(16 މާރިޗު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޓީ.އީ ލޯރެންސް
ޓީ.އީ ލޯރެންސް ދުނިޔެއަށް މަޝްހޫރު ވެފައިވަނީ، ” ލޯރެންސް އޮފް އެރޭބިޔާ ” ގެ ނަމުންނެވެ. ފުރިހަމަ ނަމަކީ، ތޯމަސް އެޑްވަރޑް ރޯލެންސް (THOMAS EDWARD LAWRENCE, 16 AUG 1888 – 19 MAY 1935) އެވެ. މީނާއަކީ، އިނގިރޭސި ޢަސްކަރީ އޮފިސަރެކެވެ. އިނގިރޭސިން ގާތުގައި މީނާގެ މަޤްބޫލުކަން އިތުރުވެފައި ވަނީ، ސީނާ އަދި ފަލަސްޠީން ކެންޕޭން ގައި ޢަރަބި ލަޝްކަރުތަކާ އެކުގައި ގުޅިގެން ކުރެވުނު ހަނގުރާމަ ތަކުގައެވެ. ޢުޘްމާނީ ޚިލާފަތުގެ ދަށުގައި އިސްލާމުން ވެރިކަން ކުރަމުން ގެންދިޔަ ރައްތައް ހިފުމަށް ކުރެވުނު، މުޑުދާރު އަދި ވަޙުޝީ ހަނގުރާމައިގެ ތެރެއިންނެވެ. ޚާއްޞަކޮށް ޢުޘްނާމީ ޚިލާފަތް އައި ދެކޮޅަށް، އިނގިރޭސިން އަޑީގައި ތިބެގެން ޢަރަބި ލަޝްކަރުތައް ލައްވައި ހިންގުވި، ޢަރަބި ހަނގުރާމަ ތަކުންނެވެ. މިކަންތައްގަނޑު ހިނގައި ދިޔައީ، 1916 އިން ފެށިގެން، 1918 އައި ދެމެދުގައެވެ.
އާދެ! ޢުޘްނާމީ ޚިލާފަތް އައި ދެކޮޅަށް ޢަރަބިން ކުރި ހުރިހާ ހަނގުރާމަތައް ރާވާއިދީ ހިންގުމުގައި މައްކާ ޝަރީފް ޙުސައިންގެ ދެބޭންކަމުގައިވާ، ފައިޞަލް އާއި އަބްދުﷲ އަސް މަދަދާއި އެހީތެރިކަންދީ ޢަމަލީގޮތުން ޓީ.އީ ލޯރެންސް ހަނގުރާމަ ތަކުގައި ބައިވެރިވި އެވެ. އިނގިރޭސި ލަޝްކަރުގެ ފުރިހަމަ އެހީތެރިކަމާ އެކު، މިހަނގުރާމަތައް ކުރިޔަށް ގެންގޮސް ޚިލާފަތްގެ ދަށުގައިހުރި ހުރިހާ ބިންތަކެއް ހިފީއެވެ. އެބިންތަކަށް ވެރިވެގަތީއެވެ. 1917 ގައި ޢަޤަބާ ހިފުމުގައި ޢަރަބި ލަޝްކަރުގެ އިސް ގޮރިއްލާ ލީޑަރަކަށް ހުރީ ޚުދު ޓީ.އީ ލޯރެންސް އެވެ. ޢަރަބި ލަޝްކަރުތަކަށް،ޖެނެރަލް އެލަންބީގެ ލަޝްކަރު ތަކުގެ އެހީ ބަރާބަރަށް ލިބެމުން ދިޔައެވެ. އަލްޢަޤަބާ އަކީ، ރެޑްސީގެ އައްސޭރީގައި އޮންނަ ރަށެކެވެ. އެއީ މިހާރު ޖޯރޑަންގެ އައްސޭރި ރަށެވެ. އަދި ވެސް އިތުރު ރައްތައް މިލަޝްކަރުން ހިފަމުން ގެންދިޔައެވެ. ޢަޤަބާ ހިފުމާއެކު، ކިންގްޑޮމް އޮފް ޙިޖާޒުގެ ބަޔަކަށް ހަދައި އެރަސްކަމުގެ ދަށަށް އެބައި ގެނައެވެ. އަދި ފަހުން ޓްރާންސް ޖޯރޑަން އުފެއްދީ އެބިމުގަ އެވެ.
އާދެ! ޓީ.އީ ލޯރެންސް އަކީ ޤާނޫނީ ކައިވެންޔަކުން ލިބުނު ދަރިއެއް ނޫނެވެ. ވިހެއީ އިނގިރޭސި ވިލާތުގެ ވޭލްސް (WALES) ގައެވެ. ލޯރެންސް ލިބުނު ދެމަފިރިން، އެމީހުންނަށް އެޑްރެސް ކުރުމުގައި ބޭނުންކުރަނީ، މިސްޓަރ އެންޑް މިސިޒް ލޯރެންސް އެވެ. 1896 ގައި އޮކްސްފޯރޑް (OXFORD) އަށް، މިޢާއިލާގެ ދިރިއުޅުން ބަދަލު ކުރިއެވެ. އަދި، 1907 އިން ފެށިގެން، 1910 އަށް ޖީސަސް ކޮލެޖުން، ތާރީޚްގެ ޢިލްމު އުނގެނި ފަސްޓްކްލާސް ހޮނަރސް އިން ފާސްވިއެވެ. އެއަށް ފަހު، މިޑްލްއީސްޓްގެ އާކިއޮލޮޖިސްޓް އެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާއި އިނގިރޭސި ވިލާތުގެ ބައެއް މަޝްހޫރު ތާރީޚީ ޢިލްމުވެރިންނާ އެކު، މެދުއިރުމަތީ ގައި އެކިއެކިއާސާރީ ކޮނުން ތަކުގައި ޢަމަލީގޮތުން ބައިވެރިވިއެވެ. 1908 ގައި އޮކްސްފޯރޑް ޔުނިވަރސިޓީން އޮފިސަރ ޓްރޭނިންގް ކޮރޕްސް، މިކޯރސް ދެއަހަރު ވަންދެން ހެދިއެވެ. މިއީ މިލިޓްރީއަށް ތެރެއަށް ވެއްދުމުގެ ބޭނުމުގައި މީނާލައްވާ ކުރުވި ކަމެކެވެ. މިއީ މެދުއިރުމައްޗަށް އިނގިރޭސި ޖާސޫސެއްގެ ގޮތުގައި ފޮނުވުމަށް ތައްޔާރު ކުރުމަށް ހިންގުނު އަސާސީ ކަންތަކެވެ. އެއަށް ފަހު، 1914 ގައި ބޮޑު ހަނގުރާމަ ފެށުމުން އިނގިރޭސި ޢަސްކަރީ އޮފިސަރެއްގެ ގޮތުގައި މެދުއިރުމަތީ ގައި ވަރަށް ޝައުޤުވެރިކަމާ އެކު މީނާ އަމަލީގޮތުން ހަރަކާތްތެރި ވިއެވެ. ފަލަސްޠީނުގެ އަލްނަޤަބް (NEGEV) ސަޙަރާގައި ކުރެވުނު ސާވޭތަކާއި ސިއްރު ރިސާޗްތަކެއް ހެދުމުގައި ޢަމަލީގޮތުން ބައިވެރިވެ އުޅުނެވެ. މިމަސައްކަތުގައި އުޅުމުގެ ތެރޭގައި ޢަރަބިންނައި ވަރަށް ގާތްގުޅުމެއް ލޯރެންސް އުފައްދާއި މައްކަ ޝަރީފް ޢާއިލާގެ ވަރަށްގާތް ރަޙްމަތްތެރި އަކަށް ވިއެވެ. އަދި އެޢާއިލާގެ ރަހްމަތްތެރި ކަމުގެ ބަދަހި ގުޅުމުން ޢަރަބިންގެ ލޯތްބާއި ކުލުނުހޯދީ އެވެ.
އާދެ! ލޯރެންސް އާއި މައްކާ ޝަރީފް ޙުސައިން އާއި ޙުސައިންގެ ތިންބެއިންނާއި ޢަރަބި ދުނިޔެއައި ގުޅުވައިގެން ލޯރެންސް މުޅި ދުނިޔެއަށް، މަޝްހޫރުކޮށް ނެރެދިނީ، އެމެރިކާގެ ފަތުރުވެރިއެއް ކަމުގައިވާ، ލޯވެލް ތޯމަސް (LOWELL THOMAS, 1892 – 1981) އެވެ. މި ފަތުރުވެރިޔާ ޙިޖާޒްކަރައަށް ކުރި ދަތުރެއްގައި ޢަރަބި ރަސްރަސްކަލުން ނާއި އަމީރުންނާއެކު ގަނޑުވަރު ތެރޭގައި ދޮން އިނގިރޭސިއަކު، ބޮޑު ޢަރަބި ހެދުމެއް އަޅައިގެން ސިޔާސީ ކަންކަމުގައި ނަގާކިޔަން އުޅެމުންދާ ތަން ފެނުމުން، މީނާގެ ހިތަށް ކުރި އަސަރުތަކާއި އިޙްސާސް ތަކާ ހެދި، ލޯރެންސް އަށް “ލޯރެންސް އޮފް އެރޭބިއާ” ގެ ނަމުން ނަންދިނީ އެވެ. އަދި ލޯރެންސް އާ ބެހޭގޮތުން ލިޔުންތައް ދުނިޔެއަށް އާންމުކުރީއެވެ. އަދި ފަހުން ލޯރެންސް އޮފް އެރޭބިއާގެ ނަމުގައި ސޭމް ކިޔާ މީހަކު ފިލްމެއް އުފައްދައި މަޝްހޫރުކަން ހޯދިއެވެ. މިދެންނެވި ސޭމް (SAM SPIEGEL, 1985 – 1901) އަކީ، އޮސްޓްރޭލިއާ އަށް އުފަން އެމެރިކާގެ ރައްޔިތެކެވެ. ވަރަށް މަޝްހޫރު ފިލްމުތައް އުފަންކުރި ފިލްމު ޕްރޮޑިއުސަރ އެކެވެ. “LAWERENCE OF ARABIA” މިފިލްމު އުފައްދައި މަޝްހޫރުކަން އިތުރަށް ހޯދިއެވެ. މިފިލްމު ބަލާލުމުން އިތުރަށް މައްކާގެ އަމީރުންގެ މައްޗަށް ލޯރެންސްގެ ހުރި ގަދަކަމާއި ޢަރަބި ހަނގުރާމަ ތަކުގައި އެންމެ އިސްރޯލެއް ކުޅެދީ، ޙަމަލާތައް ދޭންވީ ތަންތަން ބުނެދީ، މުޅި ހަނގުރާމަ ލީޑްކޮށްދިނީ ލޯރެންސް ކަން ވަރަށް ސާފުކޮށް އޮޅުންފިލާއި ފެނިގެން ދާނެއެވެ.
ލޯރެންސް ޢަރަބި ބަސް ކިޔަވާއި ދަސްކުރީ، 1910 ގައި ކަނޑުމަގުން ބައިރޫތަށް ގޮސް ބައިރޫތްގެ އައްސޭރި ރަށެއް ކަމުގައިވާ ޖުބައިލް (BYBLOS) އިންނެވެ. އަދި އެދުވަސްވަރު އިރުމަތީ ސޫރިޔާގައި ބައެއް އާސާރީ ކޮނުންތައް ކޮނުމުގައި އުޅުނު އިނގިރޭސި ޓީމްތަކާއެކު، ބްރިޓިޝް މިއުޒިއަމް އަށް އަގުހުރި މަސައްކަތް ތަކެއް ކޮށްދިނެވެ. ބޮޑު ހަނގުރާމަ ޢަމަލީ ގޮތުން ފެށެންދެން، މިކަހަލަ ތާރީޚީ މަސައްކަތްތަކުގައި ޝާމިލްވެގެން ޢަރަބިން ތެރޭގައި ގަދަޔަށް އުޅުމުން ގެންދިޔައެވެ. ބައިރޫތުގައި ހުރި ދުވަސް ވަރު ޢަރަބި ބަސް ފެންފަދައިން ބަހުރުވައާ އެކު ދަސްކުރިއެވެ. އަދި، 1914 ޖެނުއަރީގައި ބްރިޓިޝް ޢަސްކަރިއްޔާ އައި ގުޅިގެން، ނަޤަބް ސަޙަރާގައި އިތުރު މަސައްކަތް ތަކެއް ކުރިއެވެ. އެއަށް ފަހު މާލަސްތަކެއް ނުވެ، 1914 އޮކްޓޯބަރ އައި ހަމައިން ޢަސްކަރިއްޔާ ގައި ޖެނެރަލުންގެ ލިސްޓަށް އެރިއެވެ. ފަހެ، އެހިސާބުން ޙަޤީޤީ މަސައްކަތް ކަމުގައިވާ ޢަރަބި ހަނގުރާމަތައް މައްކާ ޝަރީފްގެ ޢާއިލާއައި ގުޅިގެން، އެރަސްގެފާނުގެ ލަޝްކަރުތައް ލީޑްކޮށް ދޭން ޢަމަލީ ގޮތުން ފެށީއެވެ. މިއީ އިނގިރޭސި ބާރުން، ލޯރެންސް އައި ހަވާލް ކޮށް ފައިވާ މުހިންމު، އަދި ޖާސޫސީ މަސައްކަތެކެވެ. ޢަރަބި ހަނގުރާމަ ތަކުގައި ޢަމަލީ ގޮތުން، އިސްލާމީ ޚިލާފަތްގެ ލަޝްކަރުތަކައި ދެކޮޅަށް ފައިޞަލް ބިން ޙުސައިން އަރިހުގައި، ޢަރަބި ލަޝްކަރުތަކުގެ ލީޑަރަކަށް ހުރެގެން ކާމިޔާބު ހަނގުރާމަތަކެއް ކުރަމުން ގެންދިޔައެވެ. މައްކާ ޝަރީފް ޙުސައިންގެ ޢާއިލާއައި މިހާގާތް ގުޅުމެއް ގައިމްކުރީ، އެޢާއިލާގެ އަމީރުންނަށް، ބޮޑު ޢަރަބި ދައުލަތެއްގެ ރަސްކަމާއި ބާރުތަކުގެ ދަޅަތައް ދައްކާއި ހުވަފެންތަކެއް ދައްކައި ގެންނެވެ. ވެރިކަމުގެ ހުވަފެނާއި ދަޅަތަކަކީ، ނަގުދު ފައިސާއާއި އެހެންހުރިހާ އެއްޗަކަށް ވުރެވެސް މާބާރުގަދަ ރިޝްވަތެކެވެ. ޖާހާއި ބާރުގެ މިރިޝްވަތުގެ މަޅީގައި ޢަރަބިން ޖެހި، ވެރިކަމުގެ ދަހިވެތިކަމުގައި ލޯރެންސް އާއި އިނގިރޭސިންނާ ގުޅިގެން އިސްލާމީ އުންމަތުގެ ދަށުގައި ހުރި އެތައް ޢަރަބި ބިންތަކެއް ކާމިޔާބު ކަމާއެކު ހިފީއެވެ. ފަހެ، ޢުޘްމާނީ ޚިލާފަތްގެ ދަށުން ޢަރަބި ބިންތައް ވެއްޓި، އިނގިރޭސިންގެ ބާރުގެ ދަށަށް ދިޔައީ އެވެ. މިހަނގުރާމަތައް ރާވާއި ޙަމަލާތައް އަމާޒު ކުރަންވީ ތަންތަން ނިންމާއި ބުނެދީ ކާމިޔާބު ހޯދުމުގެ މޭސްތިރިއަކީ، ލޯރެންސް އެވެ. ލޯރެންސް އަށް ލާފާ އަންނަނީ، ފީލްޑްމާޝަލް އެލަންބީގެ ފަރާތުންނެވެ. އެލަންބީގެ އެހީތެރިކަމާ އެކު، ލޯރަންސްގެ މަސައްކަތް ބާރަށް ކުރިޔަށް ގެންދިޔައެވެ. ކާމިޔާބު ހޯދަމުން ދިޔައެވެ.
އާދެ! މިޢަރަބި ހަނގުރާމަތައް، 1916 އިން ފެށިގެން، 1918 އަށް، ބޮޑު ހަނގުރާމަ ނިމެންދެން ވަރުގަދަކޮށް ކުރިޔަށް ގެންދިޔައެވެ. މިހަނގުރާމަ ތަކުގެ އިސް ވެރިންނަށް ތިއްބެވީ، މައްކާ ޝަރީފް ޙުސައިން ބިން ޢަލީ އައި އޭނާގެ ދަރިކަލުން ފައިޞަލް ބިން ޙުސއިން ބިން ޢަލީ އާއި ޖެނެރަލް އެލަންބީ އާއި ޖެނެރަލް ލޯރެންސް އާއި ޢަބްދުލް ޢަޒީޒް އާލް ސުޢޫދް އެވެ.
ޢަބްދުލް ޢަޒީޒް އާލްސުޢޫދް އާއެކު އިނގިރޭސިން ކުޅެމުން ގެންދިޔައީ މައްކާ ޝަރީފް އަށް އެނގުމެއް ނެތި، މުޅިން އެހެން ސިޔާސީ ކުޅިގަނޑެކެވެ. ބޮޑު ޖާސޫސްކަލޭގެ ލޯރެންސް އަށް، އިނގިރޭސިން ކުޅެމުން ގެންދާ ޑަބަލް އެޖެންޓް ކުޅިގަނޑު ރަނގަޅަށް އެނގޭނެއެވެ. މެދުވެރިވާ މޭސްތިރިއަކީ އޭނާއެވެ. އެހެނަސް މައްކާ ޝަރީފްގެ ޢާއިލާއަށް މިއިން އެއްވެސް މަޢުލޫމާތެއް ނުދީ، ކެތްތެރި ކަމާއެކު ސިއްރުކޮށްގެން ހުރި ހުރުމަކީ، ލޯރެންސްގެ ޖާސޫސީ މަސައްކަތުގެ ހުނަރުވެރިކަމާއި މޮޅުކަމެވެ. އަދި އެއީ، އޭނާގެ ވެރިން ކަމުގައިވާ އިނގިރޭސި ބާރަށް އޭނާ ކިޔަމަން ވެގެން ހުރި މިންވަރާއި އޭނާއަށް އިނގިރޭސިން ކުރަމުން ދިޔަ އިތުބާރުގެ ބޮޑުކަން ހާމަކޮށްދީ، އަންގައިދިން އެންމެބޮޑު ކަންތަކެވެ.
އާދެ! ޢަރަބި ހަނގުރާމަވެރި ލަޝްކަރުން ހިފަމުން ދިޔަ، އިސްލާމީ ޚިލާފަތްގެ ރައްތަކުގެ ތަފްސީލް ފަހުން، ގެނެސްދޭނަމެވެ. ރަތްކަނޑުގެ އައްސޭރިފަށުގެ ރަށެއްކަމުގައިވާ، ޔަންބޫޢަ ރޮޔަލްނޭވީންގެ އެހީއާއެކު އަރާއި ހިފިއެވެ. އަދި ޢުޘްމާނީ ޚިލާފަތްގެ ބާރު މިރައްތަކުން މުޅިން ނައްތާލިއެވެ. 1917 ގައި ޢަޤަބާ ހިފީއެވެ. ސޫރިޔާ އަދި ދަމިޝްޤް ހިފީއެވެ. ޢިރާޤް އާއި ބަޣްދާދް ވެސް ހިފީއެވެ. މާތްވެގެންވާ ޤުދުސް، އިސްލާމީ އުންމަތުން ބީވެގެން، އިނގިރޭސިންގެ ބާރަގެ ދަށަށް ވެއްޓުނެވެ. އަދި އިސްލާމީ ޚިލާފަތުގެ ދީވާން ކަމުގައިވާ އިސްޠަންބޫލް އަށް ފަރަންޖީ ކާފަރުން ވަދެ ހިފީއެވެ. އިނގިރޭސިން ނާއި ފަރަންސޭސިން ޢަމަލީ ގޮތުން ވަދެގަނެ ގެންނެވެ. ފަހެ، ލޯރެންސް މަރުވީ މިހުރިހާ ކަމަކަށް ފަހު، ޢުޘްމާނީ ޚިލާފަތްގެ ބިންތައް އިސްތިޢުމާރު ކޮށް، ސިޔާސީ ގޮތުން ވެވުނު ވަޢްދުތަކާ އެއްގޮތަށް ބަހާކުދިކުދި ކޮއްލުމަށް ފްރާންސްގެ ޕެރިސްގައި ބޭއްވި، ޕީސް ކޮންފަރެންސް ގައި، ފައިޞަލް ބިން ޙުސައިން އަރިހުގައި ބައިވެރި ވުމަށް ފަހު، އިނގިރޭސި ވިލާތަށް އެނބުރި ގޮސް އިނގިރޭސި ވިލާތުގައި ދިރިއުޅެމުން ގެންދަނިކޮށެވެ. މަރުގެ ހާދިސާ ހިނގާދިޔައީ، އިނގިރޭސި ވިލާތުގެ ދެކުނު ރަށެއް ކަމުގައިވާ ޑޯރސެޓް (DORSET) ގައި ބްރޯފް ސްޕީރިއާ އެސްއެސް، 100 ގެ ވަރުގަދަ، ބިޔަ މޮޓޯސައިކަލެއް ދުއްވަނިކޮށް އެކްސިޑެންޓެއް ވެގެންނެވެ. ލޯރެންސް ދުއްވި މޮޓޯސައިކަލް އިންޕީރިއަލް މިއުޒިއަމް، ލަންޑަންގައި އިނގިރޭސިންގެ ޝަރަފްއެއްގެ ގޮތުގައި މިހާރުވެސް ބެހެއްޓިފައި އެބަހުއްޓެވެ. ލޯރެންސް އަމިއްލަފުޅަށް ބައެއް ލިޔުންތައް ލިޔުއްވިއެވެ. އޭނާގެ އެންމެ މަޝްހޫރު ފޮތަކީ، “ސެވަން ޕިލަރސް އޮފް ވިސްޑޮމް” އެވެ. މިފޮތުގައި ލޯރެންސް ލިޔެފައިވަނީ، އޭނާގެ އަމިއްލަ ހަޔާތާއި އެނާ ބައިވެރިވި ހަނގުރާމަ ތަކުންލިބުނު ތަޖްތިބާ ތަކުގެ ވާހަކައެވެ.
ޖެނެރަލް އެލަންބީ
ފީލްޑަމަރޝަލް އެޑްމަންޑް ހެންރީ ހައިންމަން އަލެންބީ (EDMUND HENRY HYNMAN ALLENBY, 23 APR 1861 – 14 MAY 1936) އަކީ، އިނގިރޭސި ސޯލްޖަރ އެކެވެ. އަދި ބްރިޓިޝް އިމްޕީރިއަލް ގަވަރނަރ އެކެވެ. ބޮޑު ހަނގުރާމައިގާ ބްރިޓިޝް އެންޕަޔަރގެ އެކްސްޕެޑިޝަނަރީ ލަޝްކަރު، އީ.އީ.އެފް (EGYPTIAN EXPEDITIONARY FORCE, EEF) ގެ ޢަސްކަރީ އެންމެމަތީ ވެރިޔާއެވެ. ފީލްޑްމަރޝަލް އެވެ. އަދި ސީނާ އާއި ފަލަސްޠީން ހިފުމުގެ ކެންޕޭން (SINAI PALESTINE CAMPAIGN) 1915 އިން ފެށިގެން، 1918 އަށް އިސްލާމީ ޚިލާފަތާ ދެކޮޅަށް، އިސްލާމުންގެ ވެރިރައްތައް ހިފުމަށް ކުރެވުނު ހަނގުރާމައިގެ އެންމެމަތީ މޭސްތިރިޔާ އެވެ. ޢަރަބި ލަޝްކަރާއެކު ހުންނެވި، ލޯރެންސްގެ ވެސް ވެރިޔާއެވެ. އެލަންބީ އަށް އޯޑަރތައް އަންނަމުން ދިޔައީ އޭރު މިޞްރުގައި، އިނގިރޭސި ހައިކޮމިޝަނަރ އަކަށް ހުންނެވި، މެކްމަހަންގެ އަމުރުވެރި ކަމުގައެވެ. އިނގިރޭސި އެންޕަޔަރ އިން އަމުރުތައް ސީދާކޮށް އަންނަނީ މެކްމަހަން އަށެވެ.
ޖެނެރަލް އެލަންބީ ވަނީ، އޭނާގެ މަތިވެރި ވެގެންވާ، މާތް އިނގިރޭސި ދަރުބާރަށް ވެފައިވާ ވަޢުދުއައި އެއްގޮތަށް، 1917 ވަނަ އަހަރުގެ ކްރިޝްމަސް އައުމުގެ ކުރިން، ޤުދުސް ހިފުމަށް ފަހު، މަތިވެރި ވެގެންވާ، މާތް އިގިރޭސި ދިދަ ޤުދުސްގައި، ކްރިޝްމަސް ހަދިޔާއެއްގެ ގޮތުގައި ނަގައިދޭނެ ކަމަށް ނިޔަތްގަނެ ޢަޒުމް ކަނޑައަޅާ ފައެވެ. އެލަންބީގެ އީއީއެފް ލަޝްކަރާއި ލޯރެންސްގެ ޢަރަބި ލަޝްކަރުގެ މިޞްރާބުވަނީ، އެދިމާއަށް އަމާޒު ކަށަވަރުކޮށް ފައެވެ. ލޯރަންސް އަށް، ހަނގުރާމައިގެ އޯޑަރުތައްދީ ހަނގުރާމަމަތީ އުކުޅުތައް ބުނެދެމުން ގެންދިޔައީ ޖެނެރަލް އެލަންބީއެވެ. ދެ ޖެނެރަލުންގެ އަމާޒު ފަތްގަނޑަކީ ވެސް އެކެއްޗެކެވެ. މިހަނގުރާމަ ތައް، 3 އަހަރާއި، 9 މަހާއި، 2 ދުވަހަށް ދެމިގެން ދިޔައެވެ. ނަތީޖާއަކީ ދެ ޖެނެރަލުންގެ އަމާޒު ފަތްގަނޑަށް ވާސިލްވުމެވެ. ފުރިހަމަ ކާމިޔާބު ހޯދުމެވެ. ޢިރާޤް އާއި ބަޣްދާދް އާއި ސޫރިޔާ އާއި ދަމިޝްޤް އާއި ޙުރުމަތް ވެގެންވާ ޤުދުސް ހިފީއެވެ. އަދި ބިއުރުއްސަބަޢު (BEERSHEBA) 31 އޮކްޓޯބަރ 1917 ގައި ހިފީއެވެ. އަދި ޖާފާ (JAFFA) ހިފީއެވެ. އަދި ޙަލަބް (ALEPPO) ވެސް ހިފީއެވެ. ދެންވެސް ހުރިހުރިހާ ބިންތައް، އެލަންބީ އާއި ލޯރެންސްގެ ލަޝްކަރު ތަކުން ހިފައި ފަތަޙަހޯގައި ހަނގުރާމަ ނިންމާލީ، މަތިވެރި ވެގެންވާ ކާމިޔާބު ތަކެއް އިނގިރޭސި އެންޕަޔަރ އަށް ހޯދައި ދީފައެވެ.
އާދެ! ބޮޑު ހަނގުރާމަ ނިމިގެން، އެލަންބީ އައްޔަން ކުރެވުނީ، ޢަރަބި މިޞްރުގެ ހައިކޮމިޝަނަރގެ މަޤާމް އަށެވެ. މިމަޤާމްގައި، 1919 އިން ފެށިގެން، 1925 އަށް ދެމި ހުންނެވިއެވެ. ސޫދާން އަށް ވެސް ކަނޑައަޅުއް ވާފައި ހުންނެވީ، އެލަންބީ އެވެ. މެކްމަހަން ހުންނެވި އިރުހެން، މުޅި މެދު އިރުމަތި ބަލަހައްޓަމުން ގެންދެވީ، އެލަންބީއެވެ. އެލަންބީގެ ގަދަފަދަ ކަމުން ހަނގުރާމައިގެ މައިދާނުގައި ވަނަމަކަށް ދެވިފައިވާ ނަމަކީ، ބްލަޑީބުލް (BLOODY BULL) އެވެ. އަދި ހަނގުރާމައިގާ މުސްލިމުން އަތުންހިފި ބިންތައް އިދާރީ ގޮތުން، އިނގިރޭސި އެންޕަޔަރގެ ދަށުން ބަލަހައްޓަމުން ގެންދެވީ އެލަންބީއެވެ. އޮކިއުޕައިޑް އެނިމީ ޓެރިޓޮރީ އެޑްމިނިސްޓްރޭޝަން (OCCUPIED ENEMY TERRITORY ADMINISTRATION) އޯ.އީ.ޓީ.އޭ އިދާރީގޮތުން ބަލަހައްޓަމުން ގެންދިޔައީ، އެލަންބީގެ ކޮމާންޑްގެ ދަށުންނެވެ. ދުޝްމަނުން ނޭ މިކިޔަނީ ލޮބުވެތި އިސްލާމުން ނަށެވެ. އެނިމީ ޓެރިޓޮރީތައް، ފްރާންސްގައިއޮތް ޕެރިސް ޕީސް ކޮންފަރެންސް އިން ރަސްމީކޮށް ޓްރީޓީތައް ހަދާއި އެއްބަސް ވެވެންދެން ބެލެހެއްޓީ އެލަންބީގެ ލަޝްކަރު ތަކުންނެވެ.
ޖެނެރަލް އެލަންބީ ކައިވެނި ކުރެއްވީ، 1897 ގައެވެ. 1925 ގައި ރިޓަޔަރ ކުރެއްވުމަށް ފަހު، އިނގިރޭސި ވިލާތުގައި ސީނާ އާއި ފަލަސްޠީން ހަނގުރާމައިގެ ހުނަރުތަކާ ގުޅޭގޮތުން ބައެއް ލެކްޗަރތައް ދެއްވައި ހެއްދެވިއެވެ. އަދި ޢުމުރުން، 74 އަހަރުގައި މުޅި ޙަޔާތުގައި އެންމެފަހުން ކުރެއްވި މަސްދަތުރު ކުރެއްވިއެވެ. ފަހެ މަރުވީ، ކުއްލިއަކަށް ސިކުނޑީގެ ނާރެއްގައި ބޮތްކެއްޖަހައި ފަޅައިގެން ގޮސް، 14 މެއި 1936 ގައެވެ. އޭރު ޢުމުރަކީ، 75 އަހަރެވެ. ހަށިގަނޑު އަންދައި އަޅިއަށް ހަދާލުމަށް ފަހު، އަޅިކޮޅު ވަޅުލާފައި ވަނީ، ވެސްޓްމިނިސްޓަރ އައްބީ (WESTMINSTER ABBEY) ގައެވެ.
އިނގިރޭސިންގެ ވަޢުދު ތައް
ބޮޑު ހަނގުރާމައިގައި ކާމިޔާބު ހޯދުމަށާއި އިސްލާމުންގެ ވެރިރައްތައް ހިފުމަށް އިނގިރޭސިންވީ ވަޢްދުތަކުގެ ތެރެއިން މަޝްހޫރުކޮށް ގުނާލެވޭ ގޮތަށް ހިންގާފައި ވަނީ، ބޮޑު ތިން ވަޢުދުއެވެ. މިރޭވުންތައް ރާވާއި އިންތިޒާމް ކުރަމުން ގެންދިޔައީ އިނގިރޭސި ބާރުންނެވެ. މިޞުރުގައި ހައިކޮމިޝަނަރ އަކަށް ހުންނެވި، މެކްމަހަން ލައްވައެވެ. އޭނާގެ ދަށުން އެލަންބީއާއި ލޯރެންސް މެދުވެރި ކޮށެވެ. ލޯރެންސް އަކީ، އެއްވަނަ ދަރަޖައިގެ ފައްކާ ޖާސޫސެކެވެ. މިމަސައްކަތް މައްކާ ޝަރީފް ޢާއިލާ ބޭފުޅުންގެ ބޮލަށް އެރިގެން ހިންގުމަށް، އިނގިރޭސި ސަރުކާރުން ލޯރެންސް އަށް ކޮންމެމަހަކު، ދުއިސައްތަ ހާސް ޕައުންޑް ދެމުން ގެންދިޔައެވެ. ޢަރަބިންގެ ތެރޭގައި ޝާނާއި ޝައުކަތް ދައްކައިގެން އުޅުމަކީ، ވަރަށް ފައިސާ ބޭނުންވާނެ ކަމެކެވެ. އެޒަމާނުގައި ދުއިސައްތަ ހާސް ޕައުންޑަކީ، ވަރަށް ގިނަފައިސާއެވެ. މިހާބޮޑު އަގެއްދީފައި ލޯރެންސް ޢަރަބިކަރައިގެ މައްކާގައި ބެހެއްޓީ، ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް ޢަރަބިން ނެރެ ހަނގުރާމަ ކުރުވާށެވެ. މިކަން ހާސިލްކުރުމަށް މައްކާ ޝަރީފްއައި ގާތްގުޅުން ތަކެއް ބާއްވަމުން ގެންދިޔައިރު، އޭނާގެ މަތިވެރި މާތް އިނގިރޭސި ސަރުކާރުން، އަޑިއަޑިން ކުޅެމުން ގެންދިޔަ ދެފުއްދެގޮތް، މޭޒުދަށުގެ ސިޔާސީ ކުޅިވަރާއި ޑަބަލްއެޖެންޓް ކަމަކީ، ސިދާކޮށް ލޯރެންސް ދެނެހުންނާނެ ކަންތަކެވެ. އެހެނަސް އެކަންކަން ސިއްރުކޮށް ގެން މައްކާޝަރީފް ޙުސައިން އާއި އޭނާގެ، ތިންބެއިން ރުއްސައިގެން އަމިއްލަ ފައިދާއާއި މޮޅު ލިބިގަނެގެން، މަޑުންހުރީ އިނގިރޭސި ހިޔަޅު ބުއްދީގައެވެ. ޢަރަބިންނަށް ލޯރެންސްގެ ހިޔަޅު ބުއްދީގެ ސިޔާސީ ކުޅިގަނޑު ރެއަކާލީ، ހަނގުރާމަ ނިމިގެން، 1919 ގައި ޕެރިހުގައި އޮތް ޕީސް ކޮންފަރެންސް ގައި ހުރިހާ ފަރާތްތަކުން އެއްހާޒިރުގައި ތިބެގެން، އެބަޔަކަށް އިނގިރޭސިން ވެފައިވާ ވަޢްދު އައި ގުޅިގެން އެބަޔަކަށް ލިބެންވާ ބިންތައް ބެހުމުގެ ބަހުސް ފަށާއި ހޫނުވެގެން ދިޔަހިސާބުން ނެވެ. އެއްބަޔަކު އަނެއްބަޔަކަށް، އެބައެއްގެ ހިއްސާ ހޯދުމަށް އަވަސްވެގަނެ އަރާރުން ފެށުމުންނެވެ. ތިމަންނާގެ ސުވާބޮޑު ކުރަން ފެށުމުންނެވެ. އެ ބައްދަލުވުމުގައި ލޯރެންސާއެކު، ހަގުދަރިކަލުން ފައިޞަލް އިންނެވިއެވެ. އޭގެ ކުރިން، މައްކާޝަރީފް އަށާއި އޭނާގެ ތިން ދަރިކަލުންނަށް ލޯރެންސް ވަރުގެ އިޚްލާޞް ތެރިއެއް ނެތެވެ. މިތަނުގައި އަޅުގަނޑުގެ ހަނދާނަށް އަންނަނީ، ރަސޫލާ ޞައްލަﷲ ޢަލއިހި ވަސައްލަމަގެ ފަރާތް ފުޅުން، މުސްނަދު އަހްމަދު ގައި އެކަލޭގެ ފާނަށް ރުއްސުން ލެއްވި ޘައުބާންގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެކެވެ.
عَن ثَوبَانَ رضى الله عنه، قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم، {يوشِكُ الأُممُ أن تَداعَى عليكم كما تَداعَى الأَكَلَةُ إلَى قَصْعَتِها} فَقَالَ قاَئِلٌ: وَمِن قِلَّةٍ نَحْنُ يَومَئِذٍ؟ قَالَ: {بَل أَنتُم يَومَئِذٍ كَثِيْرٌ، وَلَكِنَّكُم غُثاءٌ كَغُثَاءِ السَّيلِ، ولَينْزِعَنَّ اللَّهُ مِن صُدُورِ عَدُوِّكُم الْمَهَابَةَ مِنْكُم، وَلَيَقْذِفَنَّ اللَّهُ فِي قُلُوبِكُمُ الوَهْنَ.} فَقَالَ قَائِلٌ: يَا رَسُولَ اللَّهِ، وَمَا الوَهْنُ؟ قَالَ: {حُبُّ الدُّنيَا وَكَرَاهِيَةُ الْمَوتِ.} رواه أحمد.
މާނައީ: އެކަލޭގެފާނަށް ރުއްސުންލެއްވި ޘައުބާންގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. {ހުރިހާ ފަރާތްތަކުން އުންމަތްތައް ތިޔަބައި މީހުންގެ މައްޗަށް އަރައިގަތުން ގާތްވެގެން ވެއެވެ. އެއީ ކާތަކެތީގެ ދޮނލަގެއްގެ ވަށައިގެން ތިބެ ކަމުންގެންދާ ބަޔަކު އެއްބަޔަކަށް ވުރެ ގިނައިން އަނެއްބަޔަކު ކެއުމުގައި އަވަދިނެތިވާ ފަދައިންނެވެ.} އަޞްޙާބުންކުރެ ބޭކަލަކު ދެންނެވިއެވެ. “އެގޮތަށް ދިމާވުންވަނީ އެދުވަހުން އަޅުގަނޑު މެން (މުސްލިމުން) ގެ ޢަދަދު މަދުވުމުން ތޯއެވެ؟” ޙަދީޘް ކުރެއްވި އެވެ. {ނޫނެކެވެ! އެދުވަހުން ތިޔަބައި މީހުންނީ ޢަދަދުގެ ގޮތުން ގިނަބަޔަކު ކަމުގައި ވާހުއްޓެވެ. އެހެނެއް ކަމަކު (އެ ދުވަހުން) ތިޔަބައި މީހުންގެ މިސާލަކީ، އޮހިގެންދާ ބޮޑު ފެން ގަނޑެއްގެ މަތީގައި ހުންނަ ފޮނުގަނޑުގެ މިސާލެވެ. ތިޔަބައި މީހުންނާ މެދު ތިޔަބައި މީހުންގެ ޢަދާވާތް ތެރިންގެ ހިތްތަކުގައިވާ، ޖެހިލުން ވުން، ﷲތަޢާލާ ފިއްލަވައިފާ ހުއްޓެވެ. އަދި ތިޔަބައި މީހުންގެ ހިތްތަކުގައި، ﷲތަޢާލާ އަލްވަހުނު ލައްވަވައިފާ ހުއްޓެވެ.} އަޞްޙާބުން ކުރެ ބޭކަލަކު ދެންނެވިއެވެ. އޭ! ﷲގެ ރަސޫލާއެވެ! އަލްވަހުނަކީ، ކޮބައި ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. {އެއީ ދުނިޔެއަށް ލޯބިޖެހި، ދުނިޔެއަށް އެދުންވެރި ވުމާއި، މަރުވުމަށް ނުރުހުންތެރި ވުމެވެ.} ރަވާހު އަޙްމަދު.
ފުރަތަމަ ވަޢްދު:
މިއީ މައްކާޝަރީފް އާއި މެކްމަހަން އާ ދެމެދު ބަދަލުކުރެވުނު ލިޔުންތައް (HUSSEIN – MCMAHON CRRESPONDENCE) ނަމުގައި މަޝްހޫރު ވެފައިވާ ވަޢްދު އެވެ. މިލިޔުންތައް އިނގިރޭސި ވިލާތާއި މައްކާޝަރީފް އާ ދެމެދު ބަދަލުކުރެވުނީ، 14 ޖުލައި 1915 އިން ފެށިގެން، 30 ޖެނުއަރީ 1916 އަށެވެ. މިއީ ބޮޑު ހަނގުރާމަ ހިނގި ދުވަސްވަރެވެ. ޙުސައިން ބިން ޢަލީ އާއި އިނގިރޭސި ހައިކޮމިޝަނަރ މެކްމަހަން އާ ދެމެދު، ހިނގި ލިޔުންތަކުގައި ވަރަށް ތަފްޞީލް ކޮށް، މައްކާޝަރީފް ޙުސައިންގެ ރަސްކަމުގެ ދަށުގައި ޢަރަބި ބޮޑު ދައުލަތެއް، ޢަރަބި ހުރިހާ ޤައުމުތަކެއް ހިމެނޭގޮތަށް ހަދައިދޭނެ ކަމަށް ބުނެފައި ވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ޢުޘްމާނީ ޚިލާފަތްއައި ދެކޮޅަށް، ނުކުމެދިނުމަށް ވަރަށް ފާޅުގައި އެދިފައި ވެއެވެ. މިގޮތުގެ މަތިން، އަމިއްލަފުލަށް ޙިޖާޒުގެ ރަސްގެފާނު ކަމާއި ހުރިހާ ޢަރަބިންގެ އަމީރުކަމާއި ޚަލީފާކަމުގައި ދެކެވަޑައި ގަންނަވަން ފެއްޓެވިއެވެ. އިނގިރޭސިން، މީހުންނަށް އޮޅުވާލާއި ވާވައްދާލަން މޮޅީއެވެ. މައްކާޝަރީފް ޙުސައިން ރަސްގެފާނާއި މެކްމަހަން އައި ދެމެދު އެންމެރަސްމީ ސިފައެއްގައި މިކަންތައް ނިންމާއި ވަޢްދުވެ ޢަހަދު ކަށަވަރު ކުރުމަށް ފޮނުވި، ލިޔުމުގައި ތާރީޚް ޖަހާފައި ވަނީ، 24 އޮކްޓޯބަރ 1915 އެވެ. މިހާރު ވެސް މިލިޔުން ހެއްކެއްގެ ގޮތުގައި ފެންނަން އެބަހުއްޓެވެ. އިނގިރޭސި ޢަރްޝީފްގައި މިފަދަ ހުރިހާ ލިޔުންތަކެއް ފޮރުވާފައި އެބަހުއްޓެވެ. ގޫގުލް ކޮއްލެއްވުމުން ފެންނާނެއެވެ. މިވަޢްދު ސިޓީގައި، ސޮއި ކުރައްވާފައި އޮތީ، އޭ ހެންރީ މެކްމަހަން ޖައްސަވާ ފައެވެ. މައްކާޝަރީފް އެދިވަޑައި ގެން ހުށަހެޅުއްވި އިމުގެތެރޭގައި ޢަރަބިންނަށް، އަމިއްލަ މިނިވަން ބިމެއް ދިނުމަށް ގްރޭޓްބްރިޓްން ތައްޔާރަށް އޮތްކަމަށް ވަޢްދު ވެފައިވެއެވެ. މިއީ މައްކާޝަރީފް ޙުސައިން އާއި އިނގިރޭސިންނައި ދެމެދު ވެވުނު ވަޢްދު އެވެ.
ދެވަނަ ވަޢްދު:
މިވަޢްދު އަށް ދެވިފައިވާ ނަމަކީ، ސައިކްސް ޕިކޮޓް އެގްރީމަންޓް (SYKES – PICOT AGREEMENT) އެވެ. އެއްބަސް ވުމުގެ މިވަޢްދު އަކީ، ރަޝިޔާގެ ރުހުމާއެކު އިނގިރޭސި ދައުލަތް އާއި ފްރާންސްއާ ދެމެދު ބޮޑު ހަނގުރާމައިގެ ދުވަސްވަރު، ޢުޘްމާނީ ޚިލާފަތް އިން ކޮންޓްރޯލް ކުރަމުން ގެންދިޔަ އިސްލާމީ އުންމަތުގެ ބިންތައް ހަނގުރާމަ އަށް ފަހު، ބަހާނެގޮތްތަކާ މެދު ވަރަށް ސިއްރުން ވެވުނު އެއްބަސްވު މެކެވެ. މިއީ އިނގިރޭސިން ނާއި ފްރާންސް އާއި ރަޝިޔާއައި ތިންބައި މީހުންގެ މެދުގައި މަޝްވާރާކޮށް ރުޙުމާއެކު އެއްބަސްވި ވަރުގަދަ އެއްބަސް ވުމެކެވެ. ހަނގުރާމަ ނިމިގެން އަރާރުންވާން ނުހަދާއި ނަތީޖާލިބުމުން ކަންކުރާނެ ގޮތް ކުރިން ނިންމީއެވެ. ފަހުން އަރާރުމަށް ދާންނުޖެހޭ ގޮތަށް އެހެންމީހުންނަށް އޮޅުވާލައިގެން ކަންކުރުމަކީ މިއެވެ. ދިވެހިން ބުނެއުޅޭ، ޔަހޫދީ ވިސްނުމަކީ މިއީއެވެ. ހިޔަޅު ވިސްނުމަކީ ވެސް މިއެވެ. އެއް ބިމެއްގެ ހުވަފެން، ތިންހަތަރު ފަރާތަށް ދައްކައިގެން ދުރާލައި ރާވާލީއެވެ. ސިއްރު މިވާހަކަތަކުގެ މަޝްވާރާ ގައި އިނގިރޭސިންގެ ފަރާތުން އިސްކޮށް ބައިވެރިވީ، މަރކްސައިކްސް އެވެ. އަދި ފްރާންސްގެ ފަރާތުން، އިނގިރޭސިންނާ އެކު ސިއްރު ވާހަކަ ތަކުގައި ބައިވެރިވީ، ފްރާންސްގެ ރައްޔިތެއް ކަމުގައިވާ، ޖޯރޖަސް ޕިކޮޓް އެވެ. މިދެ ފަރާތާގުޅޭ ވާހަކަކޮޅެއް ގެނެސްދޭ ނަމެވެ.
މަރކް ސައިކްސް
މަރކް ސައިކްސް (SIR MARK SYKES, 16 MAR 1879 – 16 FEB 1919) އަކީ، އިނގިރޭސި ރައްޔިތެކެވެ. މީނާއަކީ ޢަސްކަރީ ރޭންކްގެ ގޮތުން ކަރނަލް އެކެވެ. މެދުއިރުމައްޗަށް ދަތުރުކުރި ފަތުރު ވެރިއެކެވެ. އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ ޑިޕްލޮމެޓިކް އެޑްވައިޒަރ އެވެ. އަދި ވަރަށް ފުންނާބު އުސް ސިޔާސީ މުޙައްނިޤް އެކެވެ. 1912 ގައި ކޮންޒަވޭޓިވް ޕާޓީގެ، އެމްޕީ އެއްގެ މަޤާމްވެސް ފުރުއްވިއެވެ. އިނގިރޭސި ޚާރިޖީ ދާއިރާގައި ވަރަށް އިތުބާރުހިފޭ ބޭފުޅެކެވެ. މެދުއިރުމަތީގެ ކަންތައްތަކާއި ބޮޑު ހަނގުރާމައިގެ ދުވަސްވަރު ވަރަށް އިސްކޮށް ޝާމިލްވެ ހަރަކާތްތެރިވި ބޭފުޅެކެވެ. ބޮޑު ހަނގުރާމަ ހިނގަމުން ދިޔަ ދުވަސްވަރު، ހަނގުރާމަ ނިމިގެން ބޮޑު އަރާރުމަކަށް ނުގޮސް ކުރިޔާލައި އިސްލާމުންގެ ބިންތައް ބޮޑެތި ބާރުތަކުގެ މެދުގައި ބެހުމުގައި ފަރަންސޭސިންނާ އެކު މަޝްވަރާ ކުރުމުގައި އެންމެ އިސްކޮށް އުޅުއްވީ ސީދާ މީނާއެވެ. އަދި މިއެއްބަސްވުން ޑްރާފްޓްކޮށް ފައިނަލައިޒް ކުރުމުގައި އިސްދައުރެއް ކުޅުއްވި އެވެ. މަރކް ސައިކްސް އާއި ޓީ.އީ. ލޮރެންސް އާ ދެމެދު އާދަޔާޚިލާފު ގުޅުމެއް އޮވެއެވެ. ލޯރެންސްގެ ލީޑަރޝިޕްގެ ދަށުން މައްކާޝަރީފް ޙުސައިންގެ ފަރާތުން ކުރެވުނު، ޢަރަބި ހަނގުރާމައިގެ ދިދަ ފަރުމާކޮށް ދެއްވީ، ސައިކްސް އެވެ. ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް ޢަރަބިން ކުރި ހަނގުރާމައިގާ ބޭނުންކުރީ، މިދިދަ އެވެ.
އާދެ! ސައިކްސް މަރުވީ، ޕެރިސް ޕީސް ކޮންފަރެންސް އަށް ވަޑައިގެން ޕެރިހުގައި އުޅުއްވަނި ކޮށެވެ. މަރުވީ، ޕެރިހުގައި ހުންނެވި ހޮޓަލުގެ ކޮޓަރީގައި، 16 ފެބްރުއަރީ 1919 ވަނަ ދުވަހުއެވެ. އޭރު ޢުމުރަކީ، 39 އަހަރެވެ. އާލަސްކަން ފުލަކަށްވީ ސްޕްނިޝްފުލޫ އެވެ. މިބަލީގެ ވައިރަސް ހޯދާއި ދެނެގަތުމުގެ ބޭނުމުގައި ފަހުގެ ދުވަސް ވަރެއްގައި މީނާގެ ގަބުރުކޮނެ ޑީއެންއޭ ޓެސްތުތައް ހަދާފައިވެއެވެ.
ފަހެ، ސައިކްސް ޕިކޮޓް އެއްބަސްވުމުގެ ޑްރާފްޓްގެ ތެރޭގައި މައްކާޝަރީފް އާއެކު، އެއްބަސްވި ވަޢްދުގައި ހުރި ބިންތައް ވެސް ހިމެނިގެން ވެއެވެ. މިއިން އިނގިގެން ދަނީ އިނގިރޭސިންގެ ދެފުއްދެގޮތް ސިޔާސަތަކީ މާސިންގާ އޮޅުވާލުމެއް ކަމުގައެވެ. މިކަމުގައި ވެސް ލޯރެންސްގެ އަތެއްވާ އިރު މައްކާޝަރީފް ޢާއިލާއަށް އެއްގޮތަކަށް ވެސް އެނގުމެއް ސިހުމެއް ވެފައެއް ނެތެވެ. ރެއަކައިލާފައެއް ނެތެވެ. ލޯރެންސްވަނީ މިއެއްބަސް ވުމުގެ ވާހަކަތައް ޢަރަބިންނަށް ސިއްރުކޮށް ފައެވެ. ފަހެ، މިއީ ވަރަށް ސިއްރުކުރި އެއްބަސްވު މެކެވެ. (ނުނިމޭ)