އަދުގެ އިސްލާމީ ދުނިޔެ – 5

(23 މާރިޗު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޖޯރޖަސް ޕިކޮޓް

ސައިކްސް ޕިކޮޓް އެއްބަސް ވުމުގައި ފްރާންސްގެ ފަޅިން މަސައްކަތް ކުރެއްވީ، ޖޯރޖަސް ޕިކޮޓް (FRANCOIS MARIE DENIS GEORGES PICOT, 21 OCT 1870 – 20 JUN 1951) އެވެ. މީނާއަކީ، ފްރާންސްގެ ފުންނާބުއުސް ޑިޕްލޮމޭޓެކެވެ. މިއެއްބަސް ވުމުގައި ފްރާންސްގެ ފަރާތުން ހުރިހާ މަސައްކަތެއްކޮށް ސޮއި ކުރެއްވީ ޖޯރޖަސް ޕިކޮޓް އެވެ. އިސްލާމީ އުންމަތުގެ ބިންތައް ޔޫރަޕްގެ ޤައްމުތަކުގެ މެދުގައި ބަހާލުމަށް ސައިކްސް އާއެކު، ޕިކޮޓް ޢަމަލީގޮތުން ބައިވެރިވެ ގިނަގުނަ މަސައްކަތްތަކެއް ކޮށް، ހުރިހާ މަޝްވަރާ ތަކުގައި ބައިވެރިވެ ބޮޑު ހިއްސާއެއް އަދާކުރިއެވެ. ރަޝިޔާގެ މަންދޫބާއެކު ތިންމީހުންވެގެން ޢުޘްމާނީ ޚިލާފަތްގެ ދަށުގައިހުރި ޢަރަބި ބިންތަކުގެ ޗާޓް މިބޭފުޅުންގެ ކުރިމަތީގައި ބާއްވައިގެން މިވެރިންގެ މަޝްވަރާ އާއި ރުހުމާއެކު، މުސްލިމުންގެ ބިންތައް ބަހާލައި ނިންމިއިރު މިމީހުންނަކީ، އެބިންތަކަށް ޢަމަލީގޮތުން ޒިޔާރަތްކޮށް އެބިމުގެ އަހްލުވެރިންގެ ޝުޢޫރުތައް އަޑުއަހާއި ހަމަލޮލުން ދެކިފައިވާ ބައެއްނޫނެވެ. އަދި އެބިންތަކުގެ އަހްލުވެރިންގެ އިޙްސާސްތައް އެއްގޮތަކަށް ވެސް ދަންނަބައެއް ނޫނެވެ. ޒަމާނުއްސުރެ އެބިންތަކުގައި ވަޒަންވެރި ވެގެން ދިރިއުޅެމުން ދިޔަ ޢަރަބި ރައްޔިތުންގެ ވިސްނުމާއި ފިކްރުއާއި އެދުންތައް އެއްގޮތަކަށް ވެސް ނުދަނެ ނޭނގިތިބި ބައެކެވެ. އެބިންތަކުގައި ދިރިއުޅެމުން ގެންދާ ޙަޤީޤީ ރައްޔިތުންގެ ވިންދާއި ޙާލަތު ދެކިފައިވާ ބައެއްނޫނެވެ. މާދުރު ހިސާބެއްގައި ހުރި މޭޒެއްގެ ދަށުގައި ތިއްބަވައިގެން، އިސްލާމީ ޚިލާފަތްގެ ދަށުގައި ޒަމާނުއްސުރެ ހުރި ބިންތައް، އެއްބަޔަކު އަނެއްބަޔަކަށް ޗާޓެއްގައި ރޮނގުއަޅާއި ކުލަޖައްސައިގެން ބަހާ ނިންމާލީ އިންތިހާ އަށް އަނިޔާވެރި ކޮށެވެ. ރަޙުމްކުޑަ ގޮތަކަށެވެ. އިސްލާމުންނަށް އަނިޔާވެރި ވަމުންނެވެ. ޢަރަބި އިސްލާމުންނަށް އެއްވެސް އިންސާފެއް ކުލުނެއް ނެތިއެވެ. މައިދާނުގައި ވަޙުޝީ ހަނގުރާމައެއް ކުރެވެމުން ދިޔައިރު، ދުރުތަނެއްގައި ހުރި މޭޒެއްގެ ކައިރީގައި ތިބެގެން މިނިންމާލީ މާބޮޑު ކަމެކެވެ. ފަހުންކަން ކުރާނެ ގޮތާމެދު އެއްބަސްވެ ސޮއިކޮށް އަތާތަތްޖޯޑުކުރީ އެވެ. މިކަން މިމީހުން ބެއްވީ، ވަރަށް ސިއްރިއްޔާތު ގައެވެ.

އާދެ! މިމަޝްވަރާތައް، 1915 ނޮވެންބަރ އިން ފެށިގެން، 1916 މާޗް އައި ހަމައަށް ދެމިގެން ދިޔައެވެ. އެއްބަސް ވެވުނުޗާޓުގައި މިޖަމާޢަތުން ސޮއިކުރީ، އޭ އާއި ބީޖަހައި ފާހަގަކޮށް ކުލަޖައްސައި ސަރަޙައްދު ތައް ބައިކޮށް، އެސަރަޙައްދުތައް ރޮނގުއަލާއި ކަނޑައެޅުމަށް ފަހު، 8 މެއި 1916 ވަނަ ދުވަހުއެވެ. މިޗާޓްގެ އަޞްލުވެސް ސޮއިތަކާ އެކު ފެންނާން އެބަ ހުއްޓެވެ. ގޫގުލްކޮއްލުމުން ފެންނާނެއެވެ. ޑްރާފްޓް ފައިނަލްކޮށް ނިންމާލެވުނީ، 16 މެއި 1916 ގައެވެ. ލަންޑަނުގައި ފްރާންސުން ހުންނެވި ސަފީރު، ޕޯލް ކަމްބޮމް އާއި އިނގިރޭސި ފޮރިންގ ސެކްރެޓަރީ އަކަށް އޭރު ހުންނެވި، އެޑްވަރޑް ގްރޭ އާދެމެދު ލިޔުމުން މިއެއްބަސް ވުން ކުރިޔަށް ގެންދިއުމަށް ފެހި ސިގްނަލް ދެއްވީ، 9 މެއި 1916 ގައެވެ. 8 ވަނަ ދުވަހު ބިންތައް ފައިނަލްކޮށް ހަމަޖައްސައި، ސޮއިކުރެވުނު ޗާޓަށް، 9 ވަނަ ދުވަހު އޯކޭލިބި ތައްގަނޑު ޖެހި، 16 ވަނަ ދުވަހު މިއެއްބަސް ވުން ވުޖޫދަށް ގެނެވުނީއެވެ. އިސްލާމީ، ޢަރަބި އެތައްބައެއްގެ އަމިއްލަ މިލްކު ބިންތައް ބަހާލުމަށް ވަޢްދުވެ ސޮއިކޮށް، މޭޒެއްގެ ދޮށުގައި ތިބެގެން ނިންމާލީ އެވެ.

އާދެ! މިއީ ބޮޑު ހަނގުރާމާގައި އިއްތިޙާދީންގެ ގޮތުގައި ތިބި، އެކިބައި ވެރިންގެ މެދުގައި ވަރަށް ސިއްރުން އެއްބަޔަކު އަނެއްބަޔަކަށް ނާންގައި އިނގިރޭސިން ޑަބަލްހޭންޑް ކޮށް، ބަންދު ކޮޓަރިއެއްގެ މޭޒުދަށުގައި ތިބެގެން ސިއްރުގޮތެއްގައި ހިންގި ވަޢްދެކެވެ. މައްކާޝަރީފް ޙުސައިން އަށް، އެނގުމެއް ނެތި ސިއްރުން ކުރި ކަމެކެވެ. މައްކާޝަރީފް ޙުސައިން އަށް ދިނުމަށް ވަޢްދުވި ބިންތަކުން ބައެއްބިންތައް، ހަމަ އެއްދުވަސް ވަރެއްގައި ފްރާންސް އަށާއި ރަޝިޔާއަށް ދިނުމަށް ވަޢްދުވެ ބައިއަޅައި ދިނީއެވެ. ހަމަގައިމު ވެސް މިދެވަޢްދުގެ ހުރިހާކަމެއް ވެސް، ލޯރެންސް އަށް ވަރަށް ސާފުކޮށް އޮޅުމެއްނެތި، އެނގޭނެއެވެ. ނޭނގި ނުހުންނާނެ ކަން ކަށަވަރެވެ. އެހެނަސް މައްކާޝަރީފް ޙުސައިން އާއި އޭނާގެ، 3 ދަރިކަލުން، ޢަލީ ބިން ޙުސައިން އާއި ޢަބްދުﷲ ބިން ޙުސައިން އާއި ފައިޞަލް ބިން ޙުސައިން އަށް މިއެގްރީމަންޓްގެ ޚަބަރެއް ސިހުމެއް ވިޔަދީފައެއް ނެތެވެ.

ފަހެ، މިއެއްބަސްވުން ދުނިޔެއަށް ފަޅާއަރުވާލީ، ރަޝިޔަން އެންޕަޔަރގެ އެތެރޭގައި، 1917 ވަނަ އަހަރު ހިނގި އިންގިލާބަށް ފަހު، ބޮލްޝެވިކުން ވެރިކަމަށް އައިސް، އެއްބަޔަކު އަނެއްބަޔަކު ބަދުނާމު ކުރުމުގެ ބޭނުމުގައި ކުރި ކަންތަކުގެ ތެރޭގައެވެ. ރަޝިޔާގައި ބޮލްޝެވިކުންނަށް ބާރުލިބުނީ، 1917 އިން ފެށިގެންނެވެ. އޭގެ ކުރިން، ރަޝިޔާގައި ވެރިކަން ކުރީ ޒާރުންނެވެ. ބޮލްޝެވިކުން، ވެރިކަމާ ޙަވާލުވެ ކުރީގެ ދުވަސް ވަރުގައި ސިއްރުން އިނގިރޭސިންނާ އެކު ހަދާފައި ހުރި ޑަބަލްހޭންޑް އެއްބަސް ވުންތައް ފަޅާއަރުވާލައި ބޭޒާރުކޮށްލީ އޭރު ވެރިކަމުގައި ތިބި، ޒާރުން ބަދުނާމު ކުރުމުގެ ބޭނުމުގައެވެ. އިނގިރޭސި ވިލާތުގެ ދުވަހު ނޫސް ދަގާޑިއަން ގައި، 26 ނޮވެންބަރ 1917 ވީ ހޯމަދުވަހު، މިއެގްރީމަންޓާ ބެހޭ ޚަބަރު “ރަޝިޔާ އެންޑް ސީކްރެޓް ޓްރީޓީސް” މިސުރުޚީގެ ދަށުގައި ވަރަށް ތަފްޞީލް ކޮށް އާންމުކޮއްފައި ވެއެވެ. މިމަޝްވަރާ ތަކުގައި ރަޝިޔާއިން އެދުނީ، އެމީހުންގެ ބާރުގެ ދަށުގައި ތުރުކީގެ ކަނޑުއޮޅިތަކާއި އަރްމީނިޔާ ބާއްވައި ދިނުމަށެވެ. ތުރުކީ އަކީ، ރަޝިޔާއަށް ބޭނުންތެރި ބިމަކަށް ވަނީ، ބްލެކްސީން މައިކަނޑަށް ނުކުމެވެން އޮތް ދެކަނޑުއޮޅި އޮތީ، ތުރުކީ ތެރޭގައި ކަމަށް ވާތީއެވެ. އެއީ ޑަރޑަނަލްސް ކަނޑުއޮޅި އާއި ބޮސްފަރެސް ކަނޑުއޮޅި އެވެ.

ތިން ވަނަ ވަޢްދު

މިވަޢްދު އަށް ދެވިފައިވާ ނަމަކީ، “ބަލްފޯރ ޑެކްލަރޭޝަން” (BALFOUR DECLARATION) އެވެ. މިވަޢްދު ވެފައިވަނީ، 2 ނޮވެންބަރ 1917 ގައި އޭރުގެ އިނގިރޭސި ޚާރިޖީ ވަޒީރު ޖޭމްސް ބަލްފޯރ އާއި އިނގިރޭސި ވިލާތުގައި ދިރިއުޅޭ ޔަހޫދީ މުޖްތަމަޢުގެ ލީޑަރ ވޯލްޓަރ ރޮތްޗައިލްޑް އާދެމެދު ގައެވެ. މިއީ އިސްލާމުންގެ އެއްޙަރަމްފުޅު ކަމުގައިވާ ޤުދުސް ޔަހޫދީ ޒައިނިސްޓުން ދިރިއުޅުމަށް ދިނުމަށް ނިންމި، ވަޢްދު އެވެ. އެއްދުވަސް ވަރެއްގައި، 3 ވައްދުވެ މިނިންމާލީ، އެއްބިންތަކެއް އެކިފަރާތް ތަކަށް ދައްކައި ގެންނެވެ. މިވައްދު އަކީ، ދުރާލައި ރާވައިގެން، ފަލަސްޠީން ގައި ޔަހޫދީ ޒައޮނިސްޓް ދައުލަތެއް ގައިމުކޮށް ދިނުމަށް އިނގިރޭސިން ހިންގި އެންމެ ބޮޑު ޖަރީމާއެވެ. ޖޭމްސް ބަލްފޯރ އާއި ވޯލްޓަރ ރޮތްޗައިލްޑް، މިދެބޭފުޅުން ނާއި ޔަހޫދި ޒައިއޮނިޒަމް އާބެހޭ ކުރު، މަޢްލޫމާތުކޮޅެއް މިތާނގައި ގެނެސް ދޭނަމެވެ.

ވޯލްޓަރ ރޮތްޗައިލްޑް

ވޯލްޓަރ ރޮތްޗައިލްޑް (LIONEL WALTER ROTHSCHILD, 8 FEB 1868 – 27 AUG 1937) އުފަންވީ، ލަންޑަން ގައެވެ. ކިޔެވީ، އިނގިރޭސި ވިލާތުގައެވެ. ޒުވާން ދުވަސްވަރު، ޔޫރަޕްއަށް ދަތުރުކޮށް ހެދިއެވެ. އިނގިރޭސި ވިލާތުގެ ކެމްބްރިޖް ޔުނިވަރސިޓީ އަށް ވަނުމުގެ ކުރިން، ޖަރުމަންގެ ބޮން ޔުނިވަރސިޓީ އަށް ދިޔައެވެ. ކެމްބްރިޖް ނިންމުމަށް ފަހު، ބައްޕަގެ ޢާއިލީ ވިޔަފާރީގެ ތެރެއަށް، ބޭންކިން ވިޔަފާރީގެ ތެރެއަށް ވަދެ ޢާއިލާގެ އަމިއްލަ ބޭންކުގައި މަސައްކަތް ފެށީއެވެ. އެވިޔަފާރީގައި މަޝްހޫރުކަން ހޯދިއެވެ.

ވޯލްޓަރ ރޮތްޗައިލްޑްގެ ޅައުމުރަށް ބަލައިލާ އިރު، ޢުމުރުން އެންމެ، 7 އަހަރުގައި ދޫނިސޫފާ ސޫފި އާއި ޖަނަވާރުގެ އެކިބާވަތް ތަކަށް އިންތިހާއަށް ލޯބިކޮށް ހެދިއެވެ. އަދި އަމިއްލައަށް ޒޫލޮޖިކަލް މިއުޒިއަމް އެއް ހަދައި އެމަސައްކަތު ގައި ޝާމިލްވެގެން އުޅުނެވެ. އަދި ޢުމުރުން، 21 އަހަރުގައި ޢާއިލީ ވިޔަފާރި ކަމުގައިވާ ބޭންކިންގް ވިޔަފާރިއަށް ވަނެވެ. 1889 އިން ފެށިގެން، 1908 އަށް އެމަސައްކަތު ގައި ކާމިޔާބު ތަކެއް ހޯދިއެވެ. ވޯލްޓަރ ރޮތްޗައިލްޑްގެ އިސްކޮޅުގައި، 6 ފޫޓް، 3 އިންޗި ހުރެއެވެ. ވާހަކަދެއްކުމު ގައި ކުޑަކޮށް އާގަތުމެއް ހުރެއެވެ. ގެންގުޅުއްވާ ޖަނަވާރު ތަކާއެކު ގިނަ ވަގުތު ހޭދަކުރާކަމަށް ވެއެވެ. ވަލުޙިމާރުގެ، 6 ޙިމާރު ބޭނުންކޮށް ގެން ދުއްވާ ގާޑިޔަލެއް އަމިއްލައަށް ފަރުމާކޮށް ބޭނުންކޮށް ހެދިއެވެ. ވޯލްޓަރ ރޮތްޗައިލްޑް ރަސްމީކޮށް ޤާނޫނީ ކައިވެންޏެއް ނުކުރެއެވެ. އެހެނަސް ދެލޯބި ވެރިން، މިސްޓްރެސް އިންގެ ގޮތުގައި ގެންގުޅުނެވެ. އެއިން އެކަކަށް، އަންހެން ދަރިއަކު ލިބުނެވެ.

ވޯލްޓަރ ރޮތްޗައިލްޑް ސިޔާސީ މައިދާނުގައި ޔަހޫދީ ޒައޮނިސްޓުން ކުރިއެރުވުމަށް އިސްދައުރެއް އަދާކިރި އެވެ. އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ ފަރާތުން އިނގިރޭސި ރައްޔިތުންގެ މަޖިލީހުގައި ވަރަށް ހަރަކާޔްތެރި ކޮށް ސިޔާސީ ކަންކަމުގައި އުޅުނެވެ. އަދި، 1903 އިން ފެށިގެން، 1909 އަށް އިނގިރޭސި އަރމީ ތެރޭގައި ޚިދުމަތް ކުރިއެވެ. އަދި ހައިމް ވައިޒްމަން އާގުޅި ވަރުގަދަ ގާތްކަމެއް އުފެދުނެވެ. އަދި ޔަހޫދީ ޒައޮނިޒަމް ހަރަކާތުގައި މަސައްކަތްކޮށް، ފަލަސްޠީން ބިމުން އަމިއްލަ މިނިވަން ވަޒަނެއް ހޯދުމުގެ ހަރަކާތުގެ އެންމެމަތީ ފަޑިއަށް ވާޞިލްވިއެވެ. އެންމެ އިސްފަންތީގެ ލޯރޑް އަކަށް ވިއެވެ. އެގޮތުން އިނގިރޭސި ޚާރިޖީ ވަޒީރު ޖޭމްސް ބަލްފޯރ، ވޯލްޓަރ ރޮތްޗައިލްޑް އަށް، ބަލްފޯރ ވަޢްދުގެ މެސެޖްސިޓީ ފޮނުއްވީ، 2 ނޮވެންބަރ 1917 ގައެވެ. ވޯލްޓަރ ރޮތްޗައިލްޑް އަށް އިނގިރޭސި ޝާހީ ދަރުބާރުގެ މަތީ ލަޤަބެއްގެ ގޮތުގައި “ބަރޮން ރޮތްޗައިލްޑް” ގެނަން އެރުވުނެވެ. މިއީ ދެވަނަ ބަރޮން ރޮތްޗައިލްޑްއެވެ.

އާދެ! ވޯލްޓަރ ރޮތްޗައިލްޑްގެ ބައްޕައަކީ، ވަރަށް ފައިސާވެރި އެކެވެ. އަދި އިންޓަރނޭޝަނަލް ރޮތްޗައިލްޑް ފައިނޭންސިއަލް ދަރިކޮޅު މީހުންގެ ތެރެއިން އިނގިރޭސި ޝާހީޢާއިލާގެ ފަރާތުން ޔަހޫދީންނަށް އަރުވާ، އެންމެމަތީ ދަރަޖަ ލިބިގެން އިނގިރޭސި ވިލާތުގައި ދިރިއުޅެންފެށި، ފުރަތަމަ ޔަހޫދީ ފަރާތެވެ. އެއީ ފުރަތަމަ ބަރޮން ރޮތްޗައިލްޑް ލަޤަބް އެރުވުނު ބޭފުޅާއެވެ. ނަމަކީ، ލޯރޑް ނަތަން މޭޔަރ ރޮތްޗައިލްޑް (8 NOV 1840 – 31 MAR 1915) އެވެ. ވޯލްޓަރ ރޮތްޗައިލްޑް އަކީ، މީނާގެ ތިން ދަރީންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅެވެ. ފަހެ، މިއީ ޔަހޫދީ ދަރިފަސްކޮޅުގެ ވަރަށް ވަރުގަދަ ޢާއިލާ އެކެވެ. 1577 އިން ފެށިގެން، މަޝްހޫރުކަން މަތީގައި ދެމިގެން އަންނަ މުޅި ދުނިޔެއަށް މަޝްހޫރު ރޮތްޗައިލްޑް ދަރިކޮޅެވެ. ރޮތްޗައިލްޑް ޢާއިލާ އެވެ. މިޢާއިލާ އިން، 1777 ގައި އިނގިރޭސި ވިލާތުގައި ބޭންކް ވިޔަފާރި ފެށުމުން މަޝްހޫރު ވެގެން ގޮސްފައި ވަނީ، މުދަލާއި ފައިސާވެރި ބޭންކް ތަކުގެ އަހްލުވެރި ބައެއްގެ ގޮތުގައެވެ. ނުފޫޒާއި ބާރުވެރި ކަމުގެ ގަދަފަދަ ޔަހޫދީ ދަރިކޮޅެއްގެ ގޮތުގައެވެ. މިފެމެލީއަކީ، މުޅި ދުނިޔެއަށް ވެސް މަޝްހޫރު ބޭންކިންގ ފެމެލީއެއްގެ ލަޤަބް ލިބިފައިވާ ބައެކެވެ. ހަރުކަށި ޔަހޫދީންގެ މިޢާއިލާގެ ގިނަމީހުންނަކީ، ޒައޮނިޒަމް އަށް ތާއީދުކޮށް، ޒައޮނިސްޓް ޖުއިޝް ދައުލަތެއް ފަލަސްޠީން ގައި ވުޖޫދަށް ގެންނަން ބޭނުންވާ ބޮޑެތި ޒައޮނިސްޓުން ނެވެ. ޔަހޫދީ ޘަޤާފަތުގައި ޒައޮނިސްޓުން ނަކީ، ފަލަސްޠީން ބިމުން ޔަހޫދީންނަށް ދާއިމީ، މިނިވަން ވަޠޮނީ ބިމެއް ލިބިގަތުމަށް ހިންގުނު ޤައުމީ ހަރަކާތުގައި އުޅޭ ހަރުކަށި ޔަހޫދީންނެވެ.

އާދެ! މިޢާއިލާއިން ވަޑައިގެން ހުންނެވި، ވޯލްޓަރ ރޮތްޗައިލްޑް އަކީ، އިނގިރޭސި ޒައޮނިސްޓުންގެ ފެޑަރޭޝަންގެ ޒަޢީމެވެ. އިސްވެރިޔާއެވެ. އިނގިރޭސި ސަރުކާރާ އެކު، ބަލްފޯރ ވަޢްދު ކަށަވަރުކޮށް ހަދާއި ސޮއި ކުރުމުގެ ބޭނުމަކީ، ފަލަސްޠީނު ބިމުން، ޔަހޫދީންނަށް ހޯމްލޭންޑެއް ހޯދުމެވެ. ބަލްފޯރ އެއްބަސް ވުމަކީ، ފަލަސްޠީން ގައި ޔަހޫދި ދައްލަތެއްގެ ބިންގާ އެޅުމެވެ. ޒައޮނިސްޓް ފެޑަރޭޝަން އިނގިރޭސި ވިލާތުގައި ވުޖޫދަށް ގެނެވުނީ، 1899 ގައެވެ. ދެން މިހަރަކާތް ގަދަވަމުން އައިސް ބޮޑު ހަނގުރާމައިގެ ދުވަސްވަރު، މިފެޑަރޭޝަންގެ ދަށުގައި ޔަހޫދީ އެކިއެކި ތަފާތު، 120 ޖަމްޢިއްޔާ ވަނީ ބައިވެރި ވެފައެވެ. ފަންސާސް ހާސް މެމްބަރުން ނަށް ވުރެ ގިނަމެމްބަރުން އޭރު ރަޖިސްޓްރީގައި ތިއްބެވެ. ވޯލްޓަރ އަކީ، ކުރިން ދެންނެވުނު ހެން، ކޮންޒަވޭޓިވް ޕާޓީން، 1899 އިން ފެށިގެން، 1910 އަށް، އިނގިރޭސި ޕާލަމެންޓްގައި އިންނެވި ލޯރޑް އެކެވެ. ވޯލްޓަރ ރޮތްޗައިލްޑް އަށް ފަހު، ޒައޮނިސްޓް ފެޑަރޭޝަންގެ އިސް ވެރިއަކަށްވީ، ރަޝިޔާއިން އިނގިރޭސި ވިލާތަށް ހިޖުރަކޮށް އައިސް ހުރި، އިނގިރޭސި މުހާޖިރެއް ކަމުގައިވާ، ހައިމް ވައިޒްމަން އެވެ. ވޯލްޓަރ ރޮތްޗައިލްޑް އާއިލާއައި ވަރަށް ގާތްމީހެކެވެ. އަދި ހަމަ އެހެންމެ، 1903 ގައި އެންމެ ގަދަޔަށް ވާހަކަ ދެކެވެމުން ދިޔަ، އީސްޓް އެފްރިކާގެ ޔޫގެންޑާއިން ޔަހޫދީން ވަޒަންވެރި ވުމަށް ބިމެއް ހޯދުމުގެ ވިސްނުން މުޅިން ދޫކޮއްލައި، ފަލްސްޠީން އިން ޔަހޫދީ ޒައޮނިސްޓުން ނަށް ޤައްމީވަންތަ އަމިއްލަ ވަޠޮނީ ބިމެއް ހޯދުމަށް އެންމެ ގަދަޔަށް ބާރުއަޅާއި މަސައްކަތްކުރި މީހަކީ، ވައިޒްމަން އެވެ. ފަހުން ވައިޒްމަން އާ ބެހޭ ވާހަކަ ގެނެސްދޭ ނަމެވެ. إن شاء الله!  ދެން ފަހެ! ގެނެސް ދޭނީ، ޒައޮނިޒަމް އާބެހޭ ވާހަކަ ކޮޅެކެވެ.

ޒައޮނިޒަމް

ޒައޮނިޒަމް އަކީ، އިސްތިޢުމާރީ ޚުރާފީ ފިކްރެކެވެ. ޒައޮނިޒަމްގެ ފިކުރާއި ވިސްނުން ދުނިޔެއަށް އެންމެ ފުރަތަމަ އުފަންކުރީ، ޑޮކްޓަރ ނަތަން ބަރނަރ (16 MAY 1864 – 2 APR 1937) އެވެ. އަސްލުނަމަކީ، ނަތަން ބަރންބިޔަމް (NATHAN BIRNBAUM) އެވެ. މީނާ އުފަންވީ، އިރުމަތީ ޔޫރަޕްގެ ޔަހޫދީ ޢާއިލާ އަކުން، ވިއެއްނާ ގައެވެ. ވިއެއްނާ އަކީ، އޮސްޓްރިއާގެ ވެރިރަށެވެ. ބޮޑުވެގެން އައީ އެޒަމާނުގައި އެސަރަޙައްދު ގައި އަށަގެންފައިވާ ޠަބީޢީފިކްރު ތަކުގެ މައްޗަށެވެ. ރޫޙާނީ އެއްވެސް ކަންފުޅެއް ނެތް، މާއްދިއްޔަތުގެ މަތީގައެވެ. ޑޮކްޓަރ ނަތަން އަކީ، އޮސްޓްރިއާގެ ނޫސް ވެރިއެކެވެ. ޤައުމިއްޔަތާއި ވަޠަނިއްޔަތުގެ ވިސްނުމުގެ ބޭފުޅެކެވެ. ވިއެއްނާ ޔުނިވަރސިޓީން، 1882 އިން ފެށިގެން، 1886 އަށް، ލޯކިޔެވުމުގެ ތެރޭގައި، 1883 ވަނަ އަހަރުގައި ޢުމުރުން އެންމެ، 19 އަހަރުގައި ޔަހޫދީ ޒައޮނިސްޓް ފިކްރުގެ ކިޔަވާ ކުދިންގެ ޖަމްޢިއްޔާ، ކަޑިމާ (STUDENT ASSOCIATION – KADIMAH) އުފެއްދި އެވެ. މިއީ ދުނިޔޭގައި އުފެދުނު ފުރަތަމަ ޔަހޫދީ ޒައޮނިސްޓް ޚިޔާލުގެ ކިޔަވާ ކުދިންގެ ޖަމްޢިއްޔާ އެވެ. ފަހެ، ކަޑިމާ އަކީ، ޒައޮނިސްޓް ފިކްރުގެ ފެށުމެވެ. އަދި ދުނިޔޭގައި ޒައޮނިޒަމްގެ ފެށުމެވެ.

އާދެ! ޒައޮނިޒަމް މިނަން އުފެދިފައި ވަނީ، ހީބްރޫބަހެއް ކަމުގައިވާ. ޒިއޮން (ZION) ޞަހްޔޫން މިބަހަށް ނިސްބަތް ކޮށެވެ. ޒިއޮންއޭ ބުނެވިއްޖެ ނަމަ، އެބަސް އެ ނިސްބަތްވަނީ، އަދި ރަމްޒުކޮށް ދެނީ، ޖެރޫސަލަމް އަށެވެ. ފަހެ، ޒިއޮން މިބަހުގެ އަޞްލަކީ، ހީބްރޫބަހުން،TSION, TZION, SION  މިބަސް ތަކަށެވެ. މިއީ ޖެރޫސަލަމް އަށް، ނިސްބަތް ކުރާ ޙަޤީޤީ ތަނެވެ. ޒަމާންވީ ޤަދީމީ ފަރުބަދަ އެކެވެ. ހީބްރޫ ބަހަކީ، އަޞްލު ޔަހޫދީންގެ ބަސް ކަމުގައިވާ ޢަބްރާނީ ބަހެވެ. ޒިއޮން މިބަސް އެންމެފުރަތަމަ ބޭނުންކުރެވި ފައިވަނީ، މޫސާ ޢަލައިހިއްސަލާމް ގެ މައްޗަށް ބާއްވާލެއްވި، ތައުރާތް ގައެވެ. ތައުރާތުގެ ސެމްޔޫލް ފޮތުގެ ފަސްވަނަ ސޫރަތުގެ ހަތްވަނަ އާޔަތުގަ އެވެ. އަޞްލު ޔަހޫދީންގެ އޯލްޑް ޓެސްޓްމަންޓް ގައި، މިހާރުވެސް މިފޮތް އޮވެއެވެ. ޔަހޫދީންގެ އޯލްޑް ޓެސްޓްމަންޓް އެކުލެވިގެން ވަނީ، ސެމްޔޫލް ފޮތާއެކު، 4 ފޮތުގެ މައްޗަށެވެ. އާންމުކޮށް މިބަސް، ނިތްބަތް ކުރެވެނީ ފަލަސްޠީނުގައި ހުންނަ ޤަދީމީ ފަރުބަދަ އަކަށެވެ. ޖަބަލުއްޞަހްޔޫން އަށެވެ. ޞަހްޔޫން ފަރުބަދަ އަށެވެ. މައުންޓް ޒިއޮން އަށެވެ. މިއީ އޭރު އޯލްޑްސިޓީގެ ބޮޑު ފާރުންބޭރުގައި ހުންނަ ފަރުބަދަ އެކެވެ. ޔަހޫދީ ތާރީޚް ބުނާގޮތުން މައުންޓް ޒިއޮންއަކީ، ޓެންޕަލް މައުންޓް އެވެ. އެއީ މިހާރު ޙަރަމްޝަރީފް ކަމުގައިވާ، ޤުދުސް އައި ގުޅުފައިވާ ހިސާބެވެ. މިހާރުގެ ޤުދުސް ސިޓީއެވެ. ފަލަސްޠީނުގެ އެންމެމާތް ބިމެވެ. މަސްޖިދުލް އަޤްޞާ ހުންނަ ބިމެވެ. މުސްލިމުންގެ މާތް ވެގެންވާ ޙަރަމް ފުޅެކެވެ. ޔަހޫދީން ދެކޭ ގޮތުގައި މާތް ވެގެންވާ ޤުދުސް ބިމަކީ، ދާއޫދުގެ ފާނުގެ ބިމެކެވެ. ޤުދުސް އަކީ ދާއޫދުގެ ފާނުގެ ރަށެވެ. މުސްލިމުންގެ ޢަޤީދާއަކީ ވެސް ފަލަސްޠީން އަކީ، މުސްލިމުންގެ ބިމެކެވެ. ޔަހޫދީންނާއި ކްރިސްޓިއަނުން ނާއި ރޯމަނުން ނާއި އަދި މުސްލިމުންގެ ވެސް ބިމެވެ. ޒައޮނިސްޓުން ނޭ މިކިޔާ ޚުރާފީންގެ ބިމެއް ނޫނެވެ. އިސްތިޢުމާރީންގެ ބިމެއް ވެސް ނޫނެވެ. އެހެނަސް ޒައޮނިޒަމްގެ ވިސްނުމުގައި މިބިމަކީ، އެމީހުންގެ އަމިއްލަ، މިނިވަން ވަޒަނެއް އުފެއްދުމަށް، ކަނޑައެޅިފައި އޮތް މާތްވެގެންވާ ބިމެވެ. ޑޮކްޓަރ ނަތަންގެ ދުވަސްވަރުން ފެށިގެން މިފިކްރު ދިރި ދެމި، އުތުރި އަރާއި ކިޔަވާ ކުދިންގެ ޖަމްޢިއްޔާ ކަޑިމާ އެއް އުފެދި، އިރުމަތީ ޔޫރަޕްގައި ކިޔަވަމުން ގެންދިޔަ ޒުވާނުން އެދުވަސް ވަރުން ފެށިގެން މިފިކްރު ދެމިގެން އައިސްފައި ވެއެވެ. މީގެތެރެއިން ގްރާސްރޫޓް ގްރޫޕް ތަކެއް އުފެދި، ޒައޮނިސްޓުން ނަށް އަމިއްލަ ވަޒަނެއް ފަލަސްޠީނު ގައި ބިނާ ކުރުމުގެ ރޫޙްއެއް އުފެދި، އެފިކްރާއި ވިސްނުން ޕްރޮމޯޓް ކުރަންފެށު ނެވެ. މިގްރޫޕް ތަކަށް ދެވިފައިވާ ނަމަކީ، “ލަވަރސް އޮފް ޒިއޮން” އެވެ. މިޓަރމް ފުރަތަމަ ފަހަރަށް ބޭނުންކުރީ، ކަޑިމާ އަށް ނިސްބަތްކޮށެވެ. އެދުވަސް ވަރަކީ ރޭސިޒަމް އާއި އިންސާނީ ތަފާތުކުރުން އުތުރި އަރައިގެން އައި ދުވަސް ވަރެވެ. އެބަޔަކު ނިސްބަތްވާ، ވަޒަނަށް ނުސީދާކޮށް އަމާޒުކޮށެވެ. ނަސްލީ ތަފާތުތައް ކުރުމުގެ ފިކްރު އިރުމަތީ ޔޫރަޕްގައި ގަދައަށް ފެތުރެމުން އައި ދުވަސްވަރެވެ. އާރިއަނުން އެމީހުންގެ އިމިއްލަ ފިކްރެއް އުފެއްދި އެވެ. ޢަމޫރީން އެމީހުންގެ ފިކްރެއް އުފެއްދި އެވެ. އަދި ނާޒީން ވެސް މިޢަޤީދާއަށް ތަބާވެ ނާޒީންގެ ފިކްރު ވުޖޫދަށް ގެނެސް ޚުރާފީ މަޖްހަބެއް އުފެއްދީ އެވެ.

އާދެ! ޒަމާނީ ޒައޮނިޒަމްގެ ސްޕޯކް ޕާސަން އަކީ، އަދި ފައުންޑަރަކީ، ތިއޮޑޯރ ހާޒަލް (THEODOR HERZL, 2 MAY 1860 – 3 JUL 1904) އެވެ. ތިއޮޑޯރ ހާޒަލްގެ ފިކްރު އަކީ ވެސް، ޑޮކްޓަރ ނަތަންގެ ފިކްރުއެވެ. ތިއޮޑޯރ ހާޒްލް އަކީ، ޒައޮނިޒަމްގެ ފިކްރު އާންމުކޮށް ލިޔުންތަކަށް ގެނެސްދިން ބާނީއެވެ.  ތިއޮޑޯރ ހާޒަލްގެ ފިކްރުއަކީ، ވެސް ޒައޮނިސްޓް ޔަހޫދީންނަށް އަމިއްލަ މިނިވަން ބިމެއް ފަލަސްޠީނުން އުފެއްދުމެވެ. އަދި އެބިމުގައި އިސްރާއީލީ ދައުލަތެއް ވުޖޫދަށް ގެނައުމެވެ. ޒައޮނިޒަމް އުފެދި ވަރުގަދަ ވެގެން އައި އިރު، ފަލަސްޠީން އޮތީ، ޢުޘްމާނީ ޚިލާފަތްގެ ދަށުގައެވެ. މުސްލިމުން ޒަމާނުއްސުރެ، ވެރިކަން ކުރަމުން ދިޔަ ތަނެއްގެ ގޮތުގައެވެ. ހާޒަލް އަކީ ވެސް ނަތަން ފަދައިން، އޮސްޓްރޯ ހަންގޭރިއަން ނޫސް ވެރިއެކެވެ. އިސްރާއިލީ ދައުލަތުގެ ފިކްރު ލިޔުމަށް ގެނެސް ދިނީ މީނާއެވެ. “ދަ ޖުއިޝް ސްޓޭޓް” މިނަމުގައި ފޮތެއް ލިޔުނެވެ. މިފޮތް ލިޔުނީ، 1890 ގެ އަހަރު ތަކުގައެވެ. ޕަބްލިޝް ކުރީ، 14 ފެބްރުއަރީ 1896 ގައެވެ. ހާޒަލް އަކީ، ސިޔާސީ ހަރަކާތް ތެރިއެކެވެ. ލިޔުންތެރި އެކެވެ. އެކަޑަމިކް މީހެކެވެ. ޒަމާނީ ޒައޮނިޒަމްގެ ބައްޕައެއް ކަމުގައި އަމިއްލައަށާއި އެހެންމީހުން ޤަބޫލްކުރާ މީހާއެވެ. އަދި ހާޒަލް އަކީ، ފައުންޑަރ އޮފް ދަ އިސްރާއީލީ ސްޓޭޓް އެވެ. ފަހެ، އިސްރާއީލީ ދައުލަތުގެ ބާނީއާއި ބައްޕައެވެ.

އާދެ! ތިއޮޑޯރ ހާޒަލްގެ ފިކްރު ބޮޑު ހަރަކާތަކަށްވެ، 1897 ގައި، ސްވިޓްޒަލޭންޑް ބާޒުލް ގައި ފުރަތަމަ ޒައޮނިސްޓް ކޮންގްރެސް އެއް ބޭއްވުނެވެ. މިކޮންފަރެންސްގެ “އޮޑެއްސާ” ކޮމެޓީގައި، 4000 ޒައޮނިސްޓުން ގުނާލެވުނެވެ. މިކޮންގްރެސް އިން ދުނިޔޭގެ ޒައޮނިސްޓް ޖަމްޢިއްޔާ (WORLD ZIONIST ORGANIZATION) ޑަބްލިއޫ. ޒެޑް. އޯ އުފައްދައި މުޅި ދުނިޔޭގައި މިހަރަކާތް ޢަމަލީ ގޮތުންފެށީއެވެ. އެންމެ ވަރުގަދަކޮށް މިހަރަކާތް އޮތީ، އިނގިރޭސި ވިލާތުގައެވެ. ފަލަސްޠީނުގައި ޒައޮނިސްޓުން ނަށް އަމިއްލަ މިނިވަން ވަޒަނެއްގެ ގޮތުގައި ބިމެއް މިލްކުކުރުމުގެ މަސައްކަތް ވަރަށް ރޭވިގެން، އިނގިރޭސި ވިލާތުގައި ހިނގައި ގަތެވެ. އިނގިރޭސި ވިލާތުގައި ވެސް، ޔަހޫދި ޒައޮނިސްޓް ޖަމްޢިއްޔާއެއް ވުޖޫދަށް ގެނެވުނެވެ. އަދި މިޖަމްޢިއްޔާގެ ވެރިއަކަށް، ވޯލްޓަރ ރޮތްޗައިލްޑް އިސްކުރެ ވުނެވެ. އަދި ބަލްފޯރ އެގްރީމަންޓް ވަޢްދު އިނގިރޭސި ޚާރިޖިއްޔާއިން، މިޖަމްޢިއްޔާގެ ވެރިޔާ، ރޮތްޗައިލްޑް އާއެކު ހެދީއެވެ. ފަހެ، އެހިސާބުން ތިއޮޑޯރ ހާޒަލްގެ މަސައްކަތް ޙަޤީޤަތަކަށް ވެގެން ދިޔައީއެވެ. ޒައޮނިސްޓް ހަރަކާތަށް ފުރަތަމަ ފަހަރަށް ދިދައެއް ފަރުމާކޮށް ދިނީ، ތިއޮޑޯރ ހާޒަލް އެވެ. އެއީ ދާއޫދު ގެފާނުގެ ކާލިގަނޑު ކަމުގައި ބުނެވޭ، 6 ކަންލީތަރީގެ، 6 ކަނަށް ވާގޮތަށް، 6 ނުކުތާ ޖެހި، ހުދު ފޮތިގަނޑެ ކެވެ.

ޒައޮނިޒަމްގެ ވައްތަރުތައް މިއަދާ ހަމައަށް، 5 ބަޔަކަށް ބެހިފައި ވެއެވެ. އެއީ ޖެނެރަލް ޒައޮނިޒަމް (GENERAL ZIONISM) އާއި ރެލިޖަސް ޒައޮނިޒަމް (RELIGIOUS ZIONISM) އާއި ލޭބަރ ޒައޮނިޒަމް (LABOR ZIONISM) އާއި ރެވިސަނިސްޓް ޒައޮނިޒަމް (REVISIONIST ZIONISM) އާއި ގްރީން ޒައޮނިޒަމް (GREEN ZIONISM) ފަދަ އެއްފިކުރެއްގެ އެކިބާވަތުގެ ޖަމާޢަތްތަކެވެ.  ޒައޮނިޒަމްގެ ގޮފިތަކެވެ. މިހުރިހާ ޒައޮނިސްޓުން ޤަބޫލްކުރާ ގޮތުގައި ލޭންޑް އޮފް އިސްރާއީލް އަކީ، ލޭންޑް އޮފް ކަންޢާން (LAND OF CANAAN) އެވެ. އަދި ކަންޢާން އަކީ އެމީހުންގެ ހައްޤު އިސްރާއީލީ ބިމެވެ. އެހެނަސް ކަންޢާނީންނަކީ، ފަލަސްޠީނުގެ އަޞްލު އަހުލްވެރިން ކަމުގައިވާ، މުސްލިމުން ނެވެ. ކަންޢާން ބިމަކީ، އެމުސްލިމުންގެ މިލްކުބިމެވެ. މުޅިއެބިމަކީ، ފަލަސްޠީން އެވެ. ފަލަސްޠީން އަކީ، މުސްލިމުންގެ ހައްޤު ބިމެކެވެ. ޒައޮނިސްޓް ޔަހޫދީންނަކީ، ގަދަކަމުން ފަލަސްޠީންގެ ބިމަށް އަރައިތިބި ބައެކެވެ. ފަހެ، އެއީ މުސްލިމުންގެ އަތުން ގަދަކަމުން ފޭރިގެންފައި ވާބިމެކެވެ.

އާދެ! ޒައޮނިޒަމް އަކީ، ޢަރަބި ބަހުން، ޞަހްޔޫނިއްޔަތް އެވެ. (الصهيونية) އެވެ. ފަހެ، ޒައޮނިޒަމް އަކީ، ދީނީ، ޚުރާފީ މަޛްހަބް ތަކުގެ ތެރެއިން، އިންސާނިއްޔަތް އަށް އެންމެ ނުރައްކާތެރި އިސްތިޢުމާރީ މަޛްހަބް އެވެ. މަޤްޞަދަކީ، މުޅި ދުނިޔެއަށް ވެރިވެ ދުނިޔޭގެ އެންމެމަތީ ބާރަށް ވުމެވެ. ބޮޑު އިސްރާއީލެއް އުފެއްދުމެވެ. ޙަޤީޤަތުގައި ދުނިޔޭގައި ހިނގަމުންދާ ބޮޑު ހަނގުރާމަ އަކީ، ޒައޮނިސްޓުންނާއި މުސްލިމުންނާ ދެމެދު ހިނގަމުން މިދާ ދުވަސްވީ، ޤަދީމީ ހަނގުރާމަ އެވެ. މިއީ ޤިޔާމަތާ ހަމައަށް ދެމިގެންދާނެ ހަނގުރާމަ އެކެވެ. ޒައޮނިސްޓް އަދި ޞަހްޔޫނީ ސިއްރު ޖަމާޢަތްތައް ދުނިޔޭގެ އެތަން މިތާގައި ހަރަކާތްތެރި ވަމުން ދެއެވެ. މާސޫނީ ޖަމާޢަތްތަކާއި ބަހާއީ ޖަމާޢަތްތަކާއި ޤާދިޔާނީ ޖަމާޢަތްތަކާއި ރޯޓަރީ ކްލަބް ތަކާއި އެކިނަންނަމުގެ ނާދީތަކަކީ، މިހާރު މިހަރަކާތުގެ ގޮފިތަކެވެ. ދިވެހި ރާއްޖޭގައި ވެސް އެކިނަންނަމުގައި މީގެ ޖަމާޢަތްތައް މިހާރުވަނީ އުފެދި ހަރަކާތްތެރި ވާން ފަށާފައެވެ. އަދި ސީދާ ރޯޓަރީ ކްލަބްގެ ނަމުގައި ވެސް، މިނިސްޓްރީ އޮފް ހޯމް އެފެއާޒް ގައި ރަޖިސްޓްރީ ކުރެވިގެން ހިންގަމުން އެބަދެއެވެ. މިވާހަކަތައް މިހާ ތަފްޞީލްކޮށް މިގެނެސް ދެނީ، ދިވެހި ސައްތައިން ސައްތަ އިސްލާމީ ކިޔަވާ ކުދިންގެ ސަމާލުކަމަށް ގެނެސް ދިނުމަށެވެ.

ޖޭމްސް ބަލްފޯރ

ބޮޑު ހަނގުރާމައިގެ ދުވަސްވަރު، އިނގިރޭސި ވިލާތުގައި ފޮރިން ސެކްރެޓަރީ އަކަށް ހުންނެވީ، ޖޭމްސް ބަލްފޯރ (ARTHUR JAMES BALFOUR, 25 JUK 1848 – 19 MAR 1930) އެވެ. ޖޭމްސް ބަލްފޯރ އަކީ، އިނގިރޭސި ކޮންޒަވޭޓިވް ޕާޓީއަށް ނިސްބަތްވާ ވަރުގަދަ ސިޔާސީ ލީޑަރެކެވެ. 1902 އިން ފެށިގެން، 1905 އަށް، އިނގިރޭސި ވިލާތުގެ ޕްރައި މިނިސްޓަރ ކަން ކުރެއްވި ހަރުދަނާ، ސިޔާސީ މާހިރެކެވެ.

އާދެ! ބަލްފޯރ ވަޢްދުއަކީ، ވޯލްޓަރ ރޮތްޗައިލްޑް އާއި ހައިމް ވައިޒްމަން ގެ ނުފޫޒާއި ބާރާއެކު، ޖޭމް ބަލްފޯރ އިނގިރޭސި ޔަހޫދީ ޒައޮނިސްޓް ސޮސައިޓީ އަށް، ޒައޮނިސްޓުން ފަލަސްޠީން ގައި ރައްވެހިވާނެ ބިމެއް ހޯދައިދިނުމުގެ ގޮތުން، އެވަގުތު ޒައޮނިސްޓް ސޮސައިޓީގެ އިސް ވެރިޔާއަށް ހުންނެވި، ވޯލްޓަރ ރޮތްޗައިލްޑް އަށް ރަސްމީކޮށް ފޮނުވި، އެއްބަސްވުމުގެ ސިޓީއެވެ. ފަހެ، މިސިޓީގައި ވަރަށް ސާފުކޮށް، ފަލަސްޠީން ބިމުން ޔަހޫދީ ޒައޮނިސްޓުން ނަށް ޤައުމީވަންތަ ގެވެހިކަމުގެ އަމިއްލަ މިނިވަން ބިމެއް އުފައްދައި ދޭނެ ކަމުގެ މޭންޑޭޓް ކަށަވަރު ކޮށް ދީފައި ވެއެވެ. މިސިޓީ ވެގެން ދިޔައީ، ފަލަސްޠީން ގައި ޔަހޫދީ ޒައޮނިސްޓުން ނަށް ވަޒަންވެރި ވުމަށް، ފަލަސްޠީންގެ ބިމުން މުހިންމު ބައެއް މިލްކުކޮށް ދިނުމުގެ އެގްރީމަންޓް އަށެވެ.

ބަލްފޯރ ޑެކްލަރޭޝަންގެ ނަމުން މިވަޢްދު މަޝްހޫރު ވެގެން ދިޔައީ، އެއްބަސްވެވުނު ސިޓީގައި އިނގިރޭސި އެންޕަޔަރގެ ފަރާތުން، ސޮއިކުރެއްވި ފޮރިން ސެކްރެޓަރީ އަކީ، އަރްތޫރ ޖޭމްސް ބަލްފޯރ އަށް ވާތީ، އެބޭފުޅާގެ ފަހުނަމަށް ނިސްބަތް ކޮށެވެ. ވަރަށް ސާފު ބަހުން މިއެއްބަސް ވުމުގައި ފަލަސްޠީނުގެ ނަންގަނެ އެބިމުގައި ޔަހޫދީންނަށް ޤައުމީ ވަޒަނެއް ބިނާކޮށް ދޭނެ ކަމަށް ވަޢްދުވެފައި ވެއެވެ. ބަލްފޯރ އެގްރީމަންޓް ގައި ސޮއި ކޮށްފައި ވަނީ، 2 ނޮވެންބަރ 1917 ގައެވެ. ރަސްމީކޮށް، އިނގިރޭސި ފޮރިން އޮފީހުގެ ނަމުގައެވެ. އެޑްރެސް ކޮށްފައި ވަނީ، ޑިއަރ ލޯރޑް ރޮތްޗައިލްޑް އަށެވެ. މީގެ ހަފްތާއެއް ފަހުން، މިއެއްބަސް ވުމުގެ މަތަން، އަކުރުން އަކުރަށް، ނައްޞުއޮތް ގޮތަށް އިނގިރޭސި މީޑިއާއަށް ގަސްތުގައި އާންމުކޮއްލި އެވެ. އެއްގޮތަކަށް ވެސް ސިއްރު ކުރާކަށް ބޭނުމެއް ނުވިއެވެ. އިނގިރޭސި ވިލާތުގެ ޤައްމީ ދުވަހު ނޫހެއް ކަމުގައިވާ، ދަޓްއިމްސް ނޫހުގެ، 9 ނޮވެންބަރ 1917 ވަނަ ދުވަހުގެ ޢަދަދުގައި “ޕަލަސްޓައިން ފޯރ ދަޖޫސް” މިސުރުޚީގެ ދަށުން، މިވަޢްދުގެ ވާހަކަތައް ގެނެސްދިނެވެ، އަދި ރަސްމީ ސިފައެއްގައި އާންމުކޮށް އިޢްލާން ކުރެވުނެވެ. ފަހެ، މިކަން އިނގިރޭސިން މިކުރީ، ދެވަނަ ވައްދުއާ ވަރަށް ތަފާތުކޮށެވެ. އިނގިރޭސިން ފަރަންސޭސިން ނާއި ރަޝިޔަނުންނާއެކު ވީ ވަޢްދު ކަމުގައިވާ، ސައިކްސް ޕިކޮޓް އެއްބަސްވުން ގެންގުޅުނީ، ބޮޑު ސިއްރެއްގެ ގޮތުގައި ވަރަށް ސިއްރު ކޮށެވެ. ރަޝިޔާގެ އެތެރޭގައި ހިނގި އިންގިލާބަކަށް ފަހު، ރަޝިޔާއިން ފަޅާ އަރުވާލަންދެން، އެވަޢްދުއޮތީ ބޮޑު ސިއްރެއްގެ ގޮތުގައެވެ.

އާދެ! ބަލްފޯރ ވަޢްދު ވެގެންދިޔައީ މުޅި ދުނިޔެއަށް ފާޅުގައި އިނގިރޭސިން، ޔަހޫދީ ޒައޮނިސްޓުން ނަށް ޤައްމީ ވަޠޮނެއް، އިސްލާމީ އުންމަތުގެ ފަލަސްޠީން ބިމުން، ހިބަކޮށް ދިނުމަށް ހިންގިވަރަށް އަނިޔާވެރި، ނޭއްގާނި މާސިންގާ އޮޅުވާ ލުމަކަށެވެ. ފާހަގަ ކުރެވުނީ، އިސްލާމީ އުންމަތާމެދު ހިންގި ބިޔަ ޖަރީމާއެއްގެ ގޮތުގައެވެ. އަދި ޢުޘްމާނީ ޚިލާފަތަށާއި މައްކާޝަރީފް ޙުސައިން ބިން ޢަލީ އަށާއި ހުރިހާ ޢަރަބިންނަށް، އިނގިރޭސިން ޖަހާލި ބޮޑު ގޮމަކަށެވެ. ރާވައިގެން ޤަޞްދުގައި އޮޅުވާލި މަކަރުވެރި ރޭވުމަކަށެވެ. އަދި އަދާ ހަމައަށް ވެސް، މުސްލިމުން ގެންދަނީ އެކަމާ އިންތިހާއަށް ހިތާމަ ކުރަމުންނެވެ. ފަހެ، އިއްތިޙާދީންނަށް މިޚަބަރު ލިބުމާއެކު، ޖަރުމަނު ގައި ވެސް ޔަހޫދީންގެ ރޫޙް އާލާވެ، ޔަހޫދީ ސޮސައިޓީއެއް ޖަރުމަނުގައި އުފެއްދިއެވެ. އަދި ތުރުކީގައި ހުންނެވި، ގްރޭންޑް ވަޒީރު ޠޮލްޢަތް ޕާޝާ، ވަގުތުން ސްޓޭޓްމަންޓެއް މިކަން ހާމަކޮށް، ނެރުނެވެ. ފަލަސްޠީން ބިމުގައި ޔަހޫދީންގެ ހުރިހާ ޙައްޤުތަކަކާއި ހުރިހާ އެދުންތަކެއް ހިތްހަމަ ޖެހުމާއެކު ފުއްދުމަށް ޓަކައި އިންސާފުވެރި ނަޒަރަކުން ބެލުމަށް، އެބަޔާނުގައި ގޮވާލެއްވި އެވެ. މިޕާޝާއަކީ، އިނގިރޭސިން ތުރުކީގައި އުފެއްދި ޔަންގް ޓަރކްސްގެ ލީޑަރއެވެ. ފަހެ، މިހާހިސާބުން މިވަޢްދު ދުނިޔޭގެ ހުރިހާ ތަންކޮޅެއް ގައި ތިބި، ޒައޮނިޒަމް ފިކްރުގެ ޔަހޫދީންގެ މުޤައްދަސް ޢަޒުމް އަކަށްވެ، ގަދައަށް ވައިގައި ހިފީއެވެ. ދެން ބަލާލާނީ، އިސްރާއީލްގެ ބާނީ، ހައިމްވައިޒްމަން އަށެވެ. (ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.