އަދުގެ އިސްލާމީ ދުނިޔެ – 9

(21 އޭޕްރީލް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފަހެ، ދަންނާށެވެ! ބޮޑު ހަނގުރާމައިގައި ވެސް، ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް މައްކާގެ ޢަރަބިން ލައްވައި، އިނގިރޭސިން ހަނގުރާމަ ކުރުވީ ހަމަ މިގޮތަށެވެ. އެއްވެސް ތަފާތެއް ނެތެވެ. އަދި ޙިޖާޒް ކަރައާއި ނަޖްޒުކަރައިގެ މުސްލިމުންލައްވާ ހަނގުރާމަ ކުރުވައި އެތައް މުސްލިމުންނެއް، މުސްލިމުން ލައްވާ ކަތިލާއި މެރިއެވެ. ޖެނެރަލް އެލަންބީގެ ލަޝްކަރުގައި ވެސް، ހިންދުކަރައިގެ މުސްލިމުންނާއި އެހެން ސަރަޙައްދު ތަކުގެ މުސްލިމުން ތިއްބެވެ. ތުރުކީ މިނިވަން ކުރުމަށް ކުރެވުނު، ހަނގުރާމައާއި ސޫރިޔާ އާއި އިރާޤް ތެރޭގައި ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކުރެވުނު ހަނގުރާމަ ތަކުގައި ވެސް މުޅިން ހަނގުރާމަ ކުރީ މުސްލިމުންނާއި މުސްލިމުންނެވެ. ހުޅަގުން ކުރާ މަސައްކަތަކީ ހަތިޔާރާއި ފައިސާ އެޅުމެވެ. ހަނގުރާމައިގެ އަލިފާނަށް ތިޔޮއަޅައި ހުޅުރޯކުރުމެވެ. ފަހެ، ޢަޖައިބު ވާން ޖެހެނީ، މިޒަމާނުގައި މުސްލިމުންނަށް، ސީދާކޮށް ކާފަރުންނައި ދެކޮޅަށް ޖިހާދު ކުރަން ނުލިބޭ ކަމެވެ. އެއީ ނެތް ފުރުސަތެކެވެ. ޝަހީދުންނޭ މިކިޔަން ޖެހެނީ، ތިމާގެ މުސްލިމް އަޚަކު މަރާފައެވެ! މުޅިން ވެސް ޖެހެނީ، މުސްލިމުންނާއި މުސްލިމުން ތޮޅޭށެވެ. ހަނގުރާމަ ކުރާށެވެ. ކާފަރުން ތިބެނީ، ހަތިޔާރާއި ފައިސާ އަޅާށެވެ. ހުޅަގުން މިކަން ރާވާއި ތަންޒީމުކުރަމުން ގެންދާ ގޮތަކީ މިއެވެ. ބޮޑުހަނގުރާމަ އަށް ފަހު އުފެދުނު، އެލް އެން (ލީޤް އޮފް ނޭޝަންސް) އާއި ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު އުފެއްދި، ޔޫއެން (ޔުނައިޓެޑް ނޭޝަންސް) މެދުވެރިކޮށް އިސްލާމުން ކުރިއެރިޔައެއް ނުދެއެވެ. އަބަދުވެސް ހުދޫދީ އިމުގެ މައްސަލަ ތަކުގައި ބައިތިއްބަނީ، ހަނގުރާމަ ކުރުވުމެއްގެ ތެރޭގައެވެ. އެއްބަޔަކު އަނެއްބަޔަކައި ތަޅާފޮޅުވާފައެވެ. ދެފަހަރުމަތިން ޖިހާދުވެރިންގެ (JIHADISM) ވަރުގަދަ ހާއްޔަކަށް ޢިރާޤް ބަދަލުކޮށް ލިއެވެ. ފަހުފަހަރު ޢިރާޤް ސުންނާފަތިކޮށް ހަނގުރާމަވެރިންގެ ހާއްޔަކަށް ބަދަލުކޮށްލީ، ބުޝް އާއި ބްލެޔަރގެ ރޭވުމުގެ ދަށުން، 700,000 (ހަތްލައްކަ) މުސްލިމުން މަރާފައެވެ. ވެރިރަށް ބަޣްދާދު އެކުގައި ހަފުސްކޮށް، ސުންނާފަތިކޮށް ލުމަށް ފަހު، އެމެރިކާ މީހުން ފޭބިއިރު، ޢިރާޤްވަނީ މުޖާހިދުންގެ ހާއްޔަކަށް ބަދަލުވެފައެވެ. އޭރު، ދާޢިޝް އޮތީ ވުޖޫދަށް އައިސް ހަރަކާތްތެރިވާން ފަށާފައެވެ. ބުޝްއާއި ބްލެޔަރގެ ފައުޖުތަކުން އެރުމުގެ ކުރިން، ޢިރާޤްގައި މިކިޔާ ހަރުކަށި މުޖާހިދުންގެ ހިލަމެއް ސިހުމެއްހާ ހިސާބުވެސް ނެތެވެ. ޝަހީދު ޞައްދާމް ގެންދެވީ، ފުރިހަމަ އަށް ކޮންޓްރޯލް ކުރައްވަމުންނެވެ. ވެރިރަށް ބަޣްދާދު ބިނާކޮށް، ތެލުގެ ފައިދާ އިސްލާމީ އުންމަތަށް ފޯރުވައި ހައްދަވަމުން ގެންދެވިއެވެ. ހުންނެވީ އިސްލާމުންގެ ޒަޢީމެއްގެ ގޮތުގައެވެ. ދުޝްމަނު ޒައޮނިސްޓް ދައުލަތަށް މަލާމާތުގެ ރައްދުދެއްވާއި އިންޒާރު ދެއްވައެވެ. ބިރުވެރިހާލަތަކަށް އިސްރާއީލް ދައުލަތް ވައްޓާލައްވަ އެވެ. ފަލަސްޠީން މުޖާހިދުންނަށް މަދަދާއި ހިތްވަރު ދެއްވައި ހައްދަވައެވެ. އަމިއްލަ ރައްޔިތުން ކަމުގައިވާ، ކުރުދީންގެ ދަރިކޮޅު ޢިރާޤްގެ ސަރަޙައްދީ އިމުގެ ތެރޭގައި މިނިވަންކޮށް ބައިތިއްބައިގެން ސިޔާސީ މުޢާހަދާ ހައްދަވަމުން، ގެންދެވިއެވެ. އަދި ސުންނީ ފިކުރުގެ މުސްލިމުންނާއި ޝީޢީ ފިކުރުގެ މުސްލިމުން އެއްބަޔަކު އަނެއްބަކައި ގުޅިލާމެހި ކައިވެނިކޮށް ރީތީ އާދަކާދަތަކެއްގެ ދިރިއުޅުމެއް މަތީގައި ޞުލްޙަ ވެރިކަމުގައި ހުރިހާ ރައްޔިތުން އުފާވެރިކަމައި އެކުގައި ދެމި ތިއްބެވެ. އެއްވެސް ބިރުވެރިކަމެއް ނުރައްކާތެރި ކަމެއް މުޖްތަމަޢު ތެރެއަކު ނެތެވެ. ތަރައްޤީއާއި ކުރިއެރުން ފެންނާން އޮތެވެ.

އާދެ! ފަސްދޮޅަހުގެ އަހަރުތަކަށް ބަލައިލަމާތޯއެވެ؟ އެމެރިކާގެ ރައީސް ރިޗަރޑް ނިކްސަން، އޭނާގެ ސަލާމަތީ މުޝީރު، ކިސިންޖަރގެ ލަފާގެ މަތިން، 1969 ގައި ކެމްބޯޑިޔާ އަށް ބޮންއެޅުމަށް އަމުރުކޮށް، “އުދުހެމުންދާ ހުރިހާއެއްޗަކަށާއި ހަރަކާތް ކުރާ ހުރިހާއެއްޗަކަށް” ބޮން އެޅުމަށް އަމުރު ކުރެއްވިއެވެ. ކެންބޯޑިޔާގެ ރަސްގެފާނު ނޫރައްދީން ސިހަނޫކްގެ ޙިމާޔަތާއި ރައްޔިތުންގެ އިންސާނީ ކަރާމަތް ހިމާޔަތްކޮށް ދިނުމުގެ ރީތި ނަމުގައެވެ. މިކަންވެގެން ދިޔައީ، އޮމާން ރީތި ޒީނަތްތެރި ފޭރާމެއްގައި ހިންގި މާސިންގާ ޤަތުލްޢާންމް އަކަށެވެ.

ފަހެ، ވަރަށް ނިކަމެތި ފަޤީރުންގެ އެންމެ، 5,000 މީހުންގެ މައްޗަށް އުފެދިފައިއޮތް، ޕޮލްޕޮޓްގެ ގަރިއްލާ ހަނގުރާމަ ވެރިންނަށް ޖަންގަލީ ތެރެއިން ނުކުމެ ފާޅުގައި، ކެންބޯޑިޔާގެ ރަސްކަމާ ކުރިމަތިލައި ކާމިޔާބު ހޯދުމަށް މަގުފަހި ވެގެންދިޔަ ކަމަކަށެވެ. އޭރު ޕޮލްޕޮޓްގެ ޙަރަކާތް ފަށައިގަތީ، ކޮމިއުނިޒަމްގެ ނަމުގައެވެ. އެފިކުރު ފެތުރުމަށެވެ. އެހެންވެ އެފިކުރައި ދެކޮޅަށް ރަސްގެފާނައި އެކު އެމެރިކާއިން ފާޅުގައި ނުކުތީއެވެ. ރަށަކަށް ފަހު ރަށަކަށް، ވަކިވަކި އަވަށް ތަކަށް ދާންދެން ބޮންއެޅީއެވެ. އެތައްބަޔަކު މެރިއެވެ. އެހެނަސް ފަހުން ޕޮލްޕޮޓްގެ ޖަމާޢަތުން ޑިމޮކްރަސީގެ ނަމުގައި ޑިމޮކްރަޓިކް ޕާޓީއެއް ވުޖޫދަށް ގެނެސް، ކެމެރޫޖް (KHMER ROUGE) ގެ ނަމުގައި ފަށައިގަތުމުން، ޕޮލްޕޮޓްގެ މިޖަމާޢަތަށް، ކެންބޯޑިޔާގެ ރަސްކަމުގެ މައްޗަށް ބާރުވެރި ވުމުގައި އެންމެ ގަދަޔަށް ވާގިވެރިވީ އެމެރިކާއިން ނެވެ. ނިކްސަން އާއި ކެސިންޖަރގެ ޢަސްކަރީ ލަޝްކަރުތަކުން އެޅިބޮންތަކުގައި ކެންބޯޑިޔާގެ، 600,000 (ހަލައްކަ) ރައްޔިތުން މަރުވެގެން ދިޔައިރު، ޕޮލްޕޮޓްގެ ކެމެރޫޖް ލަޝްކަރުވަނީ އެތައްގުނައެއް އިތުރުވެފައެވެ. ޢަސްކަރީ ބާރުވެރި ލަޝްކަރަކަށް ބަދަލުވެފައެވެ. ފަހެ، ޕޮލްޕޮޓް އާއި އޭނާގެ ޑިމޮކްރެޓިކް ކެމެރޫޖް ޕާޓީ، ކެންބޯޑިޔާގައި ވަރުގަދަ ބާރަކަށް ވެގެންދިޔައީ، ޢިރާޤް އާއި ސޫރިޔާގައި ދާޢިޝް، އެމެރިކާއިން އުފައްދައިދިން ބާރަކަށް ވެގެންދިޔަ ގޮތަށެވެ. އޭރު ޕޮލްޕޮޓްގެ ކެމެރޫޖްއޮތީ ވަރުގަދަވެ ބޮޑުވެގެން ގޮސް ބިރުގަންނަ ވަރުގެ، 200,000 (ދެލައްކަ) ޢަސްކަރީންގެ ބިޔަ ލަޝްކަރަކަށް ބަދަލުވެފައެވެ. ލީޑަރަކީ، ޒަޢީމް ޕޮލްޕޮޓްއެވެ. މިޕޮލްޕޮޓް އަކީ ދުނިޔޭގައި އުފެދުނު އެންމެ ނުލަފާ ޖައްބާރު އަދި އެންމެގިނައިން މީހުންމެރި އަނިޔާވެރި ވެރިޔާއެވެ.

އާދެ! އެމެރިކާގެ އޮބާމާ އޮފީހުން، އެމަނިކުފާނު އިސްލާމުންނައި ދެކޮޅަށް އިޢުލާނުކުރި ހަތްވަނަ ހަނގުރާމަ އައި ގުޅިގެން، ދުނިޔޭގެ އެންމެމަތީ އިނާމު ކަމުގައިވާ، ނޯބަލް ޕީސް ޕްރައިޒް (NOBLE PEACE PRIZE) އެރުވުނެވެ. އަދި އެހެންމެ، ސޯވިއެޓްޔުނިއަން (ރަޝިޔާ) އިން، އަފްޣާނިސްތާން އަށް ޢަސްކަރީ ލަޝްކަރު ފޮނިވައި އެރަށަށް އެރުމައި ގުޅިގެން އެމެރިކާއިން، ޕާކިސްތާނުގެ އޭރުގެ ވެރިޔާ، ޖެނެރަލް ޟިޔާއުލްޙައްޤް އަށް މަދަދާއި އެހީތެރިކަން ފޯރުކޮށްދީ، ކޮމިއުނިޒަމާ ދެކޮޅަށް ޕާކިސްތާނުގެ އިސްލާމީ ލަޝްކަރުނެރެ އަފްޣާނިސްތާން ބޯޑަރގައި އެފައުޖުތައް ލައްވައި ގަދަޔަށް ހަނގުރާމަ ކުރުވިއެވެ. 1980 ގެ އަހަރުތަކުގައި ޔޫއެސްއެސްއާރު (ރަޝިޔާ) ލަޝްކަރައި ދެކޮޅަށް އަފްޣާނިސްތާނުގައި ހަނގުރާމަކުރުމަށް، އަލްޤާޢިދާ އުފައްދާއި ދުނިޔެއަށް ނެރެ މަޝްހޫރުކުރީ، ޔޫއެސްއޭ (އެމެރިކާ) އިންނެވެ. ސަޢޫދިޔާއިން ކިޔަވާ ކުދިންނަށް ދާންދެން އެމެރިކާގެ އެހީގައި ޕާކިއްތާނަށް ފޮނުވުނެވެ. ޢަސްކަރީ ތަމްރީނުތައް ދެވުނެވެ. ފާކިސްތާނުގައި ބިންލާދިންގެ އިސްލާމީ މުޖާހިދުންގެ ލަޝްކަރުތައް ރުކުވާލަދިނީ އެމެރިކާގެ އެހީއާއި ބާރުގައެވެ. އަދި ހަތިޔާރުން ބާރުވެރިކޮށް އަލްޤާޢިދާ ނަގައި ކޮޅަށް ޖެހީ، އިސްކޮށް އެމެރިކާ އޮވެގެންނެވެ. މިޖަމާޢަތަށް ފައިސާ އޮއްސަމުން ގެންދިޔައީ، އެމެރިކާގެ ސިއްރު ޖާސޫސީ އިދާރާ ކަމުގައިވާ، ސީއައިއޭ އިންނެވެ. ގްރޭޓްޖިހާދުގެ ނަމުން ބިންލާދިންގެ ޙަރަކާތަކަށް ނަންދީ، ފުރަތަމަކޮޅުގައި އިނާމުތަކާއި ފަޚުރުވެރި ލަގަބުތައް ޕާކިސްތާނާއި ބިންލާދިންގެ އިސްލާމީ ލަޝްކަރަށް އެރުވިއެވެ. އެހެނަސް ފަހުން، ސިޔާސީ ރާޒުވާކުޅިގަނޑު ނިންމާލީ، ޖެނެރަލް ޟިޔާއުލްޙައްޤު މަރާލާއި ބިންލާދިންވެސް މަރާލާފައެވެ. ބިންލާދިން އަކީ. ސަޢޫދީ ރައްޔިތެއްކަމާއި ސަލަފީ ޢަޤީދާގެ އަހުލުވެރިއެއް ކަމާއި މަލްޓިބިލިޔަނަރެއް ކަން އިނގުނުކަމަށް ހެދީ، ކޮމިއުނިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުވައި އެތައްލައްކަ އިސްލާމުންނެއް މަރައި ނިންމާފައެވެ. ފަހެ، އެމެރިކާގެ ރައީސް ރޮނަލްޑް ރޭގަން މުޖާހިދުންގެ އިސްވެރިންނައި އެމަނިކުފާނުގެ ރަސްމީ އޮވަލްއޮފީހަށް ދަޢުވަތުދީގެން ގެންގޮސް ބައްދަލުކޮށް ހެއްދެވިއެވެ. އެއްކޮޓަރިއެއްގައި ތިބެ، ހަދިޔާބަދިޔާ ބަދަލުކޮށް ހެއްދެވިއެވެ. 1983 ގައި އިސްލާމީ މުޖާހިދުންނަކީ، ފްރީޑޮމް ފައިޓަރުންނެވެ. އެންމެ ޒަމާނީ ހަރިޔާރު ފޯރުކޮށް ދިނުމާއި އެހަތިޔާރުތަކަށް އަހްލުވެރި ކުރުވުމުގެ ގޮތުން އެންމެ ޒަމާނީ ފެންވަރުގެ ތަމްރީނުތައް މުޖާހިދުންނަށް ދެވުނެވެ. އަދި ޒަމާނީ އަތްމަތީ ގެންގުޅޭލުއި ހަތިޔާރުތައް މުޖާހިދުންނަށް ފޯރުކޮށް ދިނެވެ. އޭގެތެރޭގައި މުޖާހިދަކު އަމިއްލައަށް އޭނާގެ ކޮނޑުމަތިން މިސައިލް ފޮނުވާލައި އުދުހެމުންދާ ބޯޓު ވައްޓާލައި ހެދޭވަރުގެ ކުޅަދާނަ ހަތިޔާރު ހިމެނުނެވެ.

އަޅުގަނޑުމެން އިސްލާމުން ދަނެގަންނަންވީ، އެމެރިކާއިން އެސިފަކުރާ ފްރީޑޮމް ފައިޓަރސް  މުޖާހިދުންނަކީ، އަލްޤާޢިދާ އާއި ދާޢިޝް ހަނގުރާމަ ވެރިންގެ ބަފައިންނާއި ކާފައިން ކަމުގައެވެ. ފޯރފަރދަރސް އިންނެވެ. ރަޝިޔާގެ އެންމެފަހު ޢަސްކަރީ ޖަމާޢަތް، 1989 ގައި އަފްޣާނިސްތާނުން ފޭބުމުން، މުޖާހިދުން މަޑުންތިބީކީ ނޫނެވެ. ހުސްވެގެން ދިޔަބާރަށް ވެރިވުމަށް ދާޚިލީ ހަނގުރާމައެއް ފެށީއެވެ. އެންމެ އިސްސަފުގައި ތިބީ، އަލްޤާޢިދާގެ ހިތްވަރުގަދަ މުޖާހިދުންނެވެ. އިސްލާމީ ޢަޤީދާގެ އަހްލުވެރިންނެވެ. ފަހެ، އެމެރިކާއިން ބާރުވެރިކުރުވައި އެންމެފުރަތަމަ އުފެއްދީ ޞައްދާމް ޙުސައިންއެވެ. ދެން ބިންލާދިން އާއި އޭނާގެ އަލްޤާޢިދާ އެވެ. ދެން ދާޢިޝް އެވެ. 23 ފޮތެއް ލިޔުއްވާފައިވާ އެމެރިކާގެ ރައްޔިތެއް ކަމުގައިވާ، ރިޗަރޑް ރޮޑްސް (RICHARD RHODES, born 1937) ލިޔުއްވާފައި ވެއެވެ. “ޞައްދާމް ޙުސައިން އަކީ، ޔޫއެސްއޭގެ ޕޮލިސީތަކުތެރެއިން އުފެއްދި ފުރަތަމަ ރަންނަމާރިއެވެ. ދެވަނައަށް އަލްޤާޢިދާ އެވެ. ތިންވަނަ އަށް އައިސިލް އެވެ.” އޭނާގެ މަޝްހޫރު ފޮތްތަކުގެ ތެރޭގައި، ދަ މޭކިން އޮފްދަ އެޓޮމިކް ބޮމް (THE MAKING OF THE ATOMIC BOM) އާއި ޑަރކްސަން (DARK SUN: THE MAKING OF THE HYDROGEN BOM) އާއި ދަ ޓްވައިލައިޓްސް އޮފް ދަ ބޮމްސް (THE TWILIGHT OF THE BOMS) މިފޮތަތައް ހިމެނެއެވެ.

ފަހެ، ދަންނާށެވެ! ދުނިޔޭގައި ސިޔާސީކަންކަން ރޭވިފައިހުރީ، ސިޔާސީ ރާޒުވާކުޅިގަނޑެއް ހެންނެވެ. އިސްލާމުން ރޫޅާލައި ނިކަމެތިކޮށް އަބަދުވެސް ހަނގުރާމާގައި ބޭތިއްބުމަށެވެ. ބޮނދަކީ މުޅިދުނިޔޭގެ ރަސްގެފާނެވެ. މިހާރުނަމަ، އެމެރިކާއެވެ. މަންތިރިއަކީ ރާނީއެވެ. ބޮޑުބޮލަކީ، ރަސްގެފާނުގެ ދީން ދަމަހައްޓައިދޭ ފާދިރީންގެ ވެރިންނެވެ. އަސްތަކަކީ ލަޝްކަރެވެ. ރިޔަލަކީ އިންފާރެވެ. މަނާތަކަކީ، އިސްލާމުންނާއި ދުނިޔޭގެ އެކި ދީންތަކާއި އެކިފިކުރުގެ ޤައުމުތަކެވެ. މިޤައުމުތައް ތިބެންޖެހޭނީ، ދުނިޔޭގެ ރަސްގެފާނުގެ ދަށުގައެވެ. ހުޅަގުގެ ފަންޑިތުން، (އެދުރުން) ދެކޭގޮތުގައި، އެމީހުންގެ ޤައުމުތަކުގައި ހަރުކަށި މުޖާހިދުންގެ ހަށުކަށިކަން ހިންގައި ޙަމަލާތައް ރާވައި ދިނުމަކީ، ދުނިޔޭގައި ތިބި ދެބިލިއަނައި ގާތްކުރާ މުސްލިމުންގެ ބޮލުގައި އަޅުވަމުން ގެންދާ ބޮޑުޖަރީމާ އެކެވެ. މުސްލިމުންނަކީ، މުޅި ގްލޯބަލް ދުނިޔޭގެ އާބާދީގެ 23% އެވެ. އިސްލާމީ ދީނަކީ އަދި އިސްލާމީ އުންމަތަކީ އެންމެބާރަށް ދުނިޔޭގައި ކުރިއަރަމުން، ފެތުރެމުން އަންނަ ދީނެވެ. އަދި އުންމަތެވެ. ހަމައެހެންމެ ހުރިހާ އިސްލާމުންގެ އަދި އިސްލާމީ އުންމަތުގެ ބޮލުގައި އެޖަރީމާތައް އެޅުވޭނެ އެއްވެސް ހުއްޖަތެއް އަދި އެއްވެސް ހަމައެއް ނެތެވެ. އެއީ ދުނިޔޭގެ ރަސްގެފާނުގެ ރަސްކަން މުޅި ދުނިޔެއަށް ފެތުރުމަށް ރާވާރޭވުން ތަކެވެ. ފަހެ، މިއީ ދުނިޔޭގައި ވެރިކަން ކުރަމުން އަންނަ އެމެރިކާ (ޔޫރަޕް އާއި ހުޅަގުން) އިން މިކަން ރާވާފައިވާ ހީލަތްތެރި ގޮތެވެ. ކުރާނެ ކަމެއް ނެތެވެ. މިއީ ސޫރިޔާއާއި ޢިރާޤްގެ އަދުގެ ހާލަތެވެ! އަދި އިސްލާމީ އުންމަތުގެ ހާލަތެވެ!

ޢަލަވީން

އަލްވައިޓްސް (ALAWITES) އަކީ، ޢަލަވީންނެވެ. ޙާފިޒް އަލްއަސަދް އާއި ބައްޝާރު އަލްއަސަދް ގެ ޢާއިލާއަކީ، ޢަލަވީ ދަރިކޮޅުގެ ޢަލަވީންނެވެ. މިއީ ޢަލީ ބިން އަބީޠާލިބް އަށް، އަމިއްލައަށް ނިސްބަތް ވެގަނެގެން އުޅޭ ދަރިކޮޅެކެވެ. މިމީހުންގެ ރަމްޒު އަކީ، ޢަލީގެ ފާނުގެ ކަނޑިކޮޅަށް ނިސްބަތްކޮށް ޒުލްފިޣާރް އެވެ. ކަނޑިއެކެވެ. ކޮޅުދެކަފި ވެފައިހުންނަ ކަނޑިއެކެވެ. މިކަނޑިއަކީ، ޢަލަވީންގެ ރަމްޒެވެ. އަލާމާތެވެ. ޒައޮނިޒަމްގެ މީހުންގެ ރަމްޒަކީ، ދާއޫދުގެ ފާނުގެ ހަކަންލީ ތަރިއެވެ. އެއީ އެމީހުންގެ ރަމްޒު އެވެ. އަލާމާތެވެ. ޔަހޫދީން ހަކަންލީތަރީގެ ކާލިގަނޑުގެންގުޅޭ ގޮތަށް ޢަލަވީން ގެންގުޅޭ ނިޝާނެވެ. ފަހެ، ޢުޘްމާނީ ޚިލާފަތުގެ ދުވަސްވަރު ޢަލަވީންގެ ބާރު ކެނޑިފައި ވަނިކޮށް ފްރާންސް އިން އަނެއްކާވެސް މިޚުރާފީ، އިސްތިޢުމާރީ މަޛްހަބް ދުނިޔެއަށް ނެރެ ދިރުވައި ދިނީއެވެ. އަލުން އުފަންކުރީއެވެ.

ޢަލަވީ މަޛްހަބް އަކީ، މީލާދީން، 8 ވަނަ ޤަރްނު ގައި ނުޞައިރިއްޔާ އަށް  ނިސްބަތްވާ އިބްނު ނުޞައިރު، އޭ ކުޔުނު، ޝީޢީންގެ ބޮޑު އިމާމަކު ޢަލީގެ ފާނަށް ނިސްބަތްކޮށް އުފެއްދި އިސްތިޢްމާރީ އަދި ޚުރާފީ މަޛްހަބް އެކެވެ. ޝީޢީންގެ އެންމެމަތީ، 12 އިމާމް އިންގެ ތެރެއިން އިބްނު ނުޞައިރް އަކީ، 10 ވަނަ އިމާމްއެވެ. ޢަލަވީ މަޛްހަބް ދިރުވާއި މަދަދާއި އެހީތެރިކަން ދިނީ އިނގިރޭސިން ނާއި ފްރާންސް އިންނެވެ. ޢަލަވީން ނަށް ފްރާންސުން ތާއީދުކޮށް ޢަސްކަރިއްޔާ އިން ފުރުޞަތުތައްދީ ކިޔަވައިދީ ހެދީ ސުންނީ މީހުން ކުރިއެރިޔަ ނުދިނުމުގެ ނިޔަތާއި ބޭނުމުގައެވެ. މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ލަޝްކަރު އެނބުރި އަޔަނުދިނު މަށެވެ. އޭރުގައި އޮތްކަހަލަ އިސްލާމީ އުންމަތެއް ފެނިދާނެތީއެވެ. ސުންނީންނާ ދެކޮޅަށް ޢަލަވީން ގަދަފަދަކޮށް ޢަސްކަރީ މަޤާމް ތަކަށް އުފުލައިދިނީ ފްރާންސް އިންނެވެ. މިއީ އިނގިރޭސިން އަޑީގައި ތިބެގެން ފަރަންސޭސީން ލައްވާ ހިންގުވި ޖަރީމާ އެކެވެ. ފަހެ، ސޫރިޔާގައި ޢަލަވީންގެ ބާރު އަދިވެސް، އެއްވެސް ބަދަލެއް ނައިސް ގަދަފަދަ ކަމާއެކު ދަނީ ކުރިއަށެވެ. މިހާވަރު ވެގެންދާ އިރުވެސް ޞައްދާމް ޙުސައިން އާއި މުޢައްމަރު އަލްޤައްޒާފީ އަށް ހަދާލިގޮތް ހަދާނުލާ ހުޅަގުންނާއި ޔޫރަޕްއިން އެތިބެނީ، ޢަލަވީންނަށް ވާތީއެވެ. ސުންނީންގެ ބައެއްނަމަ، މިހާރު ހަފުސްކޮށް ލާއި ނިންމާލައި ފީހެވެ. ޢަލަވީން އެކުގައި ނެތިކޮށްލާ ދުއްވާލައި ފިއްޔާ ސުންނީންގެ ބާރު، އަނެއްކާ ވެސް އިންތިހާއަށް ގަދަފަދަ ވެދާނެތީ އެކަމުގެ ބިރަށެވެ. ޢަލަވީ ދަރިކޮޅުގެ މީހުން މިހާރު ދުނިޔޭގެ އެތަންމިތާގައި ވަޒަންވެރި ވެގެން އެބައުޅެއެވެ. މިފަދަ އިސްތިޢްމާރީ އަދި ޚުރާފީ މަޛްހަބް ތަކަކީ، އިނގިރޭސިން އުފައްދާއި ދިރުވާއި ބަލަހައްޓަމުން ގެންދާ ލާދީނީ ޚުރާފީ މަޛްހަބް ތަކެވެ.

ޕެރިސް ޕީސް ކޮންފަރެންސް

ޕެރިސް ޕީސް ކޮންފަރެންސް (PARIS PEACE CONFERENCE) އޮތީ ފްރާންސްގެ ވެރިރަށް ޕެރިހުގައެވެ. ފެށުނީ، 18 ޖެނުއަރީ 1919 ވަނަ ދުވަހުއެވެ. މިއީ މުޅި އަހަރަށް ދެމިގެންދިޔަ، ނިމުމެއްނެތް ކޮންފަރެންސް އެކެވެ. ފަހެ، ބޮޑު ހަނގުރާމަ އަށް ފަހު، ހަނގުރާމަ ކުރި ދެފަރާތް ކަމުގައިވާ އިއްތިޙާދީން (ALLIED POWERS) މޮޅުވުމުން ބަލިވި ފަރާތްތަކާ އެކު، ޞުލްޙަވެރިވެ އެއްބަސް ވުންތަކެއް ހެދުމަށް، ބޮޑު ހަތަރުބާރުން، އުފާފާޅުކޮށް ބިންތައް ބެހުމަށް ބޭއްވި ކޮންފަރެންސް އެކެވެ. 27 ދައްލަތުން ވަފުދުތައް ބައިވެރިވި އެވެ. އަދި، 32 ރަށުން ޑިޕްލޮމޭޓުން، މިބައްދަލުވުން ތަކުގައި ޖޮއިން ކުރިއެވެ. އެއްހާސް ހަސަތޭކަ ސާޅީސް ހަ އިށީނުން ރިޕޯޓްތައް ތައްޔާރު ކުރުމަށް ބޭއްވުނެވެ. 52 ކޮމިޝަން އުފެއްދިއެވެ. އެތައް ބައިވަރު ޕީސް ޓްރީޓީތައް އެކުލަވާ ލެވުނެވެ. ބަލިވި ޖަރުމަން ވިލާތާއެކު، 15 ޗެޕްޓަރގެ، 440 މާއްދާގެ އެއްބަސް ވުމެއް ހެދުނެވެ. ދުނިޔޭގެ އެކި ހިސާބުތަކުން، އެބައެއްގެ ޙައްޤުތައް ހޯދުމުގެ ބޭނުމުގައި ވަފުދުތައް ޕެރިހަށް ދަތުރު ކުރަމުން ދިޔައެވެ. މުޅި އެއަހަރު ނިމެންދެން، އެއްބަޔަކު އައިސް އަނެއް ބަޔަކު ގޮސްހެދިއެވެ. ބޮޑު ހަނގުރާމަ އަށް ފަހު، ދުނިޔޭގެ އެންމެންގެ ވެރިރަށަކަށް އެދުވަސްކޮޅު ބެލީ، ޕެރިސް އެވެ. އެންމެން ވެސް އެބައެއްގެ، ޙައްޤުތައް ހޯދަން ދަތުރުކުރީ އެދިމާއަށެވެ. ފުރަތަމަ ބައިންލްއަޤްވާމީ ޖަމްޢިއްޔާ، އެލްއެން އުފެދުމާ ހަމައަށް މިކަންއޮތީ މިގޮތަށެވެ.

ފަހެ، މިކޮންފަރެންސްގެ މައި، 4 ފަރާތަކީ، އިނގިރޭސި ވިލާތާއި ޔޫއެސްއޭ އާއި ފްރާންސް އާއި އިޓަލީ އެވެ. ޔޫއެސްއޭ އިން ބައިވެރިވީ އެމެރިކާގެ، 28 ވަނަ ރައީސް ވުޑްރޯ ވިލްސަން (THOMAS WOODROW WILSON, 28 DEC 1856 – 3 FEB 1924) އެވެ. އިނގިރޭސި ވިލާތުން ބައިވެރިވީ، އޭރުގެ ބޮޑު ވަޒީރު، ޑޭވިޑްލޮއިޑް ޖޯރޖް (DAVID LLOYD GEORGE, 17 JAN 1863 – 26 MAR 1945) އެވެ. ޞުލްޙައިގެ މިބައްދަލު ވުމުގައި މައިގަނޑު ރޯލެއް އަދާ ކުރެއްވީ މިބޭފުޅާއެވެ. އިސްލާމީ އުންމަތުގެ ބިންތައް އަޅުވެތިކުރުމުގެ މޭސްތިރިއަކީ، ވެސް މީނާއެވެ. އަދި މީނާއަކީ، މަސީޙީންގެ އެދުރެކެވެ. ކްރިސްޗިއަނެކެވެ. ޔަހޫދީއެއް ނޫނެވެ. ފްރާންސް އިން ބައިވެރިވީ، ފްރާންސްގެ ޕްރައިމިނިސްޓަރ ޖޯރޖަސް ބެންޖަމިން ކްލެމެންސިއު (GEORGES BENJAMIN CLEMENCEAU, 28 SEP 1841 – 24 NOV 1929) އެވެ. މިއީ ރެޑިކަލް ޕާޓީގެ ލީޑަރ އެވެ. އިޓަލީން ބައިވެރިވީ، އިޓަލީގެ ޕްރައިމިނިސްޓަރ ވިޓޯރިއޯ އޯލަންޑޯ (VITTORIO EMANUELE ORLANDO, 19 MAY 1860 – 1 DEC 1952) އެވެ. މިއީ އިޓަލީގެ، 23 ވަނަ ޕްރައިމިނިސްޓަރ އެވެ. މި، 4 ބޭފުޅުން އެކުގައި ނުރަސްމީކޮށް މިބައްދަލު ވުމުގެ ތެރޭގައި، 145 ފަހަރު ބައްދަލުވި އެވެ. މައިގަނޑު ނިންމުންތައް މަޝްވަރާކޮށް ނިންމަނީ، މިހަތަރު ބޭފުޅުންގެ މެދުގައެވެ. އެހެން މީހުންގެ މެދުގައި ތާއީދުކުރެވި ތަޞްދީޤް ކުރެވިގެން ދަނީއެވެ. ފަހެ، މިކޮންފަރެންސްގެ ނިންމުމެއްގެ ގޮތުގައި ހުރިހާ ޤައްމުތައް ބައިވެރިވެގެން ޤައްމުތަކުގެ މެދުގައި ދިމާވާކަންކަން ޞުލްޙަވެރިކަމާ އެކު ޙައްލުކޮށް ނިންމާނެ، ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ވުޖޫދަށް ގެނައެވެ. އެއި ލީގް އޮފް ނޭޝަންސް (އެލްއެން) (LEAGUE OF NATIONS – LN) އެވެ. ބައިނަލް އަޤްވާމީ މިޖަމްޢިއްޔާ، ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އުފެދެންދެން، 1919 އިން ފެށިގެން، 1946 ވަނަ އަހަރައި ހަމައަށް ދެމިއޮތެވެ. އޮފިޝިއަލް ބަސްތަކަކީ، އިންގްލިޝް، ފްރެންޗް އަދި ސްޕެނިޝް އެވެ.

ފަހެ، މިކޮންފަރެންސް ގައި ޖަރމަން އާއި ޖަޕާން އާއެކު ހެދުނު އެއްބަސްވުން ތަކުގައި ވަރަށް މައްސަލަތައް ޖެހުނެވެ. ޖަޕާނުން ވަރަށް ބިޔަ ވަފުދެއް މިބައްދަލު ވުމަށް ފޮނުވިއެވެ. ޖަރމަން އެއްބަސް ވުމުގައި އޮންނަ ހަނގުރާމައިގެ ބަދަލު ދިނުމުގެ، 231 ވަނަ މާއްދާ ބުނާގޮތުން، 20 ބިލިއަން ގޯލްޑް މަރކްސް އިނގިރޭސިން ނަށް ޖަރުމަނުން ދައްކަން ޖެހެއެވެ. މިކަމަކީ، ޖަރމަން ތެރޭގައި ވަރަށްގިނަ މައްސަލަތައް އުފެދި އަމިއްލަވަންތަ ކަމާއި ޤައްމިއްޔަތު ދިރިގެން ދިޔަ ކަމަކަށް ވިއެވެ. އެޑޯލްފް ހިޓްލަރ ޤައްމީ ބަޠޮލް އަކަށްވެ ދެވަނަބޮޑު ހަނގުރާމަ ކުރަންޖެހުމުގެ އަޞްލަކަށްވީ، މިމައްސަލައެވެ. ޔޫރަޕްއަކީ، އަބަދުވެސް ވަރަށް ބޭއިންސާފަށް ކަންތައްކޮށް ފައިދާނެގުމުގެ ވަރަށް މަތީ ބައެކެވެ. ބައިވެރި ވެގެން ކުރާ ކޮންމެ ހަނގުރާމަ އަކުންވެސް ވިޔަފާރި އުޞޫލުން ފައިދާ ހޯދާނެއެވެ. ފަހަކަށް އައިސް މެދުއިރުމަތީގައި ހިންގި ހަނގަރާމަ ތަކުގައި ވެސް ކަންކުރީ އެހެންނެވެ. އަދި މިހާރުވެސް، މެދު އިރުމަތީގައި ހިންގާ ހަނގުރާމަ ތަކުގެ ބަދަލު އެމީހުން ކޮންމެވެސް ގޮތަކުން ނަގައެވެ. ނަގުދު ފައިސާ ހޯދާނެއެވެ. ފަހެ، އިސްލާމުން ކުރިއަރައިގެން ދިޔަނުދިނުމަށް އެޅެންހުރި ހުރިހާ ހުރަސްތަކެއް ދުރާލައި ރާވައިގެން އަޅަމުން ގެންދާނެއެވެ.

އެމެރިކާގެ ދައުރު

ބޮޑު ހަނގުރާމަ އާއި ޕީސް ކޮންފަރެންސް ގައި އެމެރިކާގެ ދައުރަކީ، މާއިސް ދައުރެއް ނޫނެވެ. އެމެރިކާއަކީ، ވަރަށް ފަހުން، 6 އެޕްރީލް 1917 ގައި އެލައިޑް ބާރުގައި ބައިވެރިވެ، ހަނގުރާމަ އަށް ނުކުތް ޤައްމެކެވެ. އެމެރިކާގެ އޭރުގެ ރައީސް ވުޑްރޯ ވިލްސަން ބޮޑު ހަނގުރާމަ އަށް ނުވަންނަވައި ލަސްކުރެއްވީ، ވަކިއަތަކަށް ނުޖެހި ވަޑައިގަތުމުގެ ބޭނުމުގައެވެ. އެމަޤްޞަދް ގައެވެ. ކޮންގްރެސް ގައި މިކަމަށް ނެގި ވޯޓްގައި ދެކޮޅަށް ވޯޓްދެއްވި ސެނެޓަރުން ތިއްބެވިއެވެ. ޕީސް ކޮންފަރެންސް ގައި ނިންމުނު ބައެއް ކަންތައް، ވުޑްރޯގެ ވިސްނުންފުޅާ ވަރަށް ތަފާތުކޮށް ނިމިގެން ދިޔައެވެ. ޚާއްޞަކޮށް ބަލްފޯރ ވަޢްދުގެ ކަންތަކެވެ. ވުޑްރޯއަކީ، އެމެރިކާގެ، 28 ވަނަ ރައީސުލް ޖުމްހޫރިއްޔާ އެވެ. ޕީސް ކޮންފަރެންސް ގައި އެމެރިކާއިން ބޭނުންވީ، ގިނަކަންތައްތައް ވަރަށް އިންސާފު ވެރިކޮށް ގެންދާށެވެ. ރައީސް ވުޑްރޯގެ ވިސްނުންފުޅު ހުރީ، އަނެއްތިން ބޭފުޅުންނަށް ވުރެ، ތަންކޮޅެއް އިންސާފާއެކު ޢުޘްމާނީ ޚިލާފަތްގައި ހުރި ތުރުކީނޫން ބިންތަކަށް ހަދާނެ ގޮތެއް ނިންމުމުގެ ކުރިން، އެސަރަޙައްދު ތަކުގެ ރައްޔިތުންގެ ވިސްނުމާއި ޚިޔާލް ހުރި ގޮތުގެ ރިޕޯޓެއް، ވަކިފަރާތަކަށް ނުޖެހޭ ބަޔަކު ފޮނުވައިގެން ހޯދުމަށެވެ. އެންމެ ފަހުން މިކަން ކުރުމަށް އެހެންފަރާތް ތަކުގެ އެއްބާރުލުން ނުލިބިގެން، މިކަން ކުރަން ޖެހުނީ، އެމެރިކާ އެކަނި އިސްނަގައިގެން ކުރާކަމެއްގެ ގޮތުގައެވެ. ވުޑްރޯ އަމިއްލަފުޅަށް އެސަރަޙައްދަށް ކޮމިޝަނެއް ފޮނުއްވައި ރިޕޯޓެއް ހެއްދެވީއެވެ. ފަހެ، އިނގިރޭސިން ނާއި ފްރާންސް އިން މިކަމާ އަޅާލުމެއް ނުދިނެވެ. އިނގިރޭސިން ނާއި ފްރާންސްގެ އަމާޒަކީ، މާކުރިން ސެޓްވެފައި ހުރި އަމާޒް ތަކެކެވެ. މާކުރިން ހުރީ ސިއްރު ވަޢްދުތައް ވެފައެވެ. ފަހެ، ސިއްރުންނާއި ފާޅުގައި ވެފައިހުރި ވަޢްދު ތަކުގެ މަތިން، ޕްލޭންތައް ރާވާއި ކުރިޔަށް ގެންދިއުމުގެ ވިސްނުމާއި ބޭނުންތެރި ކަމުގައެވެ.

ފަހެ، މިކަމަށް ވުޑްރޯ ނެންގެވި ކޮމިޝަންގައި ބައިވެރި ކުރެއްވި، ދެބޭފުޅުންނަކީ، ޢިލްމުވެރިއަ ކާއި އިޖްތިމާޢީ ހަރަކާތްތެރި އެކެވެ. ދެބޭފުޅުންނަކީ ވެސް ރަނގަޅަށް ޢަރަބިބަސް ދެނެވަޑައި ގަންނަވާ ވަރަށް ޢިލްމީ ބޭފުޅުން ނެވެ. އެއްބޭފުޅަކީ، ހެންރީ ޗަރޗިލް ކިންގް (HENRY CHURCHILL KING, 1858 – 1934) އެވެ. ކިންގް އަކީ، އެމެރިކާގެ ވަރަށް އިލްމުވެރި އުސްތާޛް އެކެވެ. މެތްމެޓިކްސް އާއި ފިލޯސަފީ އާއި ތިއޮލޮޖީ ކިޔަވައި ދެއްވާ، މަތީފެންވަރުގެ އުސްތާޛް އެކެވެ. އަދި އޮބަރލިން ކޮލެޖްގެ ރައީސް ކަން ވެސް ކުރެއްވި ބޭފުޅެކެވެ. ފަހެ، އަނެއްބޭފުޅަކީ، ޗަރލްސް ރިޗަރޑް ކްރޭން (CHARLES RICHARD CRANE, 1858 – 1939) އެވެ. ކްރޭން އަކީ، އެމެރިކާގެ ފުންނާބު އުސް ވިޔަފާރި ވެރިއެކެވެ. ޢަރަބި ޘަޤާފަތުގެ އުފެއްދުން ތެރިއެކެވެ. އަދި ޢަރަބި ވަންތަކަމަށް ލޯބިކުރާ މެދުއިރުމަތީގެ އެކްސްޕާރޓް އެކެވެ. ފަހެ، މިކޮމިޝަން އަށް ނަން ދެވިފައި މިވަނީ، މިދެބޭފުޅުންގެ ނަމަށް ނިސްބަތްކޮށެވެ. ކިންގް ކްރޭން ކޮމިޝަން (KING CRANE COMMISSION) އެވެ. ފަހެ، މިކޮމިޝަން އިން އެބިންތަކަށް ޒިޔާރަތްކޮށް ބަލާއި ދިރާސާކުރި ސަރަޙައްދު ތަކަކީ، ފަލަސްޠީން އާއި ސޫރިޔާ އާއި ލެބްނާން އާއި އަނަޓޯލިއާ ސަރަޙައްދެވެ. އަނަޓޯލިއާ ސަރަޙައްދަކީ، ތުރުކީގެ މެޑިޓްރޭނިއަން ކަނޑަށްވީ ފަޅިއެވެ. އިރުމަތީ ފަރާތެވެ. ބޮސްޕޮރަސް އާއި ޑަރޑަނަލްސް ކަނޑުއޮޅި ހިމެނޭ އޭރިޔާއެވެ. މިކޮމިޝަންގެ މަސައްކަތް ރައީސް ވުޑްރޯގެ އޯޑަރަށް ފެއްޓީ، 1919 ޖޫން ގައެވެ. ފަހެ، މިއީ ވަރަށް އިންސާފު ވެރިކޮށް ޙަޤީޤަތާ އެއްގޮތަށް ކުރެވުނު ވަރަށް ބޭނުންތެރި ދިރާސާއެކެވެ. މަސައްކަތް ނިންމާފައި ރައީސް ވުޑްރޯ އަތްޕުޅަށް ރިޕޯޓް ހުށަހެޅީ، 28 އޯގަސްޓް 1919 ގައެވެ. އެހެނަސް ހިތާމައަކީ، މިރިޕޯޓްއޮތީ އޮތްތަނެއްގައި ފޮރުވިފައެވެ. ވަޅުޖެހިފައެވެ. ޢަމަލުކުރާނެ ފަރާތެއް ނެތެވެ. ޕީސް ކޮންފްރެންސް ގައި އެކިޤައްމުތަކާ އެކު ޓްރީޓީތައް ހަދަމުން ގެންދިޔައިރު ރިޕޯޓަށް ބަލާއި ނަޒަރުކުރާކަށް، އިނގިރޭސިން ނާއި ފްރާންސް އިން ބޭނުމެއް ނުވިއެވެ. އެހެނަސް އެމެރިކާގެ މަސައްކަތުން، މިރިޕޯޓް ޕަބްލިޝް ކުރެވުނީ، 1922 ގައެވެ. މުއާލާތް ކެނޑުނުތާ މާފަހުންނެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.