޑަރަށް އޭރު ކިޔަމަން ވަމުންދާ ދައުލަތް އެކެވެ. މުޅި މެދު އިރުމައްޗަށް ނުފޫޒު ހިންގާނެ ސަފީރެއް މިޞްރުގައި އިނގިރޭސިން ބަހައްޓާފައި ހުރެއެވެ. މީނާގެ ވާޖިބުތަކާއި މަސައްކަތް ފުރިހަމަކޮށް ބާރަށް ކުރިޔަށް ގެންދިޔައެވެ. އިސްލާމީ އުންމަތް ރޫޅާލާއި ބައިބައި ކުރުމަށް އިނގިރޭސި އިސްތިޢުމާރުން ދެއްކީ، އެބައެއްގެ އަމިއްލަ ވަންތަ ޤައުމިއްޔަތާއި ޢަޞަބިއްޔަތް އެވެ. ވަޠަނިއްޔަތުގެ ރޫޙު ދިރުވުމާއި އަމިއްލަ މިނިވަން ވެރިކަމެއްގެ ހުވަފެންތައް ދެއްކިއެވެ. އެވިސްނުން ޒުވާން ހިތްތަކުގައި ވަޅުޖެއްސުވި އެވެ. ޙިޖާޒު ކަރާގައި ޢަރަބި ޤައުމިއްޔަތު ދިރުވުމުގެ މަސައްކަތް ވަރަށްބާރަށް ހިންގިއެވެ. މައްކާގައި އޮތް ދުވަސްވީ ރަސްކަމުގެ ދަރުބާރަށް އެގޮތްމިގޮތަށް ހުތްލައިދީގެން، ޢުޘްމާނީ ޚިލާފަތާ އިދިކޮޅަށް ނެރުވައި ހަނގުރާމަ ކުރުވިއެވެ. އަދި ތުރުކީ ގައި ޒުވާން ތުރުކީންގެ ޤައުމިއްޔަތު ދިރުވުމުގެ މަސައްކަތް އެކިއެކި ވައްތަރުގެ އެހީއާއި މަދަދުތަކާ އެކު، ވަރަށް ބާރަށް ކުރިޔަށް ގެންދިޔައެވެ. އިސްލާމުންގެ ތެރޭގައި އިސްލާމީ ވަޙުދަތު ދޫކޮއްލައި އެބައެއްގެ އަމިއްލަވަންތަ މިނިވަންކަމުގެ ނަމުގައި ޤައުމިއްޔަތް އާއި ޢަޞަބިއްޔަތް އާއި ވަޠޮނިއްޔަތް ދިރުވުމަށް އެކިނަންނަމުގައި ޖަމްޢިއްޔާތައް ހަދައިދިނީ، އިނގިރޭސިން އަޑީގައި ތިބެ ވަރަށް ރޭވުންތެރި ކަމާއި އެހީތެރިކަމާއި މަދަދުވެރި ކަމާ އެކުގައެވެ. މިގޮތުން، އެންމެ އިސް ދައުރެއް އިނގިރޭސި އެންޕަޔަރގެ ފަރާތުން ކުޅެމުން ގެންދިޔައީ، މިޞްރުގައި ބަހައްޓާފައި ހުރި އިނގިރޭސި ސަފީރުގެ ބެއްލެވުމުގެ ދަށުންނެވެ. މީނާގެ ސިއްރު ރޭވުންތަކާއި ރާވައިގެން ހިންގެވި ނޭދެވޭ މަސައްކަތްތަކުގެ ވާހަކަ ފަހުން ގެނެސް ދޭނަމެވެ. ان شاء االله!
އާދެ! ބޮޑު ހަނގުރާމަ ނިމުމާއެކު، ދިމާވެގެންދިޔަ ކަންތައްތަކުން ޖަރުމަނުގައި އުފަންވެ ދިރިގެންދިޔައީ އެޑޯލްފް ހިޓްލަރ (ADOLF HITLER, 20 APR 1889 – 30 APR 1945) ގެ ޤައްމިއްޔަތް އާއި ވަޠޮނިއްޔަތް އެވެ. ހިޓްލަރ، ޤައްމިއްޔަތުގެ ދިދައިގެ ދަށުގައި ނުކުންނަން މަޖްބޫރުވީ ހަނގުރާމަ ނިމުމަށް ފަހު، ބަލިވި ބައެއްގެ ގޮތުގައި ބަލައި ޖަރުމަނުގެ ބޮލުގައި ހަނގުރާމައިގެ ބަދަލު ދިނުން ލާޒިމުކޮށް އެޅުވުމުންނެވެ. ކުރިންވެސް ދެންނެވުނުހެން އިސްލާމީ ޚިލާފަތުގެ މައިމަރްކަޒު ކަމުގައިވާ ތުރުކީގައި ހަނގުރާމައިގެ ދުވަސްވަރު، މުޞްޠޮފާ ކަމާލް އަތާތުރުކްގެ ޤައްމިއްޔަތު ދިރިގެން ދިޔައެވެ. މިޤައްމިއްޔަތު ތަކަކީ، ދީނާއި ދައްލަތް ވަކިކުރުމުގެ ލާދީނީ އަދި ޢަލްމާނީ، ސެކިއުލަރ ވިސްނުމުގައި ހިންގުނު ހަރަކާތެކެވެ. މާކުރިޔާލައި އަށާރަ ސަތޭކައިގެ އަހަރުތަކުގައި މިހަރަކާތް ވަނީ ފައްޓާފައެވެ. ޒުވާން ތުރުކީންގެ ނަމުގައި މިހަރަކާތްތައް ކުރިޔަށް ދިޔައީ ވަރަށް ސިއްރުކޮށެވެ. ރަސްކަމުގެ ދަރުބާރަށް އެނގުމަކާ ނުލައެވެ. ހުއްދައާއި ރުހުމެއް ނެތި، އިއްތިޙާދާއި ތަރައްޤީގެ ނަމުގައި ސިޔާސީ އަދި ޢަސްކަރީ ހަރަކާތްތަކެއް އޭގެ އަމިއްލަ ޒާތުގައި ޒުވާނުންގެ މެދުގައި އުފެދިގެން ދިއުމުންނެވެ. ތުރުކީ ތެރޭގައި މިކަމަށް ވާގިވެރިވީ ޖަރުމަނުން ނެވެ. މިޖަމްޢިއްޔާތައް ހިންގަމުން ގެންދިޔައީ ޖަރުމަނުގެ ރުހުމާއި މަދަދާ އެކުގައި އަންޑަރގްރައުންޑް ހަރަކާތެއްގެ ގޮތުގައެވެ. ޓަރކިޝް ނޭޝަނަލް މޫވްމަންޓް (TURKISH NATIONAL MOVEMENT) ގެ ނަމުގައި ތުރުކީގައި ކިޔަވައިގެން އިސްކޮށް ތިބި ޒުވާނުން އަޑީގައި ތިބެގެން، ޖަމްޢިއްޔާއެއް ވުޖޫދަށް ގެނައެވެ. މިޖަމާޢަތް ކަމުގައިވާ ޒުވާން ތުރުކީން، ޔަންގް ޓަރކްސް (YOUNG TERKS) ގެ ނަމުގައި މަޝްހޫރު ވެގެންދިޔައެވެ. މިހަރަކާތްތަކުގެ ނަތީޖާއަކަށްވީ، ޔޫރަޕުން ދީފައިވާ، ޔޫރަޕްގެ ބަލިމީހާގެ ނަމާއެއް ގޮތަށް، އިސްލާމީ ޚިލާފަތު ބަލިކަށިވެ ނިކަމެތި ވެގެން ދިއުމެވެ. އަދި ޚިލާފަތުގެ ދުވަސްވަރުގައި ރިޕަބްލިކް އޮފް ޓަރކީ ވުޖޫދަށް އައުމެވެ. މިކަމުގެ އަޑީގައި ތިއްބެވީ އިސްލާމީ ޚިލާފަތުގައި ތިއްބެވި ޒުވާން ތިން ވަޒީރުންނެވެ. މިބޭފުޅުންނާއި މުޞްޠޮފާ ކަމާލް އަކީ، ޢަލްމާނީ އަދި ލާދީނީ، ސެކިއުލަރ ފިކްރުގެ ބޭފުޅުންނެވެ. (ނުނިމޭ)