އިންސާނާއާމެދު އިސްލާމްދީން ދެކޭގޮތް (1)

އިންސާނާ ވަރަށް ދިގު މުއްދަތެއް ހޭދަކުރީ އެއްވެސް މަޢުރިފާވެރިކަމެއް ނެތި ޖަހާލަތާއި އަނދިރީގެ ތެރޭގައި ކަމަށާއި، އޭނާއަށް ޢިލްމާއި ބުއްދީގެ އަލިކަން ލިބެމުން އައީ ވަރަށް މަޑުމަޑުންކަމުގެ ތަޞައްވުރަކީ އިސްލާމްދީނުގެ ތަޞައްވުރާ ޚިލާފު ކަމެކެވެ. އިސްލާމްދީން ބަޔާންކުރާ ގޮތުގައި އިންސާނާ އެންމެ ފުރަތަމަ މިބިންމަތީގައި އާބާދުވީވެސް އަރަހުށި މާތް اللّه ގެ ހިދާޔަތާ އެކުގައެވެ. އެއަށްފަހު ކޮންމެ ދައުރެއްގައިވެސް އިންސާނާއަށް ހިދާޔަތާއި ތެދުމަގު ދެއްކެވުމުގެ އިންތިޒާމުތައް އައީ ހަމަޖެހެމުންނެވެ. މާތް اللّه ގެ ނަބިއްޔުން އޭނާއަށް މާތް اللّه ގެ ޙައްޤުފުޅުތައް ބަޔާންކޮށްދެއްވަމުން ގެންދެވިއެވެ. އަޅުތަކުންގެ ޙައްޤުތައް އޮޅުންފިލުއްވައިދެއްވަމުން ގެންދެވިއެވެ. އިންސާނާ މާތް اللّه އަށްޓަކައި އަދާކުރަންވީ ޙައްޤުތަކަކީ ކޮބައިކަމެވެ. އެހެނިހެން އިންސާނުންނާމެދު ވާޖިބުވަނީ ކޮންކޮން ކަންތައްތަކެއްކަމެވެ. ނަބީބޭކަލުން އިންސާނުންނަށް ދެއްވާ ތަޢުލީމުގެ ތެރޭގައި މާތް اللّه އަށް އަޅުކަންކުރާނެ ގޮތް އޮޅުންފިލުއްވައިދެއްވިއެވެ. އެދުވަސްވަރެއްގެ ޙާލަތާ އެކަށޭނަ ގޮތަކަށް ޝަރީޢަތުގެ ނިޒާމުވެސް ބަޔާންކޮށްދެއްވިއެވެ. އިންސާނާ މާތް اللّه ގެ ޙައްޤުފުޅުތައް އަދާނުކޮށްފިނަމަ، އެކަމަށް ފާޑުވިދާޅުވިއެވެ. ޝިރުކުގެ އަނދިރިކަން ދުރުކުރައްވައި އެއްކައުވަންތަކަން ޤާއިމުކުރެއްވިއެވެ. އިންސާނީ ޙައްޤަކަށް ޙަމަލާދީފިނަމަ އެކަމާ ދެކޮޅަށްވެސް އެބޭކަލުން އަޑުއުފުއްލެވިއެވެ. އަނިޔާއާއި ބޭއިންޞާފު ނިމުމަކަށް ގެންނެވިއެވެ. ޢަދުލުއިންޞާފު ޤާއިމުކުރައްވަން މިންނެތް މަސައްކަތް ކުރެއްވިއެވެ. އަރަހުށި މާތް اللّه އެބޭކަލުންނަށް ބިންމަތީގައި ބާރުދެއްވައިފިނަމަ ޙައްޤުގެ އަހުލުވެރީންނަށް ޙައްޤުތައް ލިބިދެއްވިއެވެ. މުޖުތަމަޢުގައި ޢަމަލީ ގޮތުން އިންޞާފާއި ޢަދުލުވެރިކަން ޤާއިމުކުރެއްވިއެވެ. އެހެންކަމުން ވަޙީއާއި ރިސާލަތުގެ ތާރީޚާ ނުލައި އިންސާނީ ތާރީޚު ދިރާސާކުރުން ވާނީ ވަރަށް އުނި ދިރާސާކުރުމަކަށެވެ.

އިސްލާމްދީން އިންސާނާއަށް ދީފައިވަނީ ކޮންކޮން ޙައްޤުތަކެއްތޯއާއި ކޮން ދަރަޖަތަކެއްތޯ ތަފްޞީލުކޮށް ދިރާސާކުރުމުގެ ކުރިން ވިސްނައިގަންނަން ޖެހެނީ ޚުދު އިންސާނާއާމެދު އެ ދީން ދެކޭ ގޮތެވެ. އެހެނީ އިންސާނާއަށް އިސްލާމްދީން ދީފައިވާ ހުރިހާ ޙައްޤުތަކެއްވެސް ތަބަޢަވަނީ އިންސާނާއާމެދު އެ ދީން ދެކޭ ގޮތާއެވެ. އިސްލާމްދީން އިންސާނާއަށް ދޭ ކޮންމެ ޙައްޤެއްވެސް އުފެދިގެން އަންނަނީ އަދި ތަފްޞީލުވެގެންދަނީވެސް އިންސާނާއާމެދު އެ ދީން ދެކޭ ގޮތުގެ ފިކުރީ އަދި މަންޠިޤީ ނަތީޖާގެ ތެރެއިންނެވެ. އެހެންކަމުން އަޅުގަނޑު އެންމެ ފުރަތަމަ މަސައްކަތްކުރާނީ އިންސާނާއާމެދު އިސްލާމްދީން ދެކޭ ގޮތް ބަޔާންކޮށްދެވޭތޯއެވެ. އިންސާނާގެ ޙައްޤުތަކުގެ ވާހަކަ ދައްކާނީ އޭގެ ފަހުންނެވެ.

اللّه سبحانه وتعالى އަކީ އިންސާނާ ހެއްދެވި ފަރާތެވެ.

އިންސާނާ ހެއްދެވީ އަރަހުށި މާތް اللّه سبحانه وتعالى އެވެ. އޭނާގެ ވެރިފަރާތަކީވެސް އެކަލާނގެއެވެ. އިސްލާމްދީން މި ޙަޤީޤަތް ހުރަހަޅަނީ ފުރިހަމަ ބާރާއެކުގައެވެ. އުޑުތަކާއި ބިންތަކާއި މިދުނިޔޭގައިވާ ހުރިހާ އެއްޗެއްސަކީ އެކަލާނގެ އުފެއްދެވުމެވެ. އެކަލާނގެ މިލްކެވެ. އެހެން އެއްވެސް ފަރާތެއް އެކަމުގައި އެކަލާނގެ ރަސްކަންފުޅާ ބައިވެރިއެއް ނުވެއެވެ. އިންސާނާއަކީ މިބިންމަތީގައި ލައްވައިފައިވާ އެކަލާނގެ ޚަލީފާއެވެ. ނާއިބުވެސް މެއެވެ. (އަލްބަޤަރާ: 30) މިދުނިޔޭގައި އިންސާނާގެ މަސައްކަތަކީ މާތް اللّه ގެ އަމުރުފުޅުތަކަށް ކިޔަމަންވުމެވެ. އެ އަމުރުފުޅުތައް ތަންފީޛުކުރުމެވެ. އިންސާނާގެ އިމްތިޙާނަކީ އެއީއެވެ. މި ޙަޤީޤަތަށް އީމާންވެ މި ޙަޤީޤަތް ޤަބޫލުކުރުމުން އިންސާނާގެ އިޖުތިމާޢީ ދިރިއުޅުމަށް ވަރަށްބޮޑު އިންޤިލާބެއް އާދެއެވެ. އެ އިންޤިލާބަކީ މިދުނިޔެއާއި މިދުނިޔޭގައިވާ ކުދިބޮޑު ކޮންމެ އެއްޗެއްގެ މައްޗަށް ވަކި މީހަކު ނުވަތަ ވަކި ޢާއިލާއަކުން ނުވަތަ ވަކި އިދާރާއަކުން ކުރާ އަމިއްލަ މިލްކުވެރިކަމުގެ ދަޢުވާ ބާޠިލުވުމެވެ. އަތްގަދަކުރުން ހުއްޓުމަކަށް އައުމެވެ. އިންސާނާގެ އަތުގައިވާ ކޮންމެ އެއްޗަކީ މާތް اللّه ދެއްވައިފައިވާ ދެއްވުމެއްކަން ޤަބޫލުކޮށްގެން ދިރިއުޅޭން މަޖުބޫރުވުމެވެ. އެތަކެތީގެ ޙަޤީޤީ ވެރިފަރާތަކީ އެކަލާނގެ ރަސްކަންފުޅެވެ. އެތަކެތީގެ ބޭނުންކުރުމުގައި އެކަލާނގެ ރުހިވޮޑިގެންވާ ގޮތަކީ ކޮބައިތޯ ބަލަން ޖެހެއެވެ. އެކަލާނގެ އަމުރުފުޅަށް ތަބަޢަވާން ޖެހެއެވެ. ހިތުހުރިގޮތަކަށް އެތަކެތީގެ ބޭނުންކުރުމަކީ އިންސާނާއަށް ހުއްދަ ކަމެއް ނޫނެވެ. މިދުނިޔޭގައި އިންސާނާއަށް ލިބިފައިވާ ކޮންމެ ޙައިޘިއްޔަތަކުންވެސް އެމީހަކު ދަނީ އިމްތިޙާނުކުރެވެމުންނެވެ. އަރަހުށި މާތް اللّه ވަޙީކުރައްވައިފައިވާ ފަދައިންނެވެ.

وَهُوَ الَّذِي جَعَلَكُمْ خَلَائِفَ الْأَرْضِ وَرَفَعَ بَعْضَكُمْ فَوْقَ بَعْضٍ دَرَجَاتٍ لِيَبْلُوَكُمْ فِي مَا آَتَاكُمْ إِنَّ رَبَّكَ سَرِيعُ الْعِقَابِ وَإِنَّهُ لَغَفُورٌ رَحِيمٌ  (الأنعام: ١٦٥)

"އެކަލާނގެއީ، ބިމުގެ خليفة އިން ކަމުގައި، ތިޔަބައިމީހުން ލެއްވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން ކުރެ، އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް ދަރަޖަ މަތިވެރިކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް، އެކަލާނގެ ދެއްވި ތަކެއްޗާމެދު، ތިޔަބައިމީހުން امتحان ކުރެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عقاب ދެއްވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ."

މިއީ ވަރަށް ޞަރީޙު އިޢުލާނެކެވެ. މާތް اللّه މިދުނިޔޭގައި ކޮންމެ މީހަކަށްވެސް ކޮންމެ ޖަމާޢަތަކަށްވެސް ވެރިކަމާއި މާތްކަމާއި ދަރަޖައާއި މުދަލާއި ފައިސާ ދެއްވަނީ އެފަރާތްތައް އިމްތިޙާނުކުރެއްވުމަށްޓަކައެވެ. އެކަލާނގެ ދެއްވާ ދެއްވުމުގެ ޒަރީޢާއިން ބައްލަވަމުން ގެންދަވަނީ އެމީހަކު އެމީހެއްގެ ޙައިޘިއްޔަތުގެ ބޭނުން ހިފި ގޮތެކެވެ. ބަލިކަށި މީހުންނާއި ތިމާގެ އަމުރުގެ ދަށުގައިވާ މީހުންނާމެދު ކަންތައްކުރި ގޮތެކެވެ. އާރެއް ބާރެއްނެތް މީހުންނާމެދު މުޢާމަލާތުކުރި ގޮތެކެވެ. އަރަހުށި މާތް اللّه ޤިޔާމަތްދުވަހު އެމީހަކާމެދު މުޢާމަލާކުރައްވާނީ މިދުނިޔޭގައި އެމީހެއްގެ ޢަމަލުތައް ހުރި ގޮތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

ތިރީގައި މިލިޔާ އާޔަތުގައި އެކަން ވަނީ ވަރަށް ޖާމިޢު ގޮތެއްގައި ބަޔާންކުރައްވައިފައެވެ.

الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا وَهُوَ الْعَزِيزُ الْغَفُورُ (الملك: ٢)

"އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށްޓަކައި، މަރުވުމާއި ދިރިހުރުން އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ."

އިންސާނާގެ ވުޖޫދު ވަނީ މާތް اللّه ގެ މިންވަރުފުޅަށް ތަބާވެގެންނެވެ.

މިދުނިޔޭގައި ހުރިހާ ދިމާއެއްގައިވެސް ހިނގަމުންދަނީ މާތް اللّه ގެ މިންވަރުފުޅެވެ. މިދުނިޔެއަށް އަންނަ ކޮންމެ އިންސާނަކުވެސް ދުނިޔެއަށް އަންނަނީ އެކަލާނގެ މިންވަރުފުޅުންނެވެ. އެކަލާނގެ ރުހިވޮޑިގެންވާ ގޮތުގެ މަތިންނެވެ. އެކަލާނގެ އެމީހެއްގެ ޢުމުރު މިންވަރު ކުރައްވައެވެ. އިންސާނާގެ ޢުމުރަކީ ދިގު ޢުމުރެއް ކަމުގައި ވިޔަސް، ކުރު ޢުމުރެއް ކަމުގައި ވިޔަސް، އެއީ އެކަލާނގެ ހިލޭ ދެއްވާ ދެއްވުމެކެވެ. އެކަލާނގެ ނިޔާފުޅާ އެއްގޮތަށް އެމީހަކު މިދުނިޔެއިން ގެންދަވައެވެ. އެމީހެއްގެ އާޚިރަތުގެ ދަތުރު ފެށެއެވެ.

يَا أَيُّهَا النَّاسُ إِنْ كُنْتُمْ فِي رَيْبٍ مِنَ الْبَعْثِ فَإِنَّا خَلَقْنَاكُمْ مِنْ تُرَابٍ ثُمَّ مِنْ نُطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِنْ مُضْغَةٍ مُخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِنُبَيِّنَ لَكُمْ وَنُقِرُّ فِي الْأَرْحَامِ مَا نَشَاءُ إِلَى أَجَلٍ مُسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ وَمِنْكُمْ مَنْ يُتَوَفَّى وَمِنْكُمْ مَنْ يُرَدُّ إِلَى أَرْذَلِ الْعُمُرِ لِكَيْلَا يَعْلَمَ مِنْ بَعْدِ عِلْمٍ شَيْئًا وَتَرَى الْأَرْضَ هَامِدَةً فَإِذَا أَنْزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ وَأَنْبَتَتْ مِنْ كُلِّ زَوْجٍ بَهِيجٍ (الحجّ: ٥)

"އޭ މީސްތަކުންނޭވެ! (މަރުވުމަށްފަހު) އަލުން ދިރުއްވައި ފޮނުއްވާނޭކަމާމެދު، ތިޔަބައިމީހުން شكّ އެއްގައިވާނަމަ، ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން (ގެ أصل) އުފެއްދެވީ، ވެލިންނެވެ. ދެން މަނިތިއްކަކުންނެވެ. ދެން ގަނޑުލޭކޮޅަކުންނެވެ. ދެން (آدم ގެ ދަރިޔެއްގެ) ސިފަ ފާޅުވެގެންވާ، ނުވަތަ ފާޅުވެގެންނުވާ މަސްކޮޅަކުންނެވެ. އެއީ (ކޮންމެ ކަމަކަށް ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން) ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާ އެއްޗެއް ކަނޑައަޅުއްވައިފައިވާ مدّة އަކަށް رحم ތަކުގައި ލަހައްޓަވަމެވެ. ދެން ޅަކުދީންގެ ގޮތުގައި ތިޔަބައިމީހުން (ދުނިޔެމައްޗަށް) ނެރުއްވަމެވެ. ދެން ތިޔަބައިމީހުން ބޮޑުވެ، ފުރާފުރިހަމަވުމާ ހަމަޔަށް ފޯރައެވެ. އަދި (ޒުވާންކަމުގެ ދުވަސްވަރު) މަރުވާ މީހުން، ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި أرذل العمر އަށް ރައްދުކުރައްވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އެއީ އޭނާޔަށް އެއްޗެއް އެނގުމަށްފަހުގައި، ނޭނގުމަށްޓަކައެވެ."

ކީރިތި ޤުރްއާނުގެ އަލްޣާފިރު ސޫރަތުގައި މިޙަޤީޤަތް ބަޔާންކުރައްވައިފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.

هُوَ الَّذِي خَلَقَكُمْ مِنْ تُرَابٍ ثُمَّ مِنْ نُطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ يُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ثُمَّ لِتَكُونُوا شُيُوخًا وَمِنْكُمْ مَنْ يُتَوَفَّى مِنْ قَبْلُ وَلِتَبْلُغُوا أَجَلًا مُسَمًّى وَلَعَلَّكُمْ تَعْقِلُونَ (غافر: ٦٧)

"އެކަލާނގެއީ، ތިޔަބައިމީހުން ވެލިން ހެއްދެވި ރަސްކަލާނގެއެވެ. ދެން މަނިތިއްކަކުންނެވެ. ދެން ގަނޑުލޭކޮޅަކުންނެވެ. ދެން އެކަލާނގެ، ތިޔަބައިމީހުން ޅަކުދީންގެ ގޮތުގައި (މައިމީހާގެ ބަނޑުން) ނެރުއްވަތެވެ. ދެން ތިޔަބައިމީހުން ބޮޑުވެ ފުރާފުރިހަމަވުމާ ހަމަޔަށް ފޯރުމަށްޓަކައެވެ. ދެން ތިޔަބައިމީހުން މުސްކުޅިންނަށް ވުމަށްޓަކައެވެ. އަދި އޭގެކުރިން މަރުވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އެއީ ތިޔަބައިމީހުން ކަނޑައެޅިގެންވާ މުއްދަތަކަށް ފޯރުމަށްޓަކައެވެ. އަދި ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ."

އިސްވެ ދިޔަ އާޔަތުގައި އަރަހުށި މާތް اللّه ބަޔާންކުރައްވައިފައިވަނީ އެކަލާނގެ ކުޅަދުންވަންތަކަމެވެ. މަރުވުމާއި ދިރިތިބުމުގެ މައްސަލައިގައި އެކަލާނގެ ޙިކުމަތްފުޅުގައިވާ ގޮތެވެ. އެކަލާނގެ ނިޔާފުޅުގައި އެކަން އޮންނަ ގޮތެވެ. އެކަލާނގެ އެމީހަކަށް ދެއްވަން އެދިވޮޑިގެންނެވި މިންވަރަކަށް ދިރިއުޅުމުގެ ފުރުޞަތު ދެއްވައެވެ. ބައެއް މީހުން ޅަފަތުގައި މަރުވެއެވެ. އަނެއްބަޔަކު މަރުގެ އުނގަށް ވަންނާން ޖެހެނީ މުސްކުޅިވާފަހުންނެވެ. އެކަމުން ދަލީލު ދައްކަވައިފައިވަނީ އެކަލާނގެ ކުޅަދުންވަންތަކަމަށް ބަލާއިރު އާޚިރަތް ދުވަހެއް އައުމަކީ ދުރުގައިވާ ކަމެއް ނޫންކަމެވެ. ހަމައެފަދައިން އެމީހަކަށް އެ ލިބުނު ޙަޔާތުގެ މުއްދަތަކީ އަރަހުށި މާތް اللّه އެމީހަކަށް ދެއްވައިފައިވާ ދީލަތި ދެއްވުމެއްކަމެވެ. އެކަލާނގެ ކުރައްވާ ހަދިޔާއެއްކަމެވެ. މާތް اللّه ރުހިވޮޑިގެންވާ މުއްދަތަކަށް ދިރިދުނިޔޭގައި ހުރުމަކީ އެމީހަކަށް ލިބިގެންވާ ޙައްޤެއްކަމެވެ. އެއްވެސް މީހަކު އޭނާ އެ ޙައްޤުން މަޙްރޫމްކޮށްފިނަމަ އެމީހަކަށް އެ އަރައިގަނެވެނީ ވަރަށް ބޮޑު ފާފަޔަކަށެވެ.

ކާއިނާތުގެ ފައިދާ ލިބިގަތުމަކީ ކޮންމެ މީހެއްގެވެސް ޙައްޤެކެވެ.

އަރަހުށި މާތް اللّه މި ތަނަވަސް ކާއިނާތު ހައްދަވައިފައިވަނީ އިންސާނާއާ ނުހަނު ގުޅޭ ގޮތަކަށެވެ. އިންސާނާއަށް ވަރަށް ފުރިހަމައަށް ބޭނުން ހިފޭ ގޮތަށެވެ. އިންސާނާގެ ދުނިޔަވީ ޙަޔާތަށް ބޭނުންވާ އެންމެ ރަނގަޅު ތަކެތި މި ކާއިނާތުގައި ވަނީ ލައްވައިފައެވެ. ކަނޑާއި އެއްގަން އޭނާއަށްޓަކައި ވަނީ ޚިދުމަތްތެރި ކުރައްވައިފައެވެ. ބިމަކީ އޭނާއަށްޓަކައި ދިރިއުޅޭނެ ޖަގަހައެވެ. އެބިން ހައްދަވައިފައިވަނީ އެބިންމަތީގައި އޭނާއަށް ދެމިހުރެވޭ ގޮތަށެވެ. ދިރިއުޅުން ވޭތިކުރެވޭ ގޮތަށެވެ. މިދުނިޔޭގައި ވަޔާއި، ފެނާއި، އިރުގެ ހޫނުކަމާއި، ހަނދުވަރުގެ ހިތްގައިމުކަމާއި، ރޭދުވާ ތަކުރާރުވުމާއި، ކަނޑުތަކުގެ ފުންކަމާއި، ކޯރުތައް ހިނގަމުންދާ ދިޔުމުން އޭނާއަށް ލާބަޔާއި މަންފާ ހޯދިދާނެއެވެ. ތިމާގެ ފައިދާއަށްޓަކައި އެތަކެތީގެ ބޭނުންކުރެވިދާނެއެވެ. އަރަހުށި މާތް اللّه އޭނާއަށް ވަނީ އިންސާނެއްގެ ޙައިޘިއްޔަތުން އެތަކެތީގެ ބޭނުންކުރުމުގެ ޙައްޤު ދެއްވައިފައެވެ. އެހެން ފަރާތެއްގެ މަނާކުރުމަކާ ނުލައެވެ. ހުރަސްއެޅުމެއް ނެތިއެވެ. އެ ނިޢުމަތްތަކުގެ ފައިދާ ހޯދައިގަތުމަކީ އޭނާއަށް ދެއްވައިފައިވާ އިޚްތިޔާރެކެވެ. އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ.

اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ وَسَخَّرَ لَكُمُ الْفُلْكَ لِتَجْرِيَ فِي الْبَحْرِ بِأَمْرِهِ وَسَخَّرَ لَكُمُ الْأَنْهَارَ * وَسَخَّرَ لَكُمُ الشَّمْسَ وَالْقَمَرَ دَائِبَيْنِ وَسَخَّرَ لَكُمُ اللَّيْلَ وَالنَّهَارَ * وَآَتَاكُمْ مِنْ كُلِّ مَا سَأَلْتُمُوهُ وَإِنْ تَعُدُّوا نِعْمَةَ اللَّهِ لَا تُحْصُوهَا إِنَّ الْإِنْسَانَ لَظَلُومٌ كَفَّارٌ (إبراهيم: ٣٢ – ٣٤)

"اللّه އީ، އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އުޑުން ވާރޭވެއްސެވިއެވެ. ފަހެ، އެ ފެނުގެ ސަބަބުން ތިޔަބައިމީހުންނަށް رزق އެއް ކަމުގައި މޭވާތައް ނެރުއްވިއެވެ. އަދި އެކަލާނގެ إذن ފުޅާއެކު، އެތަކެތި ކަނޑުގައި ދަތުރުކުރުމަށް ތިޔަބައިމީހުންނަށްޓަކައި ނާފަހަރު خدمة ތެރިކުރެއްވިއެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، އިރާއި ހަނދު خدمة ތެރިކުރެއްވިއެވެ. ކެނޑިނޭޅި ހިނގާ ގޮތުގައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ރޭދުވާ خدمة ތެރިކުރެއްވިއެވެ. އަދި އެކަލާނގެ حضرة އަށް ތިޔަބައިމީހުން ދެންނެވި ކޮންމެ އެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވިއެވެ. اللّه ގެ نعمة ތައް عدد އެއް ނުކުރެވޭހުށްޓެވެ."

ކީރިތި ޤުރްއާނުގެ އެހެން އާޔަތެއްގައި މި ވާހަކަތައް ބަޔާންކުރައްވައިފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.

أَلَمْ تَرَوْا أَنَّ اللَّهَ سَخَّرَ لَكُمْ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَأَسْبَغَ عَلَيْكُمْ نِعَمَهُ ظَاهِرَةً وَبَاطِنَةً وَمِنَ النَّاسِ مَنْ يُجَادِلُ فِي اللَّهِ بِغَيْرِ عِلْمٍ وَلَا هُدًى وَلَا كِتَابٍ مُنِيرٍ (لقمان: ٢٠)

"ހަމަކަށަވަރުން، އުޑުތަކާއި ބިމުގައި ވާހައި ތަކެއްޗެއް اللّه ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކުރެއްވިކަން، ތިޔަބައިމީހުންނަށް ނޭނގޭހެއްޔެވެ؟ އަދި އެކަލާނގެ نعمة ތައް ފާޅުވެގެންވާ ގޮތުގައްޔާއި ފޮރުވިގެންވާ ގޮތުގައި ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވިއެވެ. އަދި އެއްވެސް علم އަކާ ނުލައި، ނުވަތަ ތެދުމަގަކާ ނުލައި، ނުވަތަ އަލިކަން ދެނިވި ފޮތަކާ ނުލައި، اللّه އާމެދު جدل ކުރާ ބަޔަކު، މީސްތަކުންގެ ތެރެއިން ވެތެވެ."

ކީރިތި ޤުރްއާނުގެ އިސްވެދިޔަ އާޔަތްތަކުން އެނގޭ ގޮތުގައި އަރަހުށި މާތް اللّه އިންސާނާއަށްޓަކައި މިދުނިޔޭގައި ވަނީ ސުމާރެއްނެތްހައި ގިނަ ނިޢުމަތްތަކެއް ލައްވައިފައެވެ. އެ ނިޢުމަތްތަކުގެ ފައިދާ ލިބިގަތުމުގެ ޙައްޤު އޭނާއަށް ވަނީ ދެއްވައިފައެވެ. މާތް اللّه އިންސާނާއަށް ދެއްވައިފައިމިވާ ނިޢުމަތްތަކުގެ ތެރެއިން އެއްވެސް ނިޢުމަތެއް އެއްވެސް މީހަކަށް އޭނާގެ ކިބަޔަކުން ނިގުޅައެއް ނުގަނެވޭނެއެވެ. އެއްވެސް ފަރާތަކުން އިންސާނާގެ ކިބައިން އެއިން ނިޢުމަތެއް ނިގުޅައިގެންފިނަމަ އެކަން ވާނީ އެންމެ ނުބައިކަންބޮޑު އަނިޔާތަކުގެ ތެރެއިންނެވެ. އަދި ކީއްތޯއެވެ؟ އެކަން ކުރި މީހަކު އެވަނީ ތިމާ ހުންނަންޖެހޭ އިމަށްވުރެ ބޭރަށް ނިކުމެއެވެ. (ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.